ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 23:59
މާލޭގެ މަލަމަތި
މާލޭގެ މަލަމަތި
އިގްތިސާދީ މިނިވަންކަން
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!
 
މުޅި އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް
 
ރާއްޖޭގެ ޑެފިސިޓް 2006 ވަނަ އަހަރުން ފެށިގެން އަރަނިވެފައެއް ނެތް
 
މިއަހަރު ނިމުމުގެ ކުރިން 41.6 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި އަރާނެ ކަމަށް ވަނީ ލަފާކޮށްފައިވޭ

އިނގިރޭސީންގެ އިސްތިއުމާރީގެ ދަށުން މިނިވަންކަން ލިބުނުތާ 52 އަހަރު ވެގެންދިޔަ އިރު، މިދުވަހަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަަރަށް ބޮޑު ކާމިޔާބީއެވެ. މިނިވަންކަމުގެ ވާހަކަ ދައްކާއިރު، މިގައުމުގައި މިނިވަންކަން މިއަދު އޮތް މިންވަރާމެދު ގިނަ ބަޔަކު ދަނީ ތަފާތު އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.

މިނިވަންކަމުގެ ވާހަކަ ދައްކާއިރު އިގްތިސާދީ މިނިވަންކަމަކީ ކޮބައިތޯ ބަލައިލަންޖެހެއެވެ. އިގްތިސާދީ މިނިވަންކަންކަމަކީ ކޮބައިތޯ ބަލާނަމަ ބުނެވޭނީ، ގައުމުގެ މުދާވެރިކަމުގެ ބޮޑުބައި އެގައުމުގެ ރައްޔިތުންގެ ކޮންޓްރޯލުގެ ދަށުގައި ހުރުމެވެ. އޭގެ މަނާއަކީ، އިގްތިސާދީ މިނިވަންކަން ލިބޭ ނަމަ، ރައްޔިތުން ސަރުކާރާއި ފޯރާ މީހުންގެ ގާތަށް ސަލާންޖަހަން ނުޖެހޭނެ އެވެ. އެެހެން ނަމަވެސް، ފެށުނީއްސުރެވެސް ރާއްޖޭގައި ވަނީ މިފަދަ ސަގާފަތެއް އަށަގަނެފައެވެ. ފުރިހަމަ އިގްތިސާދީ މިނިވަންކަމެއް ބޭނުންވާ ނަމަ، ރައްޔިތުންވެސް އަދި ސަރުކާރުން އިސްވެ މިފަދަ ކަންކަން ބަދަލުކޮށް، ރައްޔިތުންނަކީ ފުދުންތެރި ދިރިއުޅެއްގައި އުޅޭ ބަޔަކަށް ހަދަންޖެހެ އެެވެ.

އިގްތިސާދީ، ފުރިހަމަ މިނިވަންކަމުގެ މީރުކަން ރައްޔިތުންނަށް ގެނެސްދިނުމަށްޓަކާއި ސިޔާސީ ނުފޫޒުން އެއްކިބާވެ، ހުރިހާ ރައްޔިތުންނާމެދު ހަމަހަމަ ކަމާއި އެކު އެއިރެއްގައި އޮންނަ ސަރުކާރަކުން އަމަލުކުރެވެހެން ޖެހެ އެވެ. މުޒާހަރާ ކުރިއަސް، ސަރުކާރަކުން ހިތްހަމަނުޖެހޭ ހިޔާލެއް ފާޅުކުރިއަސް، ނުވަތަ، ސަރުކާރު ބޭނުންނުވާ ބަޔަކާއި ގުޅުނަސް، އިގްތިސާދީ ކަންކަމުގައި، އެއްވެސް ފަރާތަކާމެދު ހިޔާލު ތަފާތު ކޮށްގެން ނުވާނެ އެވެ.އެހެން ނަމަވެސް މި ގައުމުގައި ކަަންކަން ހިނގަނީ މިގޮތަށްތޯ، މިނިވަންކަން ފާހަގަކުރާ މިފަދަ ދުވަހެއްގައި މިއީ ކޮންމެ ފަރުދަކުވެސް ވިސްނަންޖެހޭ ކަމެކެެވެ.

ސަރުކާރަށް ދެކޮޅުހަދާ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކޮންމެ ދަނޑިވަޅެއްގައި ގާސިމްގެ ކުންފުނި، ވިލާ ކުންފުނީގެ މައްސަލަތައް ފެންމަތިވެގެންދާ މަންޒަރު ފެނިގެންދެ އެވެ. ކޯޓުތަކުގައި ވިލާ ކުންފުންޏާއި ގުޅޭ މައްސަަލަތަށް ޝެޑިއުލްކުރާ ވަރު އިތުރުވެ އެވެ. ގާސިމަށް ކުރިން ދީފައިވާ ބިންތައް ނުވަތަ ރަށްތަކުގެ އެގްރީމެންޓްތައް ބާތިލްކުރި އެވެ. ނުވަތަ ކުންފުނިން ދައްކަންޖެހޭ ޓެކްސް ނުދައްކާ މައްސަލަވެސް ފެންމަތިވެގެންދެ އެވެ. ހަގީގަތުގައިވެސް، އެއްވެސް ފަރާތަކުން ނުވަތަ ވިޔަފާރިއަކުން ގާނޫނާ ހިލާފުވެގެންނުވާނެ އެވެ. އެފަރާތްތަކުން އަމަލުވެސް ކުރަންޖެހޭނީ، ގާނޫނީ ހުދޫދުގެ ތެރެއިންނެވެ. ސަރުކާރަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަންޖެހޭނެ އެވެ.

އެހެން ނަމަވެސް ވަކި ކަމަކަށް ގުޅުވައިގެން، ނުވަތަ ސިޔާސީ ހިޔާލު ތަފާތުވުންތައް ކުރިމަތިވާ ކޮންމެ ދަނޑިވަޅަކު، އެމީހެއްގެ ވިޔަފާރިއާ ދިމާކުރުމުން، ހަގީގަތުގައިވެސް އެކަން ކުރީ އެންމެ ރަގަޅަށް ކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ އެވެ.

ގާސިމްގެ ވިޔަފާރިއަށް ކުރިމަތިކުރާ، ފިއްތުންތަކަކީ، ހަމައެކަނި، އޭނާގެ އާއިލާއަށް ކުރިމަތިވާނެ ވިޔަފާރި އެއް ނޫނެވެ. މިލިއަނުން ވިޔަފާރިކުރާ ވިޔަފާރިވެރިއެއްގެ ދަށުގައި ހާހުން ގުޅާލެވޭ މުވައްފަޒުން ތިބޭނެ އެވެ. އޭނާގެ ވިޔަފާރިއަށް ފޮނުވާ މިފަދަ ކޮންމެ ހަމަލާއެއްގެ ޝިކާރައަށް މި މުވައްޒަފުންވެ އެވެ.

ނަތީޖާއެއްގެ ގޮތުން، އެ މުވައްޒަފުންނަށް، އިތުރުގޮތްތައް ހޯދަންޖެހި، އާއިލާތައް ބިކަވެގެންދެއެވެ. އިގްތިސާދީ މިނިވަންކަމުގެ ވާހަކަ ދައްކާއިރު 2016 ވަނަ އަހަރުގެ ނިއަލަށްވެސް ރާއްޖޭގެ ދަރަނި ހުރީ، 36.9 ބިލިއަން ރުފިޔާގަ އެވެ. އެެއީ ގައުމުގެ އުފެއްދުންތެރި ކަމުގެ ނިސްބަތަށް ބަލާ އިރު ދަރަނީގެ މިންވަރަކީ 64 އިންސައްތަ އެެވެ. އެއީ 2015 ވަނަ އަހަރުގެ ނިއަލަށް ޖުމްލަ ދަރަނި ހުންނަ މިންވަރަށް ވުރެ 11 އިންސައްތަ އިތުުރު މިންވަރެކެވެ. މިއަހަރު ނިމުމުގެ ކުރިން 41.6 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ދަރަނި އަނބުރާ އަދާކުރުމުގެ ހަރަދަށް ބަލާ އިރު 2016 ވަނަ އަހަރު 2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރުު 2017 ވަނަ އަހަރު އަނބުރާ އަދާކުރުމަށް 2.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ. މިއަހަރަށް ލަފާކުރާ ބަޖެޓަކީ 26.7 ބިލިއަން ރުފިޔާ ކަމަށްވާ އިރު އޭގެ ތެރެއިން ގާތްގަނޑަކށް 3 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ދެއްކުމަކީ ބޮޑު ހަރަދެކެވެ

މީގެ އިތުރުން 2016 ވަނަ އަހަރު އެކަނި ސަރުކާރުން ނަގާފައިވާ ލޯންތަކަށް ބަލާ އިރު ބައިނަލްއަގްވާމީ އިދާރާތަކުން އެކަނިވެސް 300 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯން ވަނީ ނަގާފަ އެވެ. އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 100 މިލިއަން ޑިލަރާ، ޗައިނާ އެގްޒިމް ބޭންކުން 67 މިލިއަން ޑޮލަރުގެ އިތުރުން އޯފިޑުން 50 މިލިއަން ޑޮލަރު ވަނީ ނަގާފަ އެވެ. މި ލޯންތައް ނަގާފައިވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖްގެ މަޝްރޫއު ފަދަ މަޝްރޫއު ތަކަށެވެ. ރާއްޖޭގެ ދަރަނީގެ އަދަދު އަހަރުން އަހަރަށް އިންތިހާއަށް ބޮޑުވަމުންދާ އިރު ކޮންމެ އަހަރަކު ބޭރުގެ މާލީ އިދާރާތަކުން ނަގާ ލޯންތަކުން މިދަރަނި ދާނީ ބޮޑުވަމުންނެވެ.

ރާއްޖޭގެ ޑެފިސިޓް 2006 ވަނަ އަހަރުން ފެށިގެން އަރަނިވެފައެއް ނެތެވެ. މި ފާއިތުވެދިޔަ ތިން އަހަރު ފާހަގަކުރެވިގެންދަނީ ދަރަނި އިންތިހާ ދަރަޖައަށް އިތުރުވަމުން އަންނަ މަންޒަރެވެ.

ރާއްޖޭގެ ލޯނުނަގާފައިވާ ވަރާއި، ދަރަނީގެ ހާލަތު މިފަދަ ހާލަތެއްގައި، ހުރި އިރު މިއަހަރު ވަނީ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއްވެސް ވިއްކާފަ އެވެ. މިއީ ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ އެވެ. މިފަދަ ގޮތަކަށް ރާއްޖޭގެ ހާލަތު އޮތް އިރު އިގްތިސާދު މިނިވަނޭ ބުނާނީ ކިހިނަކުން ހެއްޔެވެ.

ރާއްޖޭގެ އިގްތިސާދު، ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައިވާ އިރު، ގިނަ ރިސޯޓްތައް ނިސްބަތްވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ މަޝްހޫރު ކުންފުނިތަކަށެެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާ ބޭރުވެގެންދެ އެވެ. ބޭރުވާ ފައިސާގެ އިތުރަށްވެސް، ފަތުރުވެރިކަމުގެ ދާއިރާއަކީ، ނާޒުކު އިގްތިސާދީ ބައެކެވެ. ޓެރަރިޒަމްގެ އަމަލުތަކުގެ އިތުރަށް ގުދުރަތީ ކާރިސާކާއި، ސިޔާސީ ހަަލަބޮލިކަމުގެ ސަބަބުން، ވެސް މިއީ ވަރަށް ބޮޑަށް އަަސަރުކުރާ ދާއިރާއެކެެވެ. މީގެ އިތުރަށް، ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކުގެ ސަބަބުންވެސް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދަށް އަސަރު ކުރެ އެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސާދަކީ ޑައިވަސިފައިވެފައިވާ، އަމިއްލަ މަސައްކަތްތަކެއް ކުރާ، މިނިވަން ބަޔަކަށް ވާންޖެހެއެވެ.

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި މުއާސަލާތީ ދާއިރާ އާއި ކޮންސްޓްރަކްޝަންގެ ދާއިރާ އިތުރަށް ފުޅާކޮށް، އިގްތިސާދުގައި ބެލެންސްއެއް ގެނެސްގެން ނޫނީ، ރާއްޖެއަށް ފުރިހަމަ އިގްތިސާދީ މިނިވަންކަމުގެ އުފަލެއް ނުލިބޭނެ އެވެ.

ސިންގަޕޫރުފަދަ ގައުމަކަށް ވުމަށް ރާއްޖެ މަސައްކަތް ކުރަމުންދާ އިރު، ސިންގަޕޫރުފަދަ ލޯންގްޓާމް ސްޓްރެޓެޖިކް ޕްލޭނެއް ބޭނުންވެ އެވެ. އަދި އެ ޕްލޭނަކީ "ވިޝްލިސްޓް" އެއްގެ ބަދަލުގައި ރިއަލިސްޓިކް އަމަލީ ގޮތުން ކަންކަން ކުރެވޭނެ ފަދަ ޕްލޭނަކަށް ވާންޖެހެ އެވެ. މީގެ އިތުރުން އެ ޕްލޭނަކީ ގާނޫނީގޮތުންވެސް އޭގެ ބާރުފޯރުވޭ، މުޅި ރާއްޖެއަށް ފައިދާ ކުރަނިވި ޕްލޭނަކަށް ވާންޖެހެ އެވެ.

ރާއްޖޭގައި 80 ހާސް ބިދޭސީން މަސައްކަތުގެ މާއިދާނުގައި އުޅޭ އިރު ގިނަ ބަޔަކު ގަވައިދާ ހިލާފަށްވެސް މަސައްކަތް ކުރަމުންދެއެވެ. އެހެން ކަމުން ރާއްޖޭގައި ބިދޭސީން އުޅޭ ހަގީގީ އަދަދުވެސް ސާފު ނުވެ އެވެ. ހަމަގައިމުވެސް، މިއީ ރާއްޖޭއިން ބޭރުވާ ފައިސާއެެވެ.

މީގެ އިތުރުން ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސް، އެއް ބިލިއަން ޑޮލަރަށް ވުގެ ބޮޑު އިންވެސްޓެއް ކުރާ ފަރާތްތަކަށް ވަނީ އެފުރުސަތު ހުޅުވާލެވިފަ އެވެ. މިއީ ކަންބޮޑުވާ މައްސަލައަކަށްވާއިރު، ރައީސް ޔާމީން ފޫގަޅުއްވައިގެން ހުންނެވީ މިކަން ކުރެއްވުމަށެވެ. މިއީ ރާއްޖޭގެ އަސްލުގޮތް ގެއްލި، އިގްތިސޯދުގެ މިނިވަންކަން ވެސް މުޅިން ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމެކެވެ.

ރާއްޖޭގެ އިގްތިސޯދު ރަނގަޅުކަން ދެއްކުމަށް ބޮޑެތި ލޯންތައް ނެގުމާއި ސޮވެރިން ބޮންޑު ވިއްކަމުން ދިއުމަކީ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މިހާރު ވެސް ބަޖެޓް ދަރަނިވެރިވަމުންދާއިރު، މިކަންކަން ގޯސް ގޮތަކަށް ހިނގެއްޖެ ނަމަ ރާއްޖެ ސިޔާދަތުގެ ދަރަނިވެރިކަމަށް ވެއްޓުން ގާތެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
23%
23%
23%
15%
15%
0%
ކޮމެންޓް
26 ޖުލައި 2017 | ބުދަ 07:12
މަލީޙް
އަދަދުތައް ދިމާ ނުވޭ. ކާރިވެސް ނުވޭ!