ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 21:35
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަނީ
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަނީ
ރާއްޖެ އެމްވީ
އެމްޑީޕީ/ޕީޕީއެމް
ޕީޕީއެމަށް ބާރުތައް ދިނުމާއި އެމްޑީޕީއަށް ބާރުތައް ދިނުން، ވަރަށް ތަފާތު!
 
ސަރުކާރާއި ދައުލަތުގެ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ފެނޭތޯ މަޖިލީހާއި އޭސީސީ އަދި އޮޑިޓް އޮފީސް އެތިބީ ބަލަބަލާ
 
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން، އެމްޑީޕީގެ ސަރުކާރު ޒިންމާދާރު ކުރުމުގައި ވެސް އިދިކޮޅު މެމްބަރުންނަށްވުރެ ކުރީގައި އުޅެނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން
 
ޕީޕީއެމް ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދިނުމުން، މަޖިލީހުގައި އެޅުވީ "ތަޅު"، ސުޕްރީމް ކޯޓުގެ ފުރާޅުން ނެއްޓީ "ޓިނު"

ދިވެހިރާއްޖޭގައި އަބަދުވެސް އޮންނަނީ މައިގަނޑު ދެ ފިކުރެކެވެ. އެއީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް ކަން ހިނގާގޮތެވެ. މައިގަނޑުގޮތެއްގައި އޮންނާނީ ދެ ޕާޓީއެކެވެ. އެއީ ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީއެވެ. ހަމަ އެގޮތަށް މިރާއްޖޭގައި ވެސް ކަން އޮތީ އެގޮތަށެވެ.

މިހާރު ޢަމަލު ކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ކުރިން، ކުރީގެ ރައީސް މައުމޫންގެ އިޞްލާޙީ އެޖެންޑާގެ ދަށުން ސިޔާސީ ޕާޓީތަށް ހެދުމުގެ ފުރުޞަތު ހުޅުވާލި އެވެ. އެގޮތުން އެންމެ ފުރަތަމަ އުފެދުނީ އެމްޑީޕީއެވެ. ދެން އޭރުގެ ސަރުކާރު ހިންގަމުންދިޔަ ރައީސް މައުމޫން ނިޞްބަތްވާ ޑީއާރުޕީ އުފެދިގެން ދިޔައެވެ. އަދި އޭގެ ފަހުން 13 ވަރަކަށް ސިޔާސީ ޕާޓީ އުފެދިގެން ދިޔައެވެ. އޭގެ ތެރެއިން ބައެއް ޕާޓީތައް ނެތިގޮސް އަލަށް ވުޖޫދުވި ޕާޓީތައް ވެސް އެބައުޅެއެވެ. އެހެންނަމަވެސް އޭރުވެސް ރާއްޖޭގައި އޮތީ، ދެފިކުރެވެ. އެއީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ފިކުރާއި އިދިކޮޅު އެމްޑީޕީގެ ފިކުރެވެ. އެމްޑީޕީގެ ފިކުރު އޭރުވެސް އެ އޮތްގޮތަށް މިއަދުވެސް އެބައޮތެވެ. ނަމަވެސް އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ފިކުރު މަޑުމަޑުން ފަނޑުވަމުން ގޮސް މިހާރު މައުމޫންގެ ފިކުރެއް ނުވަތަ ސަޕޯޓެއް ނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ އައު ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި 6 ރިޔާސީ ކެންޑިޑޭޓުން ވާދަކުރި ނަމަވެސް ގިނަ ބޭފުޅުންނަށް ކިރިޔާ ޕާޓީއެއް އުފެއްދޭ މިންވަރު ކަމަށްވާ 3000 ވޯޓު ކިރިޔާ ލިބުނުފަދައެވެ. ބައެއް ކެނޑިޑޭޓުންނަށް އެވަރުވެސް ނުވިއެވެ. އޭރުވެސް ގިނަ މީހުން ބުނަމުންދިޔައީ ރައްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރަކާއި އެމްޑީޕީގެ ފިކުރެއްކަމަށެވެ.

އައު ޤާނޫނުއަސާސީއާއެކު 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ، އޭރު ވެރިކަން ކުރަމުންދިޔަ 30 އަހަރުގެ ވެރިކަން ނިންމައި، ރައްޔިތުންގެ ވެރިކަމެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގަވެ. ނަމަވެސް ވެރިކަން އެމްޑީޕީއަށް ލިބުނަސް ހިންދެމިލެވޭގޮތެއް ނުވިއެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ދަށުން، އެމްޑީޕީއަށް ލިބުނީ ހަމައެކަނި ރައީސުލްޖުމްހޫއްޔާގެ މަޤާމު އެކަންޏެވެ. ބަދަލުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ފަރާތެވެ. ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ އޮތީ ބަދަލުނުވެ، "ރޯހާލާ" އެވެ.

ވެރިކަމާ ހަވާލުވެ، ރައީސް ނަޝީދާއި، އެމްޑީޕީން ބުނަމުން ދިޔައީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށެވެ. އެހެން ނޫންނަމަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ. އޭރުގެ އިދިކޮޅުގައި ތިއްބެވި 30 އަހަރުގެ ސަރުކާރުގެ ވެރިން ވިދާޅުވަމުން ގެންދެވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ހުދުމުހުތާރުކަން ދައްކާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު މެމްބަރުންނަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށް އެބޭފުޅުން ގޮވާލައްވަމުން ދިޔައެވެ. ކަންވީވެސް އެގޮތަށެވެ. ޖެހިގެންއައި 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނީ އޭރުގެ އިދިކޮޅު ޕާޓީތަކަށެވެ. ދެންކަންތައް ދިޔަގޮތް ވަރަށް ސާފެވެ. މަޖިލީހުގެ ތެރެއިން ރައީސް ނަޝީދުގެ ސަރުކާރަށް ޖެއްސުންވާނެހާ ހުރިހާ ކަމެއް ކުރަމުންދިޔަ އެވެ. ޖުޑީޝަރީގެ ތެރެއިން ކުޅެމުންދިޔައީ އިދިކޮޅަށެވެ. ޖުޑީޝަރީވެސް އޮތީ "ހޭބޯނާރާ" ސަރުކާރަށް ޖެއްސުންކުރުމުގައެވެ. ނަތީޖާއަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ތިން އަހަރުގެ ތެރޭގައި ބަޣާވާތަކުން ވެރިކަން ވައްޓާލުމެވެ.

ދެން އައީ 2013ގެ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގައި އިދިކޮޅުގައި އެމްޑީޕީ އެކަނިމާއެކަނި ވާދަކޮށް، ރައީސް ނަޝީދު ވަނީ އިދިކޮޅު ހައިރާންކޮށްލާފައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާޠިލުކުރިއިރު ރައީސް ނަޝީދު އެކަނިމާއެކަނި 48 އިން ސައްތަ، ނުވަަތަ 105،000 ވޯޓު ހޯއްދެވި އެވެ. އޭރު، ބަޣާވާތަކުން ވެރިކަމަށް އަރާވަޑައިގެން ހުންނެވި މުޙައްމަދު ވަޙީދު ހަސަން މަނިކަށް ލިބިލެއްވީ އެންމެ 5 އިން ސައްތަ ވޯޓެވެ. އެއީ ބަޣާވާތް ކުރުމުގެ ހިތި ނަތީޖާއޭ ބައެއް ފަރާތްތަކުން ބުނަމުންދިޔައެވެ.

ކޮންމެއަކަސް، ސުޕްރީމް ކޯޓުގެ ޢަމުރުތަކާއެކު، 2013ގައި ބޭއްވި ރިޔާސީ އިންތިޚާބު ޕީޕީއެމްގެ ޓިކެޓުގައިި ވާދަކުރެއްވި ރައީސް ޔާމީން ކާމިޔާބު ކުރެއްވި އެވެ. ދެން ފެނިގެންދިޔައީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ހަމަ އެއްކަލަ ގޮވެލިފަތި، ދެޕާޓީން ވެސް ގޮވަން ފަށައިފިއެވެ. އެމްޑީޕީން ބުނަމުން ދިޔައީ ރައީސް ޔާމީނުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭން ހެޔޮނުވާނެ ކަމަށެވެ. ޕީޕީއެމުން ބުނަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އެންމެފަހުން މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދައިފިއެވެ.

ނަތީޖާ ވަރަށް ހިތްޗެވެ. ޖެހިގެން އައި 2015 ވަނަ އަހަރަކީ ދިވެހި ދައުލަތުން އެންމެ ބޮޑެތި ވައްކަންތައް ފަޅާއެރި އަހަރެވެ. ބޮޑެތި އެތައް ޖަރީމާއެއް ސަރުކާރުން ހިންގިއެވެ.

ފުރަތަމަ ފެންމަތިވީ، 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު އެމްޕީއެލުން ނެގި 77 މިލިއަން ރުފިޔާއާއި، އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ވާހަކަ އެވެ. ފަހުން އެނގުނު ގޮތުގައި އެ ފައިސާ ޚަރަދު ކުރީ ސަރުކާރު ކޯލިޝަނުގެ މެޖޯރިޓީ ހޯދަން ހިންގި ކެމްޕެއިނަށާއި މެންބަރުން ގަތުމަށެވެ. އެހުރިހާ ސަކަރާތެއް ޖެހުމަށްފަހު، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދުމަށްފަހު، މަޖިލީހަކީ ސަރުކާރުގެ "ރަބަރ ސްޓޭންޕް"ގެ ގޮތަށް ބަދަލުކުރައްވާފަ އެވެ.

ކުރިން ވެސް ބުނިގޮތަށް 2015 ވަނަ އަހަރުން ފެށިގެން ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެންދެން ރައީސް ޔާމީން އުޅުއްވަން ޖެހިވަޑައިގެންނެވީ، ޤައުމު ކުއްލި ނުރައްކަލުގެ ޙާލަތުގައި ބާއްވައިގެން ޤައުމު ހިންގުމަށެވެ. އެ ޙާލަތު ރައީސް ޔާމީނަށް ކުރިމަތިވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނުވަތަ އިދިކޮޅު ލީޑަރެއްގެ ސަބަބަކުން ނޫނެވެ. އެއީ ހަމަ ރައީސް ޔާމީނުގެ ސަރުކާރުގެ ތެރެއިން އައި ކަންތައްތަކެވެ. ރައީސް ޔާމީނުގެ އަރިސް ބޭފުޅުންގެ ކިބައިންނެވެ. އެބުނާ ރިޔާސީ ލޯންޗުކޮޅެއް ގޮއްވާލުމުގައި އިދިކޮޅު އެއްވެސް ބައެއްގެ އަތެއް، އަދި ތުހުމަތެއްވެސް ނެތެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ނުވަތަ ތުހުމަތު ކުރެވޭ ބޭފުޅުން ނިޞްބަތްވަނީ ޕީޕީއެމް ކޯލިޝަނުގެ މަޖިިލިސް މެންބަރުންގެ މައްޗަށާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށެވެ.

ޕީޕީއެމްގެ ސަރުކާރަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމުން، ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭގޮތަށް ޤާނޫނުއަސާސީއަށް ބަދަލު ގެނައެވެ. އަދި ވަކިވަކި މީހުންނަށް ޓާގެޓްކޮށް، ޤަނޫނުތަކަށް އިޞްލާޙު ގެނައެވެ. އެގޮތުން ރައީސް މައުމޫނަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭގޮތަށް ވެސް ޤާނޫނުއަސާސީއަށް ބަދަލު ގެންނެވި އެވެ. ބިޑަކާ ނުލާ ރާއްޖޭގެ ފަޅު ރަށްތަކާއި، ފަޅުތަކާއި، ފަރުތައް އަދި ބިންތައް ވިއްކޭނެގޮތަށް ޤާނޫނުތައް ބަދަލުކުރިއެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ޖަލަށްލުމަށްފަހު، ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ޕާޓީތަކުގެ ލީޑަރުންގެ ކިބައިން އެމަޤާމު ގެއްލުވާލުމަށް، ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ބަދަލު ގެނައެވެ. އެންމެފަހުން އާޚިރުގައި "އެކަންވެސް އެލައްވާލީ" އެކަންކުރެއްވި ރައީސް ޔާމީނަށެވެ. މިހާރު ރައީސް ޔާމީނަކީ ޕީޕީއެމްގެ ޢާންމު މެންބަރެކެވެ. ޕީޕީއެމްގެ ރައީސްގެ މަޤާމުން، ރައީސް ޔާމީން އެވަނީ އެމަނިކުފާނުގެ ޕާޓީން ފާސްކުރި، އަދި އެމަނިކުފާނު ތަޞްދީޤުކުރެއްވި ޤާނޫނަކުން ގެއްލިފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންނާ ގުޅުންހުރި، އަދި ސަރުކާރުގެ ކޮރަޕްޝަނާއި ޚިޔާނާތުގެ އެތައް މައްސަލަތަކެއް އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅި ނަމަވެސް އެއިން ކަމަކަށް ބަހުޘްކޮށްލައި، އެމައްސަލައެއް ބަލާލަންވެސް ސަރުކާރު ކޯލިޝަން މެންބަރުން ބޭނުމެއް ނުވިއެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށް އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ކުރެވިފައި ނުވާތީ، ސަރުކާރުން ދިޔައީ ބޭނުންހާކަމެއް ބޭނުންގޮތަކަށް ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގަމުންދިޔަ ބައެއް ބޮޑެތި މަޝްރޫޢުތައް ހުއްޓުވާ، ބައެއް އެއްބަސްވުންތައް ބާޠިލު ކޮށްފައިވެއެވެ. އެއްބަސްވުންތައް ބާޠިލުކުރުމުގެ ސަބަބުން މިހާރުވެސް ދައުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކިއެކި ފަރާތްތަކަށް 6 ބިލިއަން ރުފިޔާ މިވަނީ ދައްކަން ޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ގެއްލުމުގެ ބަދަލު ދިނުން ނޫންކަމެއް ނެތްފަދައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް ދިނުމުން ދައުލަތުގެ ޚަޒާނާ ލޫޓުވާލައި، ދައުލަތަށް ބޮޑެތި ގެއްލުންތައް ދިންއިރު، ސަރުކާރު ޒިންމާދާރު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމަކު މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތަފާތު ނޫންތޯ އެވެ.

އަނިޔާވެރިވެރިއެއްގެ ކިބައިން ދިވެހި ރައްޔިތުންނާއި ދައުލަތް ސަލާމަތްކޮށް، ވެރިކަން ޙަވާލުކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ މަޑުމައިތިރި، ވިސްނުންތެރިކަމާއެކު މަޝްވަރާގެ ރީތި އުޞޫލުން ކަންކަން ނިންމަވާ ބޭފުޅެކެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ސަރުކާރު ހިންގަމުން ގެންދަވާއިރު، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިޔތުންގެ މަޖިލީހާ ހާސް ބައި ތަފާތު ނޫންތޯ އެވެ. ސަރުކާރު ޒިންމާދާރު ކުރުމުގައި އިދިކޮޅު މެންބަރުންނަށްވުރެ ކުރީގައި އުޅެނީވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ނޫންތޯ އެވެ. ޖުޑީޝަރީ އިޞްލާޙު ކުރުމުގައި ވެސް ސަރުކާރާއެކު މަސައްކަތް ކުރުމުގައި އަވަދިނެތި އުޅެނީވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ނޫންތޯ އެވެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރުން ހާޒިރު ކުރަންޖެހޭނަމަ، އެކަން ކުރުމަށްވެސް އެމްޑީޕީން ފަހަތަކަށް ނުޖެހޭ ނޫންތޯ އެވެ. ސަރުކާރުން ހުށަހަޅާ ބިލުތައް، އެބިލުތައް އޮތްގޮތަށް ފާސްކުރުމުގެ ބަދަލުގައި، ވަރަށް ފުޅާދައިރާއެއްގައި މަޝްވަރާކޮށް، މަޖިލީހުން ބިލުތައް ނިންމަމުންދާތަން އެބަފެނޭ ނޫންތޯ އެވެ.

މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް މަޖިލިސް ހިންގަމުންދާއިރު، ޖަލްސާތައް ބާންވަންޖެހޭ ވަގުތުތަކުގައި ބަރާބަރަށް ބާއްވަމުންދާތަން ރައްޔިތުންނަށް އެބަފެނޭ ނޫންތޯ އެވެ. ކޮމެޓީތަކުގެ މަސައްކަތްތައް ހިނގަމުންދަނީ "ފަތުއަޑުކިޔާފަ" ނޫންތޯ އެވެ. މި ސަރުކާރާއި މި މަޖިލީހުގައި "ބުންވަރު" ހުރިކަން އެދަނީ ދައްކަމުން ނޫންތޯ އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް "ނީލަމުގައި ވިއްކާލި" ނަމަވެސް މިހާރު އެބާރުތައް އެވަނީ 19 ވަނަ މަޖިލީހުން އަލުން ހޯދާފައެވެ. ރައްޔިތުންގެ އިތުބާރު މަޖިލީހުން އަނބުރާ ހޯދައިފިއެވެ. ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާ މަންޒަރު ވަރަށް ސާފުކޮށް އެބަފެނެއެވެ. އިދިކޮޅު މެންބަރުންނަށް މަޖިލީހުގައި ވަރަށް ރަނގަޅަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބިދީފައި ވެއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވީނަމަވެސް ބޮޑާވެ ކިބުރުވެރިވެގެން ނޫޅުއްވައެވެ. މައިނޯރިޓީގެ އަޑުވެސް އަހަމުން ދެއެވެ. އަދި ބިލުތަކާއި ޤަރާރުތަކާއި މައްސަލަތައް މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު މެންބަރުންނަށް ވަރަށް ފުޅާދާއިރާއެއްގައި ވަނީ ފުރުޞަތު ލިބިދީފަ އެވެ. ބަހުޘް ކުރުމަށް ދޭ ފުރުޞަތުގައި އެއްވެސް ތަފާތު ކުރުމެއް ނެތި، މަޖިލީހުގެ ރައީސް އިދިކޮޅު މެންބަރުންނަށް ވެސް ދެއްވައެވެ. ޚާއްޞަކޮށް، ރައްޔިތުންނާ ގުޅުންހުރި ޙައްޞާޞް މައްސަލަތަކުގައި އިދިކޮޅުގެ ވިސްނުން ހުރިގޮތެއް ބެލުމަށް އިދިކޮޅު މެންބަރުންނަށް ބަހުޘް ކުރުމަށް ވަގުތު އިތުރުކޮށްދެއްވައި ފުރުޞަތު ދެއްވައެވެ. އިދިކޮޅު މެންބަރުންނަށް އިހުތިރާމު ކުރެއެވެ. ކޮމެޓީތަކުގައި ވެސް އެކަން އެގޮތަށް ހިނގަމުންދެއެވެ.

އެހެންކަމުން ރައީސް ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގި ޕީޕީއެމް ކޯލިޝަނަށް ދިނުމުން ކަން ހިނގާދިޔަގޮތާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމާ އުޑާ ބިމާހާ ތަފާތެވެ. ރައީސް ޔާމީނުގެ ސަރުކާރާއި، އޭރު ހިނގަމުންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާ ގުުޅިގެން ކުރީ ދައުލަތުން ވައްކަން ނޫންތޯ އެވެ. ހިންގީ ޖަރީމާ ނޫންތޯ އެވެ. ނަމަވެސް ރައީސް ޞާލިޙުގެ ސަރުކާރާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރަމުންދަނީ ޤައުމު ހަމަ މަގަށް އެޅުވުުގެ މަސައްތަކުގެ އިތުރުން ރައްޔިތުންގެ ލާބައާ މަންފާއަށް ހުރިކަންކަން ނޫންތޯ އެވެ. ޖުޑީޝަރީ އިޞްލާޙު ކުރުމާއި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ނޫންތޯ އެވެ.

އެމްޑީޕީއަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ލިބުމުން ހުދުމުހުތާރުކަން ދައްކާނެކަމަށް ބުނާނަމަ، އެބުނާ ހުދުމުހުތާރުކަމަކީ ޤައުމު ހަމަ މަގަށް އެޅުވުން ނޫންތޯ އެވެ. އަދުލުއިންސާފު ޤާއިމު ކުރުން ނޫންތޯއެވެ. އެހެންކަމަށްވާނަމަ، ހުދުމުހުތާރު ވެގެންވިޔަސް، ދައުލަތުގެ ހިންގުމުގެ ނިޒާމު ރަނގަޅުކުރަން އެބަޖެހޭ ނޫންތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް