ކުޅުންތެރިން ދަނޑުން ބޭލި މައްސަލައިގައި ތިއޯ ސަސްޕެންޑު ކޮށްފި
މީީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ތިއޯ ސަސްޕެންޑު ކުރާނެ މުއްދަތެއް ކަނޑައަޅާނީ ޑިސިޕްލިނަރީ ކޮމެޓީ އިން. އެއާ އެކު، ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަން 300،000 (ތިން ލައްކަ) އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައި. އެއީ މެޗު ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ސަބަބުން.


ސެނެގާލްގެ ކޯޗު ތިއޯ، އެ ޓީމުގެ ކުޅުންތެރިންނާ އެކު ޓްރޮފީ ހިފައިގެން އުފާ ފާޅު ކުރަނީ | ރޮއިޓަސް
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބަކުން، ސެނެގާލްގެ ކުޅުންތެރިން ދަނޑުން ބޭލި މައްސަލައިގައި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓުބޯޅަ (ސީއޭއެފް) އިން ސެނެގާލްގެ ކޯޗު ޕާޕާ ތިއޯ ސަސްޕެންޑު ކޮށްފި އެވެ.
މިއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ސެނެގާލް އާއި މޮރޮކޯ ބައްދަލު ކުރި މެޗުގެ ފަހު ވަގުތުގައި މޮރޮކޯ އަށް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި ސެނެގާލްގެ ސަޕޯޓަރުން ނުރުހުން ފާޅު ކުރުމާ އެކު، މެޗުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ. އެއާ އެކު ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައިރު، ކުޅުންތެރިން ދަނޑުން ފޭބުމަށް އެންގީ ތިއޯ އެވެ.
ނަމަވެސް، 20 ވަރަކަށް މިނެޓު ފަހުން ސެނެގާލްގެ ކުޅުންތެރިން ވަނީ އަލުން އެނބުރި ދަނޑަށް އައިސްފަ އެވެ. އެއާ އެކު މެޗު އަލުން ފެށިއިރު، މޮރޮކޯ އިން ޖެހި ޕެނަލްޓީ ސެނެގާލްގެ ކީޕަރު މަތަ ކުރި އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ހާފުގައި ލަނޑު ޖަހައިގެން ސެނެގާލް އިން ވަނީ އެ ޤައުމުގެ ތާރީޚުގައި ދެ ވަނަ ފަހަރަށް އެފްރިކަން ކަޕް ކާމިޔާބު ކޮށްފަ އެވެ.
ކުޅުންތެރިން ދަނޑުން ބޭލި މައްސަލަ އާއި، މެޗު ހުއްޓާލަން ޖެހުމުގެ ސަބަބުން އެތައެއް ބައެއްގެ ފާޑު ކިޔުން ތިއޯ އަށް އަމާޒުވީއިރު، އޭނާ އަށް ފިޔަވަޅު އަޅާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އަންގާރަ ދުވަހު ސީއޭއެފް އިން ވަނީ ތިއޯ ސަސްޕެންޑު ކުރުމަށް ނިންމައިފަ އެވެ. އެއާ އެކު ސީއޭއެފް އިން ވަނީ ސެނެގާލް ޓީމަށް ވެސް ފިޔަވަޅު އަޅައިފަ އެވެ.
މީީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ތިއޯ ސަސްޕެންޑު ކުރާނެ މުއްދަތެއް ކަނޑައަޅާނީ ޑިސިޕްލިނަރީ ކޮމެޓީ އިންނެވެ. އެއާ އެކު، ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަން 300،000 (ތިން ލައްކަ) އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ މެޗު ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ސަބަބުންނެވެ.
މީގެ އިތުރުން ޓެކްނިކަލް ސްޓާފުންގެ ތެރެއިން އެ ހަމަ ނުޖެހުމުގައި ބައިވެރިވެފައިވާ ފަރާތްތައް ހަތަރު މެޗަށް ސަސްޕެންޑު ކުރުމާ އެކު، 10،000 (ދިހަ ހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މެޗުގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ތިއޯ ބުނެފައި ވަނީ ބައެއް ފަހަރު ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރެވޭ ކަމަށާއި، އޭނާ އަށް ވެސް ދިމާވީ އެހެން ކަމަށެވެ. ސެނެގާލް އިން ޖެހި ލަނޑެއް ރެފްރީ ޤަބޫލު ނުކުރިއިރު، ސުވާލު އުފެދޭ ކަމެއްގައި ޕެނަލްޓީ ދިނުމުން ޖަޒުބާތުގައި ޖެހުނީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ސެނެގާލްގެ ކުޅުންތެރިން އަލުން އަނބުރާ ދަނޑަށް އައިސް މެޗު ކުޅުނީ ވެސް އޭނާ އަންގައިގެން ކަމަށް ތިއޯ ބުނެފައިވެ އެވެ.
މޮރޮކޯ ބަލިކޮށް ސެނެގާލް އިން އެފްރިކަން ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ ސެނެގާލް އިން އެ މުބާާރާތް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް ސެނެގާލް އިން ވަނީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.






