ދެ މަސް ފަހުން ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލައި މޮރޮކޯ އަށް ދީފި
މިއީ އެފްރިކާގެ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ފައިނަލް މެޗެއްގެ ނަތީޖާ ބަދަލު ކުރި ފުރަތަމަ ފަހަރު. ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، މޮރޮކޯ އަށް ޗެމްޕިއަންކަން ދީފައި މި ވަނީ، ފައިނަލް މެޗު ނިމުނުތާ ދެ މަސް ދުވަސް ފަހުން.


ސެނެގާލް އިން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލަނީ | ގެޓީ އިމޭޖަސް
މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯ އަށް ދިނުމަށް، އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ (ކާފް) އިން ނިންމައިފި އެވެ.
ކާފްގެ އެޕީލް ކޮމެޓީގެ ބޯޑުން މިގޮތަށް ނިންމާފައި ވަނީ، ފައިނަލް މެޗުގެ ތެރެއިން ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ ބެލުމަށް ފަހު އެވެ. ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ސެނެގާލް އިން ވަނީ 1-0 އިން މޮރޮކޯގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މޮރޮކޯގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމުމުން، ސެނެގާލްގެ ކުޅުންތެރިން ވަނީ އެކަމާ ހިތްހަމަ ނުޖެހި ދަނޑުން ފައިބައިފަ އެވެ. އެކަމުގެ ސަބަބުން ގާތް ގަނޑަކަށް 17 މިނެޓު ވަންދެން މެޗު މެދު ކަނޑާލާފައި އޮތެވެ. ނަމަވެސް، ސެނެގާލްގެ ކުޅުންތެރިން ފަހުން ދަނޑަށް އައިސް މެޗު ކުރިއަށް ގެންދިޔައިރު، މޮރޮކޯގެ ބްރަހިމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ގޯލު ކީޕަރު ވަނީ މަތަ ކޮށްފަ އެވެ. އެއަށް ފަހު، އިތުރު ވަގުތުގައި ޖެހި ލަނޑުން ސެނެގާލް ވަނީ މެޗުން މޮޅުވެފަ އެވެ.
އެކަމާ ނުރުހުންވެ މޮރޮކޯގެ ފުޓުބޯޅަ ފެޑެރޭޝަން އިން (އެފްއާރުއެމްއެފް) އިން ވަނީ އެޕީލް ކޮމެޓީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ކާފް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސެނެގާލް އިން މެޗު ދޫކޮށްލީ ކަމަށް ބަލައި، އެ ޓީމު ބަލިވީ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މެޗުގެ ނަތީޖާ އަކީ 3-0 އިން މޮރޮކޯ މޮޅުވުން ކަމަށް މިހާރު ވަނީ ރެކޯޑު ކޮށްފަ އެވެ. ކާފް އިން ބުނި ގޮތުގައި ސެނެގާލްގެ މި އަމަލަކީ މުބާރާތުގެ ޤަވާއިދުގެ 82 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ، ރެފްރީގެ ހުއްދައެއް ނެތި މެޗު ނިމުމުގެ ކުރިން ކުޅުން ހުއްޓާލުމަށް ފަހު ދަނޑުން ފައިބައިފި ނަމަ، އެ ޓީމެއް ބަލިވީ ކަމަށް ބެލެވޭނެ ކަމަށެވެ.
މީގެ އިތުރުން ޤަވާއިދުގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ، 82 ވަނަ މާއްދާއާ ޚިލާފުވާ ޓީމުތައް މުބާރާތުން ވަކި ކުރުމަށް ފަހު، 3-0 ގެ ނަތީޖާ އަކުން އެ ޓީމެއް ބަލިވީ ކަމަށް ނިންމަން ޖެހޭނެ ކަމަށެވެ. މޮރޮކޯގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނީ އެ މައްސަލަ އެޕީލް ކުރީ އެހެން ޓީމެއްގެ ކުޅުމަށް ގޮން ޖެހުމުގެ ނިޔަތުގއި ނޫން ކަމަށާއި، އެއީ ހަމައެކަނި މުބާރާތުގެ ޤަވާއިދުތައް އެންމެ އިންސާފުވެރިކޮށް ތަންފީޒު ކުރުމަށް ކުރި ކަމެއް ކަމަށެވެ.
ކާފްގެ މި ނިންމުމާ ގުޅޭ ގޮތުން ސެނެގާލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، އެ ޓީމުގެ ރަސްމީ އެކްސް (ކުރީގެ ޓުވިޓާ) އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ކުޅުންތެރިން ތަށި ހިފައިގެން ބަހެއްގައި އުފާ ފާޅު ކުރާ ވީޑިއޯ އާ އެކު "އޯކޭ" އިމޯޖީއެއް އާންމު ކޮށްފަ އެވެ.
މިއީ އެފްރިކާގެ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ފައިނަލް މެޗެއްގެ ނަތީޖާ ބަދަލު ކުރި ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، މޮރޮކޯ އަށް ޗެމްޕިއަންކަން ދީފައި މި ވަނީ، ފައިނަލް މެޗު ނިމުނުތާ ދެ މަސް ދުވަސް ފަހުންނެވެ. އެކަމާ ގުޅިގެން އެފްރިކާގެ ފުޓުބޯޅަ ނޫސްވެރިޔާ މާހިރު މެޒާހީ ބީބީސީ އަށް ބުނެފައި ވަނީ، ކަރުދާހުގައި ނަތީޖާ ބަދަލު ކުރި ނަމަވެސް، ދަނޑު މަތީގައި ފެނިގެން ދިޔަ މަންޒަރު ތަކާއި، ސެނެގާލް އިން ތަށި އުފުލާލި ވަގުތު ސަޕޯޓަރުންނަށް ކުރެވުނު އިޙުސާސްތައް ފޮހެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.






