Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ބެކްޓީރިއާ

ތަށި ދޮންނަ އިސްޕަންޖަކީ ޖަރާސީމު ހާއްޔެއް! ބަދަލުގައި ބުރުސް ބޭނުން ކުރުން މާ ރަނގަޅު ނުވާނެތަ؟

ބަދިގޭގައި ބޭނުންކުރާ އިސްޕަންޖަކީ ބެކްޓީރިއާތަކަށް މާ ރަނގަޅު މާހައުލެއް ފޯރުކޮށްދޭ އެއްޗަކަށްވާއިރު ދިރާސާތަކުން ދައްކާގޮތުގައި ތަށިދޮންނަ އިސްޕަންޖެއްގައި 362 ވައްތަރުގެ ޖަރާސީމު ހުންނަކަން ފާހަގަކުރެވިފައިވޭ.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 15:11
ބަދިގެ ސްޕޮންޖުގައި ހުންނަ ލޯވަޅުތަކަކީ މައިކްރޯބްތައް ފޮރުވިގެން ތިބެ ގިނަވުމަށް ވަރަށް އެކަށީގެންވާ މާހައުލެއް

ބަދިގެ ސްޕޮންޖުގައި ހުންނަ ލޯވަޅުތަކަކީ މައިކްރޯބްތައް ފޮރުވިގެން ތިބެ ގިނަވުމަށް ވަރަށް އެކަށީގެންވާ މާހައުލެއް | ގެޓީ އިމޭޖަސް

އަހަރެމެން ކާ ތަށިތައް ދޮންނަން ބޭނުންކުރަނީ އިސްޕަންޖެވެ. ނަމަވެސް ބަދިގޭގައި ބޭނުންކުރާ އިސްޕަންޖަކީ ތެތްކަން ހުންނަ، އަދި ކާނާގެ ކުދި އެތިކޮޅުކޮޅުން ފުރިފައިވާ، ޖަރާސީމު އަލާވުމަށް އެންމެ އެކަށީގެންވާ މާހައުލެކެވެ. އެހެންކަމުން، އިސްޕަންޖުގެ ބަދަލުގައި ބުރުހެއް ބޭނުންކުރުން މާ ރަނގަޅު ހެއްޔެވެ؟

ގިނަ ބާވަތްތަކުގެ ބެކްޓީރިއާތަކަކީ ނުހަނު އުނދަގޫ ހާލަތްތަކުގައި ވެސް ދިރިތިބެން ދަންނަ އެއްޗެއްސެވެ. ބައެއް ބެކްޓީރިއާތައް ބިމުގެ އަޑީގައްޔާއި، ވަރަށް ހޫނުގަދަ މާހައުލުގައި ވެސް ދިރިއުޅެ އެވެ. އަދި ބައެއް ބާވަތްތައް ގަނޑުވެފައިވާ ސަރަހައްދުތަކުގައި ވެސް އުޅެ އެވެ. ނަމަވެސް، ދިރިއުޅެން އެންމެ ކަމުދާ ތަނަކީ ކޮބައިތޯ ބެކްޓީރިއާއެއް ގާތު އަހައިފިނަމަ، ބަދިގޭގައި ބޭނުންކުރާ އިސްޕަންޖު އޮންނާނީ ލިސްޓުގެ އެންމެ ކުރީގަ އެވެ.

އާނއެކެވެ، އަހަރެމެން ތަށިތައް ދޮންނަން ބޭނުންކުރާ ސާމާނަކީ ލޮލަށް ނުފެންނަ ކުދި ޖަރާސީމުތަކުން ފުރިފައިވާ އެއްޗެކެވެ. އިސްޕަންޖަކީ ބެކްޓީރިއާތަކުގެ 'ސުވަރުގެ'އެކޭ ބުނެވިދާނެ އެވެ. އެއީ ހޫނުކަމާއި ތެތްކަން ހުންނަ، އަދި ޖަރާސީމުތަކަށް ބޭނުންވާ ކާނާ ގިނަ ތަނެކެވެ.

2017 ވަނަ އަހަރު ޖަރުމަނުގެ ފޫޓްވަންގަން ޔުނިވަރސިޓީގެ މައިކްރޯބަޔޮލޮޖިސްޓެއް ކަމަށްވާ މާކަސް އޭގާޓް ވަނީ ބަދިގޭގައި ބޭނުންކުރާ އިސްޕަންޖާ ބެހޭ އައު ދިރާސާއެއް ޝާއިޢުކުރައްވާފަ އެވެ. އޭނާ ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، ބޭނުންކޮށްފައިވާ އިސްޕަންޖެއްގައި 362 ބާވަތުގެ ޖަރާސީމު ހުރެއެވެ. ބައެއް އިސްޕަންޖު ގައި އަކަ ސެންޓިމީޓަރަކަށް 54 ބިލިއަން ބެކްޓީރިއާ ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ނުހަނު ގިނަ އަދަދެކެވެ. މިއީ އިންސާނުންގެ ބޮޑުކަމުދާ ތަކެތީގެ ސާމްޕަލަކުން ފެންނަ ބެކްޓީރިއާގެ މިންވަރާ އެއްވަރުގެ އަދަދެކެވެ،" އޭގާޓް ވިދާޅުވި އެވެ. އިސްޕަންޖުގައި ހުންނަ ކުދި ލޯވަޅުތަކާއި ހުސްތަންތަނަކީ ޖަރާސީމުތައް ވަޒަންވެރިވުމަށް ލިބޭ ރަނގަޅު މާހައުލެކެވެ.

ޑިއުކް ޔުނިވަރސިޓީގެ ސިންތެޓިކް ބަޔޮލޮޖިސްޓެއް ކަމަށްވާ ލިންޗޯންގް ޔޫ އާއި އޭނާގެ ޓީމުން 2022 ވަނަ އަހަރު ކުރި ދިރާސާއެއްގައި، ކޮމްޕިއުޓަރުގެ އެހީގައި އިސްޕަންޖުގެ މާހައުލު ދިރާސާކުރި އެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ތަފާތު ސައިޒުގެ ލޯވަޅުތައް ހުންނަ އިސްޕަންޖުތަކުގައި ޖަރާސީމު އަލާވުން މާ އަވަހެވެ. އޭނާގެ ޓީމުން ވަނީ އީ.ކޯލައި (E.coli) ބެކްޓީރިއާ ބޭނުންކޮށްގެން މިކަން ކަށަވަރުކޮށްފަ އެވެ.

މާކަސް އޭގާޓް ވިދާޅުވި ގޮތުގައި، އިސްޕަންޖުގައި ހުންނަ ލޯވަޅުތަކުގެ ސައިޒު ތަފާތުވުމަކީ ޖަރާސީމު އިތުރުވުމަށް ބާރުއަޅާ ކަމެކެވެ. ސަބަބަކީ ބައެއް ބެކްޓީރިއާތަކަކީ އެކަނި އުޅެން ބޭނުންވާ އެއްޗެއްސަށް ވާއިރު، އަނެއްބައި ބެކްޓީރިއާތަކަކީ އެހެން އެއްޗެއްސާ އެކު އުޅެން ބޭނުންވާ ބާވަތްތަކެވެ. އިސްޕަންޖެއްގެ އެކި ހިސާބުތަކުގައި މި ހުރިހާ ބާވަތަކަށް ވެސް އެކަށީގެންވާ މާހައުލެއް އޮވެ އެވެ.

އިސްޕަންޖަކީ ބެކްޓީރިއާތައް ދިރިއުޅެން ރަނގަޅު ތަނެއްކަން ކަށަވަރެވެ. ނަމަވެސް އޭގެ މާނައަކީ މިއީ އަހަރެމެންގެ ސިއްހަތަށް ނުރައްކަލެއް އޮތް ކަމެއް ކަމުގައި ނުވެދާނެ އެވެ. ބެކްޓީރިއާ އަކީ ކޮންމެ ތަނެއްގައި ވެސް އުޅޭ އެއްޗެކެވެ. އަހަރެމެންގެ ހަންގަނޑުގައްޔާއި، ފަސްގަނޑުގައްޔާއި، ވަށައިގެންވާ ވައިގެ ތެރޭގައި ވެސް ބެކްޓީރިއާ ހުރެ އެވެ. ހުރިހާ ބާވަތެއްގެ ބެކްޓީރިއާ އަކީ ގެއްލުންދެނިވި އެއްޗެއް ނޫނެވެ. އަދި ބައެއް ބާވަތްތަކަކީ މުހިންމު މަސައްކަތްތައް ކުރާ އެއްޗެހި ވެސް މެއެވެ. އެހެންކަމުން، އުފެދޭ ސުވާލަކީ އިސްޕަންޖުން ފެންނަ ބެކްޓީރިއާތަކާ މެދު އަހަރެމެން ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟

2017 ވަނަ އަހަރު އޭގާޓް ކުރި ދިރާސާގައި، އެންމެ އާންމުކޮށް ފެންނަ ބެކްޓީރިއާގެ ބާވަތްތަކުގެ ޑީ.އެން.އޭ ތަހުލީލުކޮށްފައިވެ އެވެ. ކޮންމެ ބެކްޓީރިއާއެއްގެ ސީދާ ބާވަތް ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވީނަމަވެސް، އެންމެ ގިނައިން ފެނުނު ދިހަ ބާވަތުގެ ތެރެއިން ފަސް ބާވަތަކީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބަލިޖައްސާ ބެކްޓީރިއާތަކާ ގާތްގުޅުމެއް ހުރި ބާވަތްތަކެކެވެ. މައިކްރޯވޭވްގައި ހޫނުކުރުން ނުވަތަ ހޫނު ސައިބޯނި ފެނުން ދޮވުން ފަދަ ސާފުކުރުމުގެ އުކުޅުތަކުން މާބޮޑު ފައިދާއެއް ނުކުރެ އެވެ. ސަބަބަކީ އެކަމުގެ ސަބަބުން ބައެއް ބެކްޓީރިއާ މަރުވި ނަމަވެސް، އެފަދަ ކަންކަމަށް ނުގުޑާ ވަރުގަދަ ބެކްޓީރިއާތައް އިތުރުވުމަށް ފުރުސަތު ލިބިގެންދާތީ އެވެ.

"އަހަރެމެން ލަފާކުރާ ގޮތުގައި، ސާފުކުރުމުގެ ސަބަބުން ބެކްޓީރިއާތަކުގެ ތެރެއިން ވަކި ބާވަތްތަކެއް 'ސެލެކްޓް' ނުވަތަ ހޮވިގެންދާ މަރުހަލާއެއް ކުރިމަތިވެ އެވެ. މިގޮތުން މަރުނުވެ ސަލާމަތްވާ މަދު ބެކްޓީރިއާތައް އަލުން ގިނަ އަދަދަކަށް އިތުރުވެ އެވެ،" އޭގާޓް ވިދާޅުވިއެވެ. "މިގޮތަށް ތަކުރާރުކޮށް ކަންތައް ކުރުމުން، ސާފުކުރުމަށް ބޭނުންކުރާ އުކުޅުތަކަށް ހޭނިފައިވާ، މާ ވަރުގަދަ ބެކްޓީރިއާތަކެއް އުފެދުމަށް މަގުފަހިވެ އެވެ."

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، އޭގާޓްގެ ދިރާސާ އިން ފެނުނު އެއްވެސް ބެކްޓީރިއާ އަކީ ކާނާ ވިހަވުމާ ނުވަތަ ނުރައްކާތެރި ބަލިތަކާ ގުޅުންހުރި އެއްޗެއް ނޫންކަމެވެ. ހަގީގަތުގައި، ކާނާގެ ޒަރީއާ އިން ޖެހޭ ބަލިތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ 90 އިންސައްތަ އަކީ އެންމެ ފަސް ވައްތަރެއްގެ ޖަރާސީމެއްގެ ސަބަބުން ބަލިވާ މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ބާވަތެއްގެ ބެކްޓީރިއާ އެވެ. އެއީ އީ-ކޯލައި (Escherichia coli)، ސަލްމޮނެއްލާ (Salmonella) އަދި ކެމްޕިލޯބެކްޓާ (Campylobacter) އެވެ. ނަސީބަކުން، ތަށިދޮންނަ އިސްޕަންޖުތަކުގައި މި ބާވަތްތައް ފެންނަނީ ވަރަށް މަދުންނެވެ.

"އަހަރެމެންނަށް ފެނުނީ ބަލިޖެއްސުމުގެ ފުރުސަތު އޮތް ބެކްޓީރިއާތަކެވެ. އެއީ ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، އުމުރުން ދުވަސްވީ މީހުން ނުވަތަ ކުޑަކުދިންނަށް ނުރައްކާވެދާނެ ބާވަތްތަކެވެ،" އޭގާޓް ވިދާޅުވި އެވެ. "އާންމުގޮތެއްގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހަކަށް، ބަދިގޭގައި ބޭނުންކުރާ އިސްޕަންޖުގައި ހުންނަ ބެކްޓީރިއާތަކުގެ ސަބަބުން ގެއްލުމެއް ނުލިބޭނެ އެވެ."

2017 ވަނަ އަހަރު، އެމެރިކާގެ ޕްރެއަރީ ވިއު އޭ.އެންޑް.އެމް ޔުނިވަރސިޓީގެ ފުޑް ސޭފްޓީ ޕްރޮފެސަރެއް ކަމަށްވާ ޖެނިފާ ކުއިންލަން އާއި އޭނާގެ ބައިވެރިން، ފިލަޑެލްފިއާގެ 100 ގެއަކުން ބަދިގޭގައި ބޭނުންކުރާ އިސްޕަންޖު އެއްކުރި އެވެ. އޭނާ އަށް ހޯދުނު ގޮތުގައި އޭގެ ތެރެއިން ކާނާ ވިހަވާ ފަދަ ބެކްޓީރިއާ ހުރީ އެންމެ 1 ނުވަތަ 2 އިންސައްތަ އިސްޕަންޖުގަ އެވެ. އަދި އެ ތަކެތީގައި ވެސް ނުރައްކާތެރި ބެކްޓީރިއާ ހުރީ ވަރަށް މަދު މިންވަރަކަށެވެ.

މިއީ ނޯވޭގެ ފުޑް ރިސާޗް އިންސްޓިޓިއުޓް "ނޮފީމާ" ގެ ސައިންސްވެރި އެއް ކަމަށްވާ ސޮލްވޭގް ލެންގްސްރޫޑް 2022 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސާއަކުން ވެސް ކަށަވަރުވެފައިވާ ކަމެކެވެ. މި ދިރާސާގައި އޭނާ ވަނީ ތަށިދޮންނަ އިސްޕަންޖާއި ބުރުހުގައި ހުންނަ ބެކްޓީރިއާތައް އަޅާކިޔާފަ އެވެ. އޭނާ ހޯދި ގޮތުގައި މި ދެ ބާވަތުގެ ސާމާނުން ވެސް ގެއްލުމެއް ނެތް އާންމު ބެކްޓީރިއާތަކެއް ފެނިފައިވެ އެވެ. އޭގެ ތެރޭގައި އެސިނެޓޯބެކްޓަރ (Acinetobacter)، ކްރައިސިއޯބެކްޓީރިއަމް (Chryseobacterium)، އެންހައިޑްރޯބެކްޓަރ (Enhydrobacter)، އެންޓްރޯބެކްޓީރިއޭސީ (Enterobacteriaceae) އަދި ސޫޑޯމޯނަސް (Pseudomonas) ހިމެނެ އެވެ. ނަމަވެސް، ޖުމްލަ ގޮތެއްގައި ބުރުހުގައި ހުންނަ ބެކްޓީރިއާގެ މިންވަރު އިސްޕަންޖަށްވުރެ މާ ބޮޑަށްވެސް މަދެވެ.

ބަލިމަޑުކަން ފަތުރާ މިފަދަ ބެކްޓީރިއާތައް އިސްޕަންޖުގެ ޒަރީއާ އިން ތަށިތަކަށާއި، ބަދިގޭގެ އެކި ސާމާނުތަކަށް ނުވަތަ ތަންތަނަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮވެ އެވެ. ކުއިންލަން ވިދާޅުވާ ގޮތުގައި އިސްޕަންޖުގައި ހުންނަ ގިނަ ބެކްޓީރިއާ ތަކަކީ ސީދާ ބަލިޖައްސާ އެއްޗެއް ނޫނެވެ. ނަމަވެސް ދުވަސްވުމުން އޭގެ ސަބަބުން ނުބައިވަސް ދުވައި، ބޭނުންކުރަން އުނދަގޫވެ އެވެ. އެހެންނަމަވެސް، ރޯމަހާއި ނުވަތަ ކުކުޅުގެ ދިޔަ ފޮހުމަށް އިސްޕަންޖު ބޭނުންކޮށްފި ނަމަ، ބަލިޖައްސާ ނުރައްކާތެރި ބެކްޓީރިއާ އޭގައި ހަރުލުމުގެ ފުރުސަތު އޮވެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަދިގޭގައި ބޭނުންކުރާ އިސްޕަންޖުން ބަލިޖައްސާ ޖަރާސީމު ވަކިކޮށް ދެނެގަނެވިފައިވެ އެވެ.

އެހެންކަމުން، އިސްޕަންޖުގައި އާލާވާ ބެކްޓީރިއާތަކަކީ އާންމުކޮށް ގެއްލުން ހުރި އެއްޗެއް ނޫން ނަމަވެސް، "ސަލްމޮނެއްލާ" (Salmonella) ފަދަ ނުރައްކާތެރި ބެކްޓީރިއާއެއް އޭގެ ތެރެއަށް ވަދެއްޖެނަމަ، އިސްޕަންޖުގެ އޮނިގަނޑު ހުންނަ ގޮތުން އެފަދަ ޖަރާސީމު އާލާވުމަށް އެއީ އެންމެ އެކަށީގެންވާ މާހައުލަކަށް ވެގެންދެ އެވެ.

މިކަމަށް ބާރުދޭ ހެކިތައް ވެސް އެބަހުއްޓެވެ. ލެންގްސްރޫޑްގެ ދިރާސާގައި އިސްޕަންޖަށް ސަލްމޮނެއްލާ ބެކްޓީރިއާ ތައާރުފް ކުރުމުން ވަރަށް ބޮޑަށް އާލާވިއެވެ. ނަމަވެސް ބުރުހަށް އެ ބެކްޓީރިއާ ތައާރުފް ކުރުމުން އެ ނެތިގެންދިޔަ އެވެ. މީގެ ސަބަބަކީ ބޭނުން ކުރުމަށް ފަހު ބުރުސް ވަރަށް ފަސޭހައިން ހިކޭތީ އެވެ. މީގެ ސަބަބުން ސަލްމޮނެއްލާ ބެކްޓީރިއާ މަރުވެގެންދެ އެވެ. އެކަމަކު ކޮންމެ ދުވަހަކު ބޭނުންކުރާ އިސްޕަންޖު، އެތެރެއިން ނުހިކި އަބަދުވެސް ތެތްކޮށް ހުރެއެވެ.

ބަލިމަޑުކަން ފަތުރާ މިފަދަ ބެކްޓީރިއާތައް އިސްޕަންޖުގެ ޒަރީއާއިން ތަށިތަކަށާއި، ބަދިގޭގެ އެކި ސާމާނުތަކަށް ނުވަތަ ތަންތަނަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮވެ އެވެ.

އެހެންވީމާ، ބަދިގޭގައި ބޭނުންކުރާ އިސްޕަންޖު ބަދަލުކުރަންވީ ކިހާ ދުވަހަކުން ހެއްޔެވެ؟ ކުއިންލަން ލަފާދެއްވާ ގޮތުގައި ސިއްހީ ރައްކާތެރިކަމަށް ބަލާއިރު، އެންމެ ރަނގަޅީ ކޮންމެ ހަފުތާއަކު އެއްފަހަރު އިސްޕަންޖު ބަދަލުކުރުމެވެ. ނަމަވެސް، އޭގެ ބޭނުން ހިފޭ މުއްދަތު އިތުރުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

އިސްޕަންޖު ސާފުކުރާނެ ފަސޭހަ ދެ ގޮތެއްވެ އެވެ. އެއީ ރޭގަނޑު މަސައްކަތް ނިންމާލުމަށްފަހު ޑިޝްވޮޝަރަށް ލައިގެން ދޮވުން ނުވަތަ މައިކްރޯވޭވް އަވަނަށް ލައި، އޭގެއިން އާވި އަރަންދެން އެއް މިނެޓު ވަންދެން ހޫނުކުރުމެވެ. މިކަމުގެ ސަބަބުން އޭގައި ހުންނަ ބަލިޖައްސާ ޖަރާސީމުގެ ބޮޑުބައެއް ނެތިގެންދާނެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ކާ ތަށި ދޮންނަ މެޝިނަށް ނުވަތަ މައިކްރޯވޭވް އަށް ސްޕޮންޖު ލުމަކީ އޭގައި ހުންނަ ބެކްޓީރިއާ މަދުކުރުމަށް ބްލީޗަށްވުރެ މާ ފައިދާހުރި ގޮތެކެވެ. ނަމަވެސް، އެގްބާޓްގެ ދިރާސާއިން އެނގޭ ގޮތުގައި، މިގޮތަށް ކަންތައް ކުރުމުން ބައެއް ބާވަތްތަކުގެ ބެކްޓީރިއާ އެކަމަށް ހޭނި، ދިފާއީ ބާރު ވަރުގަދަވެދާނެ އެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ސްޕޮންޖު ސާފުކުރުމުގެ ފައިދާ ކުޑަވެގެންދެ އެވެ.

ކެކިކެކި ހުންނަ ފެނަށް ސްޕޮންޖު ލުމާއި ޖަރާސީމު މަރާ ބޭސް ބޭނުންކުރުމަކީވެސް ގިނަ ބެކްޓީރިއާތަކެއް ނައްތާލެވޭނެ ކަމެކެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ފަށަލައެއް (biofilm) އުފައްދާ ބައެއް ބެކްޓީރިއާ މީގެ ސަބަބުންވެސް މަރު ނުވެ ހުރެދާނެއެވެ. އެހެންނަމަވެސް، "ސަލްމޮނެއްލާ" ފަދަ ބަލިޖައްސާ ޖަރާސީމުތައް މަދުކުރުމަށް މިގޮތް ވަރަށް ކާމިޔާބެވެ.

މީގެ އިތުރުން، އިސްޕަންޖު ބޭނުންކޮށް ނިމުމުން ސިންކު ތެރޭގައި ނުބޭއްވުމާއި، އޭގައި ހުންނަ ފެން ރަނގަޅަށް ފިއްތާލައިގެން ހިއްކުމަކީ މުހިންމު ކަމެކެވެ. އަދި އިސްޕަންޖު ގައި ހުންނަ ކާނާގެ ކުނޑިތައް ސާފުކުރުން ވެސް މުހިންމެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ތަށި ދޮވުމަށް އިސްޕަންޖު ގެ ބަދަލުގައި އެހެން އާލާތެއް ބޭނުންކުރުން މާ ރަނގަޅެވެ.

އެގްބާޓް ވިދާޅުވާ ގޮތުގައި، ބަދިގޭގައި އިސްޕަންޖު ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް އޭނާ ތާއީދުކުރައްވާ ކަމެއް ނޫނެވެ. "ބަދިގެއެއް ގައި މިފަދަ އެއްޗެއް ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއް ކަމަށް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ. އިސްޕަންޖަށް ވުރެ ބުރުސް ބޭނުންކުރުން މާ ބޮޑަށްވެސް ރަނގަޅެވެ. އެއީ އޭގައި ބެކްޓީރިއާ އަށަގަންނަ މިންވަރު މަދުވެފައި، ފަސޭހައިން ހިކޭތީ އެވެ. އަދި ބުރުސް ސާފުކުރުމަކީ ވެސް މާ ފަސޭހަ ކަމަކަށްވާތީ އެވެ.

ބެކްޓީރިއާއިސްޕަންޖުއާއްމު ސިއްހަތު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކާނާގެ އުސޫލުތަކަށް ބޮޑު ބަދަލެއް؛ އާޓިފިޝަލް ހަކުރާ ދުރުވެ، މަހާއި ކިރު ބޭނުން ކުރުމަށް ބާރުއަޅަނީ

އެމެރިކާގެ ކާނާގެ އުސޫލުތަކަށް ބޮޑު ބަދަލެއް؛ އާޓިފިޝަލް ހަކުރާ ދުރުވެ، މަހާއި ކިރު ބޭނުން ކުރުމަށް ބާރުއަޅަނީ

08 ޖެނުއަރީ 2026
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި

20 ނޮވެމްބަރު 2025
ދަތް އުނގުޅާފައި އަނގަ ދޮންނަންތަ؟ އެއީ ގޯހެއް!

ދަތް އުނގުޅާފައި އަނގަ ދޮންނަންތަ؟ އެއީ ގޯހެއް!

04 ނޮވެމްބަރު 2025
އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި، ފިޔަވަޅު އަޅާނަން

އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި، ފިޔަވަޅު އަޅާނަން

30 އޮކްޓޯބަރު 2025
އިސްތަށިގަނޑު ރީތި ކުރުމާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަކަތަކުގެ ހަގީގަތް

އިސްތަށިގަނޑު ރީތި ކުރުމާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަކަތަކުގެ ހަގީގަތް

24 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު