ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ
މި މަޖިލީހުގެ މުގައްރިރަކަށް ހުންނަވާނީ ޓްރަމްޕް ކަމަށްވުމުގެ އިތުރުން ނިންމުންތަކަށް އޭނާގެ ރުހުން ލިބެންޖެހޭ.

ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓަސް
ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް ކޮންމެ ގައުމަކުން 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަލަށް އުފައްދާ "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ މަޖިލީހުން ދާއިމީ ޖާގައެއް ބޭނުންވާ ގައުމުތަކުން މަދުވެގެން 1 ބިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ޓްރަމްޕްގެ ސަރުކާރުން އެދެމުންދާ ކަމަށް ރިޕޯޓު ކުރީ ބްލޫމްބާގް އިން އާދީއްތަ ދުވަހު އެވެ.
ބްލޫމްބާގް އަށް ފެނިފައިވާ އެ މަޖިލީހުގެ ޗާޓަރުގެ ދެލިކޮޕީގައިވާ ގޮތުން، އެ މަޖިލީހުގެ ފުރަތަމަ މުގައްރިރަކަށް ހުންނަވާނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އަދި އެ މަޖިލީހުގައި ބައިވެރިވާނެ މެންބަރުން ކަނޑައަޅުއްވާނީ ވެސް އޭނާ އެވެ. މަޖިލީހުގެ ނިންމުންތައް ނިންމާނީ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ވީނަމަވެސް، ކޮންމެ ނިންމުމަކަށް ވެސް މުގައްރިރުގެ ރުހުން ލިބެންޖެހެ އެވެ.
އެ ދެލިކޮޕީ ގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ މެންބަރު ގައުމެއްގެ ދައުރަކީ ތިން އަހަރު ދުވަހެވެ. އަދި އެ ދައުރު އިތުރުކުރުމުގެ އިޚުތިޔާރު އޮންނާނީ މުގައްރިރަށެވެ. ނަމަވެސް، މަޖިލީހުގެ މަސައްކަތް ފަށާ ފުރަތަމަ އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ ދައްކާ ގައުމުތަކަށް މި ތިން އަހަރުގެ މުއްދަތެއް ނޯންނާނެ އެވެ.
މިކަމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ، މިއީ ޓްރަމްޕް އަބަދުވެސް ފާޑުވިދާޅުވާ އދ. އާ ވާދަވެރި، ނުވަތަ އދ. ގެ ބަދަލުގައި ބޭނުން ކުރާނެ އެހެން އިދާރާ އެއް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ އެވެ.
ޗާޓަރުގައި މި މަޖިލިސް ސިފަކޮށްފައި ވަނީ "ހަމަނުޖެހުން ހިނގާ ނުވަތަ ހަމަނުޖެހުމުގެ ބިރު އޮތް ސަރަހައްދުތަކުގައި ހަމަޖެހުން ގާއިމުކޮށް، ގާނޫނީ ސަރުކާރުތައް އިއާދަކޮށް، ދެމެހެއްޓެނިވި ސުލްހަ ކަށަވަރުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް" ގެ ގޮތުގަ އެވެ. ތިން ގައުމަކުން މި ޗާޓަރު ގަބޫލުކުރުމާ އެކު މި މަޖިލިސް ރަސްމީ ވާނެ އެވެ. މީގެ އިތުރުން، މަޖިލީހުގެ ރަސްމީ ސިއްކަ ފާސްކުރުމުގެ ޒިންމާ ވެސް އޮންނާނީ ޓްރަމްޕަށެވެ.
ވައިޓް ހައުސް އިން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، 'އެކްސް' (ކުރީގެ ޓްވިޓާ) ގައިވާ ރެޕިޑް ރެސްޕޮންސް އެކައުންޓުން ބުނެފައި ވަނީ މި ޚަބަރަކީ އޮޅުން އަރާ ގޮތަށް ފަތުރާފައިވާ ޚަބަރެއް ކަމަށެވެ. އެ ފަރާތުން ބުނި ގޮތުގައި، މަޖިލީހުގައި ބައިވެރިވުމަށް ވަކި ފީއެއް ނޯންނާނެ އެވެ. އަދި ދާއިމީ މެންބަރުކަން ދެނީ ސުލްހަ އާއި އަމާންކަމަށް ބޮޑު އެހީތެރިކަމެއް ދޭ ގައުމުތަކަށް އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.
ޣައްޒާގެ ސުލްހައަށްޓަކައި އުފައްދާ ޚާއްސަ ބޯޑެއްގައި ބައިވެރިވުމަށް ޓްރަމްޕް ވަނީ ދުނިޔޭގެ ބައެއް ލީޑަރުންނަށް ދައުވަތު އަރުވާފަ އެވެ. މީގެ ތެރޭގައި އާޖެންޓީނާގެ ރައީސް ހާވިއާ މިލެއި އާއި ކެނެޑާގެ މާކް ކާނީ ހިމެނެ އެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިކަމުގެ ތަފުސީލުތައް އިޒްރޭލާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކަށް ވެސް މި މަޖިލީހުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް، މަޖިލީހުގެ ފައިސާގެ ކަންކަން ސީދާ ޓްރަމްޕްގެ ބާރުގެ ދަށުގައި އޮންނަ ގޮތަށް އޮތުމުން، ގިނަ ގައުމުތަކަކުން މިކަމާ ދެކޮޅު ހަދާނެ ކަމަށް ބެލެވެ އެވެ. ބައެއް ގައުމުތަކުން މިހާރު ވެސް ދަނީ މި ހުށަހެޅުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ.
މި މަޖިލީހުގެ ވޯޓުލާ ބައްދަލުވުންތައް އަހަރަކު މަދުވެގެން އެއްފަހަރު ބާއްވަން ޖެހޭނެއެވެ. އަދި ބައްދަލުވުންތައް ބާއްވާނެ ވަގުތާއި ތަން ކަނޑައަޅާނީ މުގައްރިރެވެ. މީގެ އިތުރުން، އެޖެންޑާ ފާސްކުރުމުގެ ބާރު ވެސް އޮންނާނީ މުގައްރިރަށެވެ.
މަޖިލީހުގެ މެންބަރަކު ވަކިކުރުމުގެ ބާރު ވެސް ޓްރަމްޕަށް ލިބިގެންވެ އެވެ. އެކަން ހުއްޓުވޭނީ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. އަދި މުގައްރިރުގެ މަގާމަށް ދެން އަންނާނެ މީހަކު ކަނޑައަޅާނީ ވެސް ހަމަ މުގައްރިރެވެ.
މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްއިން ވަނީ މި މަޖިލީހުގެ ފުރަތަމަ އެގްޒެކެޓިވް ޕެނަލް އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ސްޓީވް ވިޓްކޮފް، ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނެ އެވެ.






