Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ޑިޓޮކްސް

ހަށިގަނޑުން އަމިއްލަ އަށް ޑިޓޮކްސް ކުރުމަށް ބާރުއެޅުމަށް ހެދިދާނެ ގޮތްތައް

އިންސާނާގެ ހަށިގަނޑަކީ އޭގެ ޒާތުގައި އަމިއްލަ އަށް ސާފުވުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެއް. މި ނިޒާމު އިތުރަށް ރަނގަޅަށް މަސައްކަތް ކުރުވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާފައިވާނެ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 19:18
އިރުއޮއްސެމުން ދާ އިރު ގޮނޑުދޮށުގައި އަންހެނަކު ކަސްރަތު ކުރަނީ

އިރުއޮއްސެމުން ދާ އިރު ގޮނޑުދޮށުގައި އަންހެނަކު ކަސްރަތު ކުރަނީ | ގެޓީ އިމޭޖަސް

ބައެއް މީހުންގެ ވިސްނުމުގައި ހަށިގަނޑުން ވިހަތައް ނެރެ ސާފުކުރުމަށްޓަކައި "ޑިޓޮކްސް" ޑައިޓެއް ނުވަތަ ޚާއްޞަ ކެއުމެއް ބޭނުން ކުރުން އެއީ އެކަން ހާސިލު ކުރެވިދާނެ ގޮތެކެވެ. ނަމަވެސް، ހަމައެކަނި ޖޫސް ބުއިމާއި، ނުވަތަ މަދު ކެލޮރީ އާއި ޕްރޮޓީން ހިމެނޭ ގޮތަށް ބައްޓަންކޮށްފައިވާ މިފަދަ ޑައިޓްތަކުން، ހަށިގަނޑުން ވިހަ ބޭރުކޮށްދޭ ކަމަށް ނުވަތަ ބަރުދަން ލުއިކޮށްދޭ ކަމަށް ސާބިތުވާ ފަދަ ސައިންޓިފިކް ހެކިތައް ވަރަށް މަދެވެ.

"ޓޮކްސިންސް" ނުވަތަ "ވިހަ މާއްދާ" މި ލަފުޒަކީ އާންމު ގޮތެއްގައި ދިރޭ އެއްޗެއްސަށް ގެއްލުންދޭ މާއްދާތަކަށް ކިޔާ ނަމަކަށް ވީ ނަމަވެސް، މިފަދަ ޑައިޓްތައް އިޝްތިހާރު ކުރުމުގައި މި ލަފުޒު ބޭނުން ކުރަނީ ވަރަށް އޮޅުން ބޮޅުން ބޮޑު ގޮތަކަށެވެ. އަހަރެމެންގެ ވަށައިގެންވާ މާހައުލުގައި ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތަކެއް ހުރިކަމީ ޙަޤީޤަތެކެވެ. ހަމަ އެއާއެކު މިފަދަ މާއްދާތަކުން ސަލާމަތްވުމަށްޓަކައި، އިންސާނާގެ ހަށިގަނޑުގައި ވަރަށް ހަރުދަނާ ގުދުރަތީ ނިޒާމުތަކެއް ލައްވާފައިވެ އެވެ.

މި ގުދުރަތީ ނިޒާމުތަކަށް އެހީތެރިވެދިނުމަށް ތިބާއަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީ އެވެ.

ކާނާގައި ފައިބަރުގެ މިންވަރު އިތުރުކުރުމުގެ މުހިންމުކަން

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މިންވަރަށްވުރެ މާ މަދުން ފައިބަރު ބޭނުންކުރާ ބައެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެމެރިކާގެ ފިރިހެނުންގެ 97% އަދި އަންހެނުންގެ 90% މީހުންނަށް ދުވާލަކަށް ބޭނުންވާ މިންވަރަށް ފައިބަރު ނުލިބެ އެވެ. ހަގީގަތުގައި ގިނަ މީހުން ބޭނުން ކުރަނީ ލަފާދީފައިވާ މިންވަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މަދު މިންވަރެކެވެ.

އާފަލު ބާސްކެޓެއް
އާފަލު ބާސްކެޓެއް

ފައިބަރަކީ އަޅުގަނޑުމެންގެ ސިއްހަތަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ މާއްދާއެކެވެ. އެއީ ހަށިގަނޑު ރައްކާތެރިކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ސިކުނޑީގެ މަސައްކަތްތަކާއި މިޒާޖަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދޭ އެއްޗެކެވެ. މީގެ އިތުރުން ހިތުގެ ބަލިތަކާއި، ޓައިޕް 2 ޑައިބިޓީސް އާއި، ގޮހޮރުގެ ކެންސަރު ފަދަ ދާއިމީ ބަލިތަކުން ރައްކާތެރިވުމަށް ވެސް ފައިބަރު އެހީތެރިވެދެ އެވެ. ފައިބަރުގެ ސަބަބުން ހަށިގަނޑު ސާފުކޮށްދިނުމަކީ މި މާއްދާ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިންމު އެއް ސަބަބެވެ.

ހަށިގަނޑުން ވިހަ ބޭރު ކުރުމުގައި ބޮޑުކަމުދާ ނިޒާމަކީ ވަރަށް މުހިންމު ގުދުރަތީ ނިޒާމެކެވެ. ފައިބަރުގެ ސަބަބުން ބޮޑުކަމުދާ ތަކެތި މަޑުވެ، ހަށިގަނޑުން ބޭރުވުމަށް ފަސޭހަވެގެންދެ އެވެ. މީގެ ސަބަބުން ގެއްލުންދެނިވި މާއްދާތައް ގޮހޮރުގެ ތެރޭގައި ޖަމާވެފައި ހުންނަ ވަގުތު ކުޑަވެގެންދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފައިބަރު މަސައްކަތް ކުރަނީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަކާއި އެހެނިހެން ތަޣައްޔަރުވެފައިވާ މާއްދާތައް އޭގެ ތެރެއަށް ދަމައިގަނެ، ހަށިގަނޑުން ބޭރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގަ އެވެ. މިސާލަކަށް 2015 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި، ލެޑް އަދި އާސެނިކް ފަދަ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް ފައިބަރު އެހީވެދެ އެވެ. އަދި ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް ދަށްކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް ވެސް މަގުފަހިކޮށްދެ އެވެ. ބައެއް ބާވަތުގެ ފައިބަރުތަކަކީ ކެންސަރު އުފައްދާ މާއްދާތައް ނައްތާލުމާއި ކެންސަރު ސެލްތައް އުފެދުން ހުއްޓުވުމުގެ ގާބިލުކަން ހުރި ތަކެތިކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

މީގެ އިތުރުން، ފައިބަރުގެ ސަބަބުން އިންސާނުން އުފައްދާފައިވާ، ހަށިގަނޑުން ބޭރުނުވެ ގިނަ ދުވަހު ހުންނަ ގެއްލުންދެނިވި ކެމިކަލްތަކުން ވެސް ހަށިގަނޑު ސާފުކޮށްދޭ ކަމަށް ފާހަގަކުރެވެ އެވެ. ހަމައެހެންމެ، މިއީ ފުރަމޭ (ލިވަރ) އަދި ގުރުދާ (ކިޑްނީ) ރައްކާތެރިކުރުމަށް ވެސް ވަރަށް ބޮޑު އެހީއެކެވެ. އެއީ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިއާ އުފެދުމަށް އެހީތެރިވެދޭތީ އެވެ.

ކާނާގައި ފައިބަރު އިތުރުކުރުމަށް އެންމެ ރަނގަޅީ ގަސްގަހާގެހިން ލިބޭ ކާނާ އެވެ. މިސާލަކަށް ހިއްކާފައި ހުންނަ މޭވާ އާއި މުގާއި، ތޮޅީގެ ބާވަތްތަކަކީ ފައިބަރުން މުއްސަނދި ތަކެެއްޗެވެ. އަދި އޯޓްސް، ހޯލްވީޓް ބްރެޑް އަދި ޕާސްތާ ފަދަ ތަކެއްޗަކީ ވެސް ފައިބަރު ގިނަ ތަކެއްޗެވެ. މީގެ އިތުރުން އާފަލު، ބެރީޒް، ނަޓްސް، ޕޮޕްކޯން ނުވަތަ ފިހެފައި ހުންނަ ތޮޅި ފަދަ ތަކެތި ލުއިކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. އެކި ބާވަތްތަކުގެ ފައިބަރުން ލިބޭ ފައިދާ ތަފާތުވުމާއެކު، ތަފާތު ބާވަތްތަކުގެ ކާނާ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

އިތުރަށް ފެން ބުއިން

ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށްޓަކައި ގުރުދާއާއި މޭގަނޑަށް އެހީތެރިވެދިނުމުގައި ފެނަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މިސާލަކަށް، ސޯޑިއަމް އާއި ޔޫރިއާ ފަދަ ބޭކާރު މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށްޓަކައި ގުރުދާއިން ފެން ބޭނުންކުރެ އެވެ. ހަށިގަނޑުން ފެން މަދުވުމުގެ (ޑީހައިޑްރޭޓްވުމުގެ) ސަބަބުން މިފަދަ ގެއްލުން ހުރި މާއްދާތައް ހަށިގަނޑުގައި ޖަމާވުމަށް މެދުވެރިވެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޑަކޮށް ނަމަވެސް ފެން މަދުވެފައި ހުރުމަކީ، ގުރުދާ އަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެ، ހަށިގަނޑު ސާފުކޮށްދިނުމުގެ ނިޒާމު ބަލިކަށިވާ ކަމެކެވެ. އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ދިގު މުއްދަތުގައި ގުރުދާގެ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ސައިން ގެ ދިރާސާތަކުން ދައްކާގޮތުގައި، ގިނައިން ފެން ބުއިމަކީ ގުރުދާގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަކޮށްދީ، ސިއްހީ ގިނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ.

ފެން ބުއިމުން ހަށިގަނޑުން ވިހަތައް ބޭރު ކުރުމަށް އެހީވެދޭ
ފެން ބުއިމުން ހަށިގަނޑުން ވިހަތައް ބޭރު ކުރުމަށް އެހީވެދޭ

ހަށިގަނޑުގެ މިފަދަ މުހިންމު މަސައްކަތްތައް ފުރިހަމަ އަށް ބެލެހެއްޓުމަށް ބޭނުންވަނީ ކިހާ ފެނެއް ހެއްޔެވެ؟ އާންމުކޮށް އިރުޝާދުދޭ "ދުވާލަކު 8 ތަށި ފެން" (ގާތްގަނޑަކަށް ދެ ލީޓަރު) ބޯންޖެހޭ ކަމަށް ބުނާ ބުނުމަކީ މިހާރު ޒަމާނާ ނުގުޅޭ އިރުޝާދެކެވެ. މި އިރުޝާދަކީ 1945 ވަނަ އަހަރު ދީފައިވާ އިރުޝާދަކަށް ވާއިރު، އޭރު އެ މިންވަރު ކަނޑައަޅާފައި ވަނީ ކާނާގެ ޒަރީއާ އިން ހަށިގަނޑަށް ލިބޭ ފެންވެސް ހިމަނައިގެންނެވެ. އޭގެ ބަދަލުގައި، ގިނަ މީހުންނަށް ދުވާލަކު 1.5 އާއި 1.8 ލީޓަރާ ދެމެދުގެ މިންވަރެއް (ގާތްގަނޑަކަށް ހަ ތަށި ނުވަތަ ހަތް ތަށިބައި ފެން) ފުދެއެވެ.

ހަށިގަނޑަށް ބޭނުންވާ ފެން ހޯދުމަށްޓަކައި ހަމައެކަނި ފެނުގެ އިތުރުން، ފެޓް މަދު ކިރާއި، ހަކުރު ނުހިމެނޭ ބުއިންތަކުގެ އިތުރުން ސައި އަދި ކޮފީއަކީ ވެސް ބޭނުންކުރެވިދާނެ ތަކެއްޗެވެ.

ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް

ފަހަކަށް އައިސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުއްޕާމޭ ސާފުކޮށްދޭނެ ކަމަށް ބުނެ އިޝްތިހާރުކުރާ ތަފާތު އުފެއްދުންތައް ވަނީ ބާޒާރުގައި އިތުރުވެފަ އެވެ. ނަމަވެސް، އެމެރިކަން ލަންގް އެސޯސިއޭޝަން (ALA) އިން އިންޒާރުދޭ ގޮތުގައި މިފަދަ "އަވަސް ހައްލުތަކަށް" އިތުބާރު ކުރުމަކީ ނުރައްކާތެރި ކަމެކެވެ. އަދި ބައެއް "ޑިޓޮކްސް" ފަރުވާތަކުގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބިދާނެ ކަމަށްވެސް އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

ފުއްޕާމޭ އަމިއްލަ އަށް ސާފުވުމުގެ ގުދުރަތީ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ވައި ނުސާފުކުރާ މާއްދާތަކުން ދުރުހެލިވުމެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕްކުރުން ހުއްޓާލުމަކީ އެންމެ އިސްކަންދޭންޖެހޭ ފިޔަވަޅެވެ. އަދި އެހެން މީހުން ފޮނުވާލާ ދުމުން (ސެކަންޑްހޭންޑް ސްމޯކް) ރައްކާތެރިވުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށްޓަކައި، ނުރައްކާތެރި ކެމިކަލް (ވޮލެޓައިލް އޯގެނިކް ކޮމްޕައުންޑްސް) ނުވަތަ މީރު ވަސް ދުވާ މާއްދާތައް ހިމެނޭ ސާފުކުރާ ސާމާނާއި އެއަރ ފްރެޝްނަރ ބޭނުންކުރުން މަދުކުރުމަށް އެމެރިކަން ލަންގް އެސޯސިއޭޝަން އިން ލަފާދެ އެވެ. މީގެ އިތުރުން އުއްބައްތި އާއި، ބަދިގެ އިން އަރާ ދުމާއި، ކާބޯތަކެތި ކެއްކުމަށް ބޭނުންކުރާ ގޭހުގެ ވަހުން ދުރުހެލިވުން ހިމެނެއެވެ. އަދި ހިރަފުހާއި އެލާޖީން ރައްކާތެރިވުމަށްޓަކައި، ހީޕާ (HEPA) ފިލްޓަރު ހުންނަ ވެކިއުމް ކްލީނަރެއް ބޭނުންކުރުމަކީ ވެސް އެދެވިގެންވާ ކަމެކެވެ.

ހިތާއި ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަސްރަތުގެ ސަބަބުން ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތައް ކުޑަކޮށްދީ، ނޭވާލުމަށް ބޭނުންވާ މަސްތަކުގެ ބާރު ގަދަކޮށްދެ އެވެ. މީގެ އިތުރުން، ފުއްޕާމޭގެ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި "ފުމޭ" މިއުޒިކް އާލާތްތައް ކުޅުން ފަދަ ކަންކަމަކީ ވެސް ފުއްޕާމެއަށް ދެވޭ ރަނގަޅު ކަސްރަތުތަކެކެވެ.

އަރާމުކޮށް ނިދުން

ނިދުމަކީ ހަމައެކަނި ވަރުބަލިކަން ފިލުވައިދޭ ކަމެއް ނޫނެވެ. މިއީ ސިކުނޑި "ދޮވެ ސާފުކޮށްދޭ" ވަގުތެކެވެ. ކޮންމެ ރެއަކު އަހަރެމެން ނިދާފައި އޮންނަ ވަގުތު، ސިކުނޑީގެ ސެލްތަކުގެ ދެމެދުގައިވާ ހުސްތަންތަނުގެ ތެރެއަށް ދިޔާ މާއްދާއެއް ފޮނުވައި، ދުވާލު ހަތަރުދަމު ސިކުނޑީގައި އުފެދިފައިވާ ބޭކާރު މާއްދާތައް ނެރެ ބޭރުކޮށްލަ އެވެ.

މިގޮތަށް ބޭރުކުރެވޭ ބޭކާރު ތަކެތީގެ ތެރޭގައި، ސިކުނޑީގެ ސެލްތަކުން މަސައްކަތް ކުރާއިރު އުފެދޭ އިތުރު ޕްރޮޓީންތަކާއި، އަލްޒައިމާ (ހަނދާން ނެތޭ ބަލި) ބައްޔާ ގުޅުންހުރި 'ބީޓާ އެމިލޮއިޑްސް' ފަދަ މާއްދާތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް މާއްދާތައް ލޭހިނގާ ނާރުތަކުގެ ތެރެއަށް ފޮނުވާލެވުނު ނަމަވެސް، ބާކީ ހުންނަ ތަކެތި ޖަމާވަނީ ސިކުނޑީގެ ނާރުތަކުގެ ދެމެދުގައިވާ ހުސްތަންތަނަށެވެ.

