Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނަންރީތި މާ

ނަންރީތި މަލުގެ އަޖައިބެއް ފަދަ ސިފަތަކުން އިންޑިއާގެ ދަނޑުވެރިންނަށް ތަނަވަސްކަން ލިބެނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މަލަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، އިންޑިއާގެ ވިޔަފާރިވެރިންގެ ޝައުގުވެރިކަން މި މަލަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައި.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 11:27
ނަންރީތި މާ

ނަންރީތި މާ | ބްލޫމިކާ

އިންޑިއާ ގެ އިރުއުތުރުގައި އޮންނަ އަސާމް ސްޓޭޓްގެ އަންތައިގްލާއޯ އަވަށުގައި ދިރިއުޅޭ ނީލަމް ބްރަހްމާ ބުނި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން 'ބަޓަފްލައި ޕީ' (ނަންރީތި މައު) މަލަކީ އެ އަވަށުގައި ހަމައެކަނި ވެލެއްގައި އަޅާ މަލެކެވެ.

އިންޑިއާގައި 'އަޕަރާޖިތާ' ގެ ނަމުން މަޝްހޫރު މި ގަހަކީ ވެލެއްގެ ގޮތުގައި ހެދޭ، ގަދަ ނޫކުލައިގެ ހިތްގައިމު މަލެއް އަޅާ ގަހެކެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، އެ ސަރަހައްދުގެ އަންހެނުން މި މާ ވިއްކައިގެން އާމްދަނީ ހޯދާކަމުގެ ޚަބަރު ނީލަމް އަށް ލިބުނެވެ. މި މަލަކީ ސައި ތައްޔާރުކުރުމަށާއި، ކާބޯތަކެތީގައި ގުދުރަތީ ނޫކުލަ ޖެއްސުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަން އެނގޭ މީހުން މަދެއް ނޫނެވެ.

އެހެންކަމުން، ނީލަމްވެސް މި މަސައްކަތުގައި ބައިވެރިވާން ނިންމިއެވެ.

"މީގެ ނަތީޖާ ފެނުމުން އަހަރެން ހައިރާންވި. ހިއްކާފައިވާ މާ ވިއްކައިގެން ފުރަތަމަ ފަހަރަށް 50 ޑޮލަރު ލިބުމުން ވަރަށް ބޮޑު ސިހުމެއް ލިބުނު. މިއީ އަހަރެންގެ އަމިއްލަ މުސްތަގުބަލު އަމިއްލައަށް ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އިތުބާރު އާކޮށްދިން ކަމެއް،" އޭނާ ކިޔައިދިނެވެ.

މި ތަޖުރިބާގެ ސަބަބުން ކުޑަ ވިޔަފާރި އެއް އޭނާ ފެށި އެވެ.

"އަހަރެން ކުޑަ ލޯނެއް ނަގައިގެން އަވިން މާ ހިއްކާ މެޝިންތަކެއް (solar dryers) ގަތިން. މި މެޝިންތަކުގެ އެހީގައި މާ ހަލުވިކަމާއެކު ހިއްކައި، އޭގެ ކުލަ ނުގެއްލި، ގަންނަ މީހުން ބޭނުންވާ ފެންވަރަށް މާ ތައްޔާރު ކުރަން ފަސޭހަވި،" އޭނާ ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި 'ބަޓަފްލައި ޕީ' އެންމެ ގިނައިން ހައްދައި ބޭނުން ކުރަނީ ތައިލެންޑާއި އިންޑޮނޭޝިއާގަ އެވެ. ނަމަވެސް، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މަލަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، އިންޑިއާގެ ވިޔަފާރިވެރިންގެ ޝައުގުވެރިކަން މިކަމަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.

"ގުދުރަތީ ކުލަތަކަށް ދުނިޔޭ ގައި އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވަމުން އެބަދޭ،" ގުދުރަތީ ކުލަތަކާއި އެޑިޓިވްސް އެކްސްޕޯޓްކުރާ 'ޓީ.އެޗް.އެސް އިމްޕެކްސް' ގެ ބާނީ ވަރްޝިކާ ރެޑީ ބީބީސީ އަށް ބުންޏެވެ.

މި ޑިމާންޑް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ ކާބޯތަކެތީގައި ކުލަ ޖެއްސުމަށް ގުދުރަތީ ބާވަތްތައް ބޭނުންކުރުމަށް ކޮންސިއުމަރުން އިސްކަންދިނުމާއި، އެމެރިކާ އާއި ޔޫރަޕްގައި ސިނާއީ ގޮތުން އުފައްދާ ކުލަތަކަށް އޮތް ގަވާއިދުތައް ހަރުކަށިވުމެވެ.

2021 ވަނަ އަހަރު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ކާބޯތަކެތީގައި ބޭނުންކުރާ އެޑިޓިވްއެއްގެ ގޮތުގައި މި މާ ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

ނަމަވެސް، 2022 ވަނަ އަހަރު ޔޫރަޕްގެ ފުޑް ސޭފްޓީ އޮތޯރިޓީ އިން ވަނީ މި މާ ބޭނުންކުރުމުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތުން މި މާ ގިންތިކޮށްފައިވަނީ 'ނޮވެލް' (އާ) ކާނާއެއްގެ ގޮތުގައެވެ. މީގެ މާނަ އަކީ އާންމުކޮށް ބޭނުން ކުރުމުގެ ކުރިން އިތުރު ދިރާސާތަކާއި ހުއްދަތަކެއް ބޭނުންވާނެ ކަމެވެ.

އެހެންނަމަވެސް، އިންޑިއާގެ ވިޔަފާރިވެރިން ދެކޭގޮތުގައި މީގައި ބޮޑު ފުރުސަތެއް އެބައޮތެވެ. އެމީހުން ބޭނުން ވަނީ އިންޑިއާގެ ބާޒާރު މިކަމަށް ތަރައްގީކުރުމަށެވެ.

"މިއީ އަދިވެސް ގިނަ ބަޔަކު ދެކޭގޮތުގައި ހަމައެކަނި ގޭގެ ގޯތިތެރޭގައި ހައްދާ ޒީނަތްތެރި ނުވަތަ ބޭސްވެރިކަމުގެ ގަހެއް. ވިޔަފާރި އުސޫލުން ހައްދާ މުހިންމު ބާވަތެއްގެ ގޮތުގައެއް ނުބެލެވޭ،" ރެޑީ ބުންޏެވެ. "މީގެ ބާޒާރު އޮތް ގޮތާ ބެހޭ އެކަށީގެންވާ ހޭލުންތެރިކަމެއް ނެތް، އަދި ސަރުކާރުގެ ވަކި ގިންތިކުރުމެއް ނުވަތަ އަގު ކަނޑައަޅާނެ ވަކި ނިޒާމެއް ނެތުމުން، ދަނޑުވެރިންނަށް މީގެން ލިބޭނެ ފައިދާއާ މެދު އޮންނަނީ ޔަގީންކަން ނެތިފައި."

ރެޑީ މިހާރު ދަނީ އުފެއްދުންތެރިކަމުގެ ފެންވަރު މަތިކުރުމަށް ދަނޑުވެރިންނާއެކު މަސައްކަތް ކުރަމުންނެވެ.

"އަހަރެމެން މަސައްކަތް ކުރަނީ އުއްތަރު ޕްރަދޭޝްގެ ދަނޑުވެރިންގެ ޚާއްސަ ގްރޫޕަކާ އެކު. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެން ދަނޑުވެރިން ހިމެނޭ. އަހަރެމެން ވަނީ އެމީހުންނާއެކު ރަސްމީ އެއްބަސްވުންތަކެއް ގާއިމުކޮށްފައި. އަދި ދަނޑުވެރިކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި، ފެން ދޭނެ ނިޒާމާއި، މި ގަހަށް ޚާއްސަ ކޮށް ބޭނުން ކުރާނެ ހުނަރުތަކާ ބެހޭ ފުރިހަމަ އިރުޝާދު ދެމުން ދަން،" އޭނާ ބުންޏެވެ.

އިންޑިއާގެ އެހެން ވިޔަފާރިވެރިންނަށް ވެސް މި ވިޔަފާރީގެ ފުރުސަތު ވަނީ ފާހަގަކުރެވިފަ އެވެ.

"މި މާ ހޫނު ފެނަށް އެޅުމުން އޭގެ ކުލަ ނޫކުލައަށް ބަދަލުވޭ. އަދި އޭގެ ތެރެއަށް ލުނބޯ ހުތް ފިތާލުމުން ދަނބުކުލަ އަށް ބަދަލުވޭ. އެއީ ހީވަނީ ޖާދޫ އެއް ހެން،" ދިއްލީގެ ސަރަހައްދެއްގައި މަސައްކަތްކުރާ ނިތޭޝް ސިންގް ބުންޏެވެ.

ރެޑީ ފަދައިން އޭނާވެސް ގަބޫލުކުރާ ގޮތުގައި އިންޑިއާ ގައި މި މަލަށް އޮތް ފުރުސަތު މާ ބޮޑެވެ.

"މި މާ މި ގައުމުގައި ހުންނަތާ އެތައް ހާސް އަހަރެއް ވެއްޖެ. އެކަމަކު މިއީ ސިއްހަތަށް ފައިދާހުރި، ސާފު ކާނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަން އެކަކަށްވެސް ނޭނގޭ،" ސިންގް އިތުރަށް ބުންޏެވެ.

އެހެންކަމުން، 2018 ވަނަ އަހަރު އޭނާ 'ބްލޫ ޓީ' ގެ ނަމުގައި ކުންފުންޏެއް އުފެއްދީ މި މާ ބޭނުންކޮށްގެން ދުނިޔެ ބަލައިގަންނަ ބްރޭންޑެއް އުފެއްދުމުގެ އުންމީދުގަ އެވެ. ނަމަވެސް، ފެށުން ދިޔައީ އެހާ އޮމާންކޮށެއް ނޫނެވެ.

"ފުރަތަމަ އަހަރެމެންނަށް ޖެހުނީ ބޭރުން މާ އިމްޕޯޓްކުރަން. ސަބަބަކީ އިންޑިއާ އިން ރަނގަޅު ފެންވަރުގެ މާ ނުލިބޭތީ. މިތަނުގައި ހުންނަ މާތަކުގެ ފިޔަ މަދު، އަދި އަވިން ހިއްކާލުމުން އޭގައި އެއްވެސް އެއްޗެއް ނުހުރޭ. އަހަރެމެން ބޭނުންވީ ކުލަ ގަދަ، ފިޔަ ގިނަ، އަދި ހިއްކުމަށް ފަހު ވެސް އޭގެ ސިފަ ނުގެއްލޭނެ ފަދަ މަލެއް."

ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި، ސިންގް ވަނީ ދަނޑުވެރިންނާ ގުޅިގެން، މަލުގެ ފެންވަރާއި މިންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ފަސް ދަނޑުވެރިންނާއެކު ފެށި މި މަސައްކަތުގައި، މިހާރު އިންޑިއާގެ އެކި ކަންކޮޅުތަކުން 600 އަށްވުރެ ގިނަ ދަނޑުވެރިން ބައިވެރިވެ އެވެ.

"ތަމްރީނު ދިނުމާއި ފެންވަރު ހިފެހެއްޓުމަކީ މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން،" އޭނާ ފާހަގަކުރިއެވެ.

މި މަސައްކަތުގެ އެންމެ މުހިންމު އެއް މަރުހަލާއަކީ މާ ބިނުމެވެ. މިއީ އާންމުކޮށް އަންހެނުން ކުރާ މަސައްކަތެކެވެ.

"އަންހެނުންގެ އަތްތިލަ މަޑުވުމުން، ގަހަށް ގެއްލުން ނުވާނޭހެން ނާޒުކު މާތައް ބިނުމުގެ ގުދުރަތީ ހުނަރު އެމީހުންގެ ކިބައިގައި ހުރޭ. އެހެންކަމުން، ބިނުމަށް އެންމެ އެކަށީގެންވާ މާ ދެނެގަންނާނެ ގޮތުގެ ތަމްރީނު ދެނީ އަންހެނުންނަށް،" ސިންގް ކިޔައިދިނެވެ.

މާ ބިނުމަށްފަހު، އެ ތަކެތި ހިއްކަން ޖެހެނީ ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ.

"މާ ހިއްކާއިރު ހޫނުމިން ހުންނަ މިންވަރު ބެލުމަކީ ނުހަނު މުހިންމު ކަމެއް. ކުޑަވެސް ގޯހެއް ހެދިއްޖެ ނަމަ މަލުގެ އަގު ގެއްލިގެންދާނެ،" އޭނާ ބުންޏެވެ.

ދަނޑުވެރިން މާ ބިނުމަށްފަހު ކޮންމެވެސް ވަރަކަށް ހިއްކުމަށްފަހު 'ބްލޫ ޓީ' އަށް ފޮނުވުމުން، އޭގައި ތެތްކަން ހުރި މިންވަރު ބަލައި، އިތުރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދެ އެވެ.

"އަހަރެމެން ބޭނުން ކުރަނީ ވަރަށް މަޑު ހޫނުމިނެއްގައި ގިނަ ވަގުތު ނަގައިގެން ހިއްކާ އުސޫލެއް. ހޫނުމިން މާ މަތިވެއްޖެނަމަ މާ އަނދައި، އޭގައި ހުންނަ ބޭސްވެރިކަމުގެ ސިފަތަކާއި ކުލަ ގެއްލިގެންދާނެ،" ސިންގް އިތުރަށް ބުންޏެވެ.

މަސްދަރު: ބީބީސީ

ނަންރީތި މާ

ކޮމެންޓް

އިތުރަށް ކިޔާލަން

އުފުލެމުންދާ އަގުތަކާހެދި، ޤައުމީ ކޭން ކާލެވޭނެ ފަދަވެސް ޖީބުގައި ނެތް؟

އުފުލެމުންދާ އަގުތަކާހެދި، ޤައުމީ ކޭން ކާލެވޭނެ ފަދަވެސް ޖީބުގައި ނެތް؟

07 އޯގަސްޓު 2022
ގައުމީ ލޯބީގެ ލާމަސީލު މިސާލެއް ފަދަ ލުބްނާންގެ 3 ފަހުލަވާނުން!

ގައުމީ ލޯބީގެ ލާމަސީލު މިސާލެއް ފަދަ ލުބްނާންގެ 3 ފަހުލަވާނުން!

18 ޖުލައި 2022
3 ކާރިސާއެއް ވަށާލި ހަތަރު އަނގޮޅީގައި ބެދުނު ބަޝީރު: ކޮންމެ ފަދަ މީހަކަށް އެ ހާލު ޖެހިދާނެ!

3 ކާރިސާއެއް ވަށާލި ހަތަރު އަނގޮޅީގައި ބެދުނު ބަޝީރު: ކޮންމެ ފަދަ މީހަކަށް އެ ހާލު ޖެހިދާނެ!

21 ޖޫން 2022
ބަސަރާ ފެހިކުރަން ހިތްވަރުދިނުމަށް މަލުގެ ފެއަރއެއް

ބަސަރާ ފެހިކުރަން ހިތްވަރުދިނުމަށް މަލުގެ ފެއަރއެއް

06 އެޕްރީލު 2022
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

08 މާރިޗު 2022

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު