Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީއެންސީ

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ފަލާޙު އަށް ވެސް މިވީ އެހެން ނޫންތޯ އެވެ! މަޖިލީހުގައި އެއްވެސް މެމްބަރަކު އެ ވާހަކަ ދެއްކީއެއް ނޫނެ އެވެ. ދައްކާނީ ކިހިނެއް ހެއްޔެވެ؟ އެމްޑީޕީގެ މެމްބަރަކު ވާހަކަ ދައްކަން ވެސް ނޫޅުނީ އެވެ. އެހެން ތިއްބާ، އެ ވާހަކަ އެ ފެށީ ފަލާޙު އެވެ. މަށޭ ކިޔައި ހެއްޔޯ އެވެ؟ ފަލާޙު އެވެ. އެއްވެސް މީހަކުން ތިބޭފުޅާ އެކޭ ނުކިޔަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2025 | ހޮނިހިރު 05:53
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙު

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙު

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައިފަ އެވެ. ދެ ތިން މިނިވަން މުއައްސަސާ އަށް މެމްބަރުން އައްޔަން ކުރުމަށް ބާއްވާ ޖަލްސާއަކަށް ވުމުން، އެ ޖަލްސާ އަށް މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ. މަޖިލީހުގައި މާބޮޑު ބަހުސެއް ނުހިނގާނެ ކަމަށް ޤަބޫލު ކުރެވުނީ އެވެ. އެހެން ނަމަވެސް، ޖަލްސާގެ ވަކި ހިސާބަކުން ކުޑަކޮށް ފޯރި ގަދަވެ، ޖަލްސާ އަށް ޝައުޤުވެރިކަން އިތުރުވި އެވެ. ކުރުކޮށް ފޮނިކޮށް ބުނާ ނަމަ، ޖަލްސާ އަށް ހިތް ލެނބިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ ރިޕޯޓުގެ ބަހުސްގައިި، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުނު ފުރުސަތުގައި ތެދުވެ ވަޑައިގެންނެވީ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙު އެވެ. ވާހަކަ ފައްޓައިގެން ފަލާޙުގެ ވާހަަކަ ގެންދެވީ، ޕީއެންސީ އަށް ވަގަށް މެމްބަރުން ވެއްދި މައްސަލައާ ދިމާލަށެވެ.

ޕީއެންސީ އަސް ވަގަށް މެމްބަރުން ނުވައްދާ ކަމަށާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަދި އެހެނިހެން ޕާޓީގެ މެމްބަރުން އަމިއްލަ އަށް، މަތިން ބައިން ޖެހިގެން ޕީއެންސީ އަށް ވަންނަނީ ކަމަށް ފަލާޙު ވިދާޅުވި އެވެ. ޚާއްސަކޮށް މަޖިލީހުގައި އިންނަވާ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު، ޙުސެއިން ޒިޔާދު (ފިއްޓޭ) ވެސް އަމިއްލަ އަށް ޕީއެންސީ އަށް ވަނީ ކަމުގައި ފަލާޙު ވިދާޅުވި އެވެ. ޕީއެންސީ އަކީ ވައްކަން ކުރާ ޕާޓީއެއް ނޫން ކަަމަށް ބުނެ، އެ ވާހަކަ ކުރިއަށް ނެރުނެވެ.

އެންމެ ކުޑަ ދުވަހުން ފެށިގެން އަޅުގަނޑަށް އިވޭ ވާހަކައެއް އޮވެ އެވެ. ޢިބުރަތްތެރި ވާހަކަ އެކެވެ. އުމުރުން 23 އަހަރުވީއިރު ވެސް، އެ ވާހަކަ އަބަދު އިވެ އެވެ. މަދަރުސީ ދައުރުގައި ދިވެހި މުދައްރިސާއި، އިސްލާމް މުދައްރިސް އެ ވާހަކަ ކިޔައިދެ އެވެ. އޭގެ ފަހުން ވަޒީފާގެ މާހައުލަށް ނިކުމެެން މި އުޅޭ އުޅުމުގައި، އެތައް ބަޔަކު އެ ވާހަކަ ކިޔައިދެ އެވެ. މިސްކިތުގައި ހުޅު ޖެހި މީހެއްގެ ވާހަކަ އެވެ.

މީހަކު މިސްކިތެއްގައި ހުޅު ޖެހުމަށް ފަހު ގޮސް އޮންނަނީ އޭނާގެ އަމިއްލަ ގޭގަ އެވެ. މިސްކިތުގައި ހުޅު ރޯވުމުން އެތައް ބަޔަކު މިސްކިތް ދޮށަށް އެއްވެ، އަލިފާން ނިއްވުމުގައި މަސްއޫލުވެ އުޅުނެވެ. ރޯކުރީ މިވެނި މީހެކޭ، އެވެނި މީހެކޭ ބުނަން އެމީހުންގެ ވިސްނުމަށް ވެސް ނާދެ އެވެ. އެކަމުގައި ގޭގައި އޮތް މީހާ އަށް އޮވެވޭ ގޮތެއް ނުވި އެވެ. އޭނާގެ ހަށިގަނޑު ހިރުވާވަރުންނެވެ. ކޮންމެ ވެސް ބަޔަކު، މިސްކިތުގައި ހުޅު ޖެހީ އޭނާ ކަމަށް ބުނާހެން ހީވެގެންނެވެ.

ދެން އޭނާ ދަނީ އަވަހަށް މިސްކިތް ދޮށަށެވެ. އެތަނުގައި ވެސް އެއްވެސް ބަޔަކު ހުޅު ޖެހީ ވަކި މީހެއް ކަމަށް ބުނާ އަޑު އޭނާ އަކަށް ނީވެ އެވެ. އެމީހުން އެފަދަ ވާހަކައެއް ނުވެސް ދައްކަ އެވެ. އެކަމަކު، އަދިވެސް ހުޅު ޖެހި މީހާ އަށް ކެތްކުރެވޭ ގޮތެއް ނުވި އެވެ. ފަހަރަކު މީހެއް ގާތަށް ގޮސް، "މިސްކިތުގައި ހުޅު ޖެހީ މަށޭ ކިޔާތަ؟" މިހެން އަހަނީ އެވެ. އެންމެ ފަހުން އަމިއްލަ އަށް ބޭޒާރުވެ، އަމިއްލަ ފޮށާ ބޮލުގައި އެޅި ހަފުސްވެ ނިމުނީ އެވެ.

ފަލާޙު އަށް ވެސް މިވީ އެހެން ނޫންތޯ އެވެ! މަޖިލީހުގައި އެއްވެސް މެމްބަރަކު އެ ވާހަކަ ދެއްކީއެއް ނޫނެ އެވެ. ދައްކާނީ ކިހިނެއް ހެއްޔެވެ؟ އެމްޑީޕީގެ މެމްބަރަކު ވާހަކަ ދައްކަން ވެސް ނޫޅުނީ އެވެ. އެހެން ތިއްބާ، އެ ވާހަކަ އެ ފެށީ ފަލާޙު އެވެ. މަށޭ ކިޔައި ހެއްޔޯ އެވެ؟ ފަލާޙު އެވެ. އެއްވެސް މީހަކުން ތިބޭފުޅާ އެކޭ ނުކިޔަ އެވެ.

އަދިވެސް އެ ޖަލްސާގައި ފާހަގަވި ކަންކަން ބުނެލާނަމެވެ. ދެ ވަނަ މީހެއް ނޫނެވެ. އޭނާ އެވެ. ހަމަ ފަލާޙު އެވެ. ފަލާޙުގެ ވާހަކަ އަށް ފަހު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވާހަކަ ދެއްކި އެވެ. ޕީއެންސީ އަށް ވަގަށް މެމްބަރުން ވައްދަމުން ވައްދަމުން ގޮސް، އެމްޑީޕީގެ މަޖިލިސް މެމްބަރު ފިއްޓޭ ވެއްދި ވާހަކަ ވެސް ބުންޏެވެ. އެކަމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެމްބަރު، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ) ޕީއެންސީގެ މަޖިލިސް މެމްބަރުން ތިބޭ ވަޓްސްއެޕް ގުރޫޕަަކަށް ފޮނުވި ކަަމަށް ބުނާ މެސެޖު މީކާއީލް ވިދާޅުވެ އެވެ.

އެ މެސެޖުގައި އަސްމާއްތަ ވިދާޅުވި ކަމަށް ވަނީ، ވަގު ފޯމު ފުރި ބަޔަކު އަސްމާއްތަ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ހިތާމަ އަކީ ޕީއެންސީގެ ޖަގަހައިގައި އެކަން ކުރުން ކަމަށް ވެސް ވިދާޅުވި އެވެ. މެމްބަރުން އިތުރު ކުރަން ޖެހޭ ގޮތަކީ އެއީ ނޫން ކަމަށާއި، އެއީ ވަރަށް ވިޔާ ނުދާ އަދި ލަދުވެތި ކަމެއް ކަމަށް ވެސް އަސްމާއްތަ ވިދާޅުވެފައިވެ އެވެ. އަދި އެކަމާ އަސްމާއްތަ ވެސް ލަދު ގަންނަ ކަމަށް ވަނީ ވިދާޅުވެފަ ވެއެވެ.

މީކާއިލް އެ މެސެޖު ވިދާޅުވުމާއެކު، ނިޒާމީ ނުކުތާ ނަންގަވައި އަނެއްކާ ވެސް ތެދުވީ ފަލާޙު އެވެ. އެއީ އަސްމާއްތަ ފޮނުވި މެސެޖެއް ނޫން ކަމަށާއި، އެއީ އެމްޑީޕީން އެޑިޓުކޮށްގެން އުޅޭ މެސެޖެއް ކަމަށް ވެސް ވިދާޅުވި އެވެ. އަޅުގަނޑު ހިތަށް އެރި އެވެ. އެ ވާހަކަ ފަލާޙު ބުނަންވީ ކީއްވެ ހެއްޔެވެ؟ ގައިމު މީކާއިލް އިންނަވާ ބަރީގައި އަސްމާއްތަ ވެސް އިންނެވި އެވެ. އަސްމާއްތަ އަށް ވެސް އެ ވާހަކަ އިވޭނެ އެވެ. އެކަން އަސްމާއްތަ ދޮގު ނުކުރެއްވީ ކީއްވެ ހެއްޔެވެ؟ އެހާ ވަރަކުން އެކަމާ ފަލާޙު އުޅުއްވަން ޖެހޭ ހެއްޔެވެ؟

ދެން ވެސް ފަލާޙު ވިދާޅުވީ އެކަހަލަ ވާހަކަ އެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ތެރޭގައި ޕީއެންސީގެ ވަގު ފޯމުތައް ފުރަމުން ގެންދިޔަ އިރު، އެ ތަނުގައި ދާޚިލީ ވަޒީރު އަލީ އިޙުސާން ހުންނެވި ފޮޓޯތަކުގެ ވާހަކަ އެވެ. އެއީ ވެސް އެމްޑީޕީން އެޑިޓުކޮށްގެން އުޅޭ ފޮޓޯތަކެއް ކަމަށް ފަލާޙު ވިދާޅުވި އެވެ. އަނެއްކާ ވެސް ކުރިއަށް ނެރުއްވީ ޕީއެންސީން ވައްކަން ނުކުރާ ކަމުގެ ވާހަކަ އެވެ.

އަޅެ ފަލާޙު އެވެ. މަނިކުފާނު ތިޔަ ހުންނެވީ ކޮން ތަނެއްގައި ހެއްޔެވެ؟ ތިޔަ އުޅުއްވަނީ މި ރާއްޖޭގައި ހެއްޔެވެ؟ އެ ބުނާ ކޮޓަރިއެއްގައި ޕީއެންސީގެ ފޯމުތައް ފުރަން ތިއްބާ، އެތަނަށް ވަޑައިގެންނެވި ކަމަށް އިޙުސާން ވެސް ވިދާޅުވީތީ އަޅުގަނޑު ދުށީމެވެ. އިޙުސާން ވިދާޅުވީ ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ދުވަހަކު އެތަނަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެއީ އޮފީހުގެ ރަސްމީ ގަޑި ނޫން ކަމަށް ވެސް ވިދާޅުވެފައި އޮތެވެ. އޭރު ޕިއްޒާ ކާން އެތަނުގައި ތިބި ކަމަށް ވެސް ވެއެވެ.

އިޙުސާން އެހެން ވިދާޅުވެފައި އޮއްވައި، އެއީ އެމްޑީޕީން އެޑިޓުކޮށްގެން އުޅޭ ފޮޓޯތަކެއް ކަމަށް ފަލާޙު ވިދާޅުވީތީ ހައިރާން ނުވާނީ ކާކު ހެއްޔެވެ؟ އަޖައިބު ނުވާނީ ވެސް ކާކު ހެއްޔެވެ؟ ޢިއްޒަތްތެރި ޕީޖީ ލީޑަރު ފަލާޙު އެވެ. އެއްވެސް މީހަކު ތިޔަ ބޭފުޅާ އެކޭ ނުކިޔަ އެވެ!!!!

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

12 ނޮވެމްބަރު 2017
ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

11 އޮކްޓޯބަރު 2017
ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

07 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017
އަދީބުގެ އާއިލާގެ ރުޅި މަޑު!

އަދީބުގެ އާއިލާގެ ރުޅި މަޑު!

26 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު