ބަންގްލަދޭޝްގެ އައު ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވައިފި
ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހުވާ ލައިދެއްވީ އެ ޤައުމުގެ ޗީފް އެލެކްޝަން ކޮމިޝަނަރު އޭއެމްއެމް ނާސިރުއްދީން. އެ ހުވާގައި މެމްބަރުން ވަނީ ބަންގްލަދޭޝް އަށް ވަފާތެރިވުމަށް ހުވާ ކުރައްވާފައި.


ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޠާރިޤް ރަޙްމާން | އޭއެފްޕީ
ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހަށް އަލަށް އިންތިޚާބުވި މެމްބަރުން ހުވާ ކުރައްވައިފި އެވެ.
އައު ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު އެވެ. މިއީ 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި އަނިޔާވެރި ހަމަނުޖެހުން ތަކަށް ފަހު، ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ.
ހުވާ ކުރެއްވި މެމްބަރުންގެ ތެރޭގައި ބަންގްލަދޭޝްގެ އައު ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ ޠާރިޤު ރަޙްމާން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެންމެ ފަހުން ބަންގްލަދޭޝްގެ ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ޝައިޚް ހަސީނާގެ ސަރުކާރުގެ ވައްޓާލި ފަހުން، މިހާތަނަށް އެ ޤައުމުގައި އޮތީ ވަގުތީ ސަރުކާރެކެވެ.
ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހުވާ ލައިދެއްވީ އެ ޤައުމުގެ ޗީފް އެލެކްޝަން ކޮމިޝަނަރު އޭއެމްއެމް ނާސިރުއްދީން އެވެ. އެ ހުވާގައި މެމްބަރުން ވަނީ ބަންގްލަދޭޝް އަށް ވަފާތެރިވުމަށް ހުވާ ކުރައްވައިފަ އެވެ. ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ މެމްބަރުން، އަންގާރަ ދުވަހުގެ ވަގުތެއްގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް ޠާރިޤު ރަޙްމާން ރަސްމީކޮށް އިންތިޚާބު ކުރާނެ އެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްވެ، އެ ޤައުމުގެ ބޮޑު ވަޒީރު ކަމުގެ ހުވާ ޠާރިޤު ރަޙްމާން އަށް ލައިދެއްވާނެ އެވެ.
ޠާރިޤު ރަޙްމާންގެ ލީޑާޝިޕްގެ ދަށުން ބީއެންޕީ އިން ވަނީ މި މަހު ކުރިއަށް ގެންދިޔަ ބަންގްލަދޭޝްގެ އާންމު އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ކާމިޔާބީ އިއުލާން ކުރައްވަމުން ޠާރިޤު ރަޙްމާން ވިދާޅުވީ، އެ ކާމިޔާބީ ލިބިފައި ވަނީ ބަންގްލަދޭޝް އާއި، އެ ޤައުމުގެ ޑިމޮކްރަސީ އަށް ކަަމަށެވެ. އަދި އެ ކާމިޔާބީ ލިބިފައި ވަނީ ޑިމޮކްރަސީ އަށް އުންމީދު ކޮށްގެން އެތައް ޤުރުބާނީއެއްވީ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ބަންގްލަދޭޝްގެ ކުރިމަތީގައޮ އޮތް ނުރައްކާ ތަކުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފަ އެވެ. ބަންގްލަދޭޝް އަކީ ދުނިޔޭގައި ދެ ވަނަ އަަށް އެންމެ ގިނައިން ހެދުން އެކްސްޕޯޓު ކުރާ ޤައުމު ކަމަށްވާއިރު، އެ ޤައުމަށް ވަނީ އިޤްތިޞާދީ މައްސަލަ ތަކެއް ކުރިމަތިވެފަ އެވެ. އައު ސަރުކާރަށް އޮތް އެންމެ ބޮޑު މަސައްކަތަކަށް ވާނީ ބަންގްލަދޭޝްގެ އިޤްތިޞާދު ރަނގަޅުކޮށް، ޤައުމު ރަނގަޅު މިސްރާބުގައި ކުރިއަަށް ގެންދިޔުމެވެ.
އެއާ އެކު ޠާރިޤު ރަޙްމާން ވަނީ ޤައުމަށް ހަމަޖެހުން ގެނެސް، ބަންގްލަދޭޝްގެ ރައްޔިތުންނަށް އުފާވެރި އަދި އަމާން ދުވަސް ތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފަ އެވެ. ދެން އުފެދޭނީ ރައްޔިތުންގެ ސަރުކާރެއް ކަމަށް ވިދާޅުވެ، ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މަސްދަރު: އޭއެފްޕީ





