ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!
ސަރުކާރުން ކެނދިކުޅުދޫ ކުޅިއާއި އެެހެން ރަށްރަށުގެ ކުޅި ދައްކައިގެން ބޭރު ގައުމުތަކުން ފަންޑު ގެންނަ ނަމަވެސް އެ ފަންޑުތަކަށް ވާގޮތެއް ނޭނގޭ ކަމަށާއި ނުވިތާކަށް އެއްވެސް މަސައްކަތެއް ކުރަން ވެސް ހުއްދައެއް ނުލިބޭ ކަމަށާއި، ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ފަންޑު ހޯދި ނަމަވެސް ރަށެއް ހަލާކުވެގެންދާ އިރު ވެސް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނޭ.


ކެނދިކުޅުދޫ ފުއްޓަރު ފަރާތުން ބޮޑު ބައެއް ގިރައިގެން ގޮސްފައި. | ރާއްޖެ އެމްވީ
ނ. ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 2 ފަހަރު ވިދާޅުވި ނަމަވެސް އެކަމެއް ނުކޮށްދެއްވި ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކެނދިކުޅުދޫ ރަށް ގިރުމުގެ މައްސަލައަކީ އެރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިކަމުގެ ސަބަބުން ރަށުގެ ބިމުން ބޮޑު ބައެއް ގިރައިގެން ގޮސް ރަށުގެ ގުދުރަތީ މުއްސަނދިކަމަށް ވެސް ވަރަށް ބޮޑަށް ދަނީ ހަލާކުވަމުންނެވެ. މި މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2 ފަހަރުގެ މަތިން ވަނީ ވައުދުވެފަ އެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވަޑައިގެން ކެނދިކުޅުދޫ ފުއްޓަރު ފަރާތް ހިމާޔަތް ކޮށްދެއްވާނެ ކަމަށް ވަައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް މުއިއްޒު ދެ ފަހަރަަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރެއްވި ކަމަށާއި، އެ ބައްދަލުވުމުގައި ވެސް އެވާހަކަ ދެއްކެވި ކަމަށެވެ. މީގެ އިތުރުން ރައީސް އޮފީހުން ވެސް ލިޔުމެއް އައި ކަމަށާއި، އެ ލިޔުމުގައި އޮތީ ރަށުގެ ރައްޔިތުން ބޭނުންވާ 3 ކަމަކީ ކޮބައިތޯ ކަމަށް ހަސަން ވިދާޅުވި އެވެ.
ދެން އަޅުގަނޑުމެން މުވައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލުކުރިން. ދެން ރަށުގެ ރައްޔިތުންނާއި ވެސް މައުލޫމާތު ހިއްސާ ކުރިން. ހުރިހާ ބޭފުޅުން ވެސް ބޭނުންވަނީ އަޅުގަނޑުމެން ކައުންސިލަށް ފެނުނު ފުއްޓަރު ހިމާޔަތްކުރުމަށް. އެހެންވީމަ 3 ކަންތައްތަކުގެ ތެރެއިން ވެސް ލިސްޓުގައި 1 ވަނަ އަށް އިންނާނީ ފުއްޓަރު ހިމާޔަތްކޮށްދޭށޭ. އަޅުގަނޑުމެންނަށް ލިބިފައި ހުރި ގުދުރަތީ ރީތިކަން، މިކޯރުތައް ހިމާޔަތްކުރެވޭނީ މި ފުއްޓަރު ހިމާޔަތް ކޮށްދީގެންނޭ. އެހެން ނޫންނަމަ ކުރިއަށް އޮތް ޖީލުތަކަށް މި ރަށުގެ ގުދުރަތީ ރީތިކަން ރީތި ކޯރުތައް ހިމާޔަތް ނުކޮށްދެވޭނެ. އެގޮތުގެ މަތިން 3 ފަހަރު ވެސް އަޅުގަނޑުމެން އިންނާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ރައީސް އޮފީހަށް ވެސް އަދި އެންވަޔަރަމަންޓް މިނިސްޓްރީ އަށް ވެސް އޮންނާނެ އެކަން އަންގާފައި.ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު
ހަސަން ވިދާޅުވީ ރަށް ގިރުމުގެ ސަބަބުން ހުޅަނގު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑު ވައި ޖެގޭ މޫސުމުގައި ބަދަލުވާ ކަމަށެވެ. އަދި އެއާއެކު ވެލިގަނޑު އައިސް ކުޅި ތެރެއަށް ވަންނަ ކަމަށާއި، އެއާއެކު ހުޅަނގު ފަރާތުން ވެސް ރަށް ގިރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކަނޑޫފާގައި ހެދޭ އެކި ވައްތަރުގެ ގަސްތައް ނެތިގެން ދާ ކަމަށެވެ.
ހަސަން ވިދާޅުވީ ކޯރު ތެރެގައި ހުންނަ ރަނގަޅު ފެނަށްވުރެ ލޮނު ފެނުގެ އަސަރު ބޮޑުވުމުން ކަނޑުލާއި ރަނޑޫ ގަސް މަރުވަމުންދާ ކަމަށެވެ.
އެކަމަކު މިކަހަލަ ހާލަތެއް ދިމާވެއްޖެނަމަ ކެނދިކުޅުދޫ ރައްޔިތުންނަށް ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރެވޭ ބައިވަރު ކާނާ އެބަހުރި ކުޅި ކައިރީގައި ހެދިފައި. އެ ނެތިދަނީ. ދެން އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެސް ވާހަކަ ދެއްކޭ. އެމީހުންގެ ބޮޑު ކޮންސާނަކީ ވެސް ގުދުރަތީ ނިޒާމު ހަލާކުވެގެންދާތީ. އެބޭފުޅުން ވެސް ވަރަށް ބޮޑު މަސައްކަތް ކޮށްދެއްވާ. އެހެންނަމަވެސް އަލިމަގެއް ފެންނަ ގޮތެއް ނުވޭ.ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަ
ހަސަން ވިދާޅުވީ ކޯރު ހިމާޔަތްކޮށް ރަށް ގިރުމުގެ މައްސަލަ ކައުންސިލް ފެންވަރުގައި ނުކޮށްދެވޭނެ ކަމަށާއި، މިއީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަސަން ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވަނީ ކޮށްދެއްވާނެ ކަމަށާއި، އެހެން ނަމަވެސް ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ކެނދިކުޅުދޫ ކުޅިއާއި އެެހެން ރަށްރަށުގެ ކުޅި ދައްކައިގެން ބޭރު ގައުމުތަކުން ފަންޑު ގެންނަ ކަމަށާއި، އެހެންނަމަވެސް އެ ފަންޑުތަކަށް ވާގޮތެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނުވިތާކަށް އެއްވެސް މަސައްކަތެއް ކުރަން ވެސް ހުއްދައެއް ނުލިބޭ ކަމަށާއި، ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ފަންޑު ހޯދި ނަމަވެސް ރަށެއް ހަލާކުވެގެންދާ އިރު ވެސް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ހަސަން ވިދާޅުވި އެވެ.








