ހަނގުރާމަ އާއި ގުޅޭ ތެދު މައުލޫމާތު ހާމަ ކުރުމުގެ ބަދަލުގައި މި ސަރުކާރުން ކުރަނީ ސިޔާސީ މަސައްކަތް: ރައީސް ސޯލިހު
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ތެދު މައުލޫމާތު ސަރުކާރުން ހާމަ ނުކުރާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއިން ތެލަށް ކުރާ ހަރަދު އިތުރުވެ، ޑޮލަރުގެ އަގު އުފުލުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި. އެހެންކަމުން، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސިޔާސީ މަންފާ ހޯދުމުގެ ބަދަލުގައި، ހަގީގީ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފަ.


އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މާލެ ސިޓީ ކައުންސިލްގެ ގޮނޑިއަށް ވާދަކުރައްވާ އައިމިނަތު އިރާޝާ (ފެރޯ) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ތަރާވީހެއްގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ | އެމްޑީޕީ ސެކްރިޓޭރިއެޓް
އިސްރާއީލާއި އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދިނުމުގެ ބަދަލުގައި، މި ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ ސިޔާސީ މަސައްކަތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ އައިމިނަތު އިރާޝާ (ފެރޯ) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ތަރާވީހެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ހަނގުރާމައާ ގުޅޭ ތެދު މައުލޫމާތު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލެމުންދާ މި ދަނޑިވަޅުގައި، އޭގެ ސީދާ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ އެވެ. އެގޮތުން ތެލުގެ އަގަށް އައިސްފައިވާ ބަދަލާއެކު، ސަރުކާރުން ކޮންމެ މަހަކު ތެލަށް ކުރަންޖެހޭ ހަރަދު މިހާރުވެސް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާވެސް އުފުލި، އާންމު ރައްޔިތުންނަށް ޑޮލަރު ލިބުން އިތުރަށް ދަތިވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުރިމަތީގައި އޮތް ބިރުވެރި ހާލަތުގެ ވާހަކަ ދައްކައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދެނީ ސިޔާސީ މަންފާ ހޯދުމަށް ކަމަށެވެ.
ރައްޔިތުންގެ ޖީބަށް މިކަމުން ކުރާނީ ކޮން އަސަރެއްތޯ؟. އެއް ކޮޅަކުން މި ދައްކަނީ ދައުލަތަށް ލިބޭ އާމްދަނީ ވޯޓު ގަންނަން ހަރަދުކުރާ ވާހަކަ. އަނެއްކޮޅުން ތަކެތީގެ އަގު އުފުލިގެންދާ ވާހަކަ. މިހާރު ތެލުގެ އަގަށް މި ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ވާނެ ދައްޗާއި އުނދަގުލުގެ ވާހަކަ މި ސަރުކާރަކުން ނުދައްކާ. ތެލުގެ އަގު މި ވަނީ ގާތް ގަނޑަކަށް 50 އިންސައްތަ އިތުރު ވެފަ. ހަނގުރާމަ ފެށުމުގެ ކުރިން ސަރުކާރުން މަހެއްގެ މައްޗަށް ތެލާއި ގޭސް ގަތުމަށް ހޭދަކުރަނީ 28 ނުވަތަ 30 މިލިއަން ޑޮލަރު. މިހާރު ތެލުގެ އަގަށް މިއައި ބަދަލާއެކީގަ އިތުރު 15 ނޫނިއްޔާ 20 މިލިއަން ޑޮލަރު އެޔަށް އިތުރުވެގެން އެބަދޭ. ސަރުކާރުން ހަރަދުކުރަން ޖެހޭނެ. އާއްމު ރައްޔިތުންނަށް ލިބެންޖެހޭ ޑޮލަރު މި ހަރަދުކުރަން ޖެހެނީ ތެލާއި ގޭސް ހޯދަން. މިފަދަ ދަނޑިވަޅެއްގަ ތެދު މައުލޫމާތު ހާމަނުކޮށް ސަރުކާރުން ހަމައެކަނި ކުރަމުންދަނީ ސިޔާސީ މަސައްކަތް.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މިހާރުވެސް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ބާޒާރުން 10 ކިލޯގެ ގޭސް ފުޅިއެއް ގަންނަން ދިއުމުން މިހާރު ލިބެނީ 5 ކިލޯގެ ގޭސް ކަމަށެވެ. އަދި ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރެން ނެތްއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުންދާތީ އެ ދާއިރާގެ ވިޔަފާރިވެރިންނަށް މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގެ ބަދަލުގައި، އޮޅުވާލައިގެން ސިޔާސީ މަގްސަދުތައް ހާސިލްކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ހާއްސަކޮށް ތެލުގެ އަގާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާފައިވަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.







