ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 23:42
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މޫސުން
މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!
އޮކްޓޫބަރު 13ން 17 ވަނަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެތީ އިދާރާތަކުން ދަނީ އެކަމަށް ސަމާލުވުމަށް އާއްމުންނަށް އަންގަމުންނެވެ. އެކަމަކު ވައިޓް އެލަރޓް ބޮލާލާ ޖެއްސެވުމަށް ފަހު ގައުމުގެ ވެރި މީހާ ދަތުރުކުރެއްވުމުގައި އަވަދިނެތި އުޅުއްވުމުން އާއްމު މީހާ އެ އިދާރާތަކުގެ އެންގުމަށް ބޯލަނބާނެތޯއެވެ؟

އަބަދުވެސް އަޑު އަހަނީ ހުރިހާ ކަމެއްގައި ވެސް އާއްމުންނަށް މިސާލަކަށް ވާ މީހަކަށް ގައުމުގެ ވެރި މީހާ ވާން ވާނެ ކަމުގެ ވާހަކައެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރާ މީހަކަށް ގައުމުގެ ލީޑަރު ވާން ވާނެ ކަމުގެ ވާހަކަ އެވެ. ރައްޔިތުން ބޯލަނބަން ޖެހޭ އުސޫލުތަކާއި ޤަވާއިދުތަކަށް އެންމެ ފުރިހަމަ އަށް ކިޔަމަން ވަނެ މީހަކީ މި ދެންނެވި ވެރި މީހާ ކަމަށް ވުމަކީ ދިވެހިންގެ ވެރިންގެ ކިބައިން އާއްމު ރައްޔިތު މީހާ އުންމީދު ކުރާ އެންމެ އަސާސީ އެއް ކަންތަކެވެ. ދިވެހިން އެދެނީ ދިވެހިންގެ އުޅުމާއި އާދަތައް ގެންގުޅުމުގައި ނަމޫނާ އަކަށް ބެލޭނެ މީހަކަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ވުމަށެވެ.

ކަން މިހެން އޮތް އިރު ތަފާތު އުސޫލުތަކާއި ޤަވާއިދުތައް ހަދަނީ ކޮންމެ ދާއިރާ އަކަށް ބެލިއަސް އާއްމުންގެ ރައްކާތެރިކަމާއި ސަލާމަތްތެރި ކަމަށް ޓަކައެވެ. އެ ގޮތުން މޫސުމީ ގޮތުން އަންނަ ބަދަލުތަކާއި ގުޅިގެން އިދާރާތަކުން ނެރޭ ސަމާލުތަކަކީ ވެސް އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދުރާލާ އަޅާ މުހިންމު ފިޔަވަޅެކެވެ.

އަބަދުވެސް އިދާރާތަކުން އެދެނީ މޫސުމާއި ގުޅޭ ގޮތުން ނެރޭ ސަމާލުތަކަށް ބޯލެނބުމުގައި ފަރުވާކުޑަ ނުކުރުމަށެވެ. ކަނޑު ގަދަވެ ވިއްސާރަ ވެއްޖެ ނަމަ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށެވެ. ހަނދާން ކޮށްދޭ ކަމަކީ ރައްކާވެ ތިބިއްޔާ ދަތުރުކަމެވެ. ދަތުރަށް ފުރަނީ ދަތުރުގެ ބައިވެރިންގެ ސަލާމަތް އަތްމައްޗަށް ލައިގެން ކަމަށް ވާނަމަ އެ ކުރެވެނީ ނިކަން ޢައިރު ޒިންމާދާރު ކަމެކެވެ.

ކަން މިހެން އޮތް އިރު މުޅި މި ހަފްތާ ހޭދަ ކުރަން މިޖެހެނީ ވިއްސާރައިގެ ކޮޅިގަނޑެއްގެ ތެރޭގައެވެ. މި ދުވަސް ވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރު ކުރަމުންދާ އިރު އެ ވިއްސާރަ އަށް ސަމާލުވުމަށް އެންމެ ފަހުގެ އަދާހަމަތައް ނެރުމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާ އާއި ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކުން ދަނީ 24 ގަޑި އިރު މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން ނެރެފައިވާ ހުދު ސަމާލަށް ބަލާ ނަމަ، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެން ވާތީ ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު ސަމާލު ވަނީ ނެރެފައެވެ. ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މި އެލަރޓް ނެރެފައި ވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ބުނެފައެވެ. 14 އޮކްޓޯބަރުގެ 18:00 - 15 އޮކްޓޯބަރު 00:00 ހަމަ އަށް މި އެލަރޓް ދިގު ދެމިގެންދެއެވެ.

މި އެލަރޓް ނެރެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ށ.އަތޮޅު ވެސް ހިމެނެއެވެ. އެކަމަކު ގައުމުގެ ވެރި މީހާ އަށް މިއިން ކަމަކާއި މާބޮޑު ވިސްނުމެއް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ވެރިމީހާ ވީމާ އޭނާގެ ދަށުން ހިނގާ އޮފީހެއްގެ އިރުޝާދަކަށް އޭނާ ތަބާވާން ނުޖެހޭނެ ކަމަށް އޭނާ އަށް ގަބޫލު ކުރެވެނީ ކަމަށް ވެސް ވެދާނެއެވެ. އެހެން މި ބުނަން ޖެހެނީ ވައިޓް އެލަރޓް ނެރެފައި އޮއްވާ އަރިސް ބޭފުޅުންނާ އެކު އެއް ރަށުން އަނެއް ރަށަށް، ފިކުރެއް ޚިޔާލެއް ނެތި ރައީސް ޑރ.މުހައްމަދު މުއިއްޒު ދަތުރުކުރައްވަމުން ދާތީއެވެ.

ބައެއް މީހުން ބުނާ ގޮތުން މި ދަތުރުތަކުގައި 100 އާއި ގާތްކުރާ އަދަދަކަށް އަރިސް ބޭފުޅުން އެބަ ދަތުރުކުރައްވައެވެ. އެހެންވީމަ މި ވަފުދު ގޮވައިގެން ވައިޓް އެލަރޓްގެ މެދު ތެރެއިން އެއް ރަށުން އަނެއް ރަށަށް ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވުމުން މޫސުމީ ބަދަލުތަކަށް ރައީސް ދެއްވާ އެއްވެސް ސަމާލު ކަމެއް ނެތް ކަމަށް ޤަބޫލުކުރުމުގެ ފުރުސަތު އެބަ އޮތެވެ. ވައިޓް އެލަރޓް ބޮލާލާ ޖެއްސެވުމަށް ފަހު ދަތުރުކުރެއްވުމަކީ ރައްކާތެރިކަމެއް ކަމަށް ވެރި މީހާ ދައްކާ ނަމަ ދެން ރައްޔިތު މީހާ އަމަލު ކުރާނީ ކިހިނަކުންތޯއެވެ؟

ހިނދުކޮޅަކަށް ވެސް ދަތުރުތައް މަޑުޖައްސާ ނުލެވޭ ވަރަށް ހާސް ވެގެން އުޅުއްވަން ޖެހޭ ސަބަބެއް ވެސް އޮންނާނެތާއެވެ. އެހެން މި ބުނަން ޖެހުނީ ވައިޓް އެލަރޓް އާއި އެކު ވެސް ދަތުރުތައް މަޑު ޖައްސާލުމުގެ ވިސްނުން ރައީސަށް ވެސް ސަރުކާރުގެ އިސް އެހެން ބޭފުޅަކަށް ވެސް ނައުމުންނެވެ.

ދިވެހިރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކަނޑުގަދަ ކަން މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން އެދަނީ ކޮންމެ ދުވަހަކު ހަނދާންކޮށްދެމުންނެވެ.ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރުމުގެ އިތުރުން ދިޔަވަރު ބޮޑުވާނެ ވާހަކަ ވެސް އެ ދަނީ މީޑިއާ އާއި މީސްމީޑިއާގައި ތަކުރާރުކޮށް ހިއްސާކުރަމުންނެވެ. ހަމައެހެންމެ ބައެއް ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވަނީ ބުނެފައެވެ.

ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އޮކްޓޫބަރު 13ން 17 ވަނަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެތީ އިދާރާތަކުން ދަނީ އެކަމަށް ސަމާލުވުމަށް އާއްމުންނަށް އަންގަމުންނެވެ. ހާލަތަށް ތައްޔާރުވެ މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް އިޖާބަ ދިނުމަށް އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެ އިންތިޒާމްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހަމަޖައްސާފަ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފައެވެ.

މުއައްސާތައް މިވަރަށް ތައްޔާރުވެފައި ވާއިރު އަނެއްކޮޅުން ރައީސަކު ވައިޓް އެލަރޓަކީ އާދައިގެ ކަމެއް ކަމަށް ހެދުމަށް ފަހު ދަތުރުކުރުމުން އާއްމުންނަށް ދެވެނީ ކޮން މެސެޖެއްތޯ ވިސްނާލުން މުހިންމެވެ. ރައްކާތެރިކަމަށް ވުރެ ޒިޔާރަތެއް މުހިންމު ވާން ޖެހެނީ ކީއްވެތޯ ސުވާލު އުފެދެއެވެ.

އާދައިގެ ކަމަކަށް ހަދާފަ ވައިޓް އެލަރޓްގައި ދަތުރު، ސަމާ ކުރިއަށް ގެންދެވުމުން ތިޔަ ދެއްކެވެނީ ވަރަށް ހުތުރު ނަމޫނާއެކެވެ. އެއްކޮޅުން ކަނޑުދަތުރުފަތުރު ކުރާ އިރު ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިދާރާތަކުން އިލްތިމާސްތައް ފުލުފުލުގައި ނެރެނީއެވެ. އަނެއްކޮޅުން ވެރި މީހާ އެ އެންގުންތަކަށް ގޮންޖަހާފައި ދަތުރު ތާވަލު މެކުހަށް ޖައްސަވަނީއެވެ. މިކަހަލަ ކަންކަން ވުމުން އިދާރާތަކުގެ އެންގުން ވަނީ ސަމާސާ ކަންކަމަށެވެ. އާއްމު ރައްޔިތުންގެ އިޚްތިރާމާއި ބޯލެނބުން އިދާރާތަކަށް ގެއްލުން ނޫން ކަމެއް މިފަދަ ކަންކަމުގެ ސަބަބުން ވެދާނެ ކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

މިހެން ކަންކަން ކުރުމުން އިދާރާތަކުން އަންގާ އެންގުންތަކަށް އާއްމު މީހާ ބޯ ލަނބާނީ ކިހިނެތްތޯއެވެ؟ ވެރި މީހާ ނުކުރާ އިޚްތިރާމެއް އިދާރާތަކަށް އާއްމު މީހާ ކުރާނެތޯއެވެ. މުއައްސާތަކާއި އިދާރާތަކުގެ އިލްތިމާސްތައް ފުރަތަމަ ބޮލާލާ ޖަހާ މީހަކަށް ގައުމުގެ އެންމެ އިސް ވެރިޔާ ވީމަ ދެން އާއްމު މީހާ ހިނގާނީ ކޮން މަގަކުންތޯއެވެ؟

- ކޮމެންޓް