ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
މި ހަމަލާގައި ޒަޚަމްވި މީހާއަށް ހޮސްޕިޓަލުގައި ސީރިއަސް ހާލަތެއްގައި ފަރުވާދެމުންދާއިރު، މި މައްސަލައާ ގުޅިގެން މުގާބޭގެ ދަރިކަލުން ބެލާމިންގެ އިތުރުން އެހެން ފިރިހެނަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. ފުލުހުން ބުނި ގޮތުގައި ހަމަލާ ދިނުމަށް ބޭނުންކުރި ބަޑި އަދި ފެނިފައި ނުވާއިރު، ހައްޔަރުކުރި ދެ މީހުން ވެސް އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ވަނީ އިންކާރުކޮށްފައި.

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ހަށިކޮޅު ވެރިރަށް ހަރާރޭގައި ހުންނަ ރަސްމީ ގެކޮޅަށް ގެންދިއުމުގެ ތެރެއިން، އެމަނިކުފާނުގެ ދަރިކަލުން ބެލާމިން ޗަޓުންގާ މުގާބޭ (މެދުގައި) އާއި ބޭބެ ރޮބަޓް މުގާބޭ ޖޫނިއާ ބައިވެރިވަނީ - ސެޕްޓެމްބަރު 13، 2019. | އޭޕީ
ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، ޖޯހަނަސްބާގްގެ ގެއެއްގައި ހިނގި ބަޑިޖެހި މައްސަލައަކާ ގުޅިގެން، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އުމުރުން 28 އަހަރުގެ ބެލާމިން މުގާބޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެ ގޭގައި ބަގީޗާ ހައްދާ މީހެއްގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ބެލެވޭ އުމުރުން 23 އަހަރުގެ ފިރިހެނަކަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައެވެ.
ފުލުހުން ބުނި ގޮތުގައި، ބެލާމިން މުގާބޭ ދިރިއުޅެމުންދިޔަ ހައިޑް ޕާކްގައި ހުރި އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބަޑީގެ ވަޒަން ހުސްކުރި ކާޓްރިޖް ފެނިފައިވީ ނަމަވެސް، އެ ހަމަލާ ދިނުމަށް ބޭނުންކުރި ބަޑި އަދި ފެނިފައެއް ނުވެއެވެ.
ބެލާމިން މުގާބޭއަކީ ރޮބަޓް މުގާބޭ އާއި އޭނާގެ ދެވަނަ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ލިބިވަޑައިގެންނެވި އެންމެ ހަގު ދަރިފުޅެވެ. 2019 ވަނަ އަހަރު އަވަހާރަވި ރޮބަޓް މުގާބޭ ވަނީ 37 އަހަރު ވަންދެން ޒިމްބާބުވޭގައި ވެރިކަން ކުރައްވާފައެވެ. އޭނާ ވެރިކަމުން ދުރުކޮށްފައިވަނީ 2017 ވަނަ އަހަރު، އުމުރުފުޅުން 93 އަހަރުގައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ބެލާމިން މުގާބޭގެ އިތުރުން އެހެން ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ކާނަލް ޑިމަކަޓްސޯ ނެވްހުހުލްވީ ވިދާޅުވިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ހައްޔަރުކުރި ދެ މީހުން "އަވަހަށް" ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ބެލާމިން މުގާބޭ ހިމެނޭކަން ފުލުހުން ރަސްމީކޮށް އަދި ހާމަނުކުރި ނަމަވެސް، އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް އޭނާ ބިިޑިއަޅުވައިގެން ގެންދަނިކޮށް ފެނިފައިވެއެވެ. އަދި އެ ގައުމުގެ މީޑިއާތަކުން ވެސް ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ބަޑީގެ ހަމަލާ އަމާޒުވި މީހާގެ ގަޔަށް އެއް ވަޒަން އަރާފައިވާއިރު، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ވަރަށް ސީރިއަސް ހާލަތެއްގައެވެ.
ހާދިސާ ހިނގި ގޭގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ހައްޔަރުކުރި ދެ މީހުން ވެސް ބަޑި އޮތް ތަނެއް ބުނެދީފައި ނުވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން އެމީހުން އިންކާރުކުރާ ކަމަށެވެ.
ދެކުނު އެފްރިކާގެ ގައުމީ ބްރޯޑްކާސްޓަރު، އެސް.އޭ.ބީ.ސީ (SABC) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަޑީގެ މި ހަމަލާ ދީފައިވަނީ ޖޯހަންސްބާގްގެ މުއްސަނދިން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ރޮބަޓް މުގާބޭގެ ހަގު ދަރިފުޅު، ބެލާމިން ޗަޓުންގާ މުގާބޭގެ ގޭގައެވެ. އަދި ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު، ގޭގެ ގޯތިތެރޭގައި އޭނާގެ އަތުގައި ބިިޑި އަޅުވާފައި ހުއްޓާ ފެނިފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
މުގާބޭގެ އާއިލާއަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖިނާއީ އެކި މައްސަލަތަކުގެ ތުހުމަތު އެކި ފަހަރު މަތިން ކުރެވިފައިވާ އާއިލާއެކެވެ.
ބެލާމިން ޗަޓުންގާ މުގާބޭގެ ބޭބެ، ރޮބަޓް މުގާބޭ ޖޫނިއާ ވެސް ވަނީ މިދިޔަ އަހަރު ޒިމްބާބުވޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރިހުވާނާ ގެންގުޅުނުކަމަށް އިއުތިރާފުވުމާ ގުޅިގެން 300 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
މަސްދަރު: އޭޕީ







