އިންޑިއާއިން ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އެއް އަހަރަށް އިތުރުކޮށްދީފި
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުން އިންޑިއާއިން އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަކީ، ރާއްޖެއަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އެ ގައުމުން ދޭ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް.

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު - ހިލޭ އެހީ އެންމެ ބޮޑަށް ރާއްޖެ އަށް ދެނީ އިންޑިއާ އިން. | ރާއްޖެއެމްވީ
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް ރޯލްއޯވަރ ކޮށްދީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ބަޖެޓަރީ ސަޕޯޓް ދީފި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، މިނިސްޓްރީ އޮފް ފައިނޭންސްއިން ދޫކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް، ކުރިން އޮތް މުއްދަތު ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަށް ހަމަވުމާ ގުޅިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އިތުރު އެއް އަހަރު ދުވަހަށް އެ ބިލް ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށާއި، މިފަހަރުގެ ޓީ-ބިލް ސަބްސްކްރައިބް ކުރުމާއި، އަދި މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް ދީފައިވާ ހާއްސަ ކޯޓާ އިތުރު އެއް އަހަރަށް އާކޮށްދިނުމަށް ނިންމި ނިންމުމަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާއިން ދެމުންގެންދާ މެދުނުކެނޑޭ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އިންޑިއާގެ މި ނިންމުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ބަޖެޓަރީ ސަޕޯޓް ދިނުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
އިންޑިއާއަކީ ރާއްޖޭގެ "ޒަމާންވީ ގާތް ރަހުމަތްތެރިއެއް" ގޮތުގައި ސިފަކުރައްވަމުން، ދިވެހި ރައްޔިތުންނަށް އިންޑިއާއިން ބަހައްޓާ ހާއްސަ އިސްކަމަށްޓަކައި ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ޝާހިދު ވިދާޅުވީ، ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި ދިވެހި ސަރުކާރުން ދޫކުރި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އިތުރު އެއް އަހަރަށް އިންޑިއާއިން ސަބްސްކްރައިބް ކުރި ޚަބަރު އެއްސެވީ ވަރަށް އުފަލާއެކު ކަމަށެވެ. އަދި މި ސަރުކާރުގެ އިގްތިސާދީ ނުކުޅެދުންތެރިކަމާއި ސުވާލު އުފެދޭ ހާރިޖީ ސިޔާސަތުތަކެއް އޮތް ނަމަވެސް، އިންޑިއާއަކީ ޒަމާންވީ އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ތަކުރާރުކޮށް ސާބިތުކޮށްދެމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް އިންޑިއާއިން ދޭ ހާއްސަ އަހަންމިއްޔަތަށް ޝުކުރު އަދާކުރައްވަމުން، ގައުމުގެ ކުރިއެރުމާއި ތަނަވަސްކަމަށްޓަކައި ހުރިހާ ގައުމުތަކާއެކު ގާތް އަދި އޮމާން ގުޅުމެއް ބޭއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާ އާ މެދު ދިވެހިންގެ ހިތުގައި ނަފްރަތު އުފެއްދެވުމުގެ ކެމްޕޭނެއް ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. އެހެން ނަމަވެސް، މިފަހުން އިންޑިއާ އިން ދިން މާލީ އެހީތެރިކަމާއި ޒަރޫރީ މުދާ އެތެރެކުރުމުގެ ކޯޓާ އިތުރުކޮށްދިނުމަކީ، އިންޑިއާ އިން ރާއްޖެ އަށް އެހީތެރިކަން ދިނުމުގައި ދެމި އޮތް ކަމުގެ ނިޝާނެކެވެ.







