ރައީސް މުއިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ ސަރުކާރުން ފައިސާ ދޭން ލަސްވެފައިވުމާއި ޑޮލަރުގެ މައްސަލަ ހައްލު ނުވުމާއި ޓެކްސް މައްސަލަތައް ފާހަގަކުރައްވާފައި. މިދިޔަ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ މަސައްކަތްތަކަށް ވެސް އަދި ފައިސާ ނުލިބޭ ކަމަށް ވިޔަފާރިވެރިން ބުނެފައިވޭ.


ކުދި ވިޔަފާރިވެރިއަކު އޭނާއަށް ދިމާވެފައިވާ މައްސަލަތައް ޝަކުވާއެއްގެ ގޮތުގައި ހުށަހަޅަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވި އިރު، އެ ވިޔަފާރިވެރިން ކުރިމަތިވެފައިވާ ގިނަ ކަންބޮޑުވުންތައް ވަނީ މި ބައްދަލުވުމުގައި އޮއްސާލާފަ އެވެ. މީގެ ތެރޭގައި މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އަޅާ ނުލާ ދޫކޮށްލާފައި ހުރި ކަންކަމާއި ފައިސާގެ މައްސަލަ ވެސް ހިމެނެ އެވެ.
މި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ ސަރުކާރުން ހައްލު ނުގެންނަ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި، ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރައްވާފަ އެވެ. ވިޔަފާރިވެރިން ފާހަގަކުރެއްވި ގޮތުގައި މިހާ ދުވަސްވީ އިރު ވެސް ސަރުކާރުން އެ މައްސަލަތަކަށް ހައްލެއް ނުގެނެސް ހުރުމަކީ ވިޔަފާރިތަކަށް ބޮޑު ދަތިކަމެއް ކަމަށެވެ.
ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިވާ ކަންތައްތައް ހިމެނެއެވެ. ސަރުކާރުން ގެނައި ބައެއް ބަދަލުތަކަކީ ވިޔަފާރިތަކުގެ އޮޕަރޭޝަންތަކަށް ހުރަސްތަކެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއްވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދެއްކި ވިޔަފާރިވެރިއެއް ބުނީ ކުދި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރުގެ މައްސަލަ ކަމަށެވެ. އޭނާ ބުނީ ޑޮލަރުގެ އަގު ބޮޑުވެގެން ދިއުމުން ތަކެތީގެ އަގުތަކާއި މުވައްޒަފުންގެ އަގުތަށް ބޮޑުވާ ކަމަށެވެ. އަދި ޑޮލަރުގެ މައްސަލައަކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށާއި، އެއީ ކަންބޮޑުވުމެއް ކަމަށެވެ.
އެހެން ވިޔަފާރިވެރިއެއް ބުނީ ކުރާ މަސައްކަތަށް 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތް ހައްދަވައި ދެއްވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ރައްޔިތުން ހަނާވަމުންދާ ކަމަށާއި، ވިޔަފާރިތަކުގެ ބޭނުންކުރާ އުޅަނދުތައް ޓޯކޮށް ހަލާކު ކުރަމުން އަންނަ ކަމަށެވެ.
ތިބޭފުޅުން ކޮންމެ ގާނޫނެއް ހަދައިގެން ހެދިޔަސް މިއީ މީހުންގެ ހައްގު. މި އެއްޗެހި ހަލާކު ނުކުރާށޭ. މިއަށް ކޮންމެވެސް ގޮތެއް ހަދާށޭ. މިއީ މީހުން ލާރިދީފައި ގަނެފައި ހުރި އެއްޗެހި. ކޮންމެވެސް ދުވަހަކުން ﷲ އަށް ޖަވާބުދާރީވާން ޖެހޭނެ މި އެއްޗެހި ހަލާކު ނުކުރާށޭ.ވިޔަފާރިވެރިއެއް
އެހެން ވިޔަފާރިވެރިއަކު ބުނީ އައިޖީއެމްއެޗްގައި އައިނުގެ ވިޔަފާރި ކުރެވޭ އިރުގައި އެކަން ކުރަނީ ލަންކާ ބައެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އޭނާ ބުނީ އާސަންދައިގެ ދަށުން އައިޖީއެމްއެޗްގައި ގިނަ ބަޔަކު އައިނު ހައްދަމުންދާ ކަމަށާއި، އެ ހުރިހާ ފައިސާއެއް ލަންކާ އަށްދާ އުސޫލަކުން އޮތުމުން އެއީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ސަމާލުކަން ދީގެން އިސްލާހުކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ. އާސަންދައިގެ ދަށުން މި އޮންނަނީ 1000 ރުފިޔާ ކުރިން. އަޅުގަނޑުމެން ކައިރިއަށް އައިސް އަނިނު ހެއްދީމާ ރައްޔިތު މީހާ އަތުން އެބަޖެހޭ ބޮޑު އަދަދެއް ދައްކަން. އެކަމަކު 2000 ރުފިޔާއަށް ބަދަލުވީމާ އަޅުގަނޑުމެން ތަންތަނުން ވެސް އައިނު ހައްދާލެވޭ އާސަންދައި ގެ ދަށުން. އެކަން ކުރެއްވި އިރު ކީއްވެގެންތޯއޭ ދިވެހި މި މަސައްކަތް ކުރާ މީހުންނާއި މަޝްވަރާ ނުކުރެއްވީ. ލަންކާ ބަޔަކަށް އައިޖީއެމްއެޗްގެ ތަނެއް ދެއްވި އިރު އެކަން ކުރެވޭނެ ދިވެހި ފަރާތްތައް އެބައުޅޭ.ވިޔަފާރިވެރިއެއް
މި ބައްދަލުވުމުގައި ބައިވެރިވި އެހެން ވިޔަފާރިވެރިއެއް ބުނީ ޑިސެމްބަރުގެ ނިޔަލަށް ފައިސާ ނުލިބުމުގެ މައްސަލަ ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އަދި މިހާތަނަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ. އެމްޑަބްލިއުއެސްސީ އަދި ފެނަކައަކީ ފައިސާ ނުދީ ހުރި ކުންފުނިތައް ކަމަށާއި، އެތަންތަނުގެ އެމްޑީންގެ ފަރާތުން އުއްމީދެއް ނުލިބޭ ކަމަށެވެ.
ޕޭމަންޓްތަކާއި ބެހޭ ގޮތުން އެއްވެސް އަލިމަގެއް ނެތް. އެންމެފަހުން ޕޭމަންޓެއް ލިބުނީ މަޖިލިސް އިންތިޚާބުގައި. އޭގެ ފަހުން ފަހުން އަދި ނުލިބޭ. ދެވަނަ ކަމަކަށް ޓެކްސް ކަންތަކުގައި، މީރާއަށް ދައްކަންޖެހޭ ބޮޑު އަދަދެއްގެ ޓެކްސް އެއް. އެދެނީ ދައުލަތުން ނުވަތަ އެސްއޯއީތަކުން ޑައިރެކްޓްކޮށް މީރާއަށް މި ޓެކްސް ދައްކާފައި އަޅުގަނޑުމެންނަށް ދޭންޖެހޭ ޕޭމަންޓް ދެއްވާށޭ. އަޅުގަނޑުމެންނަށް ނުލިބޭ ޕާމަންޓަކުން ޓެކްސް ދެއްކެން ނެތް.ވިޔަފާރިވެރިއެއް.
އިތުރު ވިޔަފާރިވެރިއަކު ބުނީ ސަރުކާރުގެ އޮފީހަކާ ވެވޭ އެއްބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ލިބޭނޭ ކަމަށް އޮންނަ ކަމަށެވެ. އަދި ދެން އެ އެއްބަސްވުމާ ސަރުކާރުން ޚިލާފުވިޔަސް އެއިން ލިބޭނެ އެއްވެސް އިތުރު އެއްޗެއް ނޯންނަ ކަމަށާއި، ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ސަޕްލައިކުރާ އެއްޗެއް ސަޕްލައިކުރުން ލަސްވުމުގެ ސަބަބުން އެބަ އެލް.ޑީ ޗާޖަރސްތަކެއް އަންނަ ކަމަށެވެ. މިއީ ދެކޮޅުނުޖެހޭ ކަމެއް ކަމަށާއި، މި އެއްބަސްވެފައި އޮންނަ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
އެއް ކަމަކީ، މީރާ ޓެކްސްގެ ކަންތައް. އަނެއް ކަމަކީ، ދެން އަންނަ އަނެއް ޕްރޮޖެކްޓަށް އަޅުގަނޑުމެން މި ފައިނޭންސް ކުރަނީ، އެއް ކަލަ ނިމިފައި އޮތް ޕްރޮޖެކްޓުން ލިބޭ ފައިސާއިން. އެ ފައިސާ ނުލިބިއްޖެއްޔާމުން އަނެއް ޕްރޮޖެކްޓަކަށް އަޅުގަނޑުމެންނަށް ފައިސާ ޚަރަދެއް ނުކުރެވޭ. އޭގެ ސަބަބުން އެއް ޕްރޮޖެކްޓް އަނެއްކާ އެބަ ޑިލޭއެއް އާދޭ. މިހެން ވަރަށް ގިނައިން ދިމާވުމުގެ ސަބަބުން ވަރަށް ބޮޑެތި ފައިންތަކަކާ އަޅުގަނޑުމެން އެބަ ކުރިމަތިލާންޖެހޭ. އަޅުގަނޑަށް ލަފާކުރެވެނީ، ފިނޭންސް މިނިސްޓްރީއަށް ފައިސާ ދައްކަން ދާ ހިސާބުން، ފައިސާ ލިބެންޖެހޭނެ. އެނގޭތޯ. އެއީ، މަޑުކުރުމަކީ އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން. އެކަން ކޮށްގެންނުވާނެ އިނގޭތޯ. އެއީ، މީހަކު ކޮށްފައި އޮންނަ ބުރަ މައްސަލަ، އަނެއްކާ މެދު ހުރިހާ ކަމެއް ފުރިހަމަކޮށް ނިމިގެން މި ދަނީ ފިނޭންސް މިނިސްޓްރީއަށް. މިއީ ސަރުކާރު. މިއީ އާއްމު ފަރާތެއް ނޫން، ފައިސާ ލަސްކޮށްގެން ހިފެހެއްޓުމަށް. އޭގެ ސަބަބުން މި ކުދި؛ އާދެ، ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުމެން ފަދަ ކުދި، މެދު ފަންތީގެ ވިޔަފާރިތަކަށް ދިރިއުޅުމަށް ކުރާ މަސައްކަތަށް ބޮޑު އާބާދޭ، ކުދިންގެ ޓިއުޝަން ފީއާއި، އެ އަހަރު ހުރިހާ އަހަރުދުވަހަކަށް އެބަ މައްސަލަދިމާވޭ. އެހެންގޮސް ވަރަށް ވަރަށް ބޮޑެތި ކަންތައްތަކަށް ދިމާވާނީ އިނގޭތޯ. މިގޮތަށް ފައިސާ ލަސްކުރެވޭނެ. އަޅުގަނޑަށް ލަފާކުރެވޭނީ މިކަން ވަރަށް ފަސޭހައިން ޙައްލުކުރެވިދާނެ ކަމަށް. ސަރުކާރުން އެބަހުރި ސަރުކާރުގެ ބޭންކެއް. އެސް.އެމް.އީ ޑިވެލޮޕްމަންޓް ބޭންކެއް. އެހެންވީމާ، އެ ޕޭމަންޓަށް ފިނޭންސް މިނިސްޓްރީއަށް ދާ ހިސާބުން ހަމަ މިއިން ކޮންމެވެސް އެއް ތަނަކަށް ފިނޭންސް މިނިސްޓްރީގައި ލާރި ނެތް ކަމަށް ވަންޏާ ރިސީވަބަލްސް ނެތް ކަމަށް ވެއްޖެއްޔާމުން ދެން އެއިން ކޮންމެވެސް ބޭންކެއް މެދުވެރިކޮށް މި މީހުންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާލުމަކީ އެއީ ސަރުކާރަށް މާ ބޮޑު ކަމެއް ނޫން.ވިޔަފާރިވެރިއެއް
އެހެން ވިޔަފާރިވެރިއަކު ބުނެފައިވަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ މަސައްކަތްތަކަށް ވެސް އަދި ފައިސާ ނުލިބޭ ކަމަށެވެ. ވިޔަފާރިވެރިން ބުނެފައިވަނީ ގިނަ ބަޔަކު ކުރަނީ ވަރަށް ކުދިކުދި ވިޔަފާރިތައް ކަމަށާއި ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމުގައި ލަސްވާތީ އެ ވިޔަފާރިތައް އޮތީ ހަނާވާ ހިސާބުގައި ކަމަށެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެކެއްގައި ރައީސް ވިދާޅުވީ ދިހަ ދުވަސްތެރޭ ބިލުތައް ދައްކާނެ ކަމަށެވެ. އޭގެ ފަހުން 2 އޮކްޓޯބަރުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަސް ހަފްތާ ތެރޭ ބިލުތަކަށް ފައިސާ ދައްކާ ނިންމަވާނެ ކަމަށެވެ. އޭގެ ފަހުން ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޖަލްސާގައި ވިދާޅުވީ ނޮވެމްބަރު ހައެއްގައި ފެށިގެން ކޮންމެ ދުވަހަކު ބިލުތަކަށް ފައިސާ ދައްކަމުން އަންނަ ކަމަށާއި ހުރިހާ ބިލެއް ކްލިއާ ވަންދެން ފައިސާ ދޫކުރާނެ ކަމަށެވެ.