އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި
ސެކިއުރިޓީ ކައުންސިލް އިން ބުދަ ދުވަހު މި ޤަރާރު ފާސް ކޮށްފައި ވަނީ، އެ ކައުންސިލްގެ 13 ޤައުމުގެ ތާއީދާ އެކު. އެ ޤަރާރުގައި ބުނެފައި ވަނީ އީރާން އިން، ބަހްރެއިން، ކުވެއިތު، އޮމާން، ޤަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޖޯޑަން އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލުމަށް. މި ޤަރާރު ފާސް ކުރަން ނެގި ވޯޓުގައި ދެ ޤައުމަކުން ވަކި ފަރާތަކަށް ޖެހިފައި ނުވޭ.


ބުދަ ދުވަހު ކުރިއަށް ގެންދިޔަ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން | ގެޓީ އިމޭޖަސް
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭން ފެށި ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ދެމުން އަންނަ ހަމަލާ ތަކަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ދެމުން އަންނަ ހަމަލާ ތަކެއް ކަމަށާއި، އެެއީ ބައިނަލްއަޤުވާމީ ސުލްޙަ އާއި ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސްކޮށްފި އެވެ.
ސެކިއުރިޓީ ކައުންސިލް އިން ބުދަ ދުވަހު މި ޤަރާރު ފާސް ކޮށްފައި ވަނީ، އެ ކައުންސިލްގެ 13 ޤައުމުގެ ތާއީދާ އެކު އެވެ. އެ ޤަރާރުގައި ބުނެފައި ވަނީ އީރާން އިން، ބްހެރެއިން، ކުވެއިތު، އޮމާން، ޤަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޖޯޑަން އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލުމަށެވެ. މި ޤަރާރު ފާސް ކުރަން ނެގި ވޯޓުގައި ދެ ޤައުމަކުން ވަކި ފަރާތަކަށް ޖެހިފައި ނުވެ އެވެ.
މީގެ އިތުރުން ބައިނަލްއަޤުވާމީ ކަނޑުގެ ދަތުރު ފަތުރަށް ބޭނުން ކުރާ މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރުމޯޒް ކަނޑު އޮޅި ބަންދު ކުރުމަށް، ނުވަތަ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހުރަސް އެޅުމަށް އީރާން އިން ކުރަމުންދާ މަސައްކަތް ތަކާއި، އީރާން އިން ދެމުންދާ އިންޒާރުތައް ވެސް އެ ޤަރާރުގައި ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.
މެދު އިރުމަތީގެ މަސްރަހު ގޯސްވެފައި ވަނީ، މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާން އަށް ހަަމަލާ ތަކެއް ދޭން ފެށުމުންނެވެ. އަދި އެ ހަމަލާ ތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމާނައީ އަވަހާރަ ކޮށްލާފައިވާއިރު، އެކަމުގެ ރައްދުގައި އީރާން އިން ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. އެގޮތުން އީރާން އިން ދަނީ ޑްރޯން އާއި މިސައިލް ބޭނުން ކޮށްގެން ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒު ތަަކަށް ހަމަލާ ދެމުންނެވެ.
އީރާންގެ ހަމަލާތައް އަމާޒު ވެފައިވާ ޤައުމު ތަކުން ބުނަމުން ދަނީ، އެ ޤައުމު ތަކަކީ އެ ހަނގުރާމައިގައި ބައިވެރިވާ ޤައުމު ތަކެއް ނޫން ކަަމަށާއި، އަދި ހަނގުރާމަ ކުރާ އެއްވެސް ފަރާތަކަށް އެ ޤައުމު ތަކުގެ ބިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އީރާން އިން ހަމަލާ އަމާޒު ކޮށްފައި ވަނީ އެ ޤައުމު ތަކުގައި ހުރި އެމެރިކާގެ ބޭސް ތަކުގެ އިތުރުން، އެމްބަސީ ތަކަށެވެ.
މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާއިރު، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާ ކުރާ ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް ވެސް އީރާން އިން ގެންދަނީ ހުރަސް އަޅަމުންނެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލި، އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ.
މަސްދަރު: އޭއެފްޕީ






