Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!

ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ އެމެރިކާގެ ސިފައިން ހައްޔަރުކުރުމާ ގުޅިގެން، ކޮންގްރެސްގެ މަޝްވަރާއެއް ނެތި ރައީސް ޓްރަމްޕް އަސްކަރީ ހަރަކާތްތައް ހިންގަވާތީ، ސެނެޓުގެ ޑިމޮކްރެޓުން ރައީސްގެ އަސްކަރީ ބާރުތައް ހިފެހެއްޓުމަށް ގަރާރެއް ހުށަހަޅަން ވައުދުވެއްޖެ. އެމެރިކާގެ ގާނޫނުއަސާސީން އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު ކޮންގްރެސް އަށް ދީފައި އޮތަސް، ރިޕަބްލިކަން ޕާޓީގެ ތާއީދު ނުލިބުމުން ކުރީގައި ހުށަހެޅި މިފަދަ ގަރާރުތައް ނާކާމިޔާބުވި.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 01:29
ވެނެޒުއެލާ އަށް އެމެރިކާ އިން ދިން ހަމަލާއާ ބެހޭ ގޮތުން އޮތް ބްރީފިން އަށް ފަހު އެމެރިކާގެ ސެނެޓްގެ މައިނޯރިޓީ ލީޑަރު ޗަކް ޝުމަރ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ވެނެޒުއެލާ އަށް އެމެރިކާ އިން ދިން ހަމަލާއާ ބެހޭ ގޮތުން އޮތް ބްރީފިން އަށް ފަހު އެމެރިކާގެ ސެނެޓްގެ މައިނޯރިޓީ ލީޑަރު ޗަކް ޝުމަރ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | އޭޕީ ފޮޓޯ

މިއީ މިހާރު އެމެރިކާގައި އާންމުވެފައިވާ އުސޫލެކެވެ. އެމެރިކާގެ ރައީސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ (ކޮންގްރެސް) އެއްވެސް މަޝްވަރާއެއް ނެތި، އަމިއްލަ އިސްނެގުމަށް ބޭރު ގައުމުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގަވަމުން ގެންދަވާއިރު، ކޮންގްރެސް އޮންނަނީ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ އެވެ.

ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ އެމެރިކާގެ ސިފައިން ހައްޔަރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ހޮނިހިރު ދުވަހު ސެނެޓުގެ ޑިމޮކްރެޓުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަސްކަރީ ބާރުތައް ހިފެހެއްޓުމަށްޓަކައި އާ ގަރާރެއް ހުށަހެޅުމަށް ވައުދުވެފަ އެވެ. ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ލީޑަރު ޗަކް ޝޫމާ ވިދާޅުވީ، މި ހަފުތާގެ ތެރޭގައި އެކަމަށް ވޯޓަށް އެހުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

2025 ވަނަ އަހަރު ޓްރަމްޕް ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގަތީއްސުރެ، އަސްކަރީ ހަމަލާއެއް ދިނުމުގެ ކުރިން ކޮންގްރެސްގެ ހުއްދަ ހޯދުމަށް ރައީސަށް ލާޒިމުކުރާ އެތައް ބިލެއް އެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

އެހެންނަމަވެސް، ވެނެޒުއޭލާ އަށް ދިން މި ހަމަލާއަކީ ރައީސްގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ މިންވަރު ވަރަށް ސާފުކޮށް ހާމަވާ ކަމެއް ކަމަށް 'ޕްރޮޖެކްޓް އޮން ގަވަރންމަންޓް އޯވަސައިޓް' ގެ ދަށުން ހިންގާ 'ކޮންސްޓިޓިއުޝަން ޕްރޮޖެކްޓް' ގެ އެކްޓިންގ ޑައިރެކްޓަރު ޑޭވިޑް ޖަނޯވްސްކީ ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއީ ކޮންގްރެސް އިން ކޮންމެހެންވެސް ފިޔަވަޅު އަޅަންޖެހޭ ފަދަ ސީރިއަސް މައްސަލައެކެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، މިއީ އެމެރިކާގެ އަސްކަރީ ބާރު ބޭރު ގައުމުތަކުގައި ބޭނުންކުރުން ހުއްޓުވުމަށް ކޮންގްރެސް އަށް ލިބިގެންވާ ބާރު ދޫކޮށްލާނީތޯ ނުވަތަ ނޫންތޯ ބެލުމަށް، ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ބޮޑު އެއް އިމްތިހާނެވެ.

"މިއީ ކީއްވެގެންކަން ވަރަށް ސާފުކޮށް ބުނެދެވޭނެ އެތައް ސަބަބުތަކެއް އެބަހުރި،" އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ޖަނޯވްސްކީ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ގާނޫނުއަސާސީގެ ދަށުން އަސްކަރީ ފިޔަވަޅެއް އެޅުމުގެ ހުއްދަ ދިނުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި ކޮންގްރެސްއަށެވެ. އަދި ވެނެޒުއޭލާ އަށް ދިން ހަމަލާއަކީ އދ. ގެ މުއާހަދާއާ ސީދާ ޚިލާފު ކަމެއް ކަމަށާއި، އެ މުއާހަދާ އަކީ އެމެރިކާ އިން ބައިވެރިވެފައިވާ ގައުމީ ގާނޫނެއްގެ ދަރަޖަ ލިބިފައިވާ އެއްޗެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކުރިން ރައީސުން އަމިއްލަ އަށް އަސްކަރީ ފިޔަވަޅު އެޅުމަށް ދައްކާ އެއްވެސް ބަހަނާއެއް މި ހާލަތަކަށް ނުފެތޭ،" ޖަނޯވްސްކީ އިތުރަށް ވިދާޅުވިއެވެ. "މިއީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ، އިންތިހާ އަށް ފާޅުގައި ހިންގާފައިވާ އަމަލެއް."

އުނދަގޫ އަދި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ހަނގުރާމައެއް

މިދިޔަ އޮގަސްޓް މަހުން ފެށިގެން، ޓްރަމްޕްގެ ސަރުކާރުން ވަނީ ވެނެޒުއޭލާ އާ ދެކޮޅަށް ހިންގާ "މެކްސިމަމް ޕްރެޝަރ" ނުވަތަ އެންމެ ވަރުގަދަ ފިއްތުންތައް ކުރިއަށްވުރެ ބޮޑަށް އިތުރުކުރުމުގެ އިޝާރާތެއް ދީފަ އެވެ.

އެ މަހުގެ ތެރޭގައި، ގައުމުން ބޭރުގައި ހަރަކާތްތެރިވާ ކުށްކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ އަސްކަރިއްޔާ އަށް އަމުރުކުރާ ސިއްރު މެމޯއެއްގައި ޓްރަމްޕް ސޮއިކުރެއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ފަހުން، ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު، ވެނެޒުއޭލާ އަދި ކޮލަމްބިއާގެ އައްސޭރިފަށުން މަސްތުވާތަކެތި ހިފައިގެން ދަތުރުކުރާ ކަމަށް ތުހުމަތުކުރެވޭ ބޯޓުތަކަށް އެމެރިކާގެ ސަރުކާރުން ވަނީ ގިނަ ހަމަލާތަކެއް ދޭން ފަށާފަ އެވެ.

މި ނުރައްކާތެރި ބޮން އެޅުމުގެ ކެމްޕޭނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަދި ކޮންގްރެސްގެ ގާނޫނީ ބާރުތަކަށް އަރައިގަތުން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. މި ހަމަލާތައް ދީފައިވަނީ ވެނެޒުއޭލާ ކައިރީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކުރަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، ވެނެޒުއޭލާގެ ބިމުގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރީގެ މަރުކަޒުތަކަށް ވެސް އެމެރިކާގެ އަސްކަރީ ހަމަލާތައް ފުޅާވެދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވި އެވެ. "އެއްގަމު މަގުން އެމީހުން އަތުވެއްޖެނަމަ، ކަނޑުމަތިން ބޯޓުތައް ހުއްޓުވި ފަދައިން އެމީހުންވެސް ހުއްޓުވާނަން،" ސެޕްޓެމްބަރު 16 ގައި ޓްރަމްޕް ވިދާޅުވި އެވެ.

