ވައުދުނާމާ ޕްރޮގްރާމްގައި މާމިގިލީގެ ތަރައްގީއާ ގުޅޭގޮތުން އިބްރާހިމް ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ދިޔަ ކަމަށާއި، ސަރުކާރު ބަދަލު ވެގެންދިޔައިރު މަޝްރޫއުތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު ހުރިހާ މަޝްރޫއެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އިބްރާހިމް ވިދާޅުވި.


އދ. މާމިގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
އދ. މާމިގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އޮކްޓޫބަރު މަސްތެރޭގައި ފެށި ނަމަވެސް މިހާރު ހުރީ ފައުންޑޭޝަން އެޅި ދުވަހު ކޮނެފައިވާ ވަޅުގަނޑު އެކަނި ކަމަށް އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި މާމިގިލީގެ ތަރައްގީއާ ގުޅޭގޮތުން އިބްރާހިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ދިޔަ ކަމަށާއި، ސަރުކާރު ބަދަލު ވެގެންދިޔައިރު މަޝްރޫއުތަކުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ.
އެގޮތުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފެށި މަގުތަކުގެ ހުރީ ހަމައެކަނި މަތީ ތާރު ލޭޔަރ އެޅުމުގެ މަސައްކަތް ކަމަށާއި، މަލްޓި ޕަރޕަސް ހޯލުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޔޫތް ސެންޓަރު ވެސް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު ހުރިހާ މަޝްރޫއެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ސްޕީޑަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފާޑު ވިދާޅުވިކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ ރިޔާސީ ކެންޕޭން ދުވަސްވަރު ވަރަށް ބާރް ސްޕީޑްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވާ ކަމަށެވެ.
ނަމަވެސް ދެއަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު، އައު މަޝްރޫއެއްގެ އަމަލީ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރަށް ބަލާއިރު އިތުރަށް އެއަށް މާ ބޮޑު ކުރިއެރުމެއް ދެ އަހަރު ފާއިތުވެގެން ދިޔައިރު ލިބިފައިނުވޭ. އެހެން ނަމަވެސް ރައީސް މުއިއްޒު މާމިގިއްޔަށް ވަޑައިގެން ވޯޓުލާން ތިން ދުވަސް ނުވަތަ ހަތަރު ދުވަސް އަޅުގަނޑު ހަނދާން ވަނީ މާމިގިލީގައި ބައްދަލު ކުރެއްވީ ފެންފުށީގެ މީހުންނާ، މާމިގިލި މީހުންނާއެކު. ޕީޕީއެމް ޕީއެންސީ މެންބަރުންނާއެކު ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވި ރައީސް ސޯލިހު ސަރުކާރުގެ މަސައްކަތުގެ ސްޕީޑް ލަސް ވާހަކަ ފާހަގަކުރެއްވި.މާމިގިލީ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސް އިބްރާހިމް ރަޝީދު
މާމިގިއްޔަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު ދެ ވައުދަށް އިޝާރާތް ކުރައްވައި އިބްރާހިމް ވިދާޅުވީ އެއީ ޒަމާނީ ފެންވަރެއްގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމާއި، ބަންދު ކޮށްފައިވާ ސީ ޕޯޓު ތަަރައްގީކޮށް އަލުން ހުޅުވާލުން ކަމަށެވެ.
އިބްރާހިމް ވިދާޅުވީ 7 އޮކްޓޫބަރު 2025 ގައި ރައީސް މުއިއްޒު އެރަށަށް ވަޑައިގަންނަވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވި ކަމަށެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، ފައުންޑޭޝަން އެޅުމަށް ކޮނެފައިވާ ވަޅުގަނޑު ހުރި ގޮތަށް އެބަހުރި ކަމަށެވެ.
މާމިގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.
މީގެ އިތުރުން އިބްރާހިމް ވިދާޅުވީ މާމިގިލީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ ހިންގަން ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް މި ބަނދަރާ ގުޅޭ އެއްވެސް ވާހަކައެއް ސަރުކާރުން ނުދައްކާ ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ކަމާގުޅޭ ސަރުކާރުގެ ވަޒީރުންނާ ސުވާލު ކުރުމުން އެއީ ރައީސް މުއިއްޒުގެ ވައުދެއްކަން ނޭނގޭ މޭރުމަކުން ވާހަކަ ދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދިޔަ ނަމަވެސް އާރްޑީސީއާ އެހެނިހެން ކުންފުނިތަކަށް މަޝްރޫއުތަކާ ގުޅުވައި ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އެނޫން ގޮތަކަށް ރަށަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަަމަށް އިބްރާހިމް ވިދާޅުވި އެވެ.