އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް
އެފްކޮންގެ ފައިނަލްގައި ސެނެގާލް އާއި މޮރޮކޯ ބައްދަލު ކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާ އިރު.


މެޗުގައި ލަނޑު ޖެހުމަށް ފަހު ސެނެގާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް
މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލް މެޗު ތަކުން މޮޅުވެ، ސެނެގާލް އާއި މޮރޮކޯ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލްގައި ސެނެގާލް ނިކުތީ މިޞްރާ ދެކޮޅަށެވެ. އެ މެޗު ސެނެގާލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެގޮތުން މެޗުގެ ހަމައެކަނި ލަނޑު، 78 ވަނަ މިނެޓުގައި ޖެހީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. އެއާ އެކު، މުޙައްމަދު ޞަލާޙު ކުޅެމުން އަންނަ މިޞްރު ކަޓުވާލައި، ސެނެގާލް އިން ވަނީ މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު ދެ ވަނަ ސެމީ ފައިނަލްގައި މޮރޮކޯ ނިކުތީ ނައިޖީރިއާއާ ދެކޮޅަށެވެ. އެ މެޗު މޮރޮކޯ އިން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނެތުމުން، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.
ހަތަރު ޕެނަލްޓީގެ ތެރެއިން ނައިޖީރިއާ އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އެ ޓީމުގެ އަނެއް ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. މޮރޮކޯ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައިވާއިރު، ނާކާމިޔާބުވީ ހަމްޒާ އިގާމެންގެ ޕެނަލްޓީ އެވެ.
އެފްކޮންގެ ފައިނަލްގައި ސެނެގާލް އާއި މޮރޮކޯ ބައްދަލު ކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.







