Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޒްބުﷲ އާއި އިޒްރޭލުން ހަނގުރާމަ

މެދުއިރުމަތީ މަސްރަޙު ގޯހުން ގޯހަށް: ހިޒްބުﷲ އާއި އިޒްރޭލުން ހަނގުރާމައަކަށް ނުގޮސް ފަރުޖައްސާލަފާނެބާ؟

ހިޒްބުﷲއިން ބުނާ ގޮތުގައި އެ ޖަމާޢަތުން ދޭ ޙަމަލާތަކަކީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ދޭ ޙަމަލާތަކެކެވެ. އަދި ޣައްޒާގެ ވަޒަންވެރިންނާއެކު އެ ޖަމާޢަތުން އޮތްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދޭ ޙަމަލާތަކެއް ކަމަށްވެސް ބުނެއެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ޖުލައި 2024 | ހޯމަ 06:18
ހިޒްބުﷲ ގެ ހަނގުރާމަވެރިއަކު ރޮކެޓް ހަމަލާއެއް ފޮނުވާލަނީ

ހިޒްބުﷲ ގެ ހަނގުރާމަވެރިއަކު ރޮކެޓް ހަމަލާއެއް ފޮނުވާލަނީ

ބައެއްގެ ކިބާގައިވާ ނޭދެވޭ ހުރިހާ ސިފައަކުން ސިފަ ލިބިފައިވި ނިރުބަވެރި ޔަހޫދީ އިޒްރޭލާއި، ލުބްނާނުގެ މިނިވަންކަމުގެ ޙައްޤުގައި މަސައްކަތް ކުރާ ހިޒްބުއްލާ ޖަމާޢަތާ ދެމެދު އުފެދިފައިވާ ހައިޖާނުގަނޑާއެކު، މެދުއިރުމަތި މިއަދު އޮތީ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ނުތަނަވަސް އަނދަވަޅެއްގެ ތުންފަތްމަތީގައެވެ. އިޒްރޭލާއި ހިޒްބުއްލާއާ ދެމެދު މި ފަހުން އުފެދުނު ކޯޅުންގަނޑައެކު ވަރުގަދަ ހަނގުރާމައެއް ހަމަ ދެންމެދެންމެ ފަށައިފާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވަނީ އޭގެ އިންތިހާއަށެވެ. ސަރަޙައްދީ އިން ހުރަސްކޮށް ބަދަލު ކުރާ ހަމަލާތައް އިތުރު ވެފައި ވާ އިރު، ދެ ފަރާތުންވެސް ދަނީ ވަރުގަދަ އަސްކަރީ ކުރިމަތިލުމަކަށް ދާން ޖެހިދާނެ ކަމަށް ތައްޔާރީތައް ވަމުންނެވެ.

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ނިވަލުގައި ތިބެގެން ނިރުބަވެރި އިޒްރޭލުން އަދިވެސް އިތުރަށް އަސްކަރީ ބާރުތައް ވަރުގަދަ ކުރަމުން ދަނީ ފާޅުގައެވެ. ހިޒްބުﷲ އިންވެސް ހިމޭނަކުން ނުއޮންނާނެތާއެވެ. ހިޒްބުﷲގެ ލީޑަރު، ޙަސަން ނަޞްރުﷲވެސް ވަނީ އެފަދަ އިންޒާރެއް ދީފައެވެ. އިޒްރޭލުން ހަނގުރާމައެއް ފަށައިފިނަމަ އިޒްރޭލަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ނަޞްރުﷲ ވަނީ އިންޒާރު ކޮށްފައެވެ. އަދި ވިލާތުގެ އިއްތިޙާދުގެ މެންބަރު ޤައުމެއްގެ ގޮތުގައި އޮތް ސައިޕްރަސްއާއި، މެޑިޓަރޭނިއަން ސަރަޙައްދުގެ އިތުރު ހިސާބުތަކަށްވެސް އިންތިހާ ނުރައްކާ އޮންނާނެ ކަމަށް އޭނާ ވަނީ އިންޒާރު ކޮށްފައެވެ. ހިޒްބުﷲގެ އިންޒާރުތަކާއެކު، ކުރިމަތިލުންތަކުގެ ހޫނުކަން ހައްތަހާ ވަނީ ގަދައެވެ. މަސްރަޙު ނުތަނަވަސްވަމުން ގޮސް، އުތުރު ފަރާތުން ހިޒްބުﷲއަށް ޙަމަލާ ދިނުމަށް އިޒްރޭލުން އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިފައި އޮތޭ ހީވާ ދަރަޖައަށް ކަންކަން ވަނީ ގޯސްވެފައެވެ.

ކަން މިހެން އޮތް އިރު ދާދި ފަހުން އެމެރިކާއަށް ދިޔަ އިޒްރޭލުގެ އޮފިޝަލުންގެ ވަފުދަކުން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައެވެ. އެ ބައްދަލުވުމުގައި، އުތުރުގެ ހަނގުރާމައެއް ފެށިއްޖެ ހިނދެއްގައި، ބައިޑަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އިޒްރޭލަށް އޮންނާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ދީފައި ވާ ކަމަށް އެމެރިކާގެ އޮފިޝަލުންތަކެއް ވަނީ ކަށަވަރުކޮށްދީފައި ކަމަށް ސީއެންއެންއާ ހަވާލާދީ، އަލްއަރަބިޔާއިން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، ހިޒްބުﷲއާއި އިޒްރޭލާ ދެމެދު ފުޅާ ދާއިރާއެއްގައި ކުރާ ހަނގުރާމައަކަށް އެމެރިކާގެ އެއްބާރުލުން ދިނުން ނާދިރު ކަމަށް، އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއަރމަން، އެއަރފޯސް ޖެނެރަލް ސީކިއު ބްރައުން ވަނީ އެސޯސިއޭޓަޑް ޕްރެސްއަށް ވިދާޅުވެފައި ކަމަށްވެސް ޚަބަރު ލިބެއެވެ.

ފަލަސްޠީނުގެ ފަސްގަނޑުން މުސްލިމުންގެ ނަސްލު ދޮވެލުމަށް މިދިޔަ އޮކްޓޯބަރު މަހު ޔަހޫދީ އިޒްރޭލުން ގަތުލުއާންމު ހިންގަން ފެށި ފަހުން، ހިޒްބުﷲއާއި އިޒްރޭލުގެ އަސްކަރިއްޔާއާއި ދެމެދު ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހަކުވެސް ޙަމަލާތައް ބަދަލު ކުރެއެވެ.

ހިޒްބުﷲއިން ބުނާ ގޮތުގައި އެ ޖަމާޢަތުން ދޭ ޙަމަލާތަކަކީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ދޭ ޙަމަލާތަކެކެވެ. އަދި ޣައްޒާގެ ވަޒަންވެރިންނާއެކު އެ ޖަމާޢަތުން އޮތްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދޭ ޙަމަލާތަކެއް ކަމަށްވެސް ބުނެއެވެ. ހިޒްބުﷲގެ ޙަމަލާގެ ރައްދުގައި ކަމަށް ބުނެ އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ޙަމަލާތައް ވަރުގަދަ ކުރަމުންނެވެ. އިޒްރޭލުގެ ޙަމަލާތަކުގައި ހިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށްވާ ޠާލިބް ސާމީ ޢަބްދުﷲ މަރުވުމާ ގުޅިގެން ކުރިމަތިލުންތައް އަނެއްކާވެސް ވަރުގަދަ ކުރިއެވެ.

އިޒްރޭލާއި ލުބްނާން ހިއްސާ ކުރާ ބޯޑަރު ހުރަސްކޮށް އޮކްޓޯބަރ 8 ވަނަ ދުވަހުން ފަށައިގެން ބަދަލު ކުރަމުންދާ ޙަމަލާތަކުގައި، ލުބްނާނާ ވީ ފަޅިން 500 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އާންމު ފަރުދުންވެސް ހިމެނެއެވެ. އާންމުންގެ އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.  އިޒްރޭލާ ވީ ފަޅިން މަރުވެފައި ވަނީ އަސްކަރިއްޔާ 15 މިހަކާއި މަދަނީ ފަޅިން 11 މީހެއް ކަމަށް އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އިޒްރޭލާ ވީ ފަޅިންވެސް އާންމުންގެ ގެދޮރު ގެއްