ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާގެ މައްޗަށް ގަތަރުގެ އެންމެ ބޮޑު މިސްކިތް ކަމުގައިވާ އިމާމް މުހައްމަދު ބިން އަބްދުލް އަލް-ވައްހާބް ގައި ހުކުރު ދުވަހު އޮތް ކަށު ނަމާދުގައި އެތައް ހާސް މީހުން ބައިވެރިވެއްޖެއެވެ.
ވަރުގަދަ ސަލާމަތީ ފިޔަވަޅު ތަކާއެކު ކުރިއަށް ދިޔަ ހަނިއްޔާ ގެ ޖަނާޒާގައި ގަތަރުގެ އަމީރު ޝޭޚް ތަމީމް ބިން ހަމަދު އަލް-ތާނީ ބައިވެރިވެ ވަޑައިގަތެވެ.
ޖަނާޒާގައި އާންމުންގެ އިތުރުން ފަލަސްތީނުގެ އެކި ޖަމާއަތްތަކުގެ އިސް މަންދޫބުންނާއި، ހަނިއްޔާގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވެފައިވެއެވެ. ހަނިއްޔާގެ ޖަނާޒާގައި އަރަބި އަދި އިސްލާމީ ގައުމުތަކުން އިސް މަންދޫބުން ބައިވެރިވި ކަމަށް ހަމާސް އިން ބުނެފައިވެއެވެ. އީރާނު ޖަނާޒާގައި ބައިވެރިވި ވަފުދުގެ އިސް ވެރިޔަކަށް ހުންނެވީ އެ ގައުމުގެ ނައިބު ރައީސް މުހައްމަދު ރިޒާ އާރިފް އެވެ.
ގިނަ އިސްލާމީ ގައުމުތަކުގައި ހުކުރު ނަމާދަށް ފަހު ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން އޮތެވެ.
ކަށު ނަމާދަށް ފަހު ހަނިއްޔާ ފަސްދާނު ލުމަށް ހަމަޖެހިފައިވަނީ ދޯހާ ގެ އުތުރުން އޮންނަ ލުސާއިލް ގަބްރުސްތާނުގައެވެ.
ގަތަރުގެ ދޯހާ އަކީ ހަނިއްޔާ ދިރިއުޅުއްވަމުން ގެންދެވި ސިޓީގެ އިތުރުން ހަމާސްގެ ސިޔާސީ މަސައްކަތްތަކުގެ މައި މަރުކަޒު ކަމުގައި ވެފައި އޮތީ ވެސް ދޯހާ ކަން ފާހަގަ ކުރެވެއެވެ. 2012 ވަނަ އަހަރުން ފެށިގެން ހަމާސްގެ ޕޮލިޓިކަލް ބިއުރޯ ހިންގަމުން އަންނަނީ ދޯހާ ގައެވެ.
އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި ޕާކިސްތާން އާއި ތުރުކީން ވަނީ ހުކުރު ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ނިންމާފައެވެ.
އިޒްރޭލުގެ ތެލް އަވީވުގައި ހުންނަ ތުރުކީ އެމްބަސީގައި އެ ގައުމުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އެކަމާ ރުޅިގަދަވެ، ހައްދުފަހަނަ އެޅި އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތާމާ ބެން-ގްވިއަރ އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ތުރުކީ އެމްބަސީގެ އޮފިޝަލުން އެ ދިދަ އެކީގައި ބަލައިގެން ގައުމަށް ދިއުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން މައްސަލައިގައި އިޒްރޭލުގައި ހުންނަވާ ތުރުކީ ސަފީރުގެ ނައިބު އިޒްރޭލުގެ ފޮރިން މިނިސްޓްރީ އަށް ޙާޒިރުކޮށް ނުރުހުން ފާޅު ކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ.
ބުރާސްފަތި ދުވަހު އީރާނުގެ ވެރިރަށް ތެހެރާން ގައި ވަނީ ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ކޮށްފައެވެ. އެތައް ހާސް މީހުން ބައިވެރިވި ކަށުނަމާދު އިމާމުވެ ކުރައްވާފައިވަނީ އީރާނުގެ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އެވެ.
ތެހެރާންގައި ހަނިއްޔާ ހުންނެވި ގެސްޓް ހައުސް ގައި ބޮމެއް ގޮއްވާލައިގެން އޭނާ އަވަހާރަ ކޮށްލުން ވެގެން ދިޔައީ އީރާނަށް މިހާތަނަށް ތަޖުރިބާ ކުރަން ޖެހުނު އެންމެ ބޮޑު އެއް އިންޓެލިޖެންސް އަދި ސެކިއުރިޓީ ފެއިލިއަރ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މިކަން ހިނގި ގޮތް ތަހުގީގު ކުރުމަށް އީރާނުގެ އިންޓެލިޖެންސް އާއި ރިވޮލިއުޝަނަރީ ގާޑް އާއި ފުލުހުންގެ ބާރުތައް ހިމެނޭ ގޮތަށް ޚާއްސަ ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށް ތެހެރާންގައި ހުންނަ ރިޕޯޓަރާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައިވެއެވެ.
އީރާނުން ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލީ އިޒްރޭލުން ކަމަށާއި އެ ކަމުގެ ބަދަލު ހިފުން އެއީ އީރާނުގެ މައްޗަށް ވާޖިބު ކަމެއް ކަމުގައެވެ.
މެދު އިރުމަތީގެ މަސްރަހް އިންތިހާ އަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ފޯނުން ގުޅުއްވާ އީރާނުގެ ފަރާތުން އިޒްރޭލަށް އަތުވެދާނެ ކޮންމެ ނުރައްކަލަކުން އިޒްރޭލް ސަލާމަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.