މި ހަމަލާތަކާ ގުޅިގެން ޑިސެމްބަރު މަހު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ދެ ވޯޓެއް ނެގުނެވެ. އެއީ އެއްގަމު މަގުން ހަމަލާދިނުމަށާއި، މަސްތުވާތަކެތި އުފުލާ ބޯޓުތަކަށް ހަމަލާދިނުމުގެ ކުރިން ކޮންގްރެސްގެ ހުއްދަ ހޯދުމަށް ރައީސަށް ލާޒިމްކުރާ ދެ ގަރާރެކެވެ.

ނަމަވެސް، ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކާ ހުރެ މި ދެ ގަރާރު ވެސް ފާހެއް ނުވި އެވެ. ސެނެޓަށް ހުށަހެޅި ގަރާރުގައި، އިތުރު ހަމަލާތަކެއް ދިނުމުގެ ކުރިން ކޮންގްރެސްގެ ރުހުން ހޯދުމަށް ގޮވާލާފައި އޮތް ނަމަވެސް، ނޮވެމްބަރު މަހު ވަނީ އެކަން ނާކާމިޔާބުވެފަ އެވެ.

ހޮނިހިރު ދުވަހު ހިންގި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނަށް ފަހު، ނޫސްވެރިންނާ ފޯނުން ވާހަކަދައްކަވަމުން ސެނެޓަރ ޓިމް ކޭން ވިދާޅުވީ، ޓްރަމްޕްގެ މި ފަހުގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހައިރާންކަން ލިބި، ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ރިޕަބްލިކަން ޕާޓީގެ މެންބަރުންނަށް، ޓްރަމްޕް މަސްތަކެއް ވަންދެން ކެރީބިއަން ސަރަހައްދުގައި އަސްކަރީ ބާރުތައް ޖަމާކޮށް ދެމުންދިޔަ އިންޒާރުތަކަކީ ހަމައެކަނި "ބިރުދެއްކުމެއް" ނުވަތަ "މަޝްވަރާގެ އުކުޅެއް" ކަމަށް ބުނެ އިތުރަށް އަމިއްލަ ނަފްސު އޮޅުވައެއް ނުލެވޭނެ އެވެ.

"މިއީ ކޮންގްރެސް އިން އިހުމާލު ނުވެ، ގާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންވީ ވަގުތު،" ކޭން ވިދާޅުވިއެވެ.

ސީ.އެން.އެން ގެ ޑާނާ ބޭޝް އަށް ދެއްވި އިންޓަވިއުއެއްގައި ސެނެޓަރ ކްރިސް މާފީ ވެސް ވަނީ ހަނގުރާމައިގެ މައްސަލަތަކުގައި ކޮންގްރެސްގެ ބާރު ކެނޑިފައިވާ ކަމަށް އެއްބަސްވެފަ އެވެ. މިއީ ޑިމޮކްރެޓުންނާއި ރިޕަބްލިކަން ސަރުކާރުތަކުގައި ވެސް ފެންނަމުންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ނޫސްވެރިޔާ ބޭޝް ވަނީ 2011 ވަނަ އަހަރު ކުރީގެ ރައީސް ބަރަކް އޮބާމާ ލީބިޔާ އަށް ސިފައިން ފޮނުއްވިއިރު ވެސް، ކޮންގްރެސް އިން އެކަން ހުއްޓުވާފައި ނުވާކަން ހަނދާންކޮށްދީފަ އެވެ.

މީގެ ރައްދުގައި މާފީ ވިދާޅުވީ، "ރައީސް ގެ މަގާމުގައި ހުންނަވާ ބޭފުޅަކު މިހާ ބޮޑަށް ގާނޫނާ ޚިލާފުވާން ފުރުސަތު ދިނުމުގައި ކޮންގްރެސްގެ އިހުމާލު އޮތްކަން އެ މަޖިލީހުން ގަބޫލުކުރަންޖެހޭ" ކަމަށެވެ.

ގަރާރުތަކާމެދު ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ އަޅާނުލުމުގެ ސިޔާސަތު

އެމެރިކާގެ ގާނޫނުއަސާސީ ބަޔާންކުރާ ގޮތުގައި ހަނގުރާމަ އިޢުލާން ކުރުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ ހަމައެކަނި ކޮންގްރެސް އަށެވެ. ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ އިން ރަސްމީކޮށް ހަނގުރާމަ އެއް އިޢުލާނެއް ނުކުރެ އެވެ.

އޭގެ ބަދަލުގައި، ފަހުގެ ތާރީޚުގައި އެމެރިކާއިން ކުރި ހަނގުރާމަތަކުގައި ސިފައިން ފޮނުވުމަށް ގާނޫނު ހަދާ މަޖިލީހުން ބޭނުންކުރަނީ "އޮތޮރައިޒޭޝަން ފޯ ޔޫސް އޮފް މިލިޓަރީ ފޯސް" ނުވަތަ އަސްކަރީ ބާރު ބޭނުންކުރުމުގެ ހުއްދަ ހޯދުމަށެވެ. މީގެ ތެރޭގައި އިރާގާއި އަފްޣާނިސްތާނަށް އެރުމާއި، މެދުއިރުމައްޗާއި އެފްރިކާ އަދި އޭޝިއާގެ އެކި ސަރަހައްދުތަކުގައި އަލްގައިދާއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ޖަމާއަތްތަކަށް ދިން ހަމަލާތައް ހިމެނެ އެވެ. ނަމަވެސް، ވެނެޒުއޭލާ ގައި އަސްކަރީ ފިޔަވަޅެއް އެޅުމާ ގުޅޭ އެއްވެސް ހުއްދަ އެއް މިހާތަނަށް ކޮންގްރެސް އިން ފާސްކޮށްފަ އެއް ނުވެ އެވެ.

ރައީސަކު އޭނާގެ ގާނޫނީ ބާރުގެ ބޭރުން އަމަލުކުރައްވާ ކަމަށް ގާނޫނު ހަދާ މަޖިލީހަށް ފެނިއްޖެނަމަ، އިތުރު ފިޔަވަޅުތައް އެޅުމަށް ކޮންގްރެސްގެ ހުއްދަ ހޯދުމަށް މަޖުބޫރުކުރާ "ވޯ ޕަވާސް ރިޒޮލިއުޝަން" އެއް ފާސްކުރުމުގެ އިޚްތިޔާރު މެންބަރުންނަށް ލިބިގެންވެ އެވެ. މިފަދަ ގަރާރުތަކަކީ ހަމައެކަނި ރަމްޒީ ކަމެއް ނޫނެވެ. މީގެ ސަބަބުން، ރައީސް އަޅުއްވާ ފިޔަވަޅުތައް ޝަރުއީ މަރުހަލާގައި ޗެލެންޖު ކުރުމަށް ބޭނުންވާ ގާނޫނީ ބިންގާ ތަނަވަސްވެގެންދެ އެވެ.

އެހެންނަމަވެސް، މިފަދަ ގަރާރެއް ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ ރައީސް ވީޓޯ ކުރައްވައިފިނަމަ، އެކަން ބާތިލުކުރުމަށް ކޮންގްރެސްގެ ދެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާތީ އެވެ. މިހާރު ކޮންގްރެސް އެކުލެވިގެންވާ ގޮތުން، މިފަދަ ގަރާރެއް ފާސްކުރުމަށް ދެ ޕާޓީގެ އެއްބާރުލުން ކޮންމެހެން ބޭނުންވެ އެވެ. ހައުސް އާއި ސެނެޓްގެ ކުޑަ އަޣުލަބިއްޔަތެއް ރިޕަބްލިކަން ޕާޓީ އަށް އޮތުމާއެކު، މިކަން ކާމިޔާބުވާނީ ޓްރަމްޕްގެ އަމިއްލަ ޕާޓީގެ މެންބަރުންގެ ތާއީދު ލިބިގެންނެވެ.

ނޮވެމްބަރު މަހު ސެނެޓުގައި ނެގި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން މި ގަރާރަށް ތާއީދުކުރެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ ކެންޓަކީގެ ރޭންޑް ޕޯލް އާއި އެލަސްކާގެ ލީސާ މުރްކޯވްސްކީ އެވެ. އެ ގަރާރު ފޭލްވީ 51 ވޯޓު 49 ވޯޓުންނެވެ. ޑިސެމްބަރު މަހު ހައުސްގައި ނެގި ވޯޓުގައި ވެސް އެއްކޮޅަށް ލިބުނީ 211 ވޯޓެވެ. ދެކޮޅަށް 213 ވޯޓު ލިބުނުއިރު، ރިޕަބްލިކަން ޕާޓީގެ ތިން މެންބަރަކު ގަރާރަށް ތާއީދުކުރެއްވި އެވެ.

މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ޓްރަމްޕަށް އަމާޒުވި ފާޑުކިޔުންތައް އޭނާގެ އަމިއްލަ ޕާޓީގެ ތެރޭގައި ވަރަށް މަދެވެ. ޖުމްލަގޮތެއްގައި ރިޕަބްލިކަން މެންބަރުންގެ ފަރާތުން ފެނުނީ ހިމޭންކަމެކެވެ. އާންމުކޮށް ރައީސްގެ އަސްކަރީ ނިންމުންތަކަށް ފާޑުކިޔާ މެންބަރުންވެސް ބޮޑަށް އިސްކަންދިނީ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު ކޮށް މަދޫރޯ މަގާމުން ދުރުކުރުމަށް ތާއީދު ކުރުމަށެވެ.

ސެނެޓަރު ޓޮޑް ޔަންގް ވިދާޅުވި ގޮތުގައި، މަދޫރޯ ހައްޔަރުކުރުމަކީ ރަނގަޅު ނިންމުމެއް ނަމަވެސް، ވެނެޒުއޭލާގެ އިންތިގާލީ މަރުހަލާގެ ކުރިއަށް ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން ކޮންގްރެސް އަށް އިތުރު ތަފްސީލު ދޭންޖެހެ އެވެ.

ބައެއް ޑިމޮކްރެޓިކް މެންބަރުންވެސް މިކަމުގައި ގެންގުޅުއްވަނީ ފަރުވާތެރި ސިޔާސަތެކެވެ. އޭގެ ތެރޭގައި ފްލޮރިޑާގެ ވެނެޒުއޭލާ ދަރިކޮޅުގެ މީހުން ގިނަ ދާއިރާ އެއް ތަމްސީލުކުރައްވާ ޑެބީ ވަސާމަން ޝުލްޓްޒް ހިމެނެ އެވެ. އޭނާ ނެރުއްވި ބަޔާނުގައި މަދޫރޯ މަގާމުން ވަކިވުމުން ނުކުންނާނެ ނަތީޖާ އަށް އަލިއަޅުއްވާލެއްވި ނަމަވެސް، އެކަން ކުރި އަސްކަރީ އޮޕަރޭޝަނާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަވާފަ އެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ބާރުއެޅުއްވީ، ވެނެޒުއޭލާ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުނަނުދީ ހިފެހެއްޓުމަށް ގެންގުޅޭ ޕްލޭން ކޮންގްރެސްއަށް ސާފުކޮށްދިނުމަށެވެ.

ދެން ވާނީ ކިހިނެއް؟

ޓްރަމްޕްގެ ސަރުކާރުން ވެނެޒުއޭލާ އާ ދެކޮޅަށް ދެމުންދާ އަސްކަރީ އިންޒާރުތައް މަޑުޖައްސާލާފައެއް ނުވެ އެވެ. އެހެން ނަމަވެސް، މަދޫރޯ ހައްޔަރުކުރުމަކީ ގާނޫނީ ގޮތުން އެޅި ފިޔަވަޅެއް ކަމަށާއި، އެއީ ހަނގުރާމައެއްގެ ފެށުން ނޫންކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރެ އެވެ. އަސްކަރީ އެއްވެސް ފިޔަވަޅެއް އެޅުމަށް ކޮންގްރެސްގެ ހުއްދަ ބޭނުން ނުވާނެ ކަމަށް ޓްރަމްޕް އަދިވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ އިތުރުން އޭނާ މިކުރައްވާ ކަންކަމަށް  ކޮންގްރެސްގެ ތާއީދު ލިބޭނެ ކަމުގެ އުންމީދު އޭނާ ވަނީ ފާޅުކުރައްވާފަ އެވެ.

ނަމަވެސް، ޤާނޫނުއަސާސީއާ ބެހޭ މާހިރު ޖަނޯވްސްކީ ދެކިލައްވާ ގޮތުގައި، މިއީ ކޮންގްރެސް އިން ފިޔަވަޅު އަޅަންޖެހޭ ވަރަށް ނާޒުކު ވަގުތުކޮޅެކެވެ.

އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމުގައި ނާކާމިޔާބުވެއްޖެނަމަ، އެކަމުން ދޭހަވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެބޭފުޅުންގެ ބެލެހެއްޓުމުގެ ޒިންމާތައް ދޫކޮށްލުމަށް ފާއިތުވި ދިހަވަރަކަށް އަހަރު ގެންގުޅުނު އާދަ އިތުރަށް ވަރުގަދަވެގެންދާނެ ކަމެވެ. މީގެ ސަބަބުން، އަސްކަރިއްޔާގެ މައްޗަށް ރައީސަށް އޮންނަ ބާރުވެރިކަން އިތުރުވުމަށް ނުސީދާ ހިތްވަރެއް ލިބިގެންދާނެއެވެ.

ޖަނޯވްސްކީ ވިދާޅުވީ، "މިއީ ހަމައެކަނި ވަކި ކަމަކަށް އަމާޒުކޮށްގެން ހިންގި ޤާނޫނީ ހަރަކާތެއް ކަމަށް ބުނެ، މިހާރު ހިނގަމުންދާ ކަންތައްތަކަށް ފަރުވާކުޑަކުރުމަކީ، އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރާ ގޮތް މަރުކަޒީ ގޮތެއްގައި ބަލަހައްޓާ މުއައްސަސާގެ ހައިސިއްޔަތުން ކޮންގްރެސް އިން ވެވޭ ނުރައްކާތެރި އިހުމާލެކެވެ."

"ކޮންގްރެސް އިން ފިޔަވަޅު ނާޅާ މިގޮތަށް ދެމިއޮތުމަކީ، ރައީސުން ބޭނުންފުޅުވާހާ ގޮތަކަށް އަމަލުކުރުމަށް ދެވޭ ބާރެކެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"ކޮންގްރެސް މިގޮތަށް ފަހަތަށް ޖެހެމުންދިއުމަކީ، އެންމެ ފަހުން މިފަދަ މުހިންމު ނިންމުންތައް ނިންމާ މައިދާނާ، އެމެރިކާގެ ރައްޔިތުންނާ އޮތް ގުޅުން އިތުރަށް ހީނަރުވެ، ރައްޔިތުން އެކަމުން ދުރުކުރެވޭނެ ކަމެކެވެ."

އެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯކޮންގްރެސްޗަކް ޝުމާވޯ ޕަވާސް ރިޒޮލިއުޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު