2026 ވަނަ އަހަރުގެ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
ރައީސް މުއިއްޒު ގެ ސަރުކާރަށް 2 އަހަރު ވެެގެން ގޮސްފައިވާއިރު، ރާއްޖެ އިން ބޭރުގައި ސަރުކާރުގެ ސްޓޫޑަންޓު ލޯނުތަކާއި ސްކޮލާޝިޕް ތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުމުގެ އެތަށް ޝަކުވާ އެއް ވަނީ ފެންމަތިވެފައި.


ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން (ފައިލް ފޮޓޯ) | ރައީސް އޮފީސް
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ 1 އޭޕްރީލް 2026 ގައެވެ.
މި ސްކީމްގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކަށް ކުރިމަތި ލެވޭނެ އެވެ. އަދި، އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނުގެ ފުރުޞަތުތައް ހުޅުވާލެވިފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ މި އަހަރުގެ ލޯނު ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައިވާކަން ފާހަގަކުރައްވައިފަ އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުޞަތު ޤާއިމުކުރެވިގެންދާނެކަމަށެވެ.
މި ސްކީމްގެ ދަށުން ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކުރަމުން ގެންދިޔަ، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑުއްވާލައްވައި،"ޝަރީޢާ ކޮންޕްލައަންޓް" ލޯނުތަކެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ އިންތިޒާމެއް ޤާއިމު ކުރެވިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.
ރައީސް މުއިއްޒު ގެ ސަރުކާރަށް 2 އަހަރު ވެެގެން ގޮސްފައިވާއިރު، ރާއްޖެ އިން ބޭރުގައި ސަރުކާރުގެ ސްޓޫޑަންޓު ލޯނުތަކާއި ސްކޮލާޝިޕް ތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުމުގެ އެތަށް ޝަކުވާ އެއް ވަނީ ފެންމަތިވެފަ އެވެ. އަދި ސަރުކާރުގެ ވަޒީރުންގެ އިތުރުން ރައީސް މުއިއްޒުގެ ސަމާލުކަމަށް ވެސް ދަރިވަރުން ވަނީ މިކަން ގެނެސްފަ އެވެ.
2025 ވަނަ އަހަރު ނިމިގެން ދިޔައީ ވެސް މިކަމަށް އެދޭވޭ ހައްލެއް ނުލިބި، މި ކަމުގައި ސަރުކާރުގެ ރާގު އެކި ގޮތްގޮތަށް ބަދަލު ވެގެންނެވެ.





