ނުކުތީ ވިލިމާލޭ ފުނަވަލުގެ ހިމާޔަތުގައި، ކުރިމަތިލާން ޖެހުނީ ޕީއެންސީ އެކްޓިވިސްޓުންގެ ގަނާކުރުމާއި!
ވިލިމާލޭގެ "ފުނަ ވާ" ހިމާޔަތްކުރުމަށް ގޮވާލައި ތިމާވެށީގެ ހަރަކާތްތެރިން ކުރިއަށްގެންދިޔަ އިހުތިޖާޖަށް ބަޔަކު ހުރަސްއަޅައި، ބައިވެރިންނަށް ފުރައްސާރަކޮށް އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފައި.


"ފުނަ ވާ" ހިމާޔަތް ކުރުމަށް ހިންގި ހަރަކާތް | ސޯޝަލް މީޑިއާ
ވިލިމާލޭގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް ދޫކުރި ބިމުގައި އެ އަވަށުގެ ފުނަ ގަސްތައް ހުރި "ފުނަ ވާ" ހިމެނޭތީ ތިމާވެށީގެ ހިމާޔާތުގައި ވަކާލާތު ކުރާ އެންވައިރޮމެންޓަލް އެކްޓިވިސްޓުން ދަނީ މެދު ނުކެނޑި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. ބީއެމްއެލް އިން ހިންގާ 300 ހައުސިން މަޝްރޫޢު އަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީ އާއި ހަވާލުކޮށްގެން ހިންގަން ހަމަޖެހިފައިވާ ތަނެކެވެ.
ހައުސިން ޔުނިޓްތަކުގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރުމަށާއި ފުނަ ވާ ހިމާޔަތް ކޮށްދިނުމަށް ގޮވާލާ ތިމާވެށީގެ ހައްގުގައި ވަކާލާތު ކުރާ ފަރާތްތަކުން ދަނީ އިހުތިޖާޖުކޮށް، އެކަމާއި މެދު އާއްމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ. މީސްމީޑިއާގައި މިކަމާއި މެދު އަޑު އުފުލުމުގެ އިތުރުން، ވިލިމާލޭގައި ވެސް މިކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެފަދަ ފަރާތްތަކުން ބުނަމުން ދަނީ އާއްމު ބިން ބަންދު ކުރުމާއި ދެކޮޅު ކަމަށެވެ.
27 މާރޗްވީ އަންގާރަ ދުވަހު ފެރީ ޓަރމިނަލް ކައިރީގައި ފުނަވަލުގެ ހިމާޔަތުގައި އަޑު އުފުލުމަށް ހަރަކާތެއް އިންތިޒާމްކޮށްގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެ ހަރަކާތަށް ޕީއެންސީގެ އެކްޓިވިސްޓުން ހުރަސް އަލާ، އެ ހަރަކާތުގައި ގެންގުޅުނު ބޯޑު އަތުލާ، އެ ބޯޑު ހަލާކުކޮށް، ޕިކަޕެއްގައި ބޯޑު ގެންގޮސްފައިވާ ކަމަށް މި ހަރަކާތުގެ ބައެއް ބައިވެރިން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ.
ހައުސިން ޔުނިޓްތައް އަޅަން ނިންމި އިރު ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ނިންމުންތައް ނިންމާފައިވާތީ އެކަމާއި މެދު އަޑު އުފުލަމުން ދިޔަ މީހުންގެ ފަހަތުން ވިލިމާލެ އިން ފައިބަން އަންގާ، ހަގާކުރަމުން ބައެއް މީހުން ދާ މަންޒަރު މީސްމީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެނެ އެވެ. އަދި މަލާމާތް ކުރުމާއި ހަޑި ހުތުރު ބަހުން މުއާމަލާތު ކުރުމުގެ އިތުރުން، ޖިސްމާނީ ގޮތުން ވެސް މި ހަރަކާތުގެ ބައެއް ބައިވެރިންނަށް ޕީއެންސީގެ އެކްޓިވިސްޓުން އަނިޔާދީފައިވާ ކަމަށް ބައެއް ބައިވެރިން ވަނީ ބުނެފަ އެވެ.
މި ހަރަކާތުގެ ބައިވެރިންނަށް ހަގާކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑީއާގައި ދައުރުވުމުން ޕީއެންސީގެ ބައެއް މީހުން ވަނީ ހަގާކޮށް، ހަޅޭއް ލެވި މީހުންނަކީ އެއީ ޕީއެންސީ މީހުން ނޫން ކަމަށް ބުނެ ފާޑުކިޔުންތަކުން ރެކެން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ ބައެއް މީހުން ސަރުކާރު ދިފާއުކޮށް ވާހަކަދައްކާ މަންޒަރު ވީޑީއޯތަކުން ފެނެ އެވެ. އަދި ހަގާކޮށް ހަޑިހުތުރު ބަހުން މުއާމަލާތު ކުރި މީހުންގެ ތެރޭގައި ޕީއެންސީ މީހުން ހިމެނޭ ކަމަށް ވިލިމާލެ ރަށްވެހިން ވެސް ބުނެފައިވާ ކަމަށް އެ ހަރަކާތުގެ ބައެއް ބައިވެރިން ވަނީ ވުނެފަ އެވެ.
މި ވީޑިއޯތަކުން ފުނަ ވަލުގެ ހައްގުގައި ވަކާލާތު ކުރާ ފަރާތްތަކަށް ބިިރު ދައްކާ މަންޒަރު ސާފުކޮށް ފެނެ އެވެ. އަދި އެ ހަރަކާތުގެ ބައިވެރިންގެ މޫނާ ދިމާއަށް އިނގިލި ދިއްކުރާ މަންޒަރު އަދި ކެމެރާ އާއި ފޯނު ޖަހައިގަންނަން މަސައްކަތް ކުރާ މަންޒަރު ވެސް ބައެއް ވީޑިއޯތަކުން ފެނެ އެވެ. މިހާ އަނިޔާވެރިކަމާއި އެކު ސުލްހަވެރި ހަރަކާތެއް ހިންގަން ހުރަސް އެޅި ސަބަބާއި މެދު އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި މިއީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިފަދަ ވީޑިއޯތައް އާއްމުވެ އާއްމުންގެ ނުރުހުމާއި ކުރިަމތިލާން ޖެހުމުން އެކަން ދިފާއު ކުރުމަށް ޕީއެންސީގެ ބައެއް އެކްޓިވިސްޓުން ވަނީ ވިލިމާލޭގެ ރައްޔިތުން ފުނަ ވަލުގައި ހައުސިން ޔުނިޓް އަޅާތީ ކަންބޮޑު ނުވާކަމަށް ދައްކަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ވިލިމާލެ އަކީ ފެހި، ތިމާވެއްޓާއި ރައްޓެހިތަނެއްގެ ގޮތުގައި ތަރައްގީކުރަމުންދާތަނެކެވެ. އަދި ފުނަވަލުގެ ހިމާޔަތުގައި ހަރަކާތްތެރިވާ މީހުންގެ ތެރޭގައި ވިލިމާލެ އަށް އުފަން، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ވެސް ހިމެނެ އެވެ.






