ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި
މާލޭގެ ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ މިސްކިތެއް ބިނާކުރަން ސަރުކާރުން ވިސްނަމުންދާތީ، އެއީ ތާރީޚީ ބިނާއެއްގެ ގޮތުގައި ހިމާޔަތްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިފި. މިސްކިތް ތަޅާލުމާ ދެކޮޅަށް އާންމުންނާއި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި ޕެޓިޝަނަކީ އެ ތަނުގެ އާސާރީ އަދި ގައުމީ މުހިއްމުކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއް. މި ޕެޓިޝަނަށް ބޭނުންވާ އަދަދަށް ސޮއި ހަމަވެއްޖެ ނަމަ، މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭނެ.


ބަންޑަރާ މިސްކިތުގެ ކުރީގެ ފޮޓޯ އެއް: 100 އަހަރު ވާން ކައިރި ވެފައިވާ މި މިސްކިތަކީ ތާރީހީ ތަރިކަ އެއްގެ ގޮތުގަ ރާއްޖޭގެ ތާރީހު ދިރާސާ ކުރާ ގިނަ ބަޔަކު ފާހަގަކުރޭ | ދިވެހި އާކައިވްސް ބައި ނާޖިހު ދީދީ
މާލޭގައި ހުންނަ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއް ސުލްތާން މުޙައްމަދު ޝަމްސުއްދީނަކީ، ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ އަންނަ ކައުންސިލް އިންތިޚާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ހުސައިން ފުރުޝާން އެވެ.
ޕެޓިޝަން ހުށަހަޅުއްވައިފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. މިނިސްޓަރު ވަނީ ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައިގެ ތެރޭ ހިމެނޭ ތަނެއް ނޫން ކަމަށާއި އެހެންކަމުން އެ ތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ފުރުޝާން ހުށަހަޅުއްވާފައިވާ ޕެޓިޝަނުގައި ވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ޚާއްޞަވަނީ އިނގިރޭސީންގެ ޙިމާޔަތުގެ ނަމުގައި އަޅުވެތިކަމަށް ދިޔުމާއި، އެ އަޅުވެތިކަމުން މިނިވަންވުމާއި ބަންޑާރަ މިސްކިތާ ގުޅިފައިވާތީ ކަމަށެވެ. އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވުމާއި ގުޅިފައިވާ ހުރިހާ ތަނެއް މިހާރު ނައްތާލެވިފައިވާ ކަމަށާއި އެ ހަނދާންތައް މިހާރު ހަމައެކަނި ފެންނަން ހުރި ބިނާއަކީ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ބަންޑާރަ މިސްކިތް ތަޅާލާނެ ކަމަށް ޝަހީމް ވިދާޅުވުމުން ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ވަނީ އެތަން ހިމާޔަތްކުރުމަށް ގޮވާލައި އެކަމަށް ފާޑުކިޔާފަ އެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރ ޑރ. ހަސަން ހަމީދު ވެސް ވަނީ ބަންޑާރަ މިސްކިތް ތަޅާލުމަކީ ތަރިކައެއް ނައްތާލުން ކަމަށް ވިދާޅުވެފަ އެވެ. ޑރ. ޙަސަން ވިދާޅުވީ ތާރީޚީ ބިނާތަކަކީ ވަރަށް މުހިއްމު ތަންތަން ކަމަށާއި ބޭރުގެ ގޮތްތަކަށް ހިތާވެފައިވާ ބައެއް ދިވެހީންނަށް ދިވެހި ތާރީޚަށާއި ދިވެހި ގައުމަށް އެއްވެސް ލޯތްބެއް ނެތްކަން އޭނާ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ މި ކަމަށް ފާޑުވިދާޅުވުމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ އޭނާއާ ސޯޝަލް މީޑިއާގައި ޒުވާބުކުރައްވައި އެ ތަން ތަޅާލުމުގެ ނިންމެވުން ދިފާއުކުރައްވައިފަ އެވެ. ނަމަވެސް އޭގެ ފަހުގައި ތާރީހު ހިމާޔަތްކުރުމަށް ވަކާލާތުކުރާ ގިނަ އަދަދެއްގެ މީހުން ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާލުކުރުމުން، މިކަމާމެދު މަޝްވަރާކުރަން ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކަށް ސޮއި ހަމަކުރުމަށް 42 ދުވަސް ނުވަތަ ހަ ހަފުތާގެ މުއްދަތެއް ލިބޭނެ އެވެ. އީޕެޓިޝަންތަކުގައި އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ސޮއި ދެވޭނެ އެވެ. މަދުވެގެން 500 މީހުން ސޮއިކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުން، މަޖިލީހަށް ފެޓިޝަން ބަލައިގަންނާނެ އެވެ. 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ އެވެ. އަދި 2100 ސޮއި ހަމަވެއްޖެ ނަމަ ޕެޓިޝަނާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާނެ އެވެ.






