ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ
ރައީސް މުޢިއްޒު ވެވަޑައިގެންނެވި ރަސްމާލެ ޓަނަލާއި އައްޑޫ ބްރިޖުގެ ވަޢުދުތައް ފުއްދަވާފައި ނުވާތީ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވަނީ ސަރުކާރުގެ އިޚުލާޞްތެރިކަމާ މެދު ސުވާލު އުފައްދަވާފައި. ދައުލަތުގެ ބަޖެޓު ފާސްކުރުމުގައި މާލިއްޔަތު ޤާނޫނުގެ ރޫޙާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށާއި، ޖޭއެސްސީ މެދުވެރިކޮށް ޝަރުޢީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އޮތްކަން އޭނާ ފާހަގަކުރެއްވި. ރައީސްގެ ބަހާއި ޢަމަލު ދިމާނުވާތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވި.


އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) | ރާއްޖެ އެމްވީ
ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން މިހާރު ގަބޫލެއް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް އިންތިޚާބެއް ކުރިމަތިވުމުން ރައްޔިތުންނަށް އޮޅުވާލުމުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި މިހާރު ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ރައީސް މުޢިއްޒު ދައްކަވާ ވާހަކަފުޅުތައް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
ޑރ. ޑީޑީ ވިދާޅުވީ ދޮގު މައްޗަށް ދޮގު ހަދަމުންހަދަމުން ގޮސް އެއީ ތަބީއީ ކަމަކަށް މިހާރު ވެފައިވާ ކަމަށާއި ރައީސް މުޢިއްޒަށް އޮޅިގެންވެސް ތެދެއް ހެއްދެވޭނެ ހެނެއް ހީނުވާ ކަމަށެވެ. ޑީޑީ ފާހަގަކުރެއްވީ މާލޭ ރައްޔިތުންނަށް ދެއްކި ހުވަފެނަކީ ރަސްމާލެއާއި މާލެއާ ގުޅުވާލަދޭނެ ބިއްލޫރި ޓަނަލް ކަމަށާއި އެ ޓަނަލް ފެނުނު ރައްޔިތަކު މި ޤައުމަކު ނެތް ކަމަށެވެ.
މިހާރު ރައީސް މުޢިއްޒު އަޅުގަނޑަކަށް ހިޔެއްނުވޭ އޮޅިގެން ވެސް ތެދެއް ހެއްދެވޭނެހެނެއް. އިނގޭތޯ. އެ އެހިސާބުގައި ކަންތައްތައް އޮތީ. މާލޭ ރައްޔިތުންނަށް ދެއްކި ހުވަފެނަކީ، އަދި ރަސްމާލެއާއި މާލެއާ ގުޅުވާލަދޭނެކަން ވިދާޅުވި ބިއްލޫރި ޓަނަލުން. އެ ޓަނަލް މި ހިސާބަށް ވެސް އިނގޭ ރައްޔިތަކު މި ޤައުމަކު ނެތް. އައްޑޫ ރައްޔިތުންނަށް ދެއްކި ހުވަފެނަކީ ކޮބައިތޯ؟ އައްޑޫ، ހުޅުދޫ، މީދޫއާއި، ހިތަދޫއާ ދޭތެރޭގައި ގުޅާލަދޭނެ ބްރިޖެއްގެ ވާހަކަ. އެ ބްރިޖުގެ ވާހަކަ މިހާރު ނުވެސް ދައްކަވާ އިނގޭތޯ؟ ވޭތުވެދިޔަ ދެ އަހަރު ހަމަ ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގައި އެ ބޭފުޅާގެ ރިޔާސީ ބަޔާން އިއްވަމުން ހަމަ އެކަމަށް އަލިއަޅުވާލައްވާ. އެކަމަކު، މިފަހަރުގެ ރިޔާސީ ބަޔާނުގައި އޭގެ ވާހަކައެއް ނުވެސް އާދޭ. ހަނދާނަކު ނުވެސް ދެއްތޯ. ހަނދުމަފުޅު ވެސް ނެތީ އެ ވާހަކަ ގެންނަންވެސް އިނގޭތޯ. އެހެންވީމާ، އެހިސާބުގައި ކަންތައްތައް އޮތީ އިނގޭތޯ.އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ)
ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންނަށް އަބަދަކު އޮޅުވާލައިގެން ރައްޔިތުންގެ މިޮޔަ ހައްދައިގެން ނޫޅެވޭނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ބޮޑު ތަނުން އެމްޑީޕީ ނަގާނެ ކަމަށާއި އެމްޑީޕީއަށް ތާއީދުކުރައްވާ އިންޑިޕެންޑެންޓް ކެންޑިޑޭޓުންވެސް ބޮޑު ތަނެއް ކާމިޔާބު ހޯދާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
ބަޖެޓުގެ ކޮންޓްރޯލް ރައީސް ގެންގުޅުއްވާތީ އެކަމާއި ގުޅިގެން ޑީޑީ ވިދާޅުވީ ސަރުކާރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު މާލިއްޔަތުގެ ގާނޫނުގެ ރޫޙާ ޚިލާފަށް ފާސްކުރެވިގެންދިޔަ ކަމަށް ގާނޫނީ ވަކީލުންނާއި އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ކަމަށެވެ. ބަޖެޓުގައި ކަނޑައެޅިފައި ހުންނަ ސިޔާސަތުތައް ސާފުކޮށް ފެންނަން އޮންނަންޖެހޭ ނަމަވެސް ގަނޑުކޮށް ފާސްކުރައްވާފައި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުގެ ތެރެއިން މުށުތެރެއަށް ފައިސާ ޖަމާކުރެވޭ ގޮތަށް އެކަން ކުރައްވާފައި އޮތް ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
ސަރުކާރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު ވެސް ހަމަ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަކޮށް އެމް.ޑީ.ޕީއަށް ނިސްބަތްވާ ވަރަށް ގިނަ މެންބަރުން އަދި އެކިއެކި މުއައްސަސާތަކުގައި ހަމަ ގާނޫނީ ވަކީލުން ވެސް ފާހަގަކުރައްވަމުން ގެންދެވި އެއް ކަމެއް އެ ވިދާޅުވަނީ އިނގޭތޯ. އެއީ މާލިއްޔަތުގެ ގާނޫނުގެ ރޫހާ ޚިލާފަށޭ އެ ބަޖެޓް އައީ. ބަޖެޓެއް ފާސްކުރެވިގެންދާއިރުގައި އެ ބަޖެޓުގައި ކަނޑައެޅިފައި ހުންނަ ސިޔާސަތުތަކެއް އެބަ އޮންނަންޖެހޭ، އެ ކޮން ސިޔާސަތަކަށް، ކޮން ރަށަކަށް، ކޮން މަޝްރޫޢުތަކަށް ކަނޑައެޅިފައި ހުންނަ ފައިސާތަކެއްކަން ވަރަށް ސާފުކޮށް ފެންނަން އެނގެން އޮންނަންޖެހޭ. އެހެންނަމަވެސް، ހަމަ ގަނޑުކޮށް އެ ބޭފުޅުން އެ ފާސްކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުގެ ތެރެއިން މުށުތެރެއަށް އެ ފައިސާ ޖަމާކުރެވޭ ގޮތަށް އެކަން ކުރައްވާފައި އެ އޮތީ. އެކަންވެސް އެ ކުރެއްވީ ހަމަ އެއްކަލަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެ ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން.އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ)
ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ވާހަކަ ވެސް ޑރ. ޑީޑީ ފާހަގަކުރެއްވި އެވެ. ހުވާކުރެއްވި ދުވަހު ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުން ހިސާބުން ނިމުނީ ކަމަށް ވިދާޅުވި ނަމަވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި މިހާރުވެސް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މެޖޯރިޓީ ކަމަށާއި މުޅި ޖުޑީޝަރީގެ ކޮންޓްރޯލް ސިޔާސީ ނުފޫޒުގެ ބާރުވެރިކަމުގެ ތެރޭގައި އޮތް ކަމަށް ޑީޑީ ވިދާޅުވިއެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅާއި ޢަމަލުފުޅު ދިމާ އިދިކޮޅަށް ކަމުދަނީ ހުރިހާ މަރުޙަލާތަކެއްގައިވެސް ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.








