ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް!
ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބުގައި ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް އޮތްއިރު، މިއީ ގައުމުގެ ހަމަޖެހުމާއި އިގްތިސާދަށް ނުހަނު މުހިންމު އިންތިޚާބެއް. މި އިންތިޚާބުގެ ނަތީޖާ އާ އެކު ސަރަހައްދީ ބާރުތައް ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ނުފޫޒަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ވޯޓުލާ މީހުން އެންމެ ބޮޑަށް ބޭނުންވަނީ ކޮރަޕްޝަން ނައްތާލައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގާބިލް ސަރުކާރެއް އައުމަށް.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޕައްލަބީގައި 2026 ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި ކެމްޕޭން ރެލީއެއްގެ ތެރެއިން، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ތާއީދުކުރާ އަންހެނަކު އެ ޕާޓީގެ އިންތިޚާބީ ނިޝާން ހިފައިގެން. | ރޮއިޓާސް
ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ 15 އަހަރުވީ ދިގު ވެރިކަމުގައި ބޭއްވި އިންތިޚާބުތަކުގައި ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކަށް މަގުމަތީގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށެވެ. އެ ދުވަސްވަރު އިދިކޮޅު ޕާޓީތަކުން އިންތިޚާބުތައް ބޮއިކޮޓް ކުރިއިރު، އިސް ލީޑަރުން ތިއްބެވީ ގިނަ އަދަދަކަށް ހައްޔަރުކޮށް ބާކީކޮށްފަ އެވެ. ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ބާއްވާ އިންތިޚާބާ ކުރިމަތިލާއިރު، މި މަންޒަރު މިވަނީ މުޅިން ބަދަލުވެފަ އެވެ.
ހަސީނާގެ އަވާމީ ލީގު މިހާރު އޮތީ ހަރަކާތްތެރިވުން މަނާ ކޮށްފަ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މުޒާހަރާތަކުގައި އޭނާގެ ސަރުކާރު ވައްޓާލުމަށް އެހީތެރިވި ގިނަ ޒުވާނުން ބުނާ ގޮތުގައި، މިއީ 2009 ވަނަ އަހަރު ހަސީނާގެ ވެރިކަން ފެށުނު ފަހުން މުސްލިމް އަޣުލަބިއްޔަތު އޮންނަ މި ގައުމުގައި ބާއްވާ ފުރަތަމަ ވާދަވެރި އިންތިޚާބެވެ.
މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިންނެވެ. އެހެންނަމަވެސް ޖަމާއަތޭ އިސްލާމީ އިސްވެ އޮތް ކޯލިޝަނުން ދަނީ ވަރުގަދަ ގޮންޖެހުމެއް ކުރިމަތިކުރަމުންނެވެ. އުމުރުން 30 އަހަރުން ދަށުގެ "ޖެން-ޒީ" އެކްޓިވިސްޓުން އިސްވެ އުފެއްދި އާ ޕާޓީ ވެސް މިހާރު ވަނީ މި ޕާޓީއާ ގުޅިފަ އެވެ. އެއީ ހަސީނާ އާ ދެކޮޅަށް މަގުމަތީގައި ދެއްކި ބާރު، އެކަނި އިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބީއަކަށް ބަދަލުކުރުމަށް އެ ޕާޓީއަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.
ބީއެންޕީގެ ވެރިޔާ ތާރިގު ރަހުމާން ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 292 ގޮނޑިއަށް އެ ޕާޓީން ވާދަކުރާ ކަމަށާއި، "ސަރުކާރެއް އެކުލަވާލެވޭ ވަރަށް" ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ފެބްރުއަރީ 12 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވަކި ކޮޅަކަށް ބުރަވާ ސާފު ނަތީޖާއެއް ނުކުތުމަކީ 175 މިލިއަން މީހުންގެ އާބާދީއެއް އޮތް މި ގައުމުގެ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން އަންނައުނު އެކްސްޕޯޓްކުރާ ބަންގްލަދޭޝްގެ ގާމެންޓް ސިނާއަތް ހިމެނޭހެން ބޮޑެތި ސިނާއަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މި އިންތިޚާބުގެ ނަތީޖާގެ ސަބަބުން ދެކުނު އޭޝިއާގެ މި ގައުމުގައި ސަރަހައްދީ ބާރުތައް ކަމަށްވާ ޗައިނާ އާއި އިންޑިއާގެ ދައުރަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ.
ޑާކާގެ ސެންޓަރ ފޯ ގަވަރނަންސް ސްޓަޑީޒްގެ އެގްޒެކެޓިވް ޑިރެކްޓަރ ޕަރުވޭޒް ކަރީމް އައްބާސީ ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ބީއެންޕީ ކުރީގައި އުޅޭކަން ދެއްކި ނަމަވެސް، ވޯޓުލާ މީހުންގެ ބޮޑު ބަޔަކު އަދިވެސް ވަކި ގޮތެއް ނުނިންމާ ތިބިކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި ވޯޓުލާ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ "ޖެން-ޒީ" ޒުވާނުން ވޯޓުލާ ގޮތަކީ ނަތީޖާއަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުޅި ބަންގްލަދޭޝްގެ މަގުތަކުން މިހާރު ފެންނަނީ ބީއެންޕީގެ "ގޮދަން ކޯނީގެ" ރަމްޒާއި ޖަމާއަތޭ އިސްލާމީގެ "ތިލަފަތް" ޖަހާފައިވާ ކަޅާއި ހުދުގެ ޕޯސްޓަރުތަކާއި ބެނާތަކެވެ. މި ތަކެތި ކަރަންޓު ހޮޅިދަނޑިތަކާއި ގަސްގަހާގެހީގައި ހަރުކޮށްފައިވާއިރު، މިނިވަން ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ވެސް މަގުމަތީގެ ފާރުތަކުގައި ވަނީ ހަރުކޮށްފަ އެވެ. ކަންކަންމަތީގައި ހުންނަ ޕާޓީ ޖަގަހަތަކުން ދަނީ ކެމްޕޭން ލަވަތައް ބާރަށް ޖަހަމުންނެވެ.
މިއީ އަވާމީ ލީގުން ގެންގުޅުނު "އޮޑި" ރަމްޒު ކޮށްދޭ ނިޝާން މުޅި ގައުމުގައި ގަދަވެފައި އޮތް ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު ފެންނަ ވަރަށް ބޮޑު ތަފާތެކެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އެއް އިރެއްގައި މަނާކޮށްފައި އޮތް ޖަމާއަތޭ އިސްލާމީ އަށް މިފަހަރުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ އެވެ. އެ ޕާޓީއަކީ 1971 ވަނަ އަހަރު އިންޑިއާގެ އެހީތެރިކަމާ އެކު ޕާކިސްތާނުގެ ކިބައިން ބަންގްލަދޭޝް މިނިވަންވުމާ ދެކޮޅު ހެދި ޕާޓީއެކެވެ.
އިންޑިއާގެ ނުފޫޒު ކުޑަވެ ޗައިނާގެ ބާރު ގަދަވަނީ
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައި ބަންގްލަދޭޝްގައި ޗައިނާ އާއި އިންޑިއާގެ ދައުރު ކަނޑައެޅުމުގައި މި އިންތިޚާބުގެ ނަތީޖާ މުހިންމު ދައުރެއް އަދާކުރާނެ އެވެ. އިންޑިއާ އާ ގާތް ގުޅުމެއް ބޭއްވި ހަސީނާ ވެރިކަމުން ވައްޓާލުމުން އޭނާ ފިލައިގެން ވަޑައިގަތީ އިންޑިއާގެ ނިއުދިއްލީއަށެވެ. އޭނާ އަދިވެސް ހުންނެވީ އެތަނުގަ އެވެ. ހަސީނާ ވަޑައިގަތުމާއެކު ބަންގްލަދޭޝްގައި ޗައިނާގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ.
