ސުކޫކް ރީފައިނޭންސް ކުރުމަށް ސަރުކާރުން ވިސްނާފައިވާ ގޮތުގެ ފުރިހަމަ މައުލޫމާތު، ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ހާމަކުރަން ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ސަރުކާރަށް ގޮވާލައްވައިފި
ދައުލަތުގެ ދަރަނި ރީފައިނޭންސް ކުރުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އަމީރު ވިދާޅުވި.

އިބްރާހިމް އަމީރު. | ރައީސް އޮފީސް
ސުކޫކް ރީފައިނޭންސް ކުރުމަށް ސަރުކާރުން ވިސްނާފައިވާ ގޮތުގެ ފުރިހަމަ މައުލޫމާތު، ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ހާމަކުރަން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސަރުކާރަށް ގޮވާލައްވައިފި އެވެ.
މިކަމުގައި އަމަލު ކުރާ މާލީ އޮނިގަނޑާއި، އިންޓަރެސްޓް ރޭޓާއި، އަނބުރާ ދައްކަންޖެހޭ މުއްދަތާއި، އަދި ކުންފުންޏެއް މެދުވެރިކޮށް މިކަން ކުރަން ވިސްނާފައިވާ ނަމަ، ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށާއި އިންވެސްޓަރުންނަށް އެނގެންޖެހޭ ކަން އަމީރު ފާހަގަ ކުރެއްވި އެވެ.
"ދައުލަތުގެ ދަރަނި ރީފައިނޭންސް ކުރުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ އިޚްތިޔާރީ ކަމެއް ނޫނެވެ؛ އެއީ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ."
ބުރާސްފަތި ދުވަހު އަމީރު މީސް މީޑިއާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަހުގެ ރިޕޯޓްތައް ބުނާގޮތުން، އަންނަ އޭޕްރީލް މަހު މުއްދަތު ހަމަވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ރީފައިނޭންސް ކުރުމަށްޓަކައި، ކާގިލް އަތުން 14 އިންސައްތައިގެ އިންޓަރެސްޓް ރޭޓުގައި 300 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ އެންމެ ފަހުގެ މަރުހަލާގައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ހަމައެއާއެކު، އަލަށް ނަގާ ދަރަނި 9 އިންސައްތަ އަށްވުރެ ބޮޑު ނުވާނެ ކަމަށާއި، ސުކޫކް ރީފައިނޭންސް ކުރާނީ ދަރަނީގެ ބުރަ ކުޑަވެ، ހަމަޖެހުން އަންނާނެ ގޮތަކަށް ކަމަށް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ. މުއިއްޒު މިހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެފައިވުމާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއަށް ދަރަނި ލިބެން އޮތީ 14 އިންސައްތައިގައި ކަން އަމީރު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އާންމު އުސޫލުން 9 އިންސައްތަ އަށްވުރެ ދަށުން މި ދަރަނި ހަމަޖެއްސުމަކީ ނާދިރު ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ.
މި ހާލަތުގައި ކަން ހިނގާފާނެ ގޮތް ލަފާކުރައްވަމުން އަމީރު ވިދާޅުވީ، އެއް ގޮތަކީ، ސަރުކާރުން ސީދާ 14 އިންސައްތަ ގައި ދަރަނި ނުނެގުމެވެ. އޭގެ ބަދަލުގައި، ސަރުކާރު ހިއްސާވާ ކުންފުންޏަކުން (ބޮޑަށް ބެލެވެނީ ބީ.އެމް.އެލް އިން) 14 އިންސައްތައިގައި ކާގިލް އަތުން ދަރަނި ނެގުމަށްފަހު، ސަރުކާރަށް 9 އިންސައްތަ ފަދަ ދަށް ރޭޓެއްގައި އެ ފައިސާ ދޫކުރުމެވެ.
މި އޮނިގަނޑުގެ ދަށުން މުޅި މާލީ ނިޒާމަށް ޖެހޭ އަސްލު އަގަކީ ހަމަ 14 އިންސަތަކަން ކަމަށާއި ދަށް ރޭޓަކީ ހަމައެކަނި ބޭރުފުށުން ފެންނަ ދަޅައެއް ކަމަށް އަމީރު ވިދާޅުވި އެވެ. މީގެ ނުރައްކާ ކުރިމަތި ވަނީ އެސް.އޯ.އީ ނުވަތަ ބޭންކުގެ ބެލެންސް ޝީޓަށް ކަމަށާއި، ބޭންކިން ނިޒާމުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެން ގޮސް ކުންފުނިތަކުގެ މާލީ ޒިންމާތަކާއި ދަރަނިތައް އިތުރުވެގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މިއީ ދަރަންޏަށް ލިބޭ ލުޔެއް ނޫން ކަމަށާއި ދަރަނީގެ އަގު ކުޑަވުމުގެ ބަދަލުގައި ވަނީ ދަރަނި ބޮޑު ކަން އަމީރު ފާހަގަ ކުރެއްވި އެވެ. އޭގެ އިިތުރުން މުޅި ނިޒާމަށް އޮތް ނުރައްކާ ވެސް ވަނީ އިތުރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާ ލިބެން އޮތް އަސްލު އަގަކީ 14 އިންސައްތައިގެ ރޭޓު ކަމުގައި ވާނަމަ، އެއީ 14 އިންސައްތަ ކަމަށް ގަބޫލުކުރަންޖެހޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.
ކުންފުންޏެއް މެދުވެރިކޮށް މިކަން ކުރުމުން ދަރަނީގެ ބުރަ ކުޑައެއް ނުވާ ކަމަށާއި އޭގެ ބަދަލުގައި އެ ނުރައްކާ ބީ.އެމް.އެލް ފަދަ މުއައްސަސާއެއްގެ ބެލެންސް ޝީޓަށް ބަދަލުވެގެންދާ ކަމުގައި އަމީރު ވިދާޅުވި އެވެ. މިއީ ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަމާއި، ފައިސާގެ ދައުރުވުމާއި، އަދި މުއައްސަސާގެ މިނިވަންކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމުގައި އަމީރު ފާހަގަ ކުރެއްވި އެވެ. އަދި ވިޔަފާރި ބޭންކެއްގެ ބޭނުން ހިފައިގެން ދައުލަތުގެ ދަރަނި ރީފައިނޭންސް ކުރުމުގެ ނުރައްކާ އެ ބޭންކަކުން އުފުލައިގެން ނުވާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.








