ކޮންމެ އަހަރަކު ހަތް މިލިއަން މީހުންނަށް ކެންސަރު ޖެހުން ހުއްޓުވިދާނެ: ޑަބްލިއުއެޗްއޯ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދިރާސާއަކުން ދައްކާގޮތުގައި، ކެންސަރު ބަލީގެ 37 އިންސައްތަ ހިއްސާކުރަނީ ދިރިއުޅުމުގެ އާދަކާދަތަކާއި، އިންފެކްޝަންތަކުގެ އިތުރުން ތަޣައްޔަރުވެފައިވާ މާހައުލުގެ ސަބަބުން ކުރިމަތިވާ، ރައްކާތެރިވެވިދާނެ ކަންކަމެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެޗްޕީވީ ފަދަ ވައިރަސްތަކާއި، ފަލަވުން ހިމެނޭއިރު، ހަރުދަނާ ސިޔާސަތުތަކާއި ވެކްސިންގެ އެހީގައި މި ބަލިތައް މަދުކުރުމުގެ ފުރުސަތު އެބައޮތް.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާ ބުއިމަކީ ކެންސަރު ބަލީގެ ބައެއް ބާވަތްތައް ކުރިމަތިވުމަށް މެދުވެރިވާ މައިގަނޑު ދެ ސަބަބު. | ގެޓީ އިމޭޖަސް
ދުނިޔޭގެ ފެންވަރުގައި ފުރަތަމަ ފަހަރަށް ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު ހަތް މިލިއަން މީހުންނަށް ކެންސަރު ޖެހުން ހުއްޓުވިދާނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސައިންސްވެރިން ތައްޔާރުކުރި ރިޕޯޓެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި، ކެންސަރު ބަލީގެ 37 އިންސައްތަ ހިއްސާކުރަނީ އިންފެކްޝަންތަކާއި، ދިރިއުޅުމުގެ އާދަކާދަތަކާއި އަދި ތަޣައްޔަރުވެފައިވާ މާހައުލުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. މިއީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ ދުރުހެލިވެވިދާނެ ކަންކަމެވެ.
މީގެ ތެރޭގައި ވެކްސިން ޖަހައިގެން ރައްކާތެރިވެވޭ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ގެ ސަބަބުން ޖެހޭ ރަހިމުގެ ކެންސަރާއި، ސިނގިރޭޓުގެ ދުމުގެ ސަބަބުން އުފެދޭ ތަފާތު އެކި ބާވަތްތަކުގެ ޓިއުމަރުތައް ހިމެނެ އެވެ.
ދިރާސާވެރިން ވިދާޅުވި ގޮތުގައި، މި ރިޕޯޓުން ހާމަވަނީ މިލިއަނުން ގުނާލެވޭ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލުމަށް ލިބިފައިވާ "ވަރުގަދަ ފުރުސަތެކެވެ".
ބައެއް ބާވަތްތަކުގެ ކެންސަރަކީ އުމުރުން ދުވަސްވުމުން އިންސާނާގެ ޑީއެންއޭ އަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ ވާރުތަވާ ޖީންތަކުގެ ސަބަބުން ޖެހޭ ބަލިތަކެކެވެ.
ނަމަވެސް، ދިރާސާވެރިޔާ ޑރ. އިޒަބެލް ސޯޖޮމަޓަރަމް ވިދާޅުވީ، ކޮންމެ 10 ކެންސަރު ބަލިމީހެއްގެ ތެރެއިން ގާތްގަނޑަކަށް ހަތަރު މީހުންނަށް ބަލިޖެހުން ހުއްޓުވިދާނެކަން އެނގުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބޭ ކަމަށެވެ. ސަބަބަކީ މިއީ ވަރަށް ބޮޑު އަދަދަކަށް ވާތީއެވެ.
ޑަބްލިއުއެޗްއޯ ގެ ދަށުން ހިންގާ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރުން ވަނީ، ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭކަން އެނގިފައިވާ 30 ކަމެއް ދިރާސާކޮށްފަ އެވެ.
މީގެ ތެރޭގައި ޑީއެންއޭއަށް ސީދާ ގެއްލުންދޭ ދުންފަތުގެ އިސްތިއުމާލުކުރުމާއި އަލްޓްރާވައިލެޓް (ޔޫވީ) ދޯދިތައް ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ހޯރމޯންތަކަށް ބަދަލު ގެނުވައި ކެންސަރުގެ ނުރައްކާ އިތުރުކުރާ މާބޮޑަށް ފަލަވުމާއި ކަސްރަތު ނުކުރުމުގެ އިތުރުން، ހަށިގަނޑުގައި ހަރަކާތެއް ނެތި ހުންނަ ކެންސަރު ސެލްތައް ހޭލައްވާލާ ވައި ތަޣައްޔަރުވުން ފަދަ ކަންކަން ހިމެނެ އެވެ.
އެ އެޖެންސީގެ ރިޕޯޓުގައި ކެންސަރު ޖައްސާ ނުވަ އިންފެކްޝަނަކަށް ވެސް ބަލާފައިވެއެވެ. އޭގެ ތެރޭގައި އެޗްޕީވީ އާއި، ފުރަމޭގެ ކެންސަރަށް މަގުފަހިކުރާ ހެޕަޓައިޓިސް ވައިރަސް ހިމެނެއެވެ.
މި ތަފާސްހިސާބުތައް އެކުލަވާލުމަށްޓަކައި ޓީމުން ބޭނުންކޮށްފައި ވަނީ 185 ގައުމަކުން 2022 ވަނަ އަހަރު ރިޕޯޓުކުރި ކެންސަރުގެ ކޭސްތަކާއި، އޭގެ 10 އަހަރު ކުރިން ފާހަގަކުރެވުނު 30 ނުރައްކާތެރި ކަންތައްތަކުގެ މައުލޫމާތެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނުނު 18 މިލިއަނަށްވުރެ ގިނަ ކެންސަރު ކޭސްތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތް ތިން ކަމަކީ:
- ދުންފަތުގެ އިސްތިއުމާލުކުރުން: 3.3 މިލިއަން ކެންސަރު ކޭސް
- އިންފެކްޝަންތައް: 2.3 މިލިއަން ކެންސަރު ކޭސް
- ބަނގުރާ ބޭނުންކުރުން: 700,000 ކެންސަރު ކޭސް
ނަމަވެސް، މި ޖުމްލަ އަދަދުތަކުގެ ފަހަތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކެންސަރުގެ ނުރައްކާ އޮތް މިންވަރު ތަފާތެވެ.
ޖިންސަށް ބަލާއިރު ބޮޑު ތަފާތެއް ފާހަގަކުރެވެއެވެ. އެގޮތުން ފިރިހެނުންނަށް ޖެހޭ ކެންސަރުގެ 45 އިންސައްތައަކީ ހުއްޓުވިދާނެ ކަންކަމުގެ ސަބަބުން ޖެހޭ ބަލިތަކެވެ. އަންހެނުންގެ މި ނިސްބަތް އުޅެނީ 30 އިންސައްތައިގައެވެ. މި ތަފާތު އަންނަނީ ފިރިހެނުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިތުރުވުމުންނެވެ.
ޔޫރަޕްގައި ދިރިއުޅޭ އަންހެނުންނަށް ކެންސަރު ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ތިން ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، އިންފެކްޝަންތަކާއި، އަދި މާބޮޑަށް ފަލަވުމެވެ.
އެހެންނަމަވެސް، ސަބް-ސަހާރަން އެފްރިކާގައި އަންހެނުންނަށް ޖެހޭ ކެންސަރުގެ ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާކުރަނީ އިންފެކްޝަންތަކެވެ.
މީގެ މާނައަކީ ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ކޮންމެ ސަރަހައްދަކަށް ނުވަތަ ގައުމަކަށް ވަކިން ހާއްސަކޮށް ބައްޓަންކުރަން ޖެހޭ ކަމެވެ.
"މި ތާރީޚީ ދިރާސާއަކީ ދުނިޔޭގެ ފެންވަރުގައި ހުއްޓުވިދާނެ ކެންސަރު ބަލިތަކާ ގުޅޭގޮތުން ހެދި ފުރިހަމަ ވަޒަންކުރުމެއް. މީގައި ފުރަތަމަ ފަހަރަށް އުޅުމާއި، ތިމާވެއްޓާއި، އަދި މަސައްކަތުގެ މާހައުލުގެ ނުރައްކާތަކުގެ އިތުރުން އިންފެކްޝަންތަކުގެ ސަބަބުން ޖެހޭ ކެންސަރުތައް ވެސް ވަނީ ހިމަނާފައި،" އައި.އޭ.އާރް.ސީ ކެންސަރު ސަވައިލަންސް ޔުނިޓްގެ ޑެޕިއުޓީ ހެޑް ސޯޖޮމަޓަރަމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ހުއްޓުވިދާނެ ސަބަބުތަކަށް ހައްލު ހޯދުމަކީ ދުނިޔޭގައި ކެންސަރު ބަލީގެ ބުރަ ކުޑަކުރުމަށް ލިބޭ އެންމެ ވަރުގަދަ އެއް ފުރުސަތު ކަމަށެވެ.
'ނޭޗަރ މެޑިސިން' ޖާނަލްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުން ދައްކާ ގޮތުގައި، ފުއްޕާމޭގެ ކެންސަރާއި (ދުންފަތާއި ވައި ނުތާހިރުވުމާ ގުޅުންހުރި)، ބަނޑުގެ ކެންސަރާއި އަދި ރަހިމުގެ ކެންސަރު (އެޗްޕީވީ އިންފެކްޝަނާ ގުޅުންހުރި) ހިއްސާކުރަނީ ހުއްޓުވިދާނެ ކެންސަރު ކޭސްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.
ޑަބްލިއުއެޗްއޯގެ ކެންސަރު ކޮންޓްރޯލް ކުރުމާބެހޭ ޓީމުގެ ވެރިޔާ ޑރ. އަންދްރޭ އިލްބާވީ ވިދާޅުވީ، މި ދިރާސާއަކީ "އުފާވެރި ޚަބަރެއް" ކަމަށެވެ. ސަބަބަކީ މިކަމުގައި ކުރެވޭނެ ކަންތައްތަކެއް ހުރިކަން ހާމަވުމެވެ. އޭނާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި އެޗްޕީވީ ވެކްސިން ދިނުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ކާމިޔާބީ ހޯދާފައިވާ ގައުމުތަކުގެ މިސާލު ދައްކަވާފައެވެ.





