ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހަކީ 2028 ވަނަ އަހަރުގެ އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް މެންބަރު މީކާއިލް ނަސީމް ތުހުމަތު ކުރެއްވި. މި ބަދަލުތައް ގެންނަނީ ރައްޔިތުންނަށް ނޭނގި ހީލަތްތެރިކަމާއެކު ކަމަށާއި، މިއީ ޖަވާބުދާރީކުރުވުމުގެ ނިޒާމު ފުނޑާލުން ކަމަށް އޭނާ ވިދާޅުވި.


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި ވާހަކަ ދައްކަވަނީ. | މަޖިލިސް
ފަސް އަހަރުން އެއް އަހަރު ރައްޔިތުންގެ ގާތު ކަމެއް އަހާލަން ދާންވީމަ މި ސަރުކާރަށް ޚަރަދު ބޮޑުވާ ކަމަށާ އެކަމަކު އިންތިޚާބުތަކާ ދިމާކޮށް ފަޅުރައްތައް ބެލެހެއްޓުމާ ހަމައަށް ވަރު ވަރުން ފަސްޓް ލޭޑީގެ ޅިޔަން ފަހަރިންނާ އާއިލާ އައްޔަން ކުރަމުންދާއިރު ޚަރަދު ބޮޑު ނުވާ ކަމާށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ މި ސަރުކާރުން ގާނޫނު އަސާސީ ބަދަލު ކުރަން އުޅެނީ ރައްޔިތުންނަށް ނޭނގި، ހީލަތްތެރި ކަމާއެކު 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ކަމަށެވެ.
ކޮންމެ ފަހަރަކު ގާނޫނު އަސާސީ އަށް މިފަދަ ބަދަލުތައް ގެންނަ އިރު މަޖިލީހުގެ ދައުރުން ބޭރުން، ޗުއްޓީގައި އޮންނަ ދުވަސް ވަރާ ދިމާކޮށް ކޮންމެ ފަހަރަކު ޕީއެންސީ އިން އެ މަސައްކަތް ކުރަނީ ކީއްވެ ތޯ ވެސް މީކާއިލް ސުވާލު ކުރެއްވި އެވެ.
މި ބިލު މި ރައްޔިތުންގެ މަޖިލީހާ ހަމައަށް އައުމުގެ ކުރިން މީޑީއާ އަށް ތިލަވި ޚަބަރަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އާ ރައީސުލްޖުމްހޫރިއްޔާ އެކަހެރި ބައްދަލުވުމެއް ބޭއްވި ޚަބަރު ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. އަދި މި ބިލު ރައްޔިތުންގެ މަޖިލީހަށް ލިބުމުގެ މާ ކުރިން ލޯކަލް ކައުންސިލް އިންތިޚާބަށް ޓްރެއިން ކުރަމުން ދިއަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ރެފަރެންޑަމް ގެ ޓްރެއިނިންގް ވެސް ދޭން ފެށި ކަމަށާ، މިކަންކަން ސަރުކާރުން ކުރަނީ ކާކަށް އޮޅުވާލަންތޯ ވެސް މެންބަރު ސުވާލު ކުރެއްވި އެވެ.
މިތާ މި ކުޅެނީ ޗަރުކޭހެއް. 5 ބައްދަލުވުން، 6 ބައްދަލުވުން، 7 ބައްދަލުވުން ކިޔަސް، 5 މިނެޓުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އޮޅާލާ މަންޒަރު މި ފެންނަނީ. 5 މިނެޓް. ޕީއެންސީ ގެ ސުޕަރ މެޖޯރިޓީ އަކީ މި ގާނޫނު އަސާސީ އަށް އޮތް ހުތުރެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޮތް ހުތުރެއް. ދިވެހިރާއްޖޭގެ މުޅި ނިޒާމް ފުނޑާލަމުންދާއިރު، ދިވެހިރާއްޖޭގައި ކަނޑައަޅާފައި އޮތް ޖަވާބުދާރީކުރުވަނިވި ނިޒާމް އެކީ އެކަށްޗަކަށް ފުނޑާލަމުން ދާއިރު މިތާނގަ މި ތިއްބެވި ރައްޔިތުންގެ މަންދޫބުން މި ތިއްބެވީ ކަންފަތް ބީރުވެފައިތޯ. މަންމަނު ވެފައިތޯ. އަޅުގަނޑު ސުވާލު ކޮށްލަން ބޭނުން.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
މީކާއިލް ވިދާޅުވީ ޖަވާބުދާރީކުރުވަނިވި އެއްވެސް ފުރުސަތެއް ރައްޔިތުންނަށް ނުދީ މުޅި މި ނިޒާމު ފުނޑާލަމުން ދާ ކަމަށެވެ.
މީކާއިލް ވަނީ ތަކުރާރު ކޮށް ސަރުކާރުން އެކި ބަހަނާ ދައްކައިގެން އިންތިޚާބު އެއްކޮށްލަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީ އިން ހީލަތްތެރިކަމާ އެކު ވަގަށް ނެގުމަށް ކަމަށް ވިދާޅުވެފަ އެވެ.







