ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތޯރިގް ރަހުމާނަކީ ކޮން ބޭފުޅެއް؟
ބަންގްލަދޭޝްގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ޒިއާ އާއިލާއަކަށް ނިސްބަތްވާ ތޯރިގް ރަހުމާނަކީ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން 17 އަހަރު ވަންދެން އަރުވާލެވިގެން ގައުމުން ބޭރުގައި އުޅުއްވި ބޭފުޅެއް. އޭނާގެ މަންމާފުޅު ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން ބީއެންޕީގެ ލީޑަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު، އޭނާގެ މައްޗަށް ކުރެވުނު ޖިނާއީ ހުރިހާ ދައުވާތަކަކުން މިހާރު ވަނީ ބަރީއަވެފައި. އާއިލީ ނުފޫޒުގެ ތުހުމަތުތަކާއެކުވެސް، ތާރިގްގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަދަލުހިފުމުގެ ސިޔާސީ ސަގާފަތް ދޫކޮށް ގައުމު ކުރިއަށް ގެންދިއުން.

ތޯރިގް ރަހުމާން އިސްކޮށް ހުންނަވައިގެން ލީޑްކުރައްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން، ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ވަނީ ހޯދާފައި. | އެކްސް
ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އަޣުލަބިއްޔަތު ހޯދުމާ ގުޅިގެން، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމުގެ މަގު ތޯރިގް ރަހުމާނަށް މިވަނީ ތަނަވަސްވެފަ އެވެ.
އުމުރުފުޅުން 60 އަހަރުގެ ތާރިގް ރަހުމާނަކީ، އެތައް އަހަރުތަކެއް ވަންދެން ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ޒިއާ އާއިލާގެ އެންމެ އިސް ސަޚްސިއްޔަތެވެ. އޭނާގެ މައިންބަފައިންނަކީ ވެސް މީގެ ކުރިން ބަންގްލަދޭޝްގެ ވެރިކަން ކުރެއްވި ބޭފުޅުންނެވެ.
ނަމަވެސް، ތޯރިގް ރަހުމާން ސިޔާސީ ދާއިރާގެ އެންމެ އުސްމިނަށް ކުރެއްވި ދަތުރަކީ އޮމާން، އަމާން ދަތުރެއް ނޫނެވެ. އޭނާގެ ސިޔާސީ ހަޔާތުގައި އިދިކޮޅު ފަރާތްތަކުން އާއިލީ ނުފޫޒު ބޭނުންކުރުމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އޭނާ ވަނީ ގައުމުން ބޭރުގައި އަރުވާލެވިގެން ދިގު މުއްދަތެއް ހޭދަކުރައްވާފަ އެވެ. އަދި އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލުމަކީ ވެސް އޭނާގެ ހަޔާތުގައި ކުރިމަތިވި ބޮޑު ހިތާމައެކެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަދި ތޯރިގްގެ މަންމާފުޅު ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން، އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އޭނާ ވަނީ ބީއެންޕީގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. ތޯރިގް ރަހުމާން އެންމެ ފުރަތަމަ ބީއެންޕީގެ ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާން ފެއްޓެވީ 2001 ވަނަ އަހަރު، އުމުރުފުޅުން 30 ގެ އަހަރުތަކުގަ އެވެ. އެއީ އޭނާގެ މަންމާފުޅު ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރެވެ. ޚާލިދާ ޒިއާގެ ފުރަތަމަ ދައުރު ދެމިގެން ދިޔައީ 1991ން 1996 އަށެވެ. ތޯރިގްގެ ބައްޕާފުޅު، އަދި އަސްކަރީ ވެރިޔާ ކަމުން ރައީސްކަމަށް ވަޑައިގެންނެވި ޒިއާއުއްރަހުމާން އަވަހާރަކޮށްލީ 1981 ވަނަ އަހަރު ގެނައި އަސްކަރީ ބަޣާވާތެއްގަ އެވެ. އޭނާ އަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ޖިހާދުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ އިތުރުން، 1978 ވަނަ އަހަރު ބީއެންޕީ އުފެއްދެވި ބާނީ ވެސް މެއެވެ.
2002 ވަނަ އަހަރު، ތާރިގް ރަހުމާން ބީއެންޕީގެ އިސް މަގާމަކަށް އައްޔަންކުރިކަން އިއުލާނުކުރުމާ އެކު، އޭނާގެ މައިންބަފައިންގެ ފިޔަވަޅުމަތިން ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމުގެ ފުރަތަމަ ބޮޑު ފިޔަވަޅު އެޅުއްވި އެވެ.
އެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ވަނީ އޭނާގެ ކުރިއެރުމަކީ އާއިލީ ނުފޫޒު ބޭނުންކޮށްގެން ހޯދި ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭގެ ފަހުން އޭނާ މަޝްހޫރުވެގެން ދިޔައީ ޕާޓީގެ ތެރޭގައި އަދަބު އަޚްލާގު ހިފެހެއްޓުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން، އަމިއްލަ ފައިދާ ހޯދުމަށް މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމުގެ ތުހުމަތު ވެސް ތޯރިގްގެ މައްޗަށް މީގެ ކުރިން ކުރެވިފައިވެ އެވެ. ނަމަވެސް އޭނާ އަބަދުވެސް ގެންދަވަނީ އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އެއީ ސިޔާސީ އިދިކޮޅު ފަރާތްތަކުން އޭނާގެ އަބުރު ކަތިލުމަށް ކުރި ކަންތައްތަކެކެވެ.
