އިޒްރޭލުގެ އަނިޔާވެރި ބާރުތަކުން އުތުރު ޣައްޒާގައި ހުރި ޚިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލަށް ބޮންއަޅާ ފަރުވާ ހޯދަން އެތަނުގައި ތިބި އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.
ސިއްހީ އޮފިޝަލުން ހާމަކުރިގޮތުގައި، ޣައްޒާ ސްޓްރިޕްގައި އިޒްރޭލުން މި ދިން މަރުގެ ހަމަލާތަކުގައި މަދުވެގެން 63 ފަލަސްތީނު މީހުން ޝަހީދުވިއެވެ. "ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ،" އޮފިޝަލުން ބުންޏެވެ.
ޖަބާލިއާގެ އުތުރު ހުޅަނގު ސަރަހައްދެއް ކަމަށްވާ ބައިތު ލަހިޔާގައި ހުރި ކަމާލް އަދްވާން ހޮސްޕިޓަލަށް ހަމަލާދީފީފައިވަނީ ހުކުރު ވިލޭރޭ މެންދަމުން އަލިވެ 2 ޖަހާ ކަންހާއިރު ކަމަށާއި، ހަމަލާ ދިނީ ޑަބްލިއުއެޗްއޯގެ މަންދޫބުން އެތަނުން ފުރައިގެން ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ހޮސްޕިޓަލަކަށް އިޒްރޭލުން ހަމަލާދިނުމަކީ 'ވަރަށް ކަންބޮޑުވާ' ކަމެއްކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާގެ ވެރިޔާ ވަނީ ހާމަ ކުރައްވާފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ މި ހަމަލާގެ ޚަބަރު ފެތުރުނު ފަހުން ކަމާލް އަދުވާން ހޮސްޕިޓަލުގައި ތިބި މުވައްޒަފުންނާ ގުޅުން ކެނޑިފައިވާ ކަމަށެވެ. "މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. އެއީ އެތަނުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި ހިމާޔަތަށް އެދިގެން އެތަނުގައި ތިބި މީހުންގެ އަދަދަށް ބަލާއިރު،" ޓެޑްރޮސް ގެބްރެއިސަސް އެކްސް ގައި ވިދާޅުވިއެވެ.
އިޒްރޭލުން މި އަނިޔާވެރި ހަމަލާ ދިނުމަށްފަހުވެސް ބުނީ، އެ ސަރަހައްދުގައި ޓެރަރިސްޓުންނާއި ޓެރަރިސްޓުންގެ ވަސީލަތްތައް ހުރި ކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާތީ ހިންގި އޮޕަރޭޝަނެއް ކަމުގައެވެ.
ފަލަސްތީނު ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް-ބާޝް ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ހަމަލާގައި މެޑިކަލް އޮކްސިޖަން ޖެނެރޭޓަރުވެސް ވަނީ ފުނޑުފުނޑުވެފައެވެ.
އިޒްރޭލުން އެއްވެސް ބެލުމެއްނެތި މި ދިން ނުރައްކާތެރި ހަމަލާގެ ސަބަބުން ހޮސްޕިޓަލުގައި ތިބި ކުޑަކުދިން މަރުވެ، ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެތައް ސިއްހީ އޮފިޝަލުންނަށް ވަނީ ޒަޚަމްތައް ލިބިފައެވެ.
ބޮން އެޅުމަށްފަހު، އޭގެ ދެ ގަޑިއިރު ފަހުން އިޒްރޭލު ސިފައިން ހޮސްޕިޓަލުގެ ތެރެއަށް ވަދެގަނެ، އިންޓެންސިވް ކެއަރގައި ތިބި މީހުންނާއެކު ހުރިހާ ބަލިމީހުން ގޯތިތެރެއަށް ނުކުތުމަށް ވަނީ އަމުރުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިޒްރޭލު ސިފައިން ހޮސްޕިޓަލުގައި ހިމާޔަތް ހޯދަމުންދިޔަ ޒުވާނުންނާ ސުވާލުކޮށް ހައްޔަރުކޮށްފައިވެއެވެ.
ކަމާލް އަދްވާން ހޮސްޕިޓަލަކީ އުތުރު ޣައްޒާ ސްޓްރިޕްގައި ހުރި ތިން ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ. މި ތިން ހޮސްޕިޓަލް ވެސް ވަނީ ތިން ހަފްތާއަށްވުރެ ގިނަ ދުވަހު އިޒްރޭލުގެ ބިރުވެރި ހިޞާރުގެ ދަށުގައެވެ. އުތުރުގެ ބްލޮކޭޑް ފެށުނީއްސުރެ ސިއްހީ ފަރުވާއަށް ބޭނުންވާ އެހީއާއި، ބޭސް، ކާނާ އަދި ތެޔޮ ލިބިފައިވަނީ ވަރަށް މަދުންނެވެ.
އަނެއް ދެ ހޮސްޕިޓަލް ކަމަށްވާ އިންޑޮނޭޝިއާ ހޮސްޕިޓަލާއި އާއި އަލް-އައުދާ ހޮސްޕިޓަލް ވަނީ އިޒްރޭލުގެ ދެމިގެންދާ ހަމަލާތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ހިދުމަތް ހުއްޓާލާފައެވެ. ކަމާލް އަދްވާން ހޮސްޕިޓަލް މިހާތަނަށް ހިންގަމުން އައިސްފައިވަނީ އެންމެ އަދައިގެ ޚިދުމަތްތައް ދެވޭ މިންވަރެއްގައެވެ.
އިޒްރޭލުން ކަމާލް އަދްވާން ހޮސްޕިޓަލަށް މިދިން ބިރުވެރި ހަމަލާ އާ ގުޅިގެން އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ހުސާމް އަބޫ ސަފިއްޔާ ވަނީ އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"އެހީ ލިބުމުގެ ބަދަލުގައި އަހަރެމެންނަށް މި ލިބެނީ ޓޭންކުތައް... އެ ޓޭންކުތަކުން [ހޮސްޕިޓަލު] އިމާރާތަށް ދެނީ ހަމަލާ،" އޭނާ ވިދާޅުވިއެވެ.
"ޤާނޫނު އޮތީ ކޮންތާކު؟ ދުނިޔޭގެ ކޮން ޤާނޫނަކުން ހޮސްޕިޓަލަކަށް ސީދާ ހަމަލާދިނުމަށް ހުއްދަދެނީ؟" އޭނާ އިތުރަށް ވިދާޅުވިއެވެ.
އަނެއްކޮޅުން ދެކުނު ޣައްޒާގައި، ހާން ޔޫނިސްގެ އަލް-މަނާރާ ސަރަހައްދުގެ އާންމުން ދިރިއުޅޭ ގެތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހުކުރު ދުވަހު މަދުވެގެން 38 ފަލަސްތީނުން ޝަހީދުވިއެވެ. މި ވައިގެ ހަމަލާތަކާއެކު އިޒްރޭލުގެ އަނިޔާވެރި ބާރުތަކުން އެއްގަމު މަގުންވެސް ހަމަލާ ދިނެވެ.
ބުރާސްފަތި ދުވަހުގެ ރޭ އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ އަލް-ހަވާޖާ ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ 11 ގެ އިޒްރޭލުން ގޮއްވާލުމާ ގުޅިގެން 150 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރުވެ ނުވަތަ ޒަޚަމްވެފައި ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް އޭޖެންސީން ބުންޏެވެ.