ބަންގްލަދޭޝްގެ އެތެރޭގެ ހަމަ ނުޖެހުންތައް ބޮޑުވެ، މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި، ސަލާމަތީ ބާރުތަކާ އާންމުންނާ ކުރިމަތިލުންތައް ހިނގާ، އެތައް ބަޔަކު މަރުވަމުން ދިޔައެވެ. މުޒާހަރާ ކުރާ މިހުން ބުނަމުން ދިޔައީ ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ނުދެއްވަނީސް އެމީހުން ގެޔަކަށް ނުވަންނާނެ ކަމަށެވެ.
ބޮޑު ވަޒީރަށް ރަސްމީ ގެކޮޅުގައި ހުންނަވައިގެން އެ މަންޒަރުތައް ފެނިވަޑައިގަންނަވާ ގޮތް ތަފާތު ވަނީ ކަމަށް ވެދާނެއެވެ. އެ ކަންކަމުގެ ހަގީގަތް ގަބޫލު ކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. އެނާގެ ވިސްނުންފުޅުން ހުރިހާ ބާރެއް އޮތީ އެކަމަނާގެ އަތްޕުޅުގައެވެ. އެހެން ކަމަށް ވާނަމަ، އެހެން ބަޔަކު މަގުމައްޗަށް ނުކުމެ އޭނާގެ ބާރު ކަނޑުވާލާނީ ކިހިނެއް ހެއްޔެވެ.
އެ ހީފުޅުގައި ހުންނެވި ހަސީނާގެ ތަރިއޮއްސުން ލައިގަތީ ހަމަ ކުއްލި ގޮތަކަށެވެ. އޭނާގެ އަތްޕުޅުން ބާރުތައް ސޮއްސާލައިގެން ދިޔައީ ބަލަބަލާ ތިއްބާ ކުރިން އެއްވެސް މީހަކު ހީވެސް ކޮށްފައިނުވާނެ ބާރު ސްޕީޑް ގައެވެ.
ގައުމުގެ ކަންކަން ގޯހުން ގޯހަށް ދާއިރު ފުލުހުންނާ ސިފައިންނަށް އެކަން ކޮންޓްރޯލް ނުވެގެން އުޅެނީ ކީއްވެތޯ ބެއްލެވުމަށް ސަލާމަތީ ބާރުތަކުގެ ވެރިންނަށް ބައްދަލުވުމަކަށް ވަޑައިގަތުމަށް ބޮޑު ވަޒީރު އާދިއްތަ ދުވަހު އެންގެވިއެވެ.
އާދިއްތަ ދުވަހު ހެނދުނު ހަސީނާ ބޭއްވެވި ބައްދަލުވުމަށް ފުލުހުންނާއި އަސްކަރިއްޔާގެ ވެރިން ވަޑައިގަތެވެ. އެހެން ނަމަވެސް ބައްދަލުވުމުގެ މޫޑް އޮތީ ބައްދަލުވުން ފެށިއިރުވެސް މުޅިން ޚަރާބުވެފައެވެ.
އާދިއްތަ ދުވަސް ވެގެން ދިޔައީ މުޒާހަރާގައި އެންމެ ގިނަ މީހުން މަރުވި ދުވަސް ކަމަށެވެ. އެދުވަހު އެކަނި 90 މީހުން މަރުވި އިރު އޭގެ ތެރެއިން ގިނަ މީހުން މަރުވީ ފުލުހުން އެމީހުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުންނެވެ. އަނެއްކޮޅުން މުޒާހަރާ ކުރާ މީހުން ހަމަލާދީ އެންމެ ގިނަ ފުލުހުންވެސް މަރުވި ދުވަހަކީ އެ ދުވަހެވެ.
ހަސީނާ ބޭނުންފުޅު ވަނީ ބާރުގެ ބޭނުން ކުރާށެވެ. އޭނާގެ ވިސްނުންފުޅުގައި ބާރު އޮތީ ސަރުކާރަށެވެ. އެހެން ކަމަށް ވާނަމަ މުޒާހަރާ ރޫޅާލެވެން ޖެހޭނެއެވެ. ހަސީނާގެ ވަގުތު ޖެހެނީ ކަމެއް އަދި އޭނާގެ އަތްޕުޅުން ބާރުތައް ދޫވެގެން ދަނީ ކަމެއް އޭރުވެސް ގަބޫލުފުޅު ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ.
ހަސީނާގެ ވިސްނުންފުޅު އެހެން ހުއްޓެއް ކަމަކު ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ކޮންޓްރޯލް ކުރާކަށް އަސްކަރީ ވެރިން ބޭނުމެއް ނުވިއެވެ.
ބައްދަލުވުމުގައި ބައިވެރިވި އަސްކަރިއްޔާގެ ވެރިން ހަސީނާ އަށް ދެންނެވީ އާންމުންގެ ގަޔަށް އަސްކަރީ އޮފިޝަލުންނަށް ބަޑިއެއް ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ފުލުހުންނަށް ސެކިއުރިޓީ ބެކަޕް ދެވިދާނެ ކަމަށް ބޮޑު ވަޒީރަށް ދެންނެވިއެވެ. އަނެއްކޮޅުން މުޒާހަރާ ކުރާ މީހުންނާ ކުރިމަތިލާ އެތައް ކަމެއް ހިނގާފައިވާ އިރު ފުލުހުން ތިބީ ވަރުބަލިވެފައެވެ. ފުލުހުންގެ ހާލަތު އޮތް ގޮތާއި ފުލުހުންގެ އަތުން ވަޒަން ހުސްވަމުންދާ ވާހަކަ ޝަކުވާއެއްގެ ގޮތުގައި ބޮޑު ވަޒީރަށް އެ ބައްދަލުވުމުގައި ދެންނެވި ކަމަށް ވެއެވެ.
ސަލާމަތީ އޮފިޝަލުން ދެންނެވި ވާހަކަތައް އަޑުއައްސަވާކަށް ބޮޑުވަޒީރު ހަސީނާ ބޭނުންފުޅެއް ނުވިއެވެ. އަނެއްކޮޅުން، އޮފިޝަލުންވެސް އޭނާގެ ކުރިފުޅުމަތީގައި ކަންކަމުގައި މާ ބޮޑަށް ދެބަސްވާކަށްވެސް ބޭނުމެއް ނުވިއެވެ.
އެ ބައްދަލުވުން ނިމުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޮޑު ވަޒީރުގެ ޕްރެސް ސެކްރެޓަރީ ބޮޑު ވަޒީރުގެ ފަރާތްޕުޅުން މުޒާހަރާ ކުރާ މީހުންނަށް ރައްދުވާ ގޮތައް ގޮތް ދޫނުކުރުމުގެ މެސެޖެއް ހާމަ ކުރެއްވިއެވެ. ބޮޑު ވަޒީރު ސިފަކުރެއްވީ މުޒާހަރާ ކުރާ މީހުންނަކީ ޓެރަރިސްޓުން ގެ ގޮތުގައެވެ. އޭގެ އިތުރުން އާންމުންނަށް ގޮވާލެއްވީ ތަންތާ ހުޅުޖަހާ މި މީހުންނާ ދުރުހެލިވުމަށެވެ.
އަނެއްކޮޅުން އާދިއްތަ ދުވަހުގެ ކުރިމަތިލުންތަކުގައި ޒަޚަމްވީ މީހުންނާއި ވަޒަން އަރައިގެން މަރުވި މީހުން ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާ ދިޔައީ ފުރެމުންނެވެ. އެއާއެކު ފެތުރެމުން ދިޔަ ޖަޒުބާތުގެ އޮއިވަރުގެ ތެރޭގައ މުޒާހަރާގެ ލީޑަރުން މުޅި ގައުމަށް ގޮވާލީ ވެރިރަށަށް އެރުމަށް އެންމެން އައުމަށެވެ. ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކަށް ލިބޭ ޖާސޫސީ މައުލޫމާތުން މުޒާހަރާގެ ލީޑަރުންގެ ގޮވާލުންތަކަށް ތަރުހީބު އިތުރުވަމުން އަންނަ ކަމާ އެއަށް އިޖާބަދޭ މީހުން ގިނަކަން އޮތީ ފާހަގަ ކުރެވިފައެވެ.
މުޒާހަރާ ކުރާ މީހުންގެ އަދަދު ހާހުން ގުނާލެވޭ އިރު އެމީހުންނާ ސަލާމަތީ ބާރުތަކުން ކުރިމަތިލައިގެން މައިތިރި ކުރަން އުޅެފިނަމަ އަނެއްކާ ބޮޑު ލޭ އޮހޮރުވުމަކަށް ދާނެ ކަން އޮފިޝަލުންނަށް ވިސްނި، އަސްކަރިއްޔާގެ ވެރިޔާ ވަގާރުއްޒަމާން ނިންމެވީ އަނެއްކާ ވެސް ބޮޑު ވަޒީރު އާ ބައްދަލު ކުރައްވާ ހާލަތު ވިސްނައިދެއްވޭތޯ މަސައަކަތް ކުރެއްވުމަށެވެ.
ކޮންމެ އަކަސް އާދިއްތަ ދުވަހުގެ ހަވީރު ސަލާމަތީ ބާރުތަކުގެ ވެރިން އަނެއްކާވެސް ބޮޑު ވަޒީރު އާ ބައްދަލު ކުރައްވާ ގައުމުގެ ހާލަތު އޮޅުން ފިލުއްވައިދެއްވާ ހޯމަ ދުވަހުގެ ހެނދުނު އެތައް ހާސް ބަޔަކު ވެރިރަށަށް އެރުމަށް އަންނަ ކަމަށާއި އެ ހާލަތުގައި އެކަމަނާގެ ރަސްމީ ގެކޮޅުގެ ސަލާމަތީ ކަންކަން ސިފައިންނަކަށްވެސް ފުލުހުންނަކަށްވެސް ކަށަވަރު ނުކޮށްދެވޭނެ ކަމަށް ބޮޑުވަޒީރު ހަސީނާ އަށް ދެންނެވިއެވެ.
ބޮޑު ވަޒީރު ހަސީނާ މި ވާހަކަތައް ވެސް އަޑު އައްސަވާކަށް ބޭނުންފުޅެއް ނުވިއެވެ.
އަނެއްކޮޅުން އާދިއްތަ ދުވަހަށް އިރު އޮއްސުމާ އެކު ފުލުހުން މަގުތަކުން ގެއްލެން ފެށިކަން ނޫސްވެރިންނަށް ފާހަގަ ކުރެވުނެވެ. މަގުތަކުގައި ޖަހާފައި ހުރި ސެކިއުރިޓީ ބެރިކޭޑްތައްވެސް ފެނުނީ ފުލުހަކު ނެތި ހުސްކޮށް ހުއްޓައެވެ. އެހެން ކަމުން ސަލާމާތީ އޮފިޝަލުން ބޮޑުވަޒީރު އާ ފެޔަށް ޖެހެން ފެށިކަމުގެ ނިޝާންތައް ހޯމަ ދުވަހަށް އިރު އަރައިގެން އައި އިރު އޮތީ ފެންނާށެވެ.
އަނެއްކޮޅުން މުޒާހަރާގެ ލީޑަރުން ރޭވި ގޮތައް ހޯމަ ދުވަހު ހެނދުނު ހެނދުނާ ވެރިރަށް ޑާކާ އާ ދިމާލަށް މުޒާހަރާގައި ބައިވެރިވާން އެތައް ހާސް މީހުން މިސްރާބު ޖެހިއެވެ. ކާފިއު ހިންގާފައި އޮތަސް އެއަށް ބެލުމެއް ނެތި މީހުން މަގުތަކުގައި ވަނީ ތޮއްޖެހިފައެވެ.
ހޯމަ ދުވަހު ހެދުނު ހާލަތު ގޯސްވާން ފެށުމުން އަސްކަރީ ވެރިޔާ ޖެނެރަލް ޒަމާން އަނެއްކާވެސް ހަސީނާގެ ރަސްމީ ގެކޮޅަށް ވަޑައިގެން ކަންކަން ރަނގަޅު ނޫންކަން ބޮޑުވަޒީރަށް ކިޔައިދެއްވިއެވެ.
ހަމަނުޖެހުންތައް ބޮޑުވެފައިވުމާއެކު ކުރިއަށް އޮތް ގަޑީއިރެއްހާ އިރުވެސް މީހުންތައް ހަސީނާގެ ރަސްމީ ގެކޮޅު ގޯނޯ ބަބަން އަށް ވަނަ ނުދީ ނުހިފެހެއްޓޭނެ ކަމަށް ޖެނެރަލް ބޮޑު ވަޒީރަށް ދެންނެވިއެވެ. އެހެން ނަމަވެސް ޖެނެރަލްގެ ބަސް ބޮޑުވަޒީރުގެ ކުރިފުޅުމަތީގައި ހިނގާ ގޮތެއް ނުވިއެވެ.
މިހިސާބުން އަސްކަރިއްޔާގެ ވެރިޔާ ނިންމެވީ ބޮޑު ވަޒީރުގެ އާއިލާ އިން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށެވެ.
އެއާއެކު ފުލުހުންގެ ވެރިޔާ އާއި އަސްކަރިއްޔާގެ ވެރިޔާ، ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގެ ކޮޓަރިއެއްގައި ބޮޑުވަޒީރުގެ ކޮއްކޯފުޅު ރޭހާނާ ސިއްދީގް އާ ވާހަކަ ދައްކަވާ ބޮޑު ވަޒީރަށް ވިސްނައިދެވޭތޯ ދަންނަވަން އެދުނެވެ.
އެއާއެކު ރޭހާނާ ބޮޑުވަޒީރު ހަސީނާ އަށް ވިސްނައިދެއްވޭތޯ އެތައް މަސައްކަތެއް ކުރެއްވުމުން ވެސް ބޮޑުވަޒީރު ގޮތް ދޫނުކުރައްވާ ބޭނުންފުޅުވީ ވެރިކަމުގައި ހުންނަވާށެވެ.
މިހިސާބުން ގައުމުން ބޭރުގައި ތިއްބެވި ހަސީނާގެ ދެ ބޭފުޅުން ސަޖީބް އާއި ސައިމާ ބޮޑު ވަޒީރަށް ފޯނުން ގުޅުއްވާ އިސްތިއުފާ ދެއްވުމަށްފަހު ގައުމުން ބޭރަށް ވަޑައިގަތުމަށް ދަރިންގެ ހައިސިއްޔަތުން އާދޭސް ކޮށް ދެންނެވިއެވެ. އާއިލާގެ ތެރޭގައި މި މަޝްވަރާތައް ކުރިއަށް ދިޔައިރުވެސް އަސްކަރިއްޔާގެ ވެރިޔާ އެތަނުގައި ހުންނެވިއެވެ. ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ގެ އަނބިކަނބަލުންނަކީ ޝޭޚް ހަސީނާގެ އާއިލީ ބޭފުޅެކެވެ.
އެންމެ ފަހުން އިސްތިއުފާ ދެއްވާ ގައުމުން ވަޑައިގަތުމަށް ހަސީނާ ގަބޫލު ކުރެއްވީ އޭނާގެ ދަރިކަލުންނާއި ދަރިކަނބަލުން އެ ވަރަށް އާދޭސް ދެންނެވުމުންނެވެ. އެއީ އަސްކަރީ ވެރިން އޭނާ އަށް އެރުވި ލަފައެއްގެ މަތިން ހިނގި ކަމަކަށް ނުވިއެވެ. ހަސީނާގެ ދަރިކަލުން ފަހުން ބީބީސީ އަށް ކިޔައިދީފައިވާ ގޮތުގައި، މުޒާހަރާ ކުރާ މީހުންތައް އައިސް ގެކޮޅަށް ވަދެގަންނާނެ ކަމަށާއި، އެމީހުން ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށާއި، އެމީހުން އައިސް ބޮޑުވަޒީރުގެ ފުރާނަ ދުއްވާލާނެ ކަން ގަބޫލު ކުރެއްވީ އާއިލާ އިން ދެންނެވި އާދޭސް ތަކުގެ ސަބަބުން ކަމަށެވެ.
މިހިސާބުން ހޯމަ ދުވަހު ހެނދުނު ހަސީނާ އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ގުޅުއްވާ އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. ހަސީނާ އަކީ ވެރިކަމުގައި އިންޑިއާ އާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. ހަސީނާ އަށް ދިއްލީގައި ތިއްބެވި އިންޑިއާގެ މައިސަރުކާރުގެ އޮފިޝަލުން އެރުވި ލަފައަކީ ގައުމު ދޫކުރައްވާ ވަޑައިގަތުމަށެވެ.
ބީބީސީގެ ދިރާސާ އިން އެނގުނު ގޮތުގައި އޭގެ އެއް ދުވަސް ކުރިން އެމެރިކާ އިން އޮތީ ދޭންވާ މައުލޫމާތު އިންޑިއާ އަށް ދީފައެވެ. ވޮޝިންގޓަނުގެ އޮފިޝަލުން ދިއްލީގެ އޮފިޝަލުންނާ ގުޅާ، ހަސީނާ އަށް އިތުރު ގޮތެއް ނެތް ކަމަށާއި އޭނާގެ ވަގުތު ހަމަވެއްޖެ ކަމަށް ބުނި ކަމަށްވެއެވެ.
އެންމެ ފަހުން އާއިލާގެ ބާރު އެޅުމާއެކު ރުހިވަޑައިނުގަތް ހުންނަވާ އިސްތިއުފާގެ ސިޓީގައި ސޮއިކުރައްވަން ހަސީނާ އެއްބަސްވެ ވަޑައިގަތެވެ.
އިސްތިއުފާގެ ލިޔުމުގައި ސޮއި ކުރެއްވީ ވަރަށް ސިއްރިއްޔާތުގައި ކަމަށްވެއެވެ.
ސްޕެޝަލް ސެކިއުރިޓީ ފޯސް އާއި ޕްރެޒިޑެންޝަލް ގާޑް ރެޖިމެންޓް އާއި އަސްކަރިއްޔާގެ އިސް އޮފިޝަލުންނަށް ނޫނީ ބޮޑު ވަޒީރު އިސްތިއުފާ ދެއްވި ކަމެއް، ފުރާވަޑައިގަތުމަށް ހެލިކޮޕްޓަރަށް އެރުއްވި އިރުވެސް އިތުރު ބަޔަކަށް ނޭގެއެވެ.
ބޮޑު ވަޒީރު އިސްތިއުފާ ދެއްވި ޚަބަރު ސޯޝަލް މީޑިއާގައި ފެތުރުނަ ނުދީ ސިއްރުކޮށްފައި ބޭއްވުމަށް ހޯމަ ދުވަހުގެ ހެނދުނު ބަންގްލަދޭޝްގެ ގަޑިން 10:30 ގައި އިންޓަރނެޓް ޚިދުމަތް ކަނޑާލިއެވެ.
އަސްކަރިއްޔާ އިން އެހިސާބުން ގެންދިޔައީ ހަސީނާ ރައްކާތެރިކަމާއެކު އެއަރޕޯޓަށް ގެންދަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންނެވެ. އެހެން ނަމަވެސް އެއްގަމު މަގުން އެއަރޕޯޓަށް ވަޑައިގެންފި ނަމަ އޭނާ ދަތުރުކުރައްވާ އުޅަނދަށް ހަމަލާ އެއް ދީފާނެ ކަމަށް ބަލާ ނިންމީ ހެލްކޮޕްޓަރެއްގައި އެއަރޕޯޓަށް ގެންދިއުމަށެވެ.
ހަސީނާގެ ދަރިކަލުން ވިދާޅުވެފައިވާ ގޮތުގައި ހެލިކޮޕްޓަރަށް އަރާވަޑައިގަތް އިރުވެސް ޚިޔާލު ބަދަލު ވެދާނެ ކަމަށް އޭނާ ހުންނެވީ ފޯނުން ގުޅައިގެންނެވެ. ހަސީނާ ހެލިކޮޕްޓަރަށް އަރާވަޑައިގަންނަވާކަށް ވެސް ބޭނުންފުޅެއް ނުވެއެވެ. ފުރާވަޑައިގަންނަވާކަށް ވެސް ބޭނުންފުޅެއް ނުވިއެވެ.
ހަސީނާގެ ރަސްމީ ގެކޮޅުން ހެލިކޮޕްޓަރ ނައްޓާލިއިރު އެއަރޕޯޓްގައި ބަންގްލަދޭޝްގެ އެއަރފޯސްގެ މަތިންދާ ބޯޓެއް އޮތީ ފުރަން ތައްޔާރުކޮށްފައެވެ. ބޯޓު ހަސީނާ ގޮވައިގެން ނައްޓާލީ އިންޑިއާގެ ތްރިޕޫރާގެ ވެރިރަށް އަގަރްތަލާ އަށެވެ. އެތަނުން ހަސީނާ ވަޑައިގަތީ އިންޑިއާގެ ވެރިރަށް ދިއްލީ އަށެވެ.
ހަސީނާ ފުރާވަޑައިތުމާއެކު އިންޓަރނެޓްގެ ޚިދުމަތް ބަންގްލަދޭޝް އަށް އަލުން ލިބި މީހުންނަށް ވާނުވާ އޮޅުންފިލުމާއެކު މަގުތަކަށް ނުކުމެ އުފާ ފާޅުކުރަން ފެށިއެވެ. ކުއްލި އަކަށް ފުރާވަޑައިގަންނަވަން ޖެހުމާއެކު އޭނާ ވަޑައިގަތީ ގިނަ ތަކެތި ދޫކުރައްވާފައި ކަމަށް ބެލެއެވެ. އިންޓަރނެޓްގައި އާންމު ވެފައިވާ ވީޑިއޯ އަކުން ފެންނަނީ ތިނެއް ނުވަތަ ހަތަރު ސޫޓްކޭސް ހަސީނާ ދަތުރުކުރެއްވި ބޯޓަށް އަރުވާ މަންޒަރެވެ. ހަސީނާ ފުރާވަޑައިގަތުމާ އެކު އޭނާގެ ގެކޮޅަށް ވަތް މީހުން ދެން ހުރި ހުރިހާ އެއްޗެއް ލޫޓުވާ މަންޒަރު ފެނުނެވެ.
ކުރިން ޑިމޮކްރަޓިކް ލީޑަރެއްގެ ގޮތުގައި ދުށް ބަންގްލަދޭޝްގެ ބޮޑުވަޒީރު 15 އަހަރު އެ ގައުމުގެ ވެރިކަން ކުރެއްވުމަށް ފަހުން އެންމެ ފަހުން މި ޖެހުނީ އޭނާ އެ މަގާމަށް އިންތިޚާބު ކުރި ރައްޔިތުން އިންޓަރނެޓްގެ އަނދިރި ކަމުގައި ބޭތިއްބެވުމަށް ފަހު ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގަންނަވާށެވެ.