17 ޑިސެމްބަރު 2025 ގައި ރައީސް މުއިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ. ކޯޓާފީ، ޑެމަރޭޖް، ވެހިކަލް އިމްޕޯޓް، ސަރުކާރުން ބިލްތަކަށް ފައިސާ ދެއްކުން، ޕޭޕަލް ފެސިލިޓީ އަދި ގެސްޓްހައުސް ހިންގާ ފަރާތްތައް ރިކޮގްނައިޒް ކުރުން ފަދަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. މައްސަލަތަކުގެ ތެރެއިން ބައެއް ކަންކަން ވަގުތުން ހައްލުކުރައްވައި އަނެއް ބައި ކަންތަކަށް ސުންގަޑިތައް ވަނީ ދެއްވައިފަ އެވެ.

ރައީސް މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ބައިވެރިއަކު ބައެއް ކަންބޮޑުވުން ފާޅު ކުރަނީ - 17 ޑިސެމްބަރު 2025
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ 17 ޑިސެމްބަރު 2025 ވީ ބުދަ ދުވަހުގެ ރޭ ޝޯޝަލް ސެންޓަރުގައި ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލު ކުރެއްވުމުގައި ވިޔަފާރިވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ވަނީ ހާމަ ކޮށްފައެވެ. އެ ވާހަކަތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ ހުށަހެޅުނު ކަންކަމުގެ ތެރެއިން ބައެއް ކަންކަން ވަގުތުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އަނެއް ބައެއް ކަންކަމަށް ސުންގަޑި ވެސް ދެއްވާފަ އެވެ. އެ ގޮތުން އެ ބައްދަލުވުމުގައި ވިޔަފާރިވެރިންނަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފާހަގަ ކޮށްލާނަމެވެ.
ކޯޓާ ފީގެ މައްސަލަ އާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ، "އެންމެ ރަނގަޅު ޙައްލެއް ގެނެވޭނެ ގޮތެއް، ކަމާބެހޭ ފަރާތްތަކާ އެކީގައި އިށީނދެ، އެންމެ ރަނގަޅު ގޮތަކަށް، އެންމެ ލުއިކޮށްދެވޭނެ ގޮތެއް، ކޯޓާފީ މިހާރު މި ނަގާގޮތާއި، އެ ނަގާ ވަރާއި، ނޫނީވިއްޔާ އެ ނަގަމުންދާ ގޮތަށް އަޅުގަނޑުމެން މަޝްވަރާކޮށް، ބަލައި ހަދާފައި، ކަލްކިއުލޭޓް ކޮށްފައި... މިކަމަށް އަޅުގަނޑު ބަލާނަން، ވީ އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން. އެހެންވީމާ، އެކަމަށް މަސައްކަތްކޮށް، ނިންމާގޮތެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އިޢުލާނު ކުރާނަން."
ކުންފުނީގެ ބޭނުމަށް ގެންނަ ވެހިކަލް ގެ މައްސަލައިގައި މުއިއްޒު ވިދާޅުވީ "ކުދި ވިޔަފާރިތަކަށް މިކަމުގައި އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން، ތިޔަބޭފުޅުންނަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި، މިކަމަށްވެސް ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކޮށްދޭނަން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ނަމުގައި، މިސާލަކަށް، މަދުވެގެން އެއް ވެހިކަލަށް ޚާއްޞަގޮތެއްގައި، ހުއްދަ ދެވޭނެގޮތެއް ހެދުންކަހަލަ ރަނގަޅު ޙައްލެއް ގެނެސްދޭން. މިކަމުގައިވެސް ބަލާނަން."
ޑެމަރޭޖުގެ މައްސަލައިގައި، މުއިއްޒު ވިދާޅުވީ، "އެމް.އޭ.ސީ.އެލް.ގެ ފަރާތުން މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި، އަޅުގަނޑުމެން މިހާރު، އިރާދަކުރެއްވިއްޔާ އެ ބޭފުޅުން މި 80 ގަޑިއިރު، 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ. 80 ގަޑިއިރުން 124 ގަޑިއިރަށް. އަދި ކަސްޓަމާއި، އެމް.އޭ.ސީ.އެލް. ގުޅިގެން ކްލިއަރިންގ މަސައްކަތަށް މިހާރު މި އޮންނަނީ، ގާތްގަނޑަކަށް އެއް ޝިފްޓް، ނޫނީވިއްޔާ ދެ ޝިފްޓް މި އޮންނަނީ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިންގ މަސައްކަތް މި ކުރަނީ. އެހެންވީމާ، އެއީ 18 ގަޑިއިރާ ބައި، އެގޮތަށް އެހެން އޮތުމުގެ ބަދަލުގައި ހަމަ ރައުންޑް އޯ ކްލޮކް، ޓުވެންޓީ ފޯރ އަވަރޒްއަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން."
އެއަރޕޯޓާއި، ސީޕޯޓުން މުދާ ނެރުމުގެ މައްސަލައިގައި މުއިއްޒު ވިދާޅުވީ، "ސީޕޯޓާއި އެއަރޕޯޓުގައި ތިޔަބޭފުޅުންގެ މުދާ ނެރުމަށްޓަކައި، މިހާރު ދިމާވާ ހުރިހާ ދަތިތަކަށް ރަނގަޅު ޙައްލެއް ގެނައުމުގެ ކަންތަކުގައި. އޭގެތެރޭގައި، އެމް.ޕީ.އެލް.ގައި، މިހާރު ނޯރތް ހާބަރުގައި މި ދިމާވާ ކެޕޭސިޓީ އިޝޫވެސް ހިމެނޭ. ފާހަގަކުރެއްވި، އަމިއްލަ ވެހިކަލް ވައްދައިގެން އެއްޗެހި ނެރުމުގެ ފުރުޞަތު ދެވިދާނެ ނޫންހެއްޔޭ. ހަމަ ރަނގަޅު ޚިޔާލުފުޅެއް. އެހެންވީމާ، މިގޮތަށް ފާހަގަކުރެއްވި ކޮންމެ ކަމެއްވެސް، ބަލާނަން ހަމަ އެންމެ ރަނގަޅު ގޮތަކަށް، އެކަމަށް ޙައްލެއް ގެނެސްދިނުމަށް."
ފައިސާ ނުދައްކާ ހުރި ބިލްސްތަކުގެ މައްސަލައިގައި މުއިއްޒު ވިދާޅުވީ، "އެކަމަށް އިރާދަކުރެއްވިއްޔާ މި ބަލަނީ، މިމަސް ނިމޭއިރަށް ވީހާވެސް ގިނަ ބިލްތަކެއް ކްލިއަރ ކުރުމަށް. ފިނޭންސް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ އެކީގައި، އެކަމަށް އެ މަސައްކަތް ކުރަމުންދާއިރުގައި ވެސް، ދެންމެ ތިޔަ ފާހަގަކުރެއްވި ފަދައިން، މިސާލަކަށް، މީރާއިން މި އޮންނަނީ ބޮޑު އަދަދެއް ޓެކްސް ދައްކަން. އެހެންވީމާ، މިކަމުގައިވެސް މިސާލަކަށް، އެސް.އޯ.އީ. ތްރޫކޮށް ދާން އޮތް ބިލް، ނޫނީވިއްޔާ މިނިސްޓްރީ ތްރޫކޮށް މި ދައްކަން އޮތް ޕޭމަންޓް، މީގައި ތިޔަބޭފުޅުން ދައްކަވަން އޮތް އެއްޗަކާ އަޅައި ކެނޑޭނެ ގޮތަކީ ކޮބައިތޯ. މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރާ ކަމެއް. އެހެން ނަމަވެސް، އެއަށްވުރެ ފުޅާކޮށް. ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާވެސް ގިނަ ބަޔަކަށް އެ އުސޫލެއްގެ ތެރެއިން، އެކަން އެޕްލައި ވާނެ ގޮތަކަށް. ތިޔަބޭފުޅުން ދައްކަން އޮތް އެއްޗެއް، ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅައި ކެނޑޭނެ ގޮތަކަށް. ދެން އޭގައި ޤާނޫނީ ގޮތުން އެއްވެސް ކަމެއް ބަލަން އޮތްތޯ ބެލުމާއެކީގައި، މީރާ އާއި، ފިނޭންސާ އެކީގައި އިށީނދެގެން، އަޅުގަނޑުމެން ބަލައިދޭނަން. އެއަށްވެސް އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނަން. ހަމަ ޔަޤީނުންވެސް، ރަނގަޅު ޙައްލެއް އަންނާނެ...ޔަޤީނުންވެސް، މިއަށް ޙައްލެއް އަންނާނެ. އަދި ދެންހުރި ފައިސާ ވެސް މި ދެންނެވިހެން، ފުދޭވަރެއްގެ ގިނަ ފަރާތްތަކަކަށް މިމަސް ނިމޭއިރަށް، ބާކީ މި އޮތް ފަނަރަވަރަކަށް ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ، ޕޭކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި، ޖަނަވަރީ މަސް ތެރޭގައި ބާކީ އެމައުންޓް ވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ކްލިއަރ ކޮށްލެވޭތޯ މި ބަލަނީ."
ރުފިޔާ އިން ދެއްކި ޑެމަރޭޖް ޑޮލަރުން ދައްކަން ޖެހޭ މައްސަލައިގައި މުއިއްޒު ވިދާޅުވީ، "އެކަންވެސް އަޅުގަނޑުމެން ބަލާނަން....ކޮބައިތޯ ގެނެވޭނެ ޙައްލަކީ. މަސައްކަތް ކޮށްދޭނަން، ބަލައިގެން އެންމެ ރަނގަޅު ގޮތެއް ހަދައިދޭން."
ގެސްޓްހައުސް ހިންގާ ފަރާތްތައް ރެކޮގްނައިޒް ނުކުރާ މައްސަލައިގައި މުއިއްޒު ވިދާޅުވީ، "ގެސްޓްހައުސް ޓޫރިޒަމްގައި، ނޫނީވިއްޔާ ލޯކަލްސް އަށް، ދިވެހިންނަށް ރެންޓަލް ރޫމްސް ގޮތުގައި، މި ގެސްޓްހައުސް ހިންގާ ފަރާތްތަކުން، މިތަނުން އެއް ބޭފުޅަކު އެކަން ފާހަގަކުރެއްވި، 15 އަހަރު ވެއްޖެއޭ، އެއްގޮތަކަށްވެސް ތިމަންނަމެންގެ ބިޒްނަސް ރިކޮގްނައިޒެއް ނުކުރެއޭ. އޭގެ ސަބަބުން ބޭރުމީހުން ގެނައުމާއި، މިހެންގޮސް، އެއްވެސް ކަމެއްގައި، ޓޫރިސްޓް ގެސްޓްހައުސްތަކުގައި އޮންނަ އުސޫލޭ ތިމަންނަމެންނަށް އެޕްލައި ވަނީ. މިކަމުގައި ޙައްލެއް ގެނެސްދޭން. އެހެންވީމާ، އެކަމުގައި އުޅުއްވާ ކަމާބެހޭ މިނިސްޓްރީތަކުން، އިކޮނޮމީ މިނިސްޓްރީއާ އެކީގައި މަޝްވަރާކޮށް، ނޫނީވިއްޔާ އެކަމަށް ޙައްލެއް ގެންނާނަން. ލޯކަލް ފަރާތްތަކަށް، ދިވެހިންނަށް ގެސްޓްހައުސް ބިޒްނަސް ހިންގާ ފަރާތްތައް ރިކޮގްނައިޒްކޮށް، އެ ފަރާތްތަކަށް މިހާރު ދިމާވާ މައްސަލަ ޙައްލުކޮށްދޭނަން. އިރާދަކުރެއްވިއްޔާ އެކަން، ދާދި އަވަހަށް ހަމަޖެހިގެންދާނެ. މިއޮތްހާ ދުވަހު ތިޔަކަން ނުވެއޮތް މައްސަލައަށް މާގިނަ ދުވަހެއް ނުވާނެ. ދެން ޙައްލުވެ، ތިޔަބޭފުޅުންނަށް ފުލް ރިކޮގްނިޝަން ލިބިގެން، ވިޔަފާރީގައި ކުރިއަށް ގެންދެވޭނެ. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ."
ވެއަރހައުސްތަކާއި، އަދި އެކިއެކި ބޭނުންތަކަށް، ކުއްޔަށް ތަންތަން ނުލިބޭ މައްސަލައިގައި މުއިއްޒު ވިދާޅުވީ، "މިސާލަކަށް، އެޗް.ޑީ.ސީ.އިން ބައެއް ގުދަންތައް ކުއްޔަށްދޭން އެބަ ރެޑީވޭ. އަދި ސަރުކާރުން މިކަން ފުޅާ ދާއިރާއެއްގައި ފުރުޞަތު ދިނުމަށްޓަކައި، ކުރެވޭނެ ކަންކަންވެސް ބަލައިދޭނަން. އަދި ތިޔަބޭފުޅުންނަށް ކުޑަ އަގެއްގައި، ބިން ކުއްޔަށް ނެގޭނެގޮތް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ކޮންކަހަލަ ހަމަތަކަކުންތޯ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި، މި ފުރުޞަތުވެސް ލުއިގޮތެއްގައި، ޙަޤީޤީ މާނައިގައި ތިޔަބޭފުޅުންނަށް ލުއިގޮތެއްގައި ކުއްޔަށް، ރެންޓަލް ގޮތުގައި، ކުއްޔަށް ކުޑަ އަގެއްގައި ބިންތައް ލިބޭނެގޮތެއް. އެއީ، އެކި ބޭނުންތަކުގައި ބިން ހޯދޭނެ ގޮތެއްވެސް މަސައްކަތް ކޮށްދޭނަން ހަމަޖައްސައިދޭން."
ކްރިއޭޓިވް އިންޑަސްޓްރީގެ އެކިކަހަލަ ތަކެތި އުފައްދައިގެން، އޮންލައިންކޮށް ވިއްކުމަށް ދިމާވާ ދަތިތަކުގެ މައްސަލައިގައި މުއިއްޒު ވިދާޅުވީ، "ދުނިޔޭގައި ހުރި އެކިކަހަލަ ސެޓަޕްތަކުން ރާއްޖެ އަށް ފުރުޞަތު ހޯދައިދިނުން. މިކަމަށް ވަރަށް މަސައްކަތް ކުރަމުން މިދަނީ. އެނގިވަޑައިގަންނަވާނެ، ޕޭޕަލްއާ އެކީގައި މިހާރު ވަރަށް ބޮޑު ކުރިއެރުމެއް މިއޮތީ ހޯދިފައި. އަޅުގަނޑުމެން ވަރަށް ބޮޑަށް ލުކް ފޯވަޑް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހަކީ އެކީގައި އެ ސެޓަޕް ނިމި، ޕޭޕަލްގެ ޚިދުމަތް މި ވިޔަފާރީގައި، ނޫނީވިއްޔާ އޮންލައިންކޮށް ޕޭމަންޓް ހެދުމާއި، މިކަންކަމުގައި ފުރުޞަތު ލިބިގެންދާނެ މަސް."
ހަމައެއާއެކީގައި، ބޭންކް އޮފް މޯލްޑިވްސްއިން އަމިއްލައަށް ތައްޔާރުކުރި، ހަންޑްރެޑް ޕަސެންޓް މޯލްޑިވިއަން ޕްރޮޑަކްޓް، ޕޭޕަލްގެ މޯލްޑިވިއަން ވަރޝަން، އެހެންގޮތަކަށް ދަންނަވަންޏާ، ސްވައިޕް. އެ ބޭފުޅުންވެސް މިހާރު އެވަނީ އެކަމަށް ތައްޔާރުވެފައި. ބޭންކް އޮފް މޯލްޑިވްސްއިން މި މަހުގެ ތެރޭގައި، ސްވައިޕްގެ ބީޓާއަށް ހުޅުވާލާނެ. ހުޅުވާލާފައި، މި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި، ބޭރުގެ ނެޓްވަރކްތަކާ އިންޓެގްރޭޓް ކުރެވި، ބޭރުން ފައިސާ އިތުރު ޗާޖަކާ ނުލައި، ވަގުތުން ގެނެވޭނެ ގޮތް، މި ސްވައިޕް ފެސިލިޓީގެ ތެރެއިން، އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. މިއީވެސް ވަރަށް ގިނަ ފަރާތްތަކަށް ފުރުޞަތު ފަހިވެގެންދާނެ ކަމެއް."
ތިލަފުށީގައި ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް އެއް ބެހެއްޓުމާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ،" ބީ.އެމް.އެލް.ގެ ބޭފުޅުން އަޅުގަނޑު ގާތު ވިދާޅުވި، މި އަންނަ ޖަނަވަރީ މަސް ނިމެންވާއިރަށް، ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް، އިރާދަކުރެއްވިއްޔާ ތިލަފުށީގައި ހުޅުވިގެންދާނެ ކަމަށް."
ސަރުކާރުގެ ހޮސްޕިޓަލުން ލިބޭ ލިޔުމަށް އެކަނި އައިނަށް އާސަންދަ ލިބޭ މައްސަލައިގައި މުއިއްޒު ވިދާޅުވީ، "ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލުން އެކަނި މިހާރު ފުރުޞަތު މި އޮންނަނީ. އެ ތަނުން ލިޔުން ގެނައީމަ ނޫނީވިއްޔާ، އާސަންދަ ނުލިބޭގޮތަށް. އެހެންވީމާ، މިއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ ވެސް ބަލައިދޭނަން. ކޮބައިތޯ ބަލައި، އެކަންވެސް އިރާދަކުރެއްވިއްޔާ ކޮށްދެވޭތޯ މަސައްކަތް ކޮށްދޭނަން."
އިންޝުއަރެންސް ޕެކޭޖް ހޯދުމުގެ މައްސަލައިގައި ސަރުކާރުގެ އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސުން މިހާރު މި އޮންނަ އުސޫލު ލުއިކޮށްދީ، ކުދި ވިޔަފާރިތަކުގައި އުޅޭ، މަދު ސްޓާފުން އުޅޭ ކުންފުނިތަކަށް އެ ފުރުޞަތު ދެވޭނެ ގޮތަކީ ކޮބައިތޯވެސް ބަލައިދީ، އެއަށްވެސް ރަނގަޅު ޙައްލެއް ގެނެސްދެވޭތޯ މަސައްކަތް ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކުދި ވިޔަފާރިތަކުގައި މި އޮންނަ ޖީ.އެސް.ޓީ. ތްރެޝްހޯލްޑް އަށް ބަދަލު ގެނައުމާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ، "މިކަންވެސް ޕޮޒިޓިވް ނޯޓެއްގައި ބަލައިދޭނަން."
ކޮވިޑުގެ ތެރޭގައި އަރާފައި ހުރި ދަރަނިތައް، ސަރުކާރަށް ދައްކަން ހުރި ފައިސާއަށް، ރަނގަޅު ޙައްލެއް ގެނެސްދެވިދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، "އެކަންކަމަށް އަޅުގަނޑުމެން ރަނގަޅަށް ބަލާފައި، ޙައްލުތަކެއް ގެނެސްދޭނެ،" ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ވިޔަފާރިވެރިން ފާހަގަ ކުރެއްވި އެއްވެސް ކަމެއް "އަންއެޓެންޑެޑްކޮށެއް ނުބާއްވާނަމޭ،" އެއިން ކޮންމެ ކަމަކަށްވެސް، ކޮންމެވެސް ކަހަލަ ރަނގަޅު ޙައްލެއް ގެނެސްދޭނެ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ތެރެއިން، އެންމެ މާނަހުރި ގޮތެއްގައި ނަތީޖާ ލިބިދެވޭނެ ކަހަލަ ގޮތަކަށް، ތިޔަބޭފުޅުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން،" އަރުވާ ކަމުގައެވެ.