ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަ ހަތަރު ބާރުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހާއި ކޯޓުތަކުގެ ބާރުތައް ވެސް މުށުތެރެއަށް ލީއެވެ. ދެން އޮތީ ހަތަރުވަނަ ބާރު ކަމުގައިވާ ނޫސްވެރިކަމެވެ. ރައީސް މުއިއްޒު އެ ގެންދަވަނީ އެ ބާރުވެސް ފޭރިގަނެ މުށުތެރެއަށް ލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
ޑިމޮކްރެޓިކް ނިޒާމެއްގެ ބާރުތައް ފުރިހަމަ ވަނީ މިނިވަންކަމާ އެކު ތިން ބާރު ވެސް ހިނގާނަމަ އެވެ. އެ ނިޒާމު ފަރުމާކޮށްފައި އެ ވަނީ ވެސް އެގޮތަށެވެ.
ޑިމޮކްރެޓިކް ނިޒާމުގެ ބޭނުމަކީ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމާއި އޭގެ ތެރެއިން ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންގެ އަތްމަތީ ބާރު ބާއްވައިގެން ދައުލަތް، ނުވަތަ ސަރުކާރު ހިންގުމެވެ.
އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތް ގޮތަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ބާރަކާއި ކޯޓުތަކުގެ ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމެވެ. ވަރަށް ފަސޭހައިން އެކަން ކުރައްވައިފި އެވެ. އެ ބާރުތައް ނެންގެވުމަށް ފަހު ދެން އޮތީ ހަތަރުވަނަ ބާރުކަމުގައިވާ ނޫސްވެރިންކެމެވެ.
ސިއްރިއްޔާތުގައި ފިލައި ތިބެ، ކުރީސަފުގައި މިނިވަން މެމްބަރަކު ބަހައްޓައިގެން މަޖީހަށް ބިލެއް ލައްވައިގެން މިހާރު އެގެންދަވަނީ ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން މަރާލުމަށް މަސައްކަތް ކުރަމުންނެވެ.
މިނިވަން ނޫސްވެރިކަން މަރާލާނެ ބިލެއް މަޖިލީހަށް ވެއްދުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެއީ، މި ސަރުކާރުގެ ބާރުވެރިކަމަށް މިހާރު މަދުވާ ހަމައެކަނި ބާރުވެރިކަމެވެ.
މީޑިއާތަށް ރެގިއުލޭޓް ކުރަން ޖެހޭކަމަށް ބުނެ އެ ބިލް މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް ހަންނާން އަބޫބަކުރު އެވެ. އޭނާ އަކީ ޕީއެންސީގެ ރަޖިސްޓްރީގައި ނެތް ނަމަވެސް ސަރުކާރާ ގާތް ގުޅުމެއް އޮންނަ ސަރުކާރުން ޖަހާހައި ބެރަކަށް ނައްޓަވަމުން އަންނަ މެންބަރެކެވެ. ސަރުކާރުން ކުރާ ހުރިހާ ކަމަކަށްހެން އާ ބަސް ވިދާޅުވާ, ފުރިހަމަ އެއްބާރުލުން ދެއްވާ މެންބަރެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު އަރިހުން އާއްމުކޮށް ފެންނަ މޫނެކެވެ. ގިނަ ކަންކަމުގައި ސަރުކާރު ފަޅި ނެންގެވިކަން ސާފުކޮށް ފެންނަން އެބައޮތެވެ.
މިނިވަން ނޫސްވެރިކަން މަރާލުމަށް ހައްނާން ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުމާއި ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބެވުމާއި ބާކީ ހަތަރު މެންބަރުން މީޑިއާތަކުން އިންތިޚާބުކުރުމުގެ އިތުރުން ކޮމިޝަންގެ ރައީސް ގެ މަގާމަށް ބޭފުޅަކު އައްޔަން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައިވެ އެވެ.
މީގެ އިތުރުން ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރުމާއި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭ ގޮތަށް ބިލުގައި ވެއެވެ. އެހެނީ މައްސަލަ ބަލައި ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމުގައި ނުބެފައި ވެއެވެ.
މީގެ އިތުރުން އެ ބިލުގައި ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބޭނެ ކަމަށް މި ބިލުގައި ބުނެފައި ވެއެވެ.
މި ބިލު ހުށަހެޅުމާ އެކު ނޫސްވެރިންގެ އޮތީ ނުރުހުމާއި ކަންބޮޑުވުމެވެ. އެ މީހުންގެ އަނގަމަތީ އަތް އަޅައި ޓޭޕް ވެސް އަޅަނީ އެވެ. ނޫސްވެރިންގެ ޖަމިއްޔާ އިން ބުނީ މެމްބަރު ހަންނާނު ހުށަހެޅި އެ މީޑިއާ ބިލަކީ މިނިވަން ނޫސްވެރިކަން އެކީ މަރާލަން ހުށަހެޅި ބިލެއް ކަމަށެވެ.
އެ ޖަމްއިއްޔާއިން ބުނީ މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ނަމުގައި މީޑިއާތަކުގެ ކޮންޓްރޯލް އަތުލަން އުޅުމެވެ. އެ ބާރު ރައީސްގެ މުށުތެރެއަށް ޖަމާކުރުމެވެ. ސަރުކާރުން ބޭނުންވަނީ ނޫސްވެރިކަން ބިރުވެރިކަމެއް ތެރޭގައި ބާއްވައިގެން ކޮންޓްރޯލްކުރާށެވެ.
ނޫސްވެރިކަން މޮނިޓާކުރާ މީޑިއާ ކައުންސިލުން ވެސް ބުނީ މިއީ ވަރަށް ނުރައްކާތެރި ބިލެއް ކަމަށެވެ. އެ ކައުންސިލުން ބުނީ މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ މާއްދާތަކެއް ކަމަށެވެ.
އަދި މި ބިލުން މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު މި އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވާކަމަށް މީޑިއާ ކައުންސިލުން އާންމުކުރި ނ ޫސްބަޔާނުގައި ވެސް ބުނެފައި ވެއެވެ.
އަމިއްލަފުޅަށް ޑްރާފްޓްކުރި ބިލެއްގެ ގޮތުގައި ހައްނާން މި ބިލު ހުށަހެޅިޔަސް މި ބިލު ފަރުމާކުރުމުގައި ރައީސް މުއިއްޒުގެ އަތްޕުޅުވާ ކަން ވަރަށް ސާފެވެ. ރައީސް މުއިއްޒުގެ މި ސަރުކާރުން ބިލާ ދެކޮޅަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.
ހީނާ މި ބިލަށް ތާއީދު ކުރެއްވުމުން މެމްބަރު ހަންނާންގެ މިނިވަން ހިޔާލާއި ރައީސް މުއިއްޒުގެ މި ސަރުކާރގެ ޚިޔާލާއި ވެސް އެއްގޮތްވީއެވެ. އެންމެ ފަހުން ބިލުގެ ދިފާއުގައި ޕީއެންސީ މެންބަރުން ވެސް ތެދުވީއެވެ.
މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުިވީ މި ބިލަކީ ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން މަކަރާއި ހޫލަތުން ރާއްޖޭގެ ނޫސްވެރިކަން މަރާލުމަށް މި ސަރުކާރުން ކުރައްވާ ކަމެއް ކަމަށެވެ.
ސަރުކާރުން ރާވައި ހިންގައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރަށް ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ލައްވާ މިތާ ހާވާ ހަޑި ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރިކުރަން
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް![]()
މެމްބަރު މީކާއީލް މިފަދައިން ވިދާޅުވެ މަޖިލިސް ތަޅުމުގައި ދެއްކެވި އެ ވާހަކަތަކަކީ އެއީ ހަމައެކަނި މީކާއިލަށް ފެންނަ ގޮތެއް ނޫނެވެ. ޚުދު ވެރިކަން ކުރައްވާ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީ މެމްބަރުންނަށް ވެސް ފެންނަ ގޮތެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން ވެސް ބުނީ ބިލު ޑްރާފްޓްކުރުމުގައި އިސްކޮށް އުޅުނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އެ ނޫސްވެރިން ބުނި ގޮތުގައި މިނިވަން މެންބަރެއް ލައްވާ ބިލު ހުށަހެޅުވީ ނުބައި ނިޔަތެއް މި ސަރުކާރުގެ އޮތުމުން ކަމަށެވެ. އެއީ މި ސަރުކާރުން ހިންގާ ޖަރީމާތަކުހެ ވާހަތައް ނޫސްވެރިން ތިލަ ކުރާތީ އެކަން ހުއްޓުވުމަށް ކުރާ ކަމެކެވެ.
ޑިމޮކްރަސީއެއްގެ ކޮންމެ ބާރެއް ވެސް ޖަވާބުދާރީކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭއިރު، އެ ނިޒާމަކުން ނޫސްވެރިކަން ވެސް އިސްތިސްނާ ނުވާނެ ކަމަށް ނށާޒިމް ވިދާޅުވި އެވެ. ނޫސްވެރިންނަށް ބޭނުން ގޮތަކަށް ބޭނުން ކޮންމެ އެއްޗެއް ލިޔެފައި ސަލާމަތެއް ނުވެވޭނެކަމަށާއި ޖަވާބުދާރީވާން ޖެހޭނެކަމަށާއި އެއީ، އެކަން އޮންނަންވާނެ ގޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެހެން އެކަން ނުކުރެވޭތީ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަނީ 'ޗެކް ބުކް' މީޑިއާތަކެއް ކަމަށެވެ. މިއަދު ނޫސްތަކުގައި ޚަބަރުތައް ލިޔަނީ ފައިސާ ލިބޭ ގޮތަކަށެވެ. ފައިސާ ދޭ ބަޔަކު ބުނާގޮތަށް ޚަބަރުތައް ލިޔަނީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އަބަދު އަބަދު އެ ވެރިކަމަށް އަންނަ ސަރުކާރެއްގެ ފަހަތުގައި ސަރުކާރުންދޭ އެއްޗެއް ބަލައިގަނެގެން ސަރުކާރަކުން ބޭނުންވާ ގޮތަކަށް އެއްޗެހި ލިޔެގެން އެހެން ކަންތައްކުރާ ކަމަށްވާ ނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރާއްޖޭގަ ނޫސްވެރިކަން ދުވަހަކުވެސް ކުރިއަކަށް ނާރާނެ
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް![]()
ނާޒިމް ވިދާޅުވި ވާހަކަފުޅާއި އެއްވެސް މީހަކު ދެބަހެއް ނުވެއެވެ. އެ ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ކަމަށް އެންމެން ވެސް މިހާރު ގަބޫލު ކުރެއެވެ. ސަރުކާރުތަކުން ނޫސްވެރިންނާއި ނޫސްތައް ކޮންޓްރޯލްކުރެއެވެ. ސްޕޮންސަރ ކުރާ ފަރާތަކުން ދޭހާ އެއްޗެއް، ބުނާހާ އެއްޗެއް އެ ގޮތަކަށް ނޫސްތަކުގައި ލިޔެދެއެވެ. އެހެން ވެ ނޫސްތައް އަމިއްލަ ފައިމައްޗަށް ތެދުވާހައިބާރު ނެތީ އެވެ.
މައްސަލައެއް ނެތެވެ. ނާޒިމްގެ ވާހަކަ ރަނގަޅުކަމަށް އެންމެން ވެސް ގަބޫލު ކުރެއެވެ. އެހެން ނަމަވެސް މައްސަލައަކީ އެ ބާރުވެރިކަން ނޫސްވެރިންނަށް ދޭން އުޅުމުގެ ބަދަލުގައި ނޫސްވެރިކަން މަރާލަން އުޅުމެވެ. މީޑިއާ މޮނިޓާކުރުމުގެ ބަދަލުގައި މީޑިއާ ކޮންޓްރޯލް ކޮށް ބާރުތައް މުށުތެރެއަށް ލާން ރައީސް މުއިއްޒުގެ މި ސަރުކާރުން މަސައްކަތް ކުރުމެ އެވެ.
ކޮންމެއަކަސް ރައްޔިތުންގެ މަޖިލިސް އޮތީ ތަޅު އަޅުވައިފަ އެވެ. ކޯޓުތަކުގެ ބާރު ކަނޑުވާލާ އެ ބާރުތައް އޮތީ އަތްދަށުލައިފި އެެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސް ސަރުކާރުން ބޭނުންވާ ގޮތަށް ކައުންސިލްތައް ތަޅުއަޅުވައިފި އެވެ.
މި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައި ފިއްތާލުމަށް ފަހު ދެން މިހާރު މިއޮތީ ނޫސްވެރިކަމާ ޖެހިފައެވެ. އެކަން ވެސް ރައީސް މުއިއްޒުގެ ހީލަތްތެރި ރޭވުމުގެ ދަށުން އެ ގެންދަނީ ކުރައްވަމުންނެވެ. ދާދި އަވަހަށް ނޫސްވެރިކްމުގެ މިނިވަންކަން މުށުތެތެއަށް ލައި ފިއްތާލާތަން ފެނިގެން ދޭނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
ރައީސް މުއިއްޒު އެވެ. މަނިކުފާނަށް ބުނެލަން އޮތީ ހަމަ އެންމެ ވާހަކަ އެކެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަން މަރާލެވިދާނެ އެވެ. އެހެން ނަމަވެސް ހިޔާލުގައި ތަޅެއް ނޭޅުވޭނެއެވެ. މި ހަގީގަތް ދަންނާށެވެ.
ތަރުތީބު ކުރެވިގެން ހިނގާ ގަޑުބަޑުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތަސް ޚިޔާލު ފާޅުކުރާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.