ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:40ޕީއެންސީގެ ކޮންގްރެސްގައި ބޭނުންކުރި ޑިޖިޓަލް ވޯޓިން ނިޒާމުގެ ސައްހަކަމާމެދު ބައިވެރިން ސުވާލު އުފައްދާފައިވާއިރު، ބައެއް މެންބަރުން ވޯޓުލުމުގެ ކުރިން ވެސް ވަކި ފަރާތަކަށް ވޯޓުދީފައިވާ ކަމަށް ސިސްޓަމުން ދެއްކި ކަމުގެ ޝަކުވާކޮށްފި. މި މައްސަލައާ ގުޅިގެން ކޮންގްރެސްގެ ތެރޭގައި ހަމަނުޖެހުން ހިނގާފައިވާއިރު، މިއީ ކުރިއަށް އޮތް އިންތިޚާބުތައް އޮޅުވާލުމަށް ސަރުކާރުން ރާވާފައިވާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ


ވެރިކަން ކުރާ ޕާޓީ (ޕީއެންސީ) ގެ ކޮންގްރެސް | ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި އެ ޕާޓީ އިން ބޭނުންކުރި ޑިޖިޓަލް ވޯޓިން ނިޒާމުން ވޯޓު އޮޅުވާލާފައިވާކަން ހާމަވެއްޖެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެ ކޮންގްރެސްގައި ވޯޓު ދިން ބަޔަކު ރާއްޖެއެމްވީ އަށް ބުނީ ވޯޓުލުމަށް ބޭނުންކުރި ޑިޖިޓަލް ސިސްޓަމްގެ ބެކްއެންޑް މެދުވެރިކޮށް ނަތީޖާ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
އެ ފަރާތްތަކުން ބުނިގޮތުގައި، ހޯލުގެ ކުރީ ސަފުގައި ތިބި ބައެއް މެންބަރުން ވޯޓުލުމަށްޓަކައި ސިސްޓަމަށް ވަނުމުގެ ކުރިން ވެސް، އެ މީހުން ވަކި ފަރާތަކަށް ވޯޓުދީފައިވާ ކަމަށް ސިސްޓަމުން ދެއްކި ކަމަށެވެ.
މިއީ ވޯޓުލުމުގެ ނިޒާމުގެ ސައްހަކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިގެންދިޔަ ކަމެއް ކަމަށް މަންޒަރު ދުށް ފަރާތްތަކުން ފާހަގަކޮށްފައިވެ އެެވެ.
މިކަން ފަޅާއަރައި، ގިނަ ބަޔަކަށް އެކަން އެނގުމާއެކު ހޯލުތެރެ ހަލަބޮލިވި ކަމަށް ވެސް ރާއްޖެއެމްވީއާ ވާހަކަދެއްކި މީހުން ވަނީ ބުނެފަ އެވެ. އަދި ބައެއް މެންބަރުން ނުރުހުން ފާޅުކޮށް، އަޑުގަދަކުރުމާއެކު، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެންދިޔަ ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.
ޑިޖިޓަލް ވޯޓިންގެ ނިޒާމުގެ ތެރެއިން ވޯޓުގެ ނަތީޖާ އަށް ނުފޫޒު ފޯރުވި ކަމުގެ އަޑުތަކާއެކު، އެ ޕާޓީގެ އާންމު މެންބަރުންނާއި ކޮންގްރެސްގެ ބައިވެރިންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްބޭފުޅުން މިފަހަކަށް އައިސް ގެންދަވަނީ ރާއްޖޭގައި ބާއްވާ އިންތިޚާބުތައް ވެސް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮޅުވާލުމަށްޓަކައި މިސަރުކާރުން ފަށާފައިވާ ހީލަތްތެރި ރޭވުމެއް ކަމަށް އިދިކޮޅު ބައެއް ސިޔާސީ ބޭފުޅުންނާއި ބައެއް އާއްމު ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ.











