ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި
މި ތަމްރީނުތައް ފަށާފައިވަނީ އެމެރިކާ އާއި ބްރިކްސް ޤައުމުތަކާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އިން ވެނެޒުއޭލާ އާ ގުޅުންހުރި ރަޝިޔާގެ ތެޔޮ ޓޭންކަރެއް ހިފެހައްޓާފައިވާ ވަގުތެއްގައި. ދެކުނު އެފްރިކާ އިން ބުނަނީ މި ތަމްރީނުތަކުގެ މަޤްޞަދަކީ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކާއި އިޤްތިޞާދީ ޙަރަކާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ބްރިކްސް ޤައުމުތަކުގެ އެއްބާރުލުން ދައްކުވައިދިނުން ކަމަށް.

ޗައިނާގެ މިސައިލް ޑިސްޓްރޯޔަރ (ވ) އަދި ރަޝިޔާގެ މަނަވަރު (ކ) އަސްކަރީ ތަމްރީން ތަކަށް ދެކުނު އެފްރިކާގެ ސިމޮންސް ޓައުން ބަނދަރުގައި | އޭޕީ ފޮޓޯ
ދެކުނު އެފްރިކާގެ އައްސޭރިފަށުގައި ރަޝިޔާ، އީރާން، ޗައިނާ އަދި އިތުރު ޤައުމުތަކާ ގުޅިގެން ކުރިއަށްގެންދާ ހަފުތާއެއްގެ މުއްދަތުގެ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ އެ ޤައުމުން އެ ތަމްރީން ތައް ދިފާޢުކޮށްފިއެވެ.
ދެކުނު އެފްރިކާ އިން ބުނާ ގޮތުގައި މި ތަމްރީނުތަކަކީ ދުނިޔޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އުފެދެމުންދާ ނުތަނަވަސްކަމަށް ދެވޭ މުހިންމު ރައްދެކެވެ.
"ވިލް ފޯ ޕީސް 2026" ގެ ނަމުގައި ކޭޕް ޓައުންގެ އައްސޭރިފަށުގައި ހޮނިހިރު ދުވަހު މި ތަމްރީނުތައް މި ފެށުނީ، ވެނެޒުއޭލާ އާ ގުޅުންހުރި ރަޝިޔާގެ ތެޔޮ ޓޭންކަރެއް އުތުރު އެޓްލާންޓިކް ކަނޑުން އެމެރިކާ އިން ހިފެހެއްޓިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި އެ އުޅަނދު ހިފެހެއްޓީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމުންނެވެ. ވެނެޒުއޭލާ އަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާ އިން ހިންގާ ކެމްޕޭނުގެ ދަށުން އެ އުޅަނދު ހިފެހެއްޓީ، އެމެރިކާ އިން އެ ޤައުމަށް ޙަމަލާދީ، ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުމަށް ފަހުގައެވެ.
މި އަސްކަރީ ތަމްރީނުތައް ކުރިއަށް މިދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި، ބްރިކްސް ޕްލަސްގެ ޤައުމުތައް ކަމަށްވާ ޗައިނާ، އީރާން، ދެކުނު އެފްރިކާ އަދި ބްރެޒިލާ ދެމެދު ނުތަނަވަސްކަން އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ދެކުނު އެފްރިކާގެ ޖޮއިންޓް ޓާސްކް ފޯސްގެ ކޮމާންޑަރު ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ، މިއީ ހަމައެކަނި އަސްކަރީ ތަމްރީނުތަކެއް ނޫން ކަމަށާއި، މިއީ ބްރިކްސްގެ ޤައުމުތަކުގެ މެދުގައި އޮތް ވަރުގަދަ އަޒުމެއް ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"މިއީ އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް. ކަނޑުގެ ސަރަޙައްދުތަކުގެ މަސްރަޙު މިހާ ބޮޑަށް އޮޅުންބޮޅުންވެފައިވާ ދަނޑިވަޅެއްގައި، މިފަދަ އެއްބާރުލުމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫން، އެއީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ތަމްރީނުތަކުގެ މަޤްޞަދަކީ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކާއި އިޤްތިޞާދީ ޙަރަކާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބްރިކްސް ފުޅާވުން
ކުރިން ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ބްރިކްސް ގްރޫޕް މިހާރު ވަނީ މިޞްރު، އިތިއޯޕިއާ، އީރާން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް އަދި އިންޑޮނޭޝިއާ ހިމެނޭހެން ފުޅާވެފަ އެވެ. ރޮއިޓާސް ނިއުސް އެޖެންސީ އަށް މަޢުލޫމާތު ދެއްވަމުން ތަމްރީނުތަކުގައި ބައިވެރިވާ އިސް އޮފިޝަލަކު ވިދާޅުވީ، ހަފުތާގެ މުައްދަތައް ކުރިއަށް ގެންދެވޭ ތަމްރީނުތަކުގައި ބައިވެރިވުމަށް ހުރިހާ މެންބަރު ޤައުމުތަކަށް ދަޢުވަތު ދީފައިވާ ކަމަށެވެ.
ޗައިނާ އާއި އީރާނުން މި ތަމްރީނުތަކަށް 'ޑިސްޓްރޯޔާ' މަނަވަރުތައް ފޮނުވާފައިވާއިރު، ރަޝިޔާ އާއި ޔޫއޭއީން ފޮނުވާފައިވަނީ 'ކޯވެޓް' މަނަވަރުތަކެވެ. ދެކުނު އެފްރިކާ އިން 'ފްރިގޭޓް' އެއް ބޭނުން ކުރާއިރު، އިންޑޮނޭޝިއާ، އިތިއޯޕިއާ އަދި ބްރެޒިލް ބައިވެރި ވަނީ އޮބްޒާވަރުންގެ ގޮތުގައެވެ.
މި ތަމްރީނުތައް ބާއްވާ ދަނޑިވަޅާ ގުޅޭގޮތުން ސުވާލުކުރުމުން، ދެކުނު އެފްރިކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ބަންޓޫ ހޮލޮމީސާ ވިދާޅުވީ، މިއީ ދުނިޔޭގެ މަސްރަޙު ހޫނުވުމުގެ މާ ކުރިން ރޭވިފައިވާ ކަމެއް ކަމަށެވެ.
"އެމެރިކާ އާއި ބައެއް ޤައުމުތަކާ ދެމެދު މައްސަލަތަކެއް ހުރި ނަމަވެސް، އަޅުގަނޑުމެން ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭ. އެއީ އަޅުގަނޑުމެންގެ ދުޝްމަނުންނެއް ނޫން،" ހޮލޮމީސާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސަމާލުކަން ދޭންވީ ބްރިކްސް ޤައުމުތަކާ ގުޅިގެން މަސައްކަތްކޮށް، އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
ކުރިން "އެކްސަސައިޒް މޯސީ" ގެ ނަމުން ނަންދެވިފައިވާ މި ތަމްރީނުތައް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. ނަމަވެސް ޖޮހަނަސްބާގް ގައި ބޭއްވި ޖީ20 ސަމިޓާ ދިމާވާތީ ފަސްކުރެވުނީ އެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ސަމިޓް ބޮއިކޮޓްކޮށްފަ އެވެ.
ވޮޝިންޓަނުން ބްރިކްސްގެ ޤައުމުތަކަށް ތުހުމަތުކުރާ ގޮތުގައި އެ ޤައުމުތަކުން ގެންގުޅެނީ "އެމެރިކާއާ ދެކޮޅު" ސިޔާސަތުތަކެކެވެ. އަދި އެ ޤައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފް ނަގާނެކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ.
ދެކުނު އެފްރިކާ އިން ރަޝިޔާ އާއެކު ބާއްވާ ގާތް ގުޅުމާއި އެ ނޫންވެސް ބައެއް ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ފާޑުކިޔުން އެ ޤައުމަށް ވަނީ އަމާޒުވެފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާ އިޒްރޭލާ ދެކޮޅަށް، ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގާކަމަށް ބުނެ ބައިނަލްއަޤްވާމީ ކޯޓަށް (އައި.ސީ.ޖޭ) މައްސަލަ ހުށަހެޅުން ހިމެނެ އެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަށް އަހަރެއް ފުރުނު ދުވަސްވަރު ރަޝިޔާ އާއި ޗައިނާ އާއެކު އަސްކަރީ ތަމްރީނުތައް ބޭއްވުމުން ވެސް ދެކުނު އެފްރިކާ އަށް އެމެރިކާގެ ފާޑުކިޔުން އަމާޒުވި އެވެ.
މި ތިން ޤައުމުން އެންމެ ފުރަތަމަ ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނުތައް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.