ބަންގްލަދޭޝް ގެ މައްޗަށް ނިއުދިއްލީގެ ނުފޫޒު ކުޑަވަމުންދާއިރު، ބައެއް މުހައްލިލުން ދެކޭ ގޮތުގައި ބީއެންޕީ އަކީ ޖަމާއަތޭ އިސްލާމީ އަށް ވުރެ ބޮޑަށް އިންޑިއާ އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ޕާޓީއެކެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ ސަރުކާރެއް އަތުވެއްޖެނަމަ، އެ ގައުމުން ބޮޑަށް ބުރަވާނީ މުސްލިމް އަޣުލަބިއްޔަތު އޮންނަ ޕާކިސްތާނަށެވެ. މިއީ ހިންދޫ އަޣުލަބިއްޔަތު އޮންނަ އިންޑިއާގެ ޒަމާންވީ ވާދަވެރިއެކެވެ. މީގެ އިތުރުން، ޖަމާއަތޭ އިސްލާމީއާ ގުޅިފައިވާ ޒުވާނުންގެ ޕާޓީން ބުނެފައިވަނީ ބަންގްލަދޭޝްގައި އޮތް "އިންޑިއާގެ ބާރުވެރިކަމަކީ" އެމީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. އެ ޕާޓީގެ ލީޑަރުން ދާދިފަހުން ވަނީ ޗައިނާގެ ޑިޕްލޮމޭޓުންނާ ވެސް ބައްދަލުކޮށްފަ އެވެ.
އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައަކަށް ގޮވާލާ ޖަމާއަތޭ އިސްލާމީން ބުނެފައިވަނީ، އެ ޕާޓީން ވަކި ގައުމަކަށް ބުރަ ނުވާނެ ކަމަށެވެ.
ބީއެންޕީގެ ރަހުމާން ވިދާޅުވީ، އެ ޕާޓީން ސަރުކާރެއް އެކުލަވާލައިފިނަމަ، ބަންގްލަދޭޝްގެ ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތްތައް ހުށަހަޅާ ކޮންމެ ގައުމަކާއެކު ވެސް އެކުވެރި ގުޅުމެއް ބާއްވާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އަދި ފަގީރުކަން ބޮޑު އެއް ގައުމު ކަމަށްވާ ބަންގްލަދޭޝްއަށް ވަނީ ތަކެތީގެ އަގު އުފުލުމާއި، ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، އިންވެސްޓްމަންޓްތައް މަދުވުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. މީގެ ސަބަބުން 2022 ވަނަ އަހަރުން ފެށިގެން އެ ގައުމުން ދަނީ އައިއެމްއެފް އާއި ވޯލްޑް ބޭންކް ފަދަ އިދާރާތަކުން ބިލިއަނުން ޑޮލަރުގެ އެހީ ހޯދަމުންނެވެ.
ޑާކާގެ ދިރާސާކުރާ އިދާރާތަކުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، 128 މިލިއަން ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮރަޕްޝަނެވެ. ދެން އެންމެ ބޮޑު މައްސަލައަކީ ތަކެތީގެ އަގު އުފުލުމެވެ.
މުހައްލިލުން ބުނާ ގޮތުގައި، ޖަމާއަތޭ އިސްލާމީގެ ދީނީ ފިކުރަށްވުރެ ބޮޑަށް، އެ ޕާޓީގެ "ސާފު" ސޫރައަކީ ވޯޓުލާ މީހުން އެ ޕާޓީއަށް ތާއީދުކުރުމަށް މެދުވެރިވާ ސަބަބެކެވެ.
ސާވޭއިން ދައްކާ ގޮތުގައި، ވޯޓުލާ މީހުން ބޭނުންވަނީ ދީނީ ނުވަތަ ރަމްޒީ ކަންކަމަށްވުރެ ބޮޑަށް، ކޮރަޕްޝަނާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދައިދޭނެ، ގާބިލް އަދި ޒިންމާދާރު ލީޑަރުންނެވެ.
އެހެންނަމަވެސް، ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުން ތާރިގު ރަހުމާން އަކީ ދެން އަންނަ ސަރުކާރެއްގެ އެންމެ ކުރީގައި ހުންނަވާނެ ފަރާތް ކަމަށް ބެލެވެއެވެ. އެކަމަކު ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ ކޯލިޝަނަށް ކުރި ލިބިއްޖެނަމަ، އެ ޕާޓީގެ އަމީރު ޝަފީގުއްރަހުމާން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތެވެ.