އަސްކަރިއްޔާގެ ތާއީދާއެކު އުފެއްދި ވަގުތީ ސަރުކާރުގެ ދުވަސްވަރު، 2007 ވަނަ އަހަރު ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ދުވަސްވަރު އަނިޔާކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލުގައި 18 މަސް ދުވަސް ހޭދަކުރެއްވުމަށްފަހު މިނިވަންވެވަޑައިގެން، އޭނާ ވަނީ ލަންޑަނަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ.
އެ ދުވަސްވަރުގެ ރިޕޯޓްތައް ބުނާގޮތުން، އޭނާ ބަންގްލަދޭޝް އިން ފުރައިގެން ދިއުމުގެ ހުއްދަ ދިނީ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ވައުދުވެވަޑައިގަތުމުންނެވެ.
އޭގެ ފަހުން 17 އަހަރު ވަންދެން ތޯރިގް ރަހުމާން އަމިއްލަ ގައުމަށް އެނބުރި ވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް، ގައުމުން ބޭރުގައި ދިރިއުޅުއްވި ނަމަވެސް، އޭނާ ގެންދެވީ ބީއެންޕީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އިސް ދައުރެއް އަދާކުރައްވަމުންނެވެ. އަދި 2018 ވަނަ އަހަރު އޭނާގެ މަންމާފުޅަށް ޖަލު ހުކުމެއް އައުމާ ގުޅިގެން، އޭނާ ގެންދެވީ ޕާޓީގެ އެކްޓިން ޗެއާމަންގެ މަގާމު ފުރުއްވަމުންނެވެ.
ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝައިޚް ހަސީނާގެ ވެރިކަމުގައި ތޯރިގްގެ މައްޗަށް ޖިނާއީ އެތައް ތަހުގީގެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި 2004 ވަނަ އަހަރު ސިޔާސީ އެއްވުމަކަށް ދިން ގްރެނޭޑް ހަމަލާއެއްގެ މައްސަލަ ހިމެނޭހެން، އޭނާގެ ޣައިރު ހާޒިރުގައި އެތައް މައްސަލައެއްގައި ހުކުމް އިއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ހުރިހާ ދައުވާތަކަކުން ބަރީއަވެފަ އެވެ.
ތޯރިގް ރަހުމާން އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތީ 25 ޑިސެމްބަރު 2025 ގައެވެ. އޭނާ ވަޑައިގަތްތާ ފަސް ދުވަސް ފަހުން މަންމާފުޅު އަވަހާރަވި އެވެ.
ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު އޭނާ ރަސްމީކޮށް ބީއެންޕީގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި ބީއެންޕީގެ ލީޑަރުކަމަށް އޭނާ ވަޑައިގަތުމަކީ ކޮންމެހެން ވެސް ވާނެ ކަމެއްގެ ގޮތުގައި އޮތީ ބެލެވިފަ އެވެ.
އާއިލީ ނުފޫޒުގެ ތުހުމަތުތައް އަނެއްކާވެސް ފެންމަތިވި ނަމަވެސް، ބީއެންޕީގެ ކުރީގެ ކޮމާސް މިނިސްޓަރު އާމިރު ޚަސްރޫ އެކަން ދޮގުކުރެއްވި އެވެ.
"ތިމާއަކީ ވަކި އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވުމަކީ މުހިންމު ކަމެއް ނޫން،" ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ. އޭނާ ވަކާލާތު ކުރެއްވި ގޮތުގައި ހަސީނާގެ ސަރުކާރުން ބީއެންޕީގެ ހަރަކާތްތަކަށް ހުރަސްއަޅާފައި އޮތް މިންވަރުން، ޒިއާ އާއިލާގެ ބޭފުޅަކު ނޫން އެހެން މީހަކު ލީޑަރުކަމަށް އިންތިޚާބު ކުރުމުގެ ފުރުސަތު ޕާޓީއަށް އޮތީ ގެއްލިފަ އެވެ.
އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ތޯރިގް ރަހުމާނަށް އޮތް ހަގީގީ އިމްތިހާނަކީ ކުރިއަށް އޮތް ތަނުގައި އޭނާގެ ޕާޓީއާއި ގައުމު ކުރިއަށް ގެންދަވާނެ ގޮތެވެ.
ސިޔާސީ މުހައްލިލުން ދެކޭ ގޮތުގައި، ތާރިގް ރަހުމާނަކީ ސިޔާސީ ދާއިރާގެ އަނދިރި ފަރާތްތަކާއި، ބަންގްލަދޭޝް ގައި އޮތް ބަދަލުހިފުމުގެ ސިޔާސީ ސަގާފަތް ތަޖުރިބާކުރައްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން، އެ ތަޖުރިބާގެ ބޭނުންކުރައްވައިގެން ގައުމުގެ މިސްރާބު ހެޔޮ މަގަށް އެޅުވުމަށް އޭނާ އަށް އަދި ވަގުތު ބޭނުންވާނެ އެވެ.





