ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު
ގާނޫނުއަސާސީ ލާޒިމުކުރާ ގޮތަށް ނޫންގޮތަކަށް ސުވާލުކޮށްގެން ނެގޭ ވޯޓެއްގެ ސައްހަކަމެއް އޮވެދާނެ ކަމަށް ފެނިވަޑައި ނުގަންނަވާކަމަށް ވެސް ސުއޫދު ވިދާޅުވި


ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު | ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ރިފަރެންޑަމް ވޯޓުގައި ރައްޔިތުންނާ ކުރެވޭ ސުވާލު އޮތީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން، ރައްޔިތުންނަށް ވަންހަނާވާ ގޮތަށްކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާގޮތުން ގާނޫނުއަސާސީގައިވާ ބައެއް ޚާއްޞަ ކަންކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ވާނީ އެ ބަދަލެއް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ބަދަލު ގެނައުމަށް ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބުނެފައިވާ ރައްޔިތުންގެ މަޖިލީހެއްގެ އުމުރަށް އެއްވެސް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ އެ ބަދަލެއް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި އެގޮތަށް ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ.
އެކަމަށް އަލިއަޅުވާލައްވައި ސުއޫދު ވިދާޅުވީ، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ކުރުކުރުމަށާއި އެހެން ގިނަކަންކަން ބަޔާންކޮށް، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް އެ ބިލު ތަސްދީގުކުރުމަށް ފެބުރުއަރީ 11، 2026 ދުވަހު ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އަދި މި ބިލު ތަސްދީގުކުރުމުގެ ކުރިން ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވާފައިވާ ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އެ ގަރާރުގައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރުމަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރެފަރެންޑަމްގައި ރައްޔިތުންނާ ސުވާލެއް ނުކުރެއެވެ. އަދި މި ރިފަރެންޑަމްގައި ރައްޔިތުންނާ ކުރާނެ ސުވާލެއް ކަމަށް ގަރާރުގައި ލިޔެފައިވަނީ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި އިބާރާތްކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާ ކުރަންޖެހޭ ސުވާލެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާ ކުރަންޖެހޭނެ ސުވާލަކީ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރުމަށް ހިމަނާފައި ވާތީވެ، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުކުރުކުރަން ފެނޭ ހެއްޔެވެ" މި އިބާރަތްކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވި ގޮތުގައި މި ބިލު އޮތްގޮތަށް ތަސްދީގު ކުރުމާމެދު ފެންނަ ގޮތަކީ ކޮބައިތޯ ބެލުމާއި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ބަދަލުކުރަން ރައްޔިތުން ރުހޭތޯ ބެލުމާ އެއީ މުޅިން ވަކި ދެ ކަމެކެވެ.
ހަމައެއާއެކު، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކުރެވިފައިވާ ސުވާލެއް ނޫންކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ސަބަބަކީ އެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންކުރެން އަހަން ނުޖެހޭ އެތައް ކަމެއް ހިމެނިފައިވާއިރު، ރައްޔިތުން ކުރެން އަހަން ނުޖެހޭ ކަންތައްތަކެއް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރެފަރެންޑަމެއްގައި ނު އެހޭނެތީކަން ސުއޫދު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ގާނޫނުއަސާސީ ލާޒިމުކުރާ ގޮތް، ނޫން ގޮތަކަށް ސުވާލުކޮށްގެން ނެގޭ ވޯޓެއްގެ ސައްހަކަމެއް އޮވެދާނެ ކަމަށް ފެނިވަޑައިނުގަންނަވާކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގުކުރަން ފެނޭތޯ ރައްޔިތުންކުރެން އަހަން ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރެފައިވާއިރު، އެ ބިލުގެ 4 ވަނަ މާއްދާގައި ގާނޫނަކަށް ހަވާލާދީފައި އިބާރާތްކޮށްފައިވާ ބަޔަކީ ގާނޫނުއަސާސީގެ ބަޔަކަށް ހެދޭގޮތަށް ލިޔެފައިވާ މާއްދާއެއް ވެސް ނޫން ކަމަށެވެ. އެގޮތުން މި ބިލުގެ އެއްބައި އޮންނާނީ ގާނޫނުއަސާސީގެ ބަޔަކަށްވެފައި، އަނެއްބައި ގާނޫނެއްގެ ގޮތުގައިތޯ އޭނާ ސުވާލު އުފައްދަވާފައިވެއެވެ.
މީގެ އިތުރުން، މި ބިލުގެ 4 ވަނަ މާއްދާ ގާނޫނުއަސާސީގެ ބަޔަކަށް ނުވާނަމަ، ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ މުއްދަތު ހަމަވަނީ ކޮން އަހަރެއްގެ ޑިސެމްބަރު މަހެއްގެ 1 ވަނަ ދުވަހެއްގައި ކަން ގާނޫނުއަސާސީގައި ބަޔާންވެފައި ނޯންނާނެ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ މިހާރު ގާނޫނުއަސާސީގައި އޮތް ރައްޔިތުންގެ މަޖިލިސް 2029 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ދެމިގެން ދިއުންކަމަށްވެސް ވިދާޅުވިއެވެ.






