އިންޑިއާ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާ ކުންފުންޏަކަށް ދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓަރ އަމީން އެކަން ދޮގުކުރެއްވި. ރާއްޖޭގެ ހުރިހާ އެއާޕޯޓްތައް ބެލެހެއްޓުމާއި ހިންގުމުގެ މަސައްކަތް ކުރާނީ ދިވެހި އޮޕަރޭޓަރުންކަން މިނިސްޓަރ ފާހަގަކުރެއްވި.


ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ތަރައްގީ ކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެދުނު ވާހަކަ ފަޅާ އެރުމުން އެކަން ދޮގުކޮށްފި އެވެ.
އިންޑިއާގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ކުރީކޮޅު، ސިވިލް އޭވިއޭޝަން މިނިސްޓްރީން އޭ.އޭ.އައި.އަށް ފޮނުވި ސިޓީއެއް ގައި ބަޔާންކޮށްފައި ވަނީ މި ހުށަހެޅުން ހުށަހަޅާފައިވަނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރ ކޭ. ރާމް މޯހަން ނައިޑޫ އަށް ކަމަށެވެ.
މިނިސްޓްރީގެ އިސް އޮފިޝަލަކު 'ދަ ހިންދޫ' ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެއާޕޯޓްގެ މެނޭޖްމަންޓަށް "އިންޑިއާގެ ކުންފުނިތައް ބައިވެރިކުރުމާބެހޭ ހުށަހެޅުން ދިރާސާކުރުމަށް" އޭ.އޭ.އައި.އަށް އިރުޝާދު ދީފައިވާ ކަމަށެވެ.

އޭ.އޭ.އައި.އަކީ އިންޑިއާގެ 113 އެއާޕޯޓް ހިންގުމުގެ އިތުރުން 26 ސްޓޭޓް ސަރުކާރުގެ އެއާޕޯޓް ހިންގާ ކުންފުންޏެކެވެ. އޭ.އޭ.އައި.އަށް ނިސްބަތްވާ 13 އެއާޕޯޓް މިހާރު ހިންގަމުންދަނީ ޖީ.އެމް.އާރ. ޖީ.ވީ.ކޭ. އަދި އަދާނީ ގްރޫޕް ފަދަ އަމިއްލަ އޮޕަރޭޓަރުންނެވެ. އޭގެތެރެއިން ނާވީ މުމްބާއީ ފިޔަވައި ހަތް އެއާޕޯޓް ހިންގަނީ އަދާނީ ގްރޫޕުންނެވެ.
އިންޑިއާގެ ނޫސްތަކުގައި ދިވެހި ސަރުކާރުން އެދިގެން މިފަދަ ކަމެއް ކުރާކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އެކަން ދޮގުކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގައި ބައިނަލްއަޤްވާމީ އަދި ޑޮމެސްޓިކް ހުރިހާ އެއަރޕޯޓެއް ބެލެހެއްޓުމާއި ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އަދި އެއާޕޯޓް ހިންގުން ގައުމީ މުއައްސަސާތަކުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ގޮތަށް އެކަން ކުރާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަކީ 1986 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ އެއާޕޯޓެކެވެ. މި އެއާޕޯޓް ތަރައްޤީކޮށް ފުޅާކުރުމަށް އިންޑިއާ އިން ވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދީފަ އެވެ. ތަރައްޤީކުރުމުގެ މަސައްކަތްތައް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭ.އެމް.ސީ. ޕްރޮޖެކްޓްސްއާ ހަވާލުކުރެވުނީ 136.6 މިލިއަން ޑޮލަރުގެ އަގަކަށެވެ. މި މަސައްކަތުގެ ތެރޭގައި 2,465 މީޓަރުގެ ރަންވޭއެއް ހެދުން ހިމެނެ އެވެ. މި ރަންވޭއަށް އެއާ ބަސް އޭ320 މަރުކާގެ ބޯޓުތައް ޖެއްސޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ އާ ޕެސެންޖަރ ޓަރމިނަލް އިމާރާތެއް ވެސް ވަނީ ހަދާފަ އެވެ.
ދަ ހިންދޫން ފާހަގަ ކޮށްފައިވާ ގޮތުގައި މުއިއްޒު ސަރުކާރުން މިކަން ހުށަހަޅާފައި މިވަނީ ޖީ.އެމް.އާރ.އަށް ރާއްޖެ އިން ފުރަން އަންގާ، އެ ކުންފުނި ބޭރުކޮށްލުމަށް ދިމާވި ހިތްދަތި ހާދިސާ އަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑރ. ވަހީދު ގެ ވަޒީރުންގެ މަޖިލީހުން ވަނީ، 2010 ވަނަ އަހަރު ޖީ.އެމް.އާރ.އާ އެކު، ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ތަރައްޤީކޮށް ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެއީ އެހާތަނަށް ދިވެހިރާއްޖެ އަށް ގެނައި އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެވެ. އިންވެސްޓްމަންޓުގެ އެއްބަސްވުމުގެ އަގަކީ 511 މިލިއަން ޑޮލަރެވެ. މި އެއްބަސްވުން އުވާލަން އޭރުގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ، އެއީ ގަނޫނީ ބާރެއް ނެތް އުފެދުމުގައި ވެސް ބާތިލު (ވޮއިޑް-އަބް-އިނިޓިއޯ) އެއްބަސްވުމެއް ކަމަށެވެ. އެ ސަބަބު ދައްކާ، ޖީ.އެމް.އާރ.އަށް ރާއްޖެ އިން ފުރަން ދިނީ އެންމެ ހަތް ދުވަހުގެ މުއްދަތެކެވެ.
އިންޑިއާގެ ކުންފުނި ބޭރުކޮށްލުމަށް ފަހު 2014 ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަން ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް ކިޔާ ޗައިނާ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރި އެވެ. އަދި ދިވެހި ސަރުކާރުން ބުނީ އެއާޕޯޓްގެ ހިންގުން ސަރުކާރު ހިއްސާވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކުރުމަށްފަހު ދެން އެއަރޕޯޓު ހިންގުން އަމިއްލަ ކުންފުންޏަކަށް ދޫނުކުރާނެ ކަމަށެވެ.
ފަހުން، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު، ސިންގަޕޫރު އާބިޓްރޭޝަން ސެންޓަރުގެ ޓްރައިބިއުނަލްއަކުން ވަނީ އެއްބަސްވުން ގޯސްކޮށް އުވާލިކަމަށް ކަނޑައަޅައި، ޖީ.އެމް.އާރ.އަށް 270 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ދިވެހި ސަރުކާރުގެ މައްޗަށް ހުކުމްކޮށްފަ އެވެ.