ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ 2025 ވަނަ އަހަރުގެ ކަރަޕްޝަން ޕާސެޕްޝަން އިންޑެކްސް ގައި ރާއްޖެ އާއި އިންޑިއާ 91 ވަނައިގައި އޮތްއިރު، މި ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ސްރީލަންކާ. ދުނިޔޭގެ ނިސްބަތުން ކަރަޕްޝަންގެ ހާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މި ރިޕޯޓުގައި ބުނެފައިވަނީ މަދަނީ މިނިވަންކަން ހަނިކުރުމާއި މުއައްސަސާތައް ބަލިކަށިވުމަކީ ކަރަޕްޝަން އިތުރުވާ މައިގަނޑު ސަބަބުތައް ކަމަށް. އެހެންކަމުން، އަދުލު އިންސާފު ގާއިމުކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ވަނީ ގޮވާލާފައި.

ކޮރަޕްޝަންގެ މުއާމަލާތެއްގެ ތެރެއިން، މީހަކު ސިޓީއުރައެއްގައި ހުރި ރިޝްވަތުގެ ފައިސާ އެހެން މީހަކަށް ދެނީ. | އައިސްޓޮކް
ގައުމުތަކުގައި ކަރަޕްޝަންގެ ނުރައްކާ އޮތް މިންވަރު ހާމަ ކުރާ ބައިނަލް އަގްވާމީ މިންގަނޑުގެ ގޮތުގައި ބަލައި، ކަރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ރަނގަޅު ނަތީޖާ ހޯދި ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު ހުރިކަން ހާމަވެއްޖެ އެވެ.
ސަހައްދުން އެންމެ ރަނގަޅު ނަތީޖާ ހޯދި ބޫޓާން 18 ވަނައިގައި އޮތީ 71 ޕޮއިންޓް ލިބިގެންނެވެ.
ސަރަހައްދުން ދެ ވަނައިގައި އިންޑިއާ އާއި ދިވެހިރާއްޖެ ހިމެނޭ އިރު، ދުނިޔޭގެ މިންގަނޑުން މި ދެ ގައުމު އޮތީ 39 ޕޮއިންޓާ އެކު ވަރަށް ފަހަތުގައި 91 ވަނައިގަ އެވެ.
ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން ދުނިޔޭގެ ގައުމުތަކުގައި ކަރަޕްޝަން އަށަގަނެފައިވާ މިންވަރު ހާމަކޮށް ކޮންމެ އަހަރަކު އެއްފަހަރު ހާމަ ކުރާ ސީޕީއައި ގައި އެއްވަނައިގައި އޮތީ ޑެންމާކް އެވެ. ދެވަނައިގައި ފިންލޭންޑް އޮތް އިރު ތިން ވަނަ ހޯދާފައި ވަނީ ސިންގަޕޫރެވެ.
އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ދެކުނު އޭޝިޔާ ސަރަހައްދުން ކަރަޕްޝަން ގެ ކަންކަން އެންމެ ބޮޑަށް ރަނގަޅު ކޮށްފައިވާ ކަމަށް ފާހަގަ ކުރެވެނީ ސްރީ ލަންކާ އެވެ. ކުރީ އަހަރާ ބަލާއިރު އެ ގައުމަށް 2025 ވަނަ އަހަރުގެ އިންޑެކްސް ގައި 14 ދަރަޖައިގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. އޭގެ ކުރީ އަހަރު 121 ވަނަގައި އޮތް ސްރީ ލަންކާ 2025 ވަނަ އަހަރުގެ ރިޕޯޓުގައި އޮތީ 107 ވަނަ ގައި 35 ޕޮއިންޓް އާ އެކުގަ އެވެ.
ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ނޭޕާލް 109 ވަނައިގައި 34 ޕޮއިންޓް އާ އެކު އޮތް އިރު ޕާކިސްތާނު އޮތީ 136 ވަނަގައި 28 ޕޮއިންޓް އާ އެކުގަ އެވެ. ސަރަހައްދުން އެންމެ ފުލުގައި އޮތީ 24 ޕޮއިންޓާ އެކު 150 ވަނައިގައި އޮތް ބަންގްލަދޭޝް އެވެ.
2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީ.ޕީ.އައި) ގައި ދުނިޔޭގެ 182 ގައުމަކާއި ސަރަހައްދެއް ދަރަޖަކުރެވިފައިވާއިރު، ދުނިޔޭގެ އެވްރެޖް 42 އަށް ދަށަށް ގޮސްފައިވާކަން ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން ފާހަގަ ކުރެ އެވެ. އެންމެ ފަހުގެ ރިޕޯޓަށް ބަލާއިރު 122 ގައުމަކަށް ލިބިފައިވަނީ 50 އަށް ވުރެ ދަށް ސްކޯ އެކެވެ. މިއީ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ.
މީގެ ދިހަ އަހަރު ކުރިން 80 އަށް ވުރެ މަތިން މާކްސް ހޯދި ގައުމުތަކުގެ އަދަދު 12 ގައި އުޅުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 5 އަށް ތިރިވެފަ އެވެ. އަދި ކުރިން ޑިމޮކްރެސީ ވަރުގަދަ، ކޮރަޕްޝަން މަދު ގައުމުތަކުގެ ދަރަޖަ މިހާރު ދަށަށް ދިއުމަކީ، ވަރުގަދަ މުއައްސަސާތަކެއް ހުރި ތަންތަނުގައި ވެސް ކޮރަޕްޝަންގެ ނުރައްކާ އޮތްކަން ހާމަވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މަދަނީ މިނިވަންކަން ހަނިކުރާ ގައުމުތަކުގައި ކޮރަޕްޝަން ކޮންޓްރޯލް ކުރުމުގެ ބާރު ކެނޑިގެންދާކަން ފާހަގަކުރެވޭ ކަމަށް ޓްރާންސްޕޭރަންސީން ބުނެފައިވެ އެވެ. އެގޮތުން، މި އިންޑެކްސްގައި އެންމެ ބޮޑަށް ދަށަށް ދިޔަ 50 ގައުމުގެ ތެރެއިން 36 ގައުމަކީ މިނިވަންކަން ހަނިކޮށްފައިވާ ގައުމުތައް ކަމަށާއި، މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަނިކޮށް މަރާލާފައިވާ ނޫސްވެރިންގެ 90 އިންސައްތައަށް ވުރެ ގިނަ މީހުން ނިސްބަތްވަނީ އިންޑެކްސްގައި ދަށް ނަތީޖާ ހޯދާފައިވާ ގައުމުތަކަށް ކަމަށް އެ ޖަމްއިއްޔާ އިން ފާހަގަ ކުރެ އެވެ.
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލުން ވަނީ މިނިވަން އަދުލު އިންސާފާއި މުއައްސަސާތަކުގެ ބެލެހެއްޓުން ހަރުދަނާކުރުމަށާއި، ސިޔާސީ ކަންކަމަށް ކުރާ ހޭދަ ހާމަކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، އަދި ބޯޑަރު ހުރަސްކޮށް ހިންގާ މަނީ ލޯންޑަރިންގެ އަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލާފަ އެވެ.








