ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ
މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަ ކުރަނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި، ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ ކޯލިޝަން. ކި ކޯލިޝަންގައި ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރި ޒުވާން އެކްޓިވިސްޓުން އުފެއްދި ނޭޝަނަލް ސިޓިޒަންސް ޕާޓީ ވެސް ހިމެނޭ.


ބަންގްލަދޭޝްގައި ކުރިއަށް ދާ އިންތިޚާބުގައި ވޯޓުލާން ޖަމާވެފައި ތިބި މީހުން ކިއޫގައި | ރޮއިޓާސް
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށް ދަރިވަރުން އިސްވެ ކުރި މުޒާހަރާ ތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވި ފަހުން ބާއްވާ ފުރަތަމަ އިންތިޚާބުގައި، އެ ޤައުމުގެ ރައްޔިތުން ވޯޓުލާން ފަށައިފި އެވެ.
ބުރާސްފަތި ދުވަހު ބަންގްލަދޭޝްގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު، މިއީ ބަންގްލަދޭޝްގެ މުސްތަޤުބަލާއި، ޑިމޮކްރަސީގެ މިސްރާބު ކަނޑައެޅުމުގައި ނުހަނު މުހިންމު އިންތިޚާބެއްގެ ގޮތުގައި ބެލެވިފައިވާ އިންތިޚާބެކެވެ.
މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަ ކުރަނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި، ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ ކޯލިޝަން އެވެ. ކި ކޯލިޝަންގައި ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރި ޒުވާން އެކްޓިވިސްޓުން އުފެއްދި ނޭޝަނަލް ސިޓިޒަންސް ޕާޓީ ވެސް ހިމެނެ އެވެ.
ދެކުނު އޭޝިއާގެ މި ޤައުމުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ގާތް ގަނޑަކަށް 127 މިލިއަން މީހުން ރަޖިސްޓްރީވެފައިވެ އެވެ.
ބޮޑު ވަޒީރު ކަމަށް އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނަކީ ކޮރަޕްޝަންއާ ދެކޮޅު ކެމްޕެއިނެއް ކުރިއަށް ގެންދަވާ ބީއެންޕީގެ ޠާރިޤު ރަޙުމާނާއި، ޖަމާއަތޭ އިސްލާމީގެ އަމީރު ޝަފީގުއް ރަޙުމާން އެވެ. ޝަފީގުއް ރަހުމާން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ގިނަ ދުވަސް ތަކެއް ވަންދެން ސިޔާސީ މައިދާނުން އެކަހެރި ކޮށްފައި އޮތް ޕާޓީ އަކީ ޒަމާނީ އަދި އިތުބާރު ހުރި ބަދަލެއް ގެނެސްދޭނެ ބާރެއްގެ ގޮތުގައި ދެއްކެވުމަށެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އެތައް ލައްކަ ސަލާމަތީ ބާާރު ތަކެއް މަގު ތަކަށް ނެރެފައި ވީ ނަމަވެސް، ވޯޓުލާ މީހުންގެ މެދުގައި ބޮޑު އުންމީދެއް އޮތްކަން ފާހަގަ ކުރެވެ އެވެ. މިއީ 2008 ވަނަ އަހަރު ޝައިޚް ހަސީމާ ވެރިކަމަށް ވަޑައިގެން، ފަސް އަހަރު ވަންދެން ކުރެއްވި ހުދުމުޚުތާރު ވެރި ކަމަށް ފަހު، މިނިވަން އަދި އިންސާފުވެރިކޮށް ބާއްވާ ފުރަތަމަ އިންތިޚާބު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.
ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގެ ގުލްޝަން ސަރަހައްދުން ވޯޓުލީ ޒައިނަބު ލުތުފަން ނަހަރު އަލް ޖަޒީރާ އަށް ބުނީ، މިއީ ވަރަށް އަސަރު ގަދަ އަދި ބާރުވެރިކަން އިހުސާސް ކޮށްދިން ތަޖުރިބާއެއް ކަމަށެވެ. އޭނާ ބޭނުން ވަނީ ޤައުމު ކުރިއަރައިގެން ދިޔުން ކަމަށާއި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުވެފައިވާ ޑިމޮކްރެޓިކް ޤައުމަކަށް ބަންގްލަދޭޝް ވުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޗީފް އިލެކްޝަން ކޮމިޝަނަރު އޭއެމްއެމް ނާސިރުއްދީން ވިދާޅުވީ، މި އިންތިޚާބަކީ ފަހުގެ ތާރީޚުގައި ފެނިގެން ދިޔަ ރޭވުންތެރި އިންތިޚާބު ތަކާ މުޅިން ތަފާތު އިންތިޚާބަކަށް ވާނެ ކަމަށެވެ. އަދި ވޯޓުލާ މަރުކަޒު ތަކަށް އަތް ގަދަ ކުރުމާއި، ވޯޓު ފޮށިތައް ވަގަށް ނެގުމުގެ ތާރީޚު ހަނދާން ނައްތާލަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ގިނަކަން ފާހަގަ ކުރައްވަމުން ނާސިރުއްދީން ވިދާޅުވީ، ބަންގްލަދޭޝް މިހާރު ވަނީ ޑިމޮކްރަސީގެ ރޭލަށް އަރާފައި ކަމަށާއި، ވަރަށް އަވަހަށް އޭގެ މަންޒިލަށް ދެވޭނެ ކަމަށެވެ. އިންތިޚާބުގެ ކަންކަން ވީހާ ވެސް އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އާންމު އިންތިޚާބާ އެކު އެކީގައި، ޤާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތަކާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވެސް ކުރިއަަށް ގެންދާނެ އެވެ. މިއީ ދަރިވަރުންގެ މުޒާހަރާ ތަކަށް ފަހު، ނޯބެލް އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސްގެ އިރުޝާދުގެ ދަށުން އުފެއްދި ވަރުގަދަ ސަރުކާރުން އެކުލަވާލާފައިވާ އިސްލާޙު ތަކެކެވެ.
މަސްދަރު: އަލް ޖަޒީރާ





