އެމެރިކާގެ ބާރުގެ ދަށަށް މަދޫރޯ ގެންދިޔަ ހާދިސާ އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ރަހުމަތްތެރިންނާއި ދުޝްމަނުން ވެސް ކުށްވެރި ކޮށްފި
އެމެރިކާގެ ހާއްސަ ސިފައިން ވެނެޒުއޭލާގެ ރައީސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ހައްޔަރުކޮށް އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އޮތް ނުރައްކާތެރި މިސާލެއް ކަމަށް ބުނެ އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނާއި އެމެރިކާގެ ބައެއް އެކުވެރިން ވެސް ވަނީ ނުރުހުން ފާޅުކޮށްފައި.

ވެނެޒުއެލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރި މައްސަލައިގައި އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެ ގައުމުގެ ސަފީރު ވާހަކަދައްކަވަނީ - ޖެނުއަރީ 5، 2026.
އެމެރިކާގެ ބާރުގެ ދަށަށް މަދޫރޯ ގެންދިޔަ ހާދިސާ އދ. ގެ ސަލާމަތީ މަޖިލީހުގައި ގިނަ ގައުމުތަކަކުން ކުށްވެރިކުރި އިރު އޭގެ ތެރޭގައި އެމެރިކާގެ އެކުވެރިންނާއި ދުޝްމަނުން ވެސް ހިމެނިއްޖެ އެވެ.
އެމެރިކާގެ ހާއްސަ ސިފައިން، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އޮތް ނުރައްކާތެރި މިސާލެއް ކަމަށް ބުނެ، އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނާއި އެމެރިކާގެ ބައެއް އެކުވެރިން ވެސް ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރު ގައުމުން މި ކުއްލި ބައްދަލުވުން ބާއްވާފައި ވަނީ ހޯމަ ދުވަހު ނިއުޔޯކުގަ އެވެ. ހަމަ އެވަގުތު، މަދޫރޯގެ ދެމަފިރިންގެ މައްޗަށް އެމެރިކާގެ ފެޑަރަލް ކޯޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ އުފުލުމަށް ގެންދިޔައީ ތައްޔާރުވަމުންނެވެ.
ވެނެޒުއޭލާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސެމިއުލް މޮންކާޑާ ވަނީ، އެމެރިކާގެ މި އަމަލަކީ ގާނޫނީ އެއްވެސް ބުރަދަނެއް ނެތް، ޣައިރު ގާނޫނީ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. ކިއުބާ އާއި ކޮލަމްބިއާގެ އިތުރުން ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ކަމަށްވާ ރަޝިޔާ އާއި ޗައިނާ އިން ވެސް ވަނީ މި ވާހަކަތަކަށް ތާއީދުކޮށްފަ އެވެ.
ކިއުބާގެ ސަފީރު އާނެސްޓޯ ސޮބެރޮން ގުޒްމަން ވިދާޅުވި ގޮތުގައި، އެމެރިކާގެ އިހުތިސާސުން ބޭރުގައި، އެހެން ގައުމުތަކުގެ މައްޗަށް ބާރު ފޯރުވައި މުދަލާއި ތަންތަން ހިފެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ކިއުބާ އަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރަޝިޔާ ގެ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ގައުމުތަކުގެ މިނިވަންކަމަށް ބެލުމެއް ނެތް އެމެރިކާ އަކީ, ދުނިޔޭގެ އެންމެ މަތީ ފަނޑިޔާރު ކަމަށް ހެދިގެން، ބޭނުން ކޮންމެ ގައުމަކަށް އަރައިގަނެ އަދަބު ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެން ނުވާ ކަމަށެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ޒަމާންވީ އެކުވެރިންގެ ގޮތުގުގައި ބެލޭ ގައުމުތައް ކަމަށްވާ މެކްސިކޯ އާއި ޑެންމާކުން ވެސް ވަނީ އެމެރިކާގެ އަމަލުތަކަށް ފާޑުކިޔާފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ރައީސް ޓްރަމްޕް ވަނީ މި ދެ ގައުމާ ދެކޮޅަށް ވެސް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މެކްސިކޯގެ ސަފީރު ހެކްޓަރ ވެސްކޮންސެލޮސް ވިދާޅުވީ، އެމެރިކާ އާ މެދު އަމަލުކުރުމުގައި ސަލާމަތީ މަޖިލީހުން ދެފުށް ފެންނަ، ވަރުގަދަ ސިޔާސަތެއް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި ކޮންމެ ގައުމެއްގެ ވެސް މުސްތަގުބަލު ނިންމުމުގެ ބާރު އޮންނަން ވާނީ އެ ގައުމެއްގެ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ވާހަކަތައް އައިސްފައި ވަނީ، މަދޫރޯގެ ހާދިސާ އަށް ފަހު، މެކްސިކޯގެ މަސްތުވާތަކެތީގެ ގްރޫޕްތަކާ މެދު "ފިޔަވަޅެއް އަޅަންޖެހޭ" ކަމަށް ޓްރަމްޕް ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
ޑެންމާކުގެ ސަފީރު ކްރިސްޓީނާ މާކަސް ލާސެން ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން އެއްވެސް ގައުމެއްގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވައިގެން ނުވާނެ އެވެ. އަދި ގައުމުތަކުގެ ބޯޑަރުތަކަކީ އެކި ގޮތްގޮތަށް ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ޑެންމާކުގެ ބައެއް ކަމަށްވާ ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންދިއުމަށް ޓްރަމްޕް ދެއްވި އިންޒާރަށް އޭނާ އިޝާރާތް ކުރެއްވި އެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ ފްރާންސުން ވެސް ވަނީ އެމެރިކާގެ މި އަމަލަށް ފާޑުކިޔާފަ އެވެ. މިއީ މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ކުރިން ދެއްވި ބަޔާނާ ތަފާތު ވާހަކަތަކެއްކަން ފާހަގަ ކުރެވެ އެވެ. ފްރާންސްގެ ސަފީރުގެ ނައިބު ޖޭ ދަރްމަދިކާރީ ވިދާޅުވީ، މަދޫރޯ ހައްޔަރުކުރުމަށް ހިންގި އަސްކަރީ އޮޕަރޭޝަނަކީ ސުލްހަވެރިކަމާ އެކު މައްސަލަތައް ހައްލުކުރުމުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ.
ލެޓްވިއާ އާއި އިނގިރޭސިވިލާތުގެ މަންދޫބުން ބޮޑަށް އަލިއަޅުވާލެއްވީ މަދޫރޯގެ ސަރުކާރުގެ ސަބަބުން ވެނެޒުއޭލާ ގައި އުފެދިފައިވާ ހާލަތަށެވެ. ލެޓްވިއާގެ ސަފީރު ވިދާޅުވީ، މަދޫރޯގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ކަރިއުކީ ވިދާޅުވީ މަދޫރޯ ވެރިކަމަށް ވަޑައިގެންފައި ވަނީ އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށެވެ.
އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް މި ހާދިސާ ސިފަކުރެއްވީ، އެމެރިކާގެ ގާނޫނުން ރެކިގެން އުޅޭ ދެ ކުށްވެރިން ހޯދުމަށް ހިންގި ކާމިޔާބު އޮޕަރޭޝަނެއްގެ ގޮތުގަ އެވެ. ވައިޓް ހައުސް އިން ވަނީ ވެނެޒުއޭލާ އަށް ދިން ހަމަލާތަކާއި މަދޫރޯ ހައްޔަރުކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ކުރަން ޖެހުނު ކަމެއް ކަމަށް ބުނެ އެ އަމަލު ދިފާއުކޮށްފަ އެވެ.






