ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް
ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ބޮޑު ހަނގުރާމަ އަކީ މިއީ ކަމަށްވާއިރު، އެމެރިކާގެ އިސްނެގުމުގެ މަތިން ވެސް ހައްލެއް ނުލިބިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ސަބަބަކީ ޒެލެންސްކީ ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ | ގެޓީ އިމޭޖަސް
ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރަމުން އަންނައިރު، ސުލްހައިގެ އެއްބަސްވުމަށް ހުރަސް އަޅަނީ ޔޫކްރެއިން އިން ކަމަށާއި، ރަޝިޔާ އަކުން ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ހުންނަވައި ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، މިއީ ޔޫރަޕުގެ ގިނަ ޤައުމު ތަކުން ދައްކަމުން އަންނަ ވާހަކައާ ތަފާތު ވާހަކަ އެކެވެ. ޔޫރަޕުގެ ގިނަ ލީޑަރުން ވިދާޅުވަމުން އަންނަނީ ހަނގުރާމަ ހުއްޓާލައި، ސުލްޙަ ޤާއިމު ކުރުމަށް ބޭނުން ނުވަނީ ރަޝިޔާ އިން ކަމަށެވެ.
ރޮއިޓާސް އަށް ދެއްވި އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވީ، މިހާރު ހަތަރު އަހަރުވާން ކައިރިވެފައިވާ އެ ހަނގުރާމަ ނިންމުމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ހުންނެވީ ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް، ހަނގުރާމަ ހުއްޓާލައި، ސުލްޙަ ޤާއިމު ކުރުމަށް ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ހުންނެވީ ތައްޔާރަށް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޕުޓިންގެ ވާހަކަ ދައްކަވަމުން ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވީ، އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. ޔުކްރެއިންގެ ކިބައިން އެއްބަސްވުމަކާ ހަމައަށް ދިޔުމަށް މަސައްކަތް ކުރާ ކަމުގެ އަމަލުތައް ފެންނަ މިންވަރު މަދު ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ބޮޑު ހަނގުރާމަ އަކީ މިއީ ކަމަށްވާއިރު، އެމެރިކާގެ އިސްނެގުމުގެ މަތިން ވެސް ހައްލެއް ނުލިބިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ސަބަބަކީ ޒެލެންސްކީ ކަމަށެވެ.
ބައިނަލްއަޤުވާމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ މި ވާހަކަ އިން ދޭހަވަނީ ޒެލެންސްކީއާ މެދު އޭނާ ހިތްހަމަ ނުޖެހިފައި ހުރި މިންވަރު ކަމަށެވެ. ގިނަ ދުވަސް ތަކެއް ވަންދެން ޓްރަމްޕް އާއި ޒެލެންސްކީއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، އެންމެ ފަހުން ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގެންނެވި ފަހުން އެ ގުޅުން ކޮންމެ ވެސް މިންވަރަކަށް ރަނގަޅު ވެފައިވާ ކަމަށް ފާހަގަވެފައިވެ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެމެރިކާއާ އެކުވެރި ޤައުމު ތަކުގެ ލީޑަރުންގެ ވާހަކަ އަށް ވުރެ ބޮޑަށް، ގިނަ ފަހަރު ޓްރަމްޕް ބަލައި ގަންނާނީ ޕުޓިންގެ ވާހަކަ، ނުވަތަ އޭނާގެ ބަހެވެ. އެކަމުގެ ސަބަބުން ޔޫކްރެއިން އާއި، އަދި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ކަންބޮޑުވުން ތަކެއް އުފެދިފަ އެވެ.
ހަނގުރާމަ ނިންމުމަަށް ރަޝިޔާ އިން އަބަދު ވެސް ކުރަމުން އަންނަ ޑިމާންޑަކީ ޔޫކްރެއިންގެ ބިމުން ބައެއް ދޫކޮށްލުމަށެވެ. ފަހުން ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ، ޔޫކްރެއިން އަށް އެންމެ ފައިދާ ހުރި ގޮތަކީ ރަޝިޔާ އިން އެދޭ ގޮތަށް ބިމުން ބައެއް ދޫކޮށްލުން ކަމަށެވެ. އެހެން ނަމަވެސް، ތަކުރާރުކޮށް ޒެލެންސްކީ ވިދާޅުވަމުން ގެންދަވަނީ ޔޫކްރެއިންގެ ބިމުން އެއްވެސް ބައެއް ދޫކޮށްލެވެން ނެތް ކަމަށެވެ.
މަސްދަރު: ރޮއިޓާސް