އެކަށީގެންވާ ވަގުތު ނިދުމަކީ ހަށިގަނޑުން ވިހަތައް ސާފުކުރުމަށް މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނޭ
އެކަށީގެންވާ ވަގުތު ނިދުމަކީ ހަށިގަނޑުން ވިހަތައް ސާފުކުރުމަށް މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނޭ

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ސިކުނޑި އާއި މައިބަދަ ރައްކާތެރިކޮށްދޭ ކުލައެއް ނެތް ދިޔާ މާއްދާ (ސެރެބްރޯސްޕައިނަލް ފްލުއިޑް) ނިދީގެ ތަފާތު މަރުހަލާތަކުގައި ސިކުނޑީގެ ތެރެއަށް ވަދެ، ވިހަ މާއްދާތައް ދޮވެލަ އެވެ. ހާއްސަކޮށް ނިދީގެ ތެރޭގައި ކުޑަކޮށް ހޭލެވޭ ވަގުތުތަކުގައި މި ދިޔާ މާއްދާގެ އޮހުރުން ސިކުނޑީގެ އެކި ސަރަހައްދުތަކުގައި އިތުރުވެގެންދެ އެވެ.

ބައެއް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ނިދުމަށް އެހީތެރިވާ ހޯރމޯން އެއް ކަމަށްވާ "މެލަޓޮނިން" އަކީ މި ސާފުކުރުމުގެ މަސައްކަތުގައި ސާފުކުރާ ސައިބޯންޏެއް ފަދަ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް، ބޭރުން މެލަޓޮނިން ސަޕްލިމަންޓް ބޭނުންކުރުމުން މި މަސައްކަތަށް އިތުރު ބާރެއް ލިބޭކަމުގެ ހެއްކެއް އަދި ފެންނާކަށް ނެތެވެ.

އަނެއްކޮޅުން، ނިދި މަދުވުމުގެ ސަބަބުން ސިކުނޑިއަށް ވިހަ މާއްދާތަކުން ރައްކާތެރިކަން ހޯދައިދޭ "ބްލަޑް-ބްރެއިން ބެރިއަރ" ގެ މަސައްކަތަށް ހުރަސްއެޅެ އެވެ. އާންމުކޮށް މީހަކަށް ބޭނުންވާ ހަތް ގަޑިއިރަށްވުރެ ކުޑަކޮށް މަދުން ނިދި ނަމަވެސް، ސިކުނޑީގެ ކުނިތައް ސާފުކުރުމުގެ ގާބިލުކަމަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާ ޖެހިގެން އަންނަ ދުވަހު ފެންނަން ފަށާނެއެވެ. ރޭގަނޑުގެ މި ސާފުކުރުމުގެ މަސައްކަތް ފުރިހަމައަށް ނުހިނގާނަމަ، ވިސްނުމުގެ ބާރު ދަށްވެ، ކަންކަމުގައި ރަނގަޅު ގޮތް ނިންމުމަށް ދަތިތަކާ ކުރިމަތިވެ އެވެ.

ބައެއް ދިރާސާވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ހޭލާ ހުންނަ ވަގުތު ސިކުނޑީގެ މި ސާފުކުރުމުގެ ނިޒާމު ހިންގޭނެ ގޮތެއް ހޯދުމަށެވެ. މީގެ ތެރޭގައި ސިކުނޑި އަށް ރޭޑިއޯ ވޭވް ފޮނުވައިގެން ކުރާ ތަޖުރިބާތައް ހިމެނެއެވެ. ނަމަވެސް އަނެއްބައި މާހިރުން ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތަކީ ދިރިއުޅުމުގެ އާދަކާދަ ބަދަލުކޮށްގެން ނިދީގެ ތެރެއިން މިކަން ހާސިލުކުރުމެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކަނާތްފަރާތަށް އޮށޯވެގެން ނިދުމުން ސިކުނޑީގެ ކުނިތައް ސާފުކުރުމަށް ފަސޭހަވެ އެވެ. މީގެ އިތުރުން ގަވާއިދުން ކަސްރަތު ކުރުމަކީ ނިދި ރަނގަޅުކޮށްދޭ ކަމެކެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މި ހޯދުންތަކުގެ ބޮޑުބައެއް ހަދާފައިވަނީ ޖަނަވާރުން ބޭނުންކޮށްގެން ކަމަށްވާތީ، އިންސާނުންގެ މައްޗަށް މީގެ ނަތީޖާ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވާނެ އެވެ.

