ކ. މާލެ
|
24 ނޮވެންބަރ 2025 | ހޯމަ 15:10
އެކަނި މަންމައެއްގެ ބޮޑެތި ތުހުމަތުތަކެއް ޖެންޑާ މިނިސްޓްރީ އަށް
އެކަނި މަންމައެއްގެ ބޮޑެތި ތުހުމަތުތަކެއް ޖެންޑާ މިނިސްޓްރީ އަށް
ރާއްޖެއެމްވީ
އެކަނިވެރި މައިން
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
މިއީ ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލާއެކު ދިރިއުޅުން އިތުރަށް އުދަނގޫވެ، ނިކަމެތިވެގެން ދިޔަ އެންމެ މަންމައެއްގެ ވާހަކަ އެވެ. އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންނާ ބައްދަލުކޮށް ވައުދުތައް ވެވަޑައިގަތުމުން އެކަނި ނުފުދެ އެވެ. އެކަނިވެރި މައިންނަށްދޭ އެލަވަންސް 3000 ބޮޑު ކޮށް ބަޖެޓުގައި ހިމެނުމަކުން ދިރިއުޅުމުގެ ހާލަތަކަށް ރަނގަޅު ބަދަލެއް ނާދެ އެވެ.

ދަތި ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނަށް ދޭ އެހީތެރިކަން އިތުރު ކޮށް ދިރިއުޅުން ފަސޭހަ ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވެެގެން ދިޔައިރު އެކަނިވެރި މައިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ ފަރާތުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް ނުފެނެ އެވެ. މިއަދު ވެސް އެންމެ އަސާސީ ޚިދުމަތް ނުލިބި ވަރަށް ދަތި ހާލަތުގައި މި މުޖުތަމައުގައި ދިރިއުޅޭ އެކަނިވެރިން މައިން ދިރިއުޅޭކަން މި ވަނީ ހާމަ ވެގެން ގޮސްފަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި 37 އަހަރުގެ އެކަނިވެރި މައެއް ވަނީ އޭނާ ދިރިއުޅުމުގެ ދަތި އުދަނގޫތަކުގެ ވާހަކަތައް އަސަރާއެކު، ހިއްސާ ކޮށްފަ އެވެ.

އައިޝާ ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ ގިނަ ސުވާލުތަކަށް ރައީސްގެ އިތުރުން ވަޒީރުންނާ އަމާޒު ކޮށްފައިވެ އެވެ. އަންހެން މިހާ ޝަކުވަތާކާ ހާލަތު ކިޔައި ދެމުން ދިޔައިރު މުޅި އޯޑިއަންސް ވެސް ހިމޭންވެފައި އޮތްއިރު، ކެބިނެޓް ބޭފުޅުން ވެސް ތިއްބެވީ އިސް ޖައްސަވައިގެންނެވެ.

އައިޝާ ކިޔަދިން ގޮތުގައި، 2021 ވަނަ އަހަރު އޭނާ އަށް ލިބުނު އެންމެ ހަގު ދަރިފުޅުގެ ލޮލަށް ނުފެނެ އެވެ. އެ ކުއްޖާގެ ލޮލުގެ ފަރުވާ އަށް 2023 ވަނަ އަހަރު ގިނަ ބައެއްގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރަށް ދިޔަ އެވެ. ދެން ތިބި 4 ކުދިން އާއިލާގެ ދައްތަ އަކާ ހަވާލު ކުރުމަށްފަހު އެވެ.

ފަރުވާ އަށްފަހު ރާއްޖެ އައިސް މާގިނަ ދުވަހެއް ނުވެ، ލިބުނު ރިޕޯޓަކާ ގުޅިގެން 4 ކުދިން ޖެންޑާ މިނިސްޓްރީން ނެގި އެވެ. އެއްވެސް ގޮތަކަށް ހެއްކެތް ދެއްކުމެއް ނެތި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ބައްޕަގެ ބެލުމުގެ ދަށަށް ދަރިން ގެންދިޔަ އެވެ. ކުދީންގެ ބައްޕަގެ ފަރާތުން އެކުދީންނަށް އަނިޔާވެފައިވާ ކަމުގެ ތުހުމަތު ކޮށް އައިޝާ ބުނެފައިވަނީ ޖެންޑާ މިނިސްޓްރީން ވާނުވާ ގައި ދޮޅުމަސް ދުވަހު ދަރިންކޮޅު ހާލުގައި ޖެއްސި ކަމަށެވެ. އޭގެފަހުން އައިޝާ އަކީރަނގަޅު މަންމަ އެއް ކަމަށް ބުނެ މިނިސްޓްރީން އަނެއްކާ ވެސް ދަރިންތައް ހަވާލު ކުރި ކަމަށާއި، ނަމަވެސް ޖެންޑާ މިނިސްޓްރީން އެދިން އަނިޔާއާގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ތޯ އޭނާ ސުވާލު ކުރި އެވެ.

މީގެ އިތުރުން އައިޝާ ވަނީ ދަރިންނަށް އަނިޔާކުރި މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފަ އެވެ. އަނިޔާ ލިބުނު ކުދިންގެ ދުލުން އެ ވާހަކަތައް ކިޔާ ދިން ނަަމަވެސް ހެއްކެތް ނެތް ކަމަށް ފުލުހުން ބުނެ މައްސަލަ ނުބަލާ ކަމަށް އޭނާ ބުންޏެވެ.

އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ. އަޅުގަނޑުގެ ހުރިހާ ކުދިން ޖަހައިގަނެގެން ގެންދިޔައީ. އަޅުގަނޑު މާޑާ ކޭހެއްގައި އުޅޭ މީހެއް ނޫން. މުޅި ހިސާބުގަނޑު ލޮކޭޓް ކޮށްގެން މީހަކު ބުނާ ބުނުމަކަށް ގެނެސްފައި އެކަނިމާ އެކަނި ބަލާ ބޮޑު ކުރާ ދަރިން މައިންގެ އަތުން ހުރިހާ ދަރިންތަކެއް ފޭރިގަނެގެން ގެންގޮސް ހަލާކު ކޮށްލީ. ކުދިންގެ ބައްޕަ ވީ އިހުމާލު މިކޮޅުގެ ޕޮލިސް ސްޓޭޝަންގައި ވެސް މައްސަލަ ވެސް ޖެއްސިން. ކުދިންނަށް ހުރީ ހޫނު ސަމްސަލުން ކާ އެއްޗެހި ގަންނަވާފައި. ކުދިންނަށް ހުރި ބަލަން ނުކުރޭ ކަހަލަ ގިނަ ކަންތައްތައް ކޮށްފައި. މިހުރިހާ އެއްޗެއްގައި ހެއްކެތް ނެތް ކަމަށް ފުލުހުން ބުނަނީ. ކުދިން އެ ކިޔާ ދެނީ ހުރިހާ އެއްޗެއް. އިންސާފު ކޮބާތޯ؟

އައިޝާ

އައިޝާގެ މި ތަހުމަތުތަކާ ގުޅިގެން ރާއްޖެއެމްވީ އަށް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ހަލީލް ވިދާޅުވީ ފާހަގަކޮށްފައިވާ ހާދިސާ ހިނގާފައި ވަނީ 2022 ވަނަ އަހަރުގަ އެވެ. އަދި މި ހާދިސާގައި މިނިސްޓްރީ އިން އަމަލުކޮށްފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅިގެން ހުށައެޅޭ މައްސަލަތަކުގައި، ކުދިންގެ ރައްކާތެރިކަން ކަށަވަރު ނުވާ ހާލަތުގައި މި ވުޒާރާއިން އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ ހާދިސާއެއް ކަމަށް ލަހުފާ ވިދާޅުވި ނަމަވެސް އައިޝާގެ ކުދިން މިނިސްޓްރީން ގެންގޮސްފައިވަނީ 2023 ވަނަ އަހަރު ބޭސް ފަރުވާ އަށް އޭނާ އިންޑިއާ އަށް ގޮސްފައި އައުމުންކަން އޭނާ ދައްކާފައިވާ ވާހަކައިން އެނގެ އެވެ.

މީގެ އިތުރުން އައިޝާގެ ފިރިމީހާ މިހާރު ހުރީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ގަ އެވެ. ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، ޒަކާތު ފަންޑުގެ އެހީތެރިކަމަށް އެދުނު ނަމަވެސް އޭނާގެ އެކައުންޓަށް ފައިސާ ޖަމާވާތީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ދެކޮޅު ހަދާފަ އެވެ. މިހާރު ވެސް އެންމެ ހަގު ދަރިފުޅުގެ ލޮލަށް ލޭ އަރާ، ރާއްޖެ އިން ބޭރަށް ފަރުވާ އަށް ދިއުމަށް އެންގި ނަމަވެސް ދެވޭނެ ގޮތެއް ނެތި އޭނާ ހުރީ ހާލުގައި ޖެހިފަ އެވެ.

މިއީ ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލާއެކު ދިރިއުޅުން އިތުރަށް އުދަނގޫވެ، ނިކަމެތިވެގެން ދިޔަ އެންމެ މަންމައެއްގެ ވާހަކަ އެވެ. އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންނާ ބައްދަލުކޮށް ވައުދުތައް ވެވަޑައިގަތުމުން އެކަނި ނުފުދެ އެވެ. އެކަނިވެރި މައިންނަށްދޭ އެލަވަންސް 3000 ބޮޑު ކޮށް ބަޖެޓުގައި ހިމެނުމަކުން ދިރިއުޅުމުގެ ހާލަތަކަށް ރަނގަޅު ބަދަލެއް ނާދެ އެވެ.

- ކޮމެންޓް