ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން
ޓްރަމްޕް ތަކުރާރުކޮށް ގްރީންލޭންޑް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ބިރު ދައްކަވަމުން ގެންދަވާއިރު، ޔޫރަޕްގެ ލީޑަރުން ހިމޭންވެ ތިބުމުން އެމެރިކާ އާ ދެކޮޅަށް ކުރިމަތިލުމުގެ ގާބިލްކަން ނެތްކަން ހާމަވުމުގެ އިތުރުން ޑެންމާކުގެ ސިޔާދަތަށް އެމެރިކާ އިން އަރައިގެންފިނަމަ ނޭޓޯ އުވިގެން ހިނގައިދާނެ ކަމުގެ ނުތަނަވަސްކަން ވެސް ވަނީ ވެރިވެފައި.

2025 ވަނަ އަހަރު ނެދަލެންޑްސްގެ ދަ ހޭގް ގައި އޮތް ނޭޓޯ ސަމިޓު ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާއާ ވާހަކަ ދައްކަވަނީ. | ގެޓީ އިމޭޖަސް
ގްރީންލޭންޑަކީ ދުނިޔޭގެ އެންމެ ބޮޑު ރަށެވެ. އެއީ ޖަރުމަނުވިލާތަށްވުރެ ހަގުނަ ބޮޑު ސަރަހައްދެކެވެ. އާކްޓިކް ސަރަހައްދުގައި އޮތް ނަމަވެސް، އެއީ ޑެންމާކުގެ ދަށުން އަމިއްލަ އިޚްތިޔާރު ލިބިގެންވާ އަމިއްލަ ވެރިކަމެއް ކުރާ ސަރަހައްދެކެވެ.
ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ ސަރަހައްދު އޭނާ ބޭނުންފުޅުވާ ކަމަށެވެ. އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި އެތަން ކޮންމެހެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑްރިކްސަން އަކީ ވިލާތުގެ އިއްތިހާދުގެ (އީޔޫ) އިސް ލީޑަރުންނާއި އިނގިރޭސިވިލާތް ފަދަ ނޭޓޯގެ މުހިންމު ބައިވެރިންގެ ގާތް އެކުވެރިއެކެވެ. އެހެން ނަމަވެސް މި ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކުން ޓްރަމްޕާ ކުރިމަތިލައި އޭނާ ރުޅިއަރުވަން ބޭނުމެއް ނުވެ އެވެ. އަނެއްކޮޅުން ވޮޝިންގޓަނާއި ކޯޕަންހޭގަން އާ މެދުގައި ސިޔާސީ ނުތަނަވަސްކަން އިތުރުވަމުން ދާތީ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތް ހިމެނޭހެން ވިލާތުގެ ވަރުގަދަ ހަ ގައުމަކުން، ގުޅިފައިވާ ބަޔާނެއް ނެރުނެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އާކްޓިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ވާނީ އެމެރިކާއާ އެކު ނޭޓޯގެ ހުރިހާ ބައިވެރިން ގުޅިގެން ކަމަށެވެ. އަދި ޑެންމާކާއި ގްރީންލޭންޑާ ގުޅޭ ކަންކަމުގައި ގޮތް ނިންމުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އެ ދެ ފަރާތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ޓްރަމްޕްގެ މި އުންމީދުތައް ހުއްޓުވަން އެވަރުން ފުދުނު ހެއްޔެވެ؟ އޭގެ ޖަވާބު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ލިބުނެވެ. އެއީ "ނޫނެކެވެ".
ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގްރީންލޭންޑް ހޯދުމަށްޓަކައި ގިނަ ގޮތްތަކެއް "މަޝްވަރާ ކުރަމުންދާ" ކަމަށެވެ. މީގެ ތެރޭގައި އެ ރަށް ގަތުން ފަދަ އެމެރިކާ އިން އަމިއްލަ އަށް ނިންމާ އިޚްތިޔާރީ ގޮތްތައް ހިމެނޭ ކަމަށެވެ.
ވިލާތުގެ ލީޑަރުން ކަންބޮޑުވާ ފަދަ ގޮތަކަށް، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ "އެމެރިކާގެ އަސްކަރިއްޔާ ބޭނުން ކުރުމަކީ ކޮމާންޑަރ-އިން-ޗީފް (ރައީސް) އަށް އަބަދުވެސް އޮތް އިޚްތިޔާރެއް" ކަމަށެވެ.
މިއީ ގްރީންލޭންޑް ހޯދުމުގެ ޝައުގުވެރިކަން ޓްރަމްޕް ފާޅުކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. ޚާއްޞަކޮށް އޭނާގެ ފުރަތަމަ ދައުރުގައި، ވިލާތުގެ ގިނަ ލީޑަރުން ސިއްރިއްޔާތުގައި މިކަމަށް މަލާމާތް ވެސް ކުރެއްވި އެވެ.
ނަމަވެސް، ވޭތުވެދިޔަ ހަފުތާ ބަންދުގައި ވެނެޒުއޭލާ އަށް ޓްރަމްޕްގެ ސަރުކާރުން އަސްކަރީ ގޮތުން ނުފޫޒު ފޯރުވުމާ ގުޅިގެން، މިހާރު މިކަމަކީ އެއްވެސް މީހަކު މަޖަލަކަށް ހަދާނެ ކަމެއް ނޫނެވެ.
ޔޫރަޕް ގެ ވެރިން އިންތިހާ އަށް ކަންބޮޑުވެފައި
ގްރީންލޭންޑާ މެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް ޑެންމާކުގެ ބޮޑުވަޒީރު ވިދާޅުވެފައިވާއިރު، ޔޫކްރެއިންގެ މައްސަލާގައި އެންމެ ފަހުން ބޭއްވުނު ބައްދަލުވުމަށް ފަހު ގައުމުތަކުގެ ވެރިން ތިއްބެވީ އިންތިހާ އަށް ކަންބޮޑުވެފަ އެވެ.
މިކަމުގައި ހުރި ކަންބޮޑުވުން އޮންނާނެ މިންވަރަށް ބަލާއިރު ރަޝިޔާ ގެ ހަމަލާތަކުން ޔޫކްރެއިން ގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ނޭޓޯ އާއި އީޔޫގެ ވެރިން ހިމެނޭހެން ޔޫރަޕްގެ ގިނަ ގައުމުތަކަކުން ދަނީ ޓްރަމްޕްގެ ސަރުކާރާ އެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ހަމަ މި ދަނޑިވަޅުގައި އެމެރިކާ އިން ވަނީ ވެނެޒުއޭލާގެ ސިޔާދަތީ މިނިވަންކަމަށް އަރައިގަނެ، އެ ގައުމުގެ ރައީސް ހައްޔަރުކޮށްފަ އެވެ. އަދި ހަމައެއާއެކު، ޔޫރަޕްގެ އެހެން ގައުމެއް ކަމަށްވާ ޑެންމާކުގެ ސިޔާދަތަށް ވެސް އެމެރިކާ އިން ދަނީ ނުފޫޒު ފޯރުވަމުންނެވެ.

މިކަން އިތުރަށް ގޯސްވަނީ، ޑެންމާކާއި އެމެރިކާ އަކީ ނޭޓޯގެ ދެ މެންބަރު ގައުމަށް ވީތީއެވެ. ކޯޕަންހޭގަންގެ ނަޒަރުގައި އެއީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ނުވަތަ ކުރިން އެއީ ވަރަށް ގާތް އެކުވެރިންނެވެ.
ޑެންމާކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން އަމިއްލަ އަށް ގްރީންލޭންޑް ހިފަން އުޅެފިނަމަ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ ސަލާމަތަށް އުފައްދާފައި އޮތް ނޭޓޯގެ އިއްތިހާދު ރޫޅިގެންދާނެ އެވެ. ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޓްރަމްޕަކީ ދުވަހަކު ވެސް ނޭޓޯ އަށް ތާއީދުކުރެއްވި ބޭފުޅެއް ނޫނެވެ.
ގްރީންލޭންޑްގެ މައްސަލާގައި ޑެންމާކުން ވަނީ ޓްރަމްޕްގެ ސަރުކާރާ ވާހަކަދައްކަން މަސައްކަތް ކޮށްފަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން އެމެރިކާގެ އަސްކަރީ މަރުކަޒެއް ގްރީންލޭންޑް ގައި އޮވެއެވެ. ކުރިން 10،000 ސިފައިން ތިބި ނަމަވެސް، މިހާރު އެ އަދަދު ވަނީ 200 އަށް މަދުކޮށްފަ އެވެ. އަނެއްކޮޅުން އާކްޓިކް ސަރަހައްދުގެ ސަލާމަތަށް އެމެރިކާ އިން އިހުމާލުވަމުންދާ ކަމަށް މީގެ ކުރިން ވަނީ ތުހުމަތު ކުރެވިފަ އެވެ.
މިކަމާ ގުޅިގެން ޑެންމާކުން ވަނީ ގްރީންލޭންޑްގެ ދިފާއަށް 4 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފަ އެވެ. މީގެ ތެރޭގައި ކަނޑު އުޅަނދުފަހަރާއި، ޑްރޯން އަދި މަތިންދާބޯޓު ހޯދުން ހިމެނެ އެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ޑެންމާކާ ވާހަކަދެއްކުމަށް އެއްވެސް ޝައުގުވެރިކަމެއް ފާޅެއް ނުކުރެ އެވެ.

ނިމިދިޔަ އާދީއްތަ ދުވަހު ރައީސް ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑަކީ މިހާރު ވަރަށް މުހިންމު ސްޓްރެޓީޖިކް ތަނެއް ކަމަށާއި، އެތަނުގައި ރަޝިޔާ އާއި ޗައިނާގެ އުޅަނދުފަހަރު ގިނަވަމުންދާ ކަމަށެވެ. އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑް ބޭނުންވާ ކަމަށާއި، ޑެންމާކަށް އެތަން ނުބެލެހެއްޓޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް ޑެންމާކުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.
މި ހާލަތުން ހާމަ ވަނީ ޓްރަމްޕްގެ ކުރިމަތީގައި ޔޫރަޕްގެ ނުކުޅެދުންތެރިކަމެވެ. ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ޑެންމާކުގެ އަވަށްޓެރި ގައުމުތަކުން އެއްބައިވަންތަކަން ފާޅުކުރި ނަމަވެސް، ޔޫރަޕްގެ އެންމެ ބޮޑު ތިން ބާރު ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ފެނުނީ ހިމޭންކަމެވެ.
އެންމެ ފަހުން، އިނގިރޭސި ބޮޑުވަޒީރު ސަރ ސްޓާމާ ވިދާޅުވީ ގްރީންލޭންޑްގެ މުސްތަގުބަލު ނިންމާނީ ހަމައެކަނި ޑެންމާކާއި ގްރީންލޭންޑުން ކަމަށެވެ. ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒް ވެސް ވަނީ މީގެ ކުރިން މިފަދަ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. ފަރަންސޭސި ރައީސް މެކްރޮން ޑެންމާކާ އެކު އޮތް އެއްބައިވަންތަކަން ހާމަކުރުމަށް ގްރީންލޭންޑަށް ޒިޔާރަތްކުރެއްވި އެވެ. އަދި މިހާރު މިވަނީ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ.
ނަމަވެސް، މި ބަޔާނުގައި އެމެރިކާ އަށް ސީދާ ފާޑުކިޔުމެއް ނެތްކަން ފާހަގަކުރެވެ އެވެ. "އީޔޫގެ 27 ގައުމާއި އިނގިރޭސިވިލާތް ގުޅިގެން ޑެންމާކުގެ ސިޔާދަތަށް ތާއީދުކޮށް ބަޔާނެއް ނެރުނު ނަމަ، އެއީ ވޮޝިންގޓަނަށް ދެވޭނެ ވަރުގަދަ މެސެޖަކަށް ވާނެ،" ކަމަށް ނޭޓޯގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ކެމީލް ގްރޭންޑް ވިދާޅުވި އެވެ. ނަމަވެސް މި ބަޔާނުގައި ބައިވެރިވީ ޔޫރަޕްގެ އެންމެ ހަ ގައުމެވެ.
މި މައްސަލައިގެ އަސްލަކީ ޓްރަމްޕްގެ ހަރުކަށި އަދި ބިރުދެއްކުމުގެ އުސޫލުތަކުގެ ސަބަބުން ޔޫރަޕްގެ ވެރިން ޖެހިލުންވުމެވެ. އެބޭފުޅުން ބޮޑަށް ބޭނުންފުޅު ވަނީ އެމެރިކާ އާ އޮތް ގުޅުން ދެމެހެއްޓުމަށްޓަކައި ކަންކަން އޮމާންކޮށް ގެންދިއުމަށެވެ. އެމެރިކާގެ ރައީސް އާ ކުރިމަތިލައިގެން އަތުވެދާނެ ގެއްލުމަކަށް އެބޭފުޅުން ޖެހިލުންވެ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ، ޗައިނާ، ރަޝިޔާ އަދި އިންޑިއާ ފަދަ ގައުމުތަކުން ދުނިޔޭގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަމުންދާއިރު، ޔޫރަޕް ފެންނަނީ އެއްފަރާތެއްގައި ބަލަން އޮތް ބައެއްގެ ގޮތުގަ އެވެ. އަދި މި ބާރުތަކުގެ މެދުގައި ފިތި ބާރުވެ، ނެތިގެން ދިއުމުގެ ބިރު ޔޫރަޕަށް މިއަދު ވަނީ ބޮޑުވެފަ އެވެ.
އީޔޫ އިން ޓްރަމްޕްގެ ނުފޫޒަށް ދޫދިން ގޮތް
ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޑޮނަލްޑް ޓްރަމްޕާ ކުރިމަތިލާން ޖެހުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފެންނަނީ ވަރަށް ބަލިކަށިކޮށެވެ.
މިދިޔަ އަހަރު ނިމުނުއިރު، އީޔޫގައި ހިފަހައްޓާފައިވާ ރަޝިޔާގެ ދައުލަތުގެ މުދާ ބޭނުންކޮށްގެން ޔޫކްރޭނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވީ ވަޢުދު ފުއްދުމުގައި އީޔޫ ވަނީ ނުކުޅެދިފަ އެވެ. އެހެން ގޮތްގޮތުން އެ ފައިސާ ހަމަޖެއްސި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ މޮސްކޯ އަށާއި ޓްރަމްޕްގެ ސަރުކާރަށް ފޮނުވުނު ވަރަށް ބަލިކަށި މެސެޖެކެވެ. ޓްރަމްޕްގެ ސަރުކާރުން ތަކުރާރުކޮށް ސިފަކުރާ ގޮތުގައި އީޔޫއަކީ ނުފޫޒެއް ނެތް، ބަލިކަށި ބައެކެވެ.
އީޔޫ އަކީ ބައިނަލްއަޤުވާމީ ގޮތުން ވިޔަފާރީގެ ބޮޑު ބާރެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މި ދާއިރާއިން ވެސް އެ އިއްތިހާދުން ވަނީ އަނެއްކާ ވެސް ޓްރަމްޕަށް ދޫދީފަ އެވެ. މިދިޔަ އަހަރު އީޔޫގެ މުދަލުން 15 އިންސައްތައިގެ ޓެކްސްއެއް ނަގަން ޓްރަމްޕް ނިންމެވުމުން، އީޔޫއިން އެކަމާ ދެކޮޅަށް ރައްދު ފިޔަވަޅެއް ނާޅައި ހިމޭނުން އޮތީ، ޔޫރަޕްގެ ސަލާމަތާއި ދިފާޢަށް އެމެރިކާ އިން ދޭ އެހީތެރިކަން މެދުކެނޑިދާނެ ކަމުގެ ބިރަށްޓަކައި ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން، ގްރީންލޭންޑާއި ޑެންމާކުގެ މައްސަލައިގައި ވެސް އީޔޫގެ ޤައުމުތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފަ އެވެ. ޓްރަމްޕްގެ ސަރުކާރާ މެދު ގެންގުޅޭނެ ސިޔާސަތަކާ މެދު އެއްބަސް ނުވެވުމުގެ ސަބަބުން، ޑެންމާކުގެ ދިފާޢު ގައި އީޔޫ އިން ކިހާވަރަކަށް ތެދުވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޓްރަމްޕް އަލުން އިންތިޚާބުވުމުގެ ކުރިން ނޭޓޯ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނެވި ސަފީރު ޖޫލިއަން ސްމިތު ވިދާޅުވި ގޮތުގައި، މި ޙާލަތުގެ ސަބަބުން "އީޔޫ ރޫޅިގެން ދިއުމުގެ ބިރު" އެބައޮތެވެ. އަދި މިއީ ނޭޓޯ އަށް ވެސް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި ގޮންޖެހުމެކެވެ. "ގްރީންލޭންޑް ހޯދުމާ ގޮތުން ޓްރަމްޕާއި އޭނާގެ ޓީމުން ދައްކާ ވާހަކަތައް ޔޫރަޕުން ސީރިއަސްކޮށް ނަގަންޖެހޭ،" ޖޫލިއަން ސްމިތު ބީބީސީ އަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ހަމައެކަނި ކެތްތެރިވުމަށް ގޮވާލުމުގެ ބަދަލުގައި، ޔޫރަޕްގެ ބޮޑެތި ބާރުތަކުން ކުއްލި ޙާލަތްތަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
ނޭޓޯގެ މުޢާހަދާތަކުގައި، ބޭރުގެ ޤައުމަކުން މެންބަރު ޤައުމަކަށް ދޭ ޙަމަލާއަކާއި، ނޭޓޯގެ މެންބަރަކު އަނެއް މެންބަރަކަށް ދޭ ޙަމަލާއެއްގެ މެދުގައި ތަފާތެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމުގެ އުޞޫލު (އާޓިކަލް 5) އަކީ ނޭޓޯގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ދޭ ޙަމަލާތަކުގައި ބޭނުން ކުރެވޭނެ އުޞޫލެއް ނޫންކަން އެންމެންނަށް ވެސް އެނގެ އެވެ. މިސާލަކަށް، ސައިޕްރަސްގެ މައްސަލައި ގައި ތުރުކީ އާއި ގްރީސް އާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ނޭޓޯ އިން މެދުވެރިއެއްގެ ދައުރު އަދާކުރި ނަމަވެސް، ޢަސްކަރީ ގޮތުން ބައިވެރިވެފަ އެއް ނުވެ އެވެ.
ޖިއޮގްރަފީގެ ގޮތުން ބަލާއިރު، ޑެންމާކަކީ ނޭޓޯގެ ކުޑަ ނަމަވެސް ހަރަކާތްތެރި މެންބަރެކެވެ. އަނެއްކޮޅުން އެމެރިކާ އަކީ އެ އިއްތިހާދުގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ މެންބަރެވެ. މި ފަރަގުގެ ސަބަބުން މުޅި ޔޫރަޕްގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފަ އެވެ.
ޔޫރަޕްގެ ބޮޑެތި ބާރުތަކުން ގްރީންލޭންޑުގެ މުސްތަޤުބަލު ނިންމާނީ ހަމައެކަނި ޑެންމާކާއި ގްރީންލޭންޑުން ކަމަށް ބުނި ނަމަވެސް، އެމެރިކާ އާ ދެކޮޅަށް އެ ސިޔާދަތީ ނިންމުން ދިފާޢުކުރަން އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން ކިހާވަރަކަށް ތެދުވާނެތޯ ސުވާލު އުފެދެ އެވެ. ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސީއެންއެން އަށް ދެއްވި އިންޓަވިއު އެއް ގައި ވިދާޅުވީ، ގްރީންލޭންޑުގެ މައްސަލައިގައި އެމެރިކާ އާ ދެކޮޅަށް ޢަސްކަރީ ގޮތުން ކުރިމަތިލާނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ.
އީ.ސީ.އެފް.އާރް ގެ ކެމީލް ގްރާންޑޭ ވިދާޅުވާ ގޮތުގައި، ގްރީންލޭންޑުގެ މައްސަލައިން ހާމަ ވަނީ ޔޫރަޕްގެ ޤައުމުތަކުން އެމެރިކާ އަށް ބަރޯސާވުން ކުޑަކޮށް، އެއް އަޑަކުން ވާހަކަދައްކަން ޖެހިފައިވާ މިންވަރެވެ. މިދިޔަ އަހަރު ޓްރަމްޕް ވަނީ ނޭޓޯގެ ހުރިހާ ޤައުމުތަކުން (ސްޕެއިން ފިޔަވައި) ދިފާޢީ ޚަރަދު ބޮޑުކުރުމަށް އެއްބަސްކުރުވާފަ އެވެ.
އެހެންނަމަވެސް، އިންޓެލިޖެންސާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ފަދަ މުހިންމު ދާއިރާތަކުގައި ޔޫރަޕް އަދިވެސް ވަނީ ވަރަށް ބޮޑަށް އެމެރިކާ އަށް ބަރޯސާވެފަ އެވެ. ވޮޝިންގޓަނަށް މިކަން ވަރަށް ރަނގަޅަށް އެނގެ އެވެ. ނޭޓޯގެ އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާ އިން ޢަސްކަރީ ބާރުގެ ބޭނުންކޮށްގެން ގްރީންލޭންޑަށް އަރައިގެންފި ނަމަ ވާނެ ގޮތަކާ މެދު ވިސްނާލަން ވެސް ޔޫރަޕްގެ ޤައުމުތަކުން މިހާރު ބިރުގަނެ އެވެ.
ނަމަވެސް، މިއީ އެ ޤައުމުތަކުން ކުރިމަތިލާން ޖެހިދާނެ ޙަޤީޤަތެކެވެ.