ފިޓްކޮށް ހުރުން

ކަސްރަތު ކުރުމަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް، މިއީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތާ ޚިލާފަށް ދާހިއްލައިގެން ވާ ކަމެއް ނޫނެވެ.

ހޫނު ތަންތަނުގައި ޔޯގާ ހެދުމާއި، ސައުނާ ބޭނުންކުރުން ފަދަ ކަންކަމަކީ މިހާރު ވަރަށް ބޮޑަށް އާންމުވަމުން އަންނަ ކަންކަމަށް ވީނަމަވެސް، ދަލާ އެކު ވިހަ މާއްދާތައް ބޭރުވާ ކަމަށް ބުނާ ބުނުމާމެދު ސައިންސްވެރިން ސުވާލު އުފައްދައެވެ. ސައުތުހެމްޕްޓަން ޔުނިވަރސިޓީގެ ފިޒިއޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ފިލިންގޭރީ ފާހަގަކުރައްވާ ގޮތުގައި، މިކަމަށް ބާރުދޭ އެއްވެސް އިތުބާރު ހުރި ސައިންޓިފިކް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. އަދި "ދަ ޖޯއި އޮފް ސްވެޓް" ފޮތުގެ މުސައްނިފު އަދި ކެމިސްޓް ސާރާ އެވަރޓްސް މިފަދަ ވާހަކަތައް ސިފަކުރައް ވަނީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްގެ ގޮތުގައެވެ.

ދަލަކީ މައިގަނޑު ގޮތެއްގައި ފެނެވެ. އޭގެ މައިގަނޑު ރޯލަކީ ހަށިގަނޑުގެ ހޫނުމިން ހަމަހިފަހައްޓައި، ހަށިގަނޑު ފިނިކޮށްދިނުމެވެ. ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ މައިގަނޑު ގުނަވަންތަކަކީ ފުރަމޭ (ލިވަރ) އާއި ގުރުދާ (ކިޑްނީ) އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކަސްރަތު ކުރުމުގެ ސަބަބުން މި ގުނަވަންތަކަށް ލޭ ދައުރުވާ މިންވަރު އިތުރުވެ، ހަށިގަނޑުގައި ހުންނަ ބޭކާރު މާއްދާތައް ފުރޭނުމުގެ ގާބިލުކަން އެ ގުނަވަންތަކަށް އިތުރަށް ލިބިގެންދެ އެވެ.

ހަށިގަނޑުގައި ސަރުބީ ގިނަވުމަކީ ފުރަމޭއިން ވިހަ މާއްދާތައް ފުރޭނުމަށް ހުރަސްއެޅޭ ކަމެކެވެ. ނަމަވެސް، ކަސްރަތުގެ ސަބަބުން މި ސަރުބީ ދަށްކޮށްދޭކަން ދިރާސާތަކުން އެނގެއެވެ. ފުރަމޭ ގައި ސަރުބީ ޖެހޭ ބަލި (ނޮން-އަލްކޮހޮލިކް ފެޓީ ލިވަރ ޑިޒީޒް) ހުންނަ މީހުންނަށް އަމާޒުކޮށްގެން ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި، ބަރު އުފުލުމުގެ ކަސްރަތުތަކާއި (ރެސިސްޓެންސް ޓްރެއިނިންގ) އެއިރޯބިކް ކަސްރަތުތަކުގެ ސަބަބުން ފުރަމޭގައި ހުންނަ ސަރުބީގެ މިންވަރު މަދުވެގެންދެ އެވެ. މީގެ އިތުރުން، ދިގު މުއްދަތަކަށް ކުރާ ހައި-އިންޓެންސިޓީ އިންޓަވަލް ޓްރެއިނިންގ ސަބަބުން، އުމުރުން ދުވަސްވީ މީހުންގެ ގުރުދާގެ މަސައްކަތް ހީނަރުވުން ކުޑަކޮށްދޭކަން އެހެން ދިރާސާއަކުން ވަނީ ހާމަވެފަ އެވެ. ގުރުދާގެ ދުޅަހެޔޮކަމަށްޓަކައި ބާރަށް ހިނގުމާއި، ފެތުމާއި، ބައިސްކަލް ދުއްވުމަކީ ވަރަށް ރަނގަޅު ކަސްރަތުތަކެއް ކަމަށް ކިޑްނީ ރިސާޗް ޔޫކޭ އިން ބުނެފައިވެ އެވެ. ގަސް އިންދުމާއި، ގޭތެރޭގެ މަސައްކަތްތައް ކުރުން ނުވަތަ ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަކީ ވެސް މިކަމަށް އެހީތެރިވެދޭނެ ކަންކަމެވެ.

އާދަކާދަތަކަށް ގެންނަ މިފަދަ ބަދަލުތަކުން ސިއްހީ ފައިދާ ފެންނާނީ ދިގު މުއްދަތަކަށް އެކަންކަން ދެމެހެއްޓުމުންނެވެ. މިސާލަކަށް، ކުރު މުއްދަތަކަށް ބައެއް އާދަތަކާ ދުރުވުމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބުނު ނަމަވެސް، މުޅި އަހަރު ދުވަހު ސިއްހީ މިންގަނޑުތަކަށް ފެތޭ ގޮތަށް އުޅުމަކީ މާ މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަމަ އެފަދައިން، ކެއުމުގެ އާދަތަކަށް ގެނެވޭނެ ސިއްހީ ބަދަލަކީ "މެޑިޓަރޭނިއަން ޑައިޓް" ފަދަ ފައިދާހުރި ކެއުމެއް ދާއިމީކޮށް އިހްތިޔާރު ކުރުމެވެ.

ވީމާ، ސިއްހަތަށް ފައިދާހުރި ބަދަލުތަކެއް ގެނައުމަށް މި މަހު މަސައްކަތް ފެށިދާނެއެވެ. ނަމަވެސް، އޭގެ ހަގީގީ ނަތީޖާ ފެންނާނީ އެކަމުގައި މަދު ހަފުތާތަކަކަށްވުރެ ގިނަ ދުވަހު ދެމިހުރެގެންނެވެ.

ޑިޓޮކްސްފުރަމޭކިޑްނީފުއްޕާމެމެޑިޓަރޭނިއަން ޑައިޓްއާއްމު ސިއްހަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ތަށި ދޮންނަ އިސްޕަންޖަކީ ޖަރާސީމު ހާއްޔެއް! ބަދަލުގައި ބުރުސް ބޭނުން ކުރުން މާ ރަނގަޅު ނުވާނެތަ؟

ތަށި ދޮންނަ އިސްޕަންޖަކީ ޖަރާސީމު ހާއްޔެއް! ބަދަލުގައި ބުރުސް ބޭނުން ކުރުން މާ ރަނގަޅު ނުވާނެތަ؟

08 ޖެނުއަރީ 2026
އެމެރިކާގެ ކާނާގެ އުސޫލުތަކަށް ބޮޑު ބަދަލެއް؛ އާޓިފިޝަލް ހަކުރާ ދުރުވެ، މަހާއި ކިރު ބޭނުން ކުރުމަށް ބާރުއަޅަނީ

އެމެރިކާގެ ކާނާގެ އުސޫލުތަކަށް ބޮޑު ބަދަލެއް؛ އާޓިފިޝަލް ހަކުރާ ދުރުވެ، މަހާއި ކިރު ބޭނުން ކުރުމަށް ބާރުއަޅަނީ

08 ޖެނުއަރީ 2026
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި

20 ނޮވެމްބަރު 2025
އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި، ފިޔަވަޅު އަޅާނަން

އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި، ފިޔަވަޅު އަޅާނަން

30 އޮކްޓޯބަރު 2025
ފުރަތަމަ ފަހަރަށް ދުނިޔޭގައި އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެ

ފުރަތަމަ ފަހަރަށް ދުނިޔޭގައި އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެ

13 މެއި 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު