މަގާމުން ދުރުކޮށްފައިވާ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ކޯޓަށް ހާޒިރު ކޮށްފި
މިދިޔަ ހޮނިހިރު ދުވަހު ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކުރުމަށްފަހު، ހޯމަ ދުވަހު މެންހަޓަންގެ ފެޑެރަލް ކޯޓަށް ހާޒިރުކޮށްފި. އެ ދެމަފިރިންގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ އުފުލާފައިވޭ.

މެންހަޓަންގެ ކޯޓަށް ހާޒިރު ކުރަން ނިކޮލަސް މަދޫރޯ ނިއުޔޯކް ސިޓީއަށް ހެލިކޮޕްޓަރުގައި ގެންނަނީ
އެމެރިކާ އިން ބާރުގެ ބޭނުން ކޮށްގެން މަގާމުން ދުރުކޮށްފައިވާ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ކޯޓަށް ހާޒިރު ކުރުމަށްޓަކައި، ހޯމަ ދުވަހު މެންހަޓަންގެ ފެޑެރަލް ކޯޓަކަށް ގެންގޮސްފިއެވެ.
މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ބްރުކްލިންގެ ޖަލަކުން ހެލިކޮޕްޓަރެއްގައި މެންހަޓަނަށް ބަދަލުކުރިއިރު، އެ ދެމަފިރިން ތިބީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ބިޑި އަޅުވާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކޯޓަށް އެމީހުން ގެންދެވުނީ ވަޒަން ނާރާ ރައްކާތެރި އުޅަނދެއްގަ އެވެ. މި ދެމަފިރިން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަރަކާސްގައި ހުންނަ ރިޔާސީ ގަނޑުވަރުން، އެމެރިކާގެ ޚާއްޞަ ސިފައިންގެ ފައުޖަކުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެމެރިކާ ގައި މަދޫރޯގެ މައްޗަށް ޝަރީއަތް ހިންގިދާނެތޯ ކަނޑައެޅުމަށް ކުރިއަށްދާ ގާނޫނީ މަރުހަލާގެ ފެށުމެއްގެ ގޮތުން، ކޮންމެހެން ހިންގަންޖެހޭ އިޖުރާއަތްތަކެއްގެ މަތިން ފަނޑިޔާރެއްގެ ކުރިމައްޗަށް މި ދެމަފިރިން ހާޒިރުކުރަން ޖެހޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އުމުރުން 63 އަހަރުގެ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތީގެ ވަގު ވިޔަފާރިކުރުމުގެ (ނާކޯ-ޓްރެފިކިންގ) ދައުވާ އެވެ.
މަދޫރޯ ހައްޔަރު ކުރުމަށް ފަހު ވެނެޒުއޭލާ ވަގުތީ ގޮތުން ބަލަހައްޓާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، ރާގު ބަދަލު ކުރައްވާ، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާދީއްތަ ދުވަހު ވިދާޅުވީ ތެލުގެ ވިޔަފާރިއާ ގުޅޭ ގޮތުން އަޅާފައިވާ ހުރަސްތައް ތަންފީޒުކުރުން ފިޔަވައި، އެ ގައުމުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގެ ތެރެއަށް އެމެރިކާ އިން ނުވަންނާނެ ކަމަށެވެ.
މަދޫރޯގެ ބައިވެރިން ކަމަށްވާ ޗައިނާ އާއި އީރާނުން ދަނީ އޭނާ މިނިވަންކުރުމަށް އެމެރިކާ އަށް ގޮވާލަމުންނެވެ. މިގޮތުން، އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބެއިޖިންގް އިން ވަނީ ބުނެފައެވެ.
އެމެރިކާގެ ޝަރުއީ ނިޒާމުގެ ތެރެއިން ޖިނާއީ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދޭ ހައްގުތައް މަދޫރޯ އަށް ވެސް ލިބިގެންވެ އެވެ.
މަދޫރޯގެ ގާނޫނީ ވަކީލުން ބުނަމުންދަނީ އޭނާއަކީ ގައުމެއްގެ އިސްވެރިއަކަށް ވާތީ، އޭނާގެ މައްޗަށް ދައުވާ ނުއުފުލޭނެ ކަމަށާއި އޭނާ ހައްޔަރުކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. މީގެ ކުރިން 1990 ވަނަ އަހަރު ޕެނަމާގެ ލީޑަރު މެނުއަލް ނޮރިއެގާ ވެސް މިފަދަ ދިފާއެއް ބޭނުންކުރަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެމެރިކާ އިން ބުނަމުންދަނީ، ޚާއްސަކޮށް 2024 ވަނަ އަހަރުގެ އިންތިޚާބަށްފަހު، މަދޫރޯ އަކީ ވެނެޒުއެލާގެ ގާނޫނީ ވެރިޔާގެ ގޮތުގައި ބަލައިނުގަންނަ ކަމަށެވެ.
ވެނެޒުއެލާގެ އާ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވަނީ މަދޫރޯ އަނބުރާ ގައުމަށް ފޮނުވާލުމަށް އެމެރިކާގެ ކިބައިން އެދިވަޑައިގެންފައެވެ. މަދޫރޯ ވަނީ އޭނާގެ މައްޗަށް ކުރެވޭ މަސްތުވާތަކެތީގެ ތުހުމަތުތަކަށް އަބަދުވެސް އިންކާރު ކުރައްވާފައެވެ. ނަމަވެސް ރޮޑްރިގޭޒް ވަނީ މީސްމީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާއާ އެކު އޮތް ގުޅުން ރަނގަޅުކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.
މަދޫރޯ ހައްޔަރުކުރުމުގެ ކުރިން އޭނާގެ ސަޕޯޓަރުން ބުނަމުން ދިޔައީ، އެމެރިކާގެ ހަގީގީ ބޭނުމަކީ ވެނެޒުއެލާގެ މުއްސަނދި ތެލާއި މިނަރަލް ވަސީލަތްތަކުގެ މައްޗަށް ބާރު ފޯރުވުން ކަމަށެވެ.
އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައި މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
25 ސަފުހާގެ މައްޗަށް އެކުލެވޭ ދައުވާގެ ރިޕޯޓުގައި ބުނެފައިވަނީ، މަދޫރޯ އާއި އޭނާގެ ބައިވެރިން މަސްތުވާތަކެތީގެ ކާޓެލްތަކާ ގުޅިގެން އެތައް ހާސް ޓަނެއްގެ ކޮކެއިން އެމެރިކާއަށް އެތެރެކޮށްފައިވާ ކަމަށެވެ. ކުށް ސާބިތުވެއްޖެނަމަ އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރޭޒްގެ މައްޗަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެހެންކަމުން އެމެރިކާގެ އެއްވެސް މީހަކަށް ނުވަތަ ކުންފުންޏަކަށް ސަރުކާރުގެ ހުއްދައަކާ ނުލައި އެމީހުންގެ ފައިސާއާ މުއާމަލާތް ކުރުމަކީ މަނާ ކަމެކެވެ. އެހެން ކަމުން އެމެރިކާ އިން މަދޫރޯގެ ދިފާއުގައި ގާނޫނީ ވަކީލުން ހޯދާނެ ގޮތަކާ މެދުވެސް ސުވާލު އުފެދިފައިވެ އެވެ.
މަދޫރޯގެ މައްޗަށް އުފުލާފައިވާ ދައުވާގައި، އޭނާގެ ސަރުކާރުގެ އިސްވެރިން "ޓްރެން ޑި އަރަގުއާ" ގޭންގާ ގުޅިގެން މަސައްކަތްކުރި ކަމަށް ބުނެފައިވީ ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުން ކުރިން ބުނެފައިވަނީ އެފަދަ ގުޅުމެއް އޮތް ކަމުގެ ހެކި ފެންނަން ނެތް ކަމަށެވެ.
މި މައްސަލައިގައި މަދޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި، ދަރިކަލުންނާއި، އަދި ސަރުކާރުގެ ބައެއް އިސް މިނިސްޓަރުންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. ދައުވާގައި ބުނެފައިވާ ގޮތުގައި މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި އަށް ހުރަސްއަޅާ މީހުން ރަހީނުކޮށް، އަނިޔާކޮށް އަދި މަރާލުމަށް އަމުރުކޮށްފަ އެވެ. މީގެ އިތުރުން، އޭނާގެ އަނބިކަނބަލުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަށްޓަކައި އެތައް މިލިއަން ޑޮލަރެއްގެ ރިޝްވަތު ނަގާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.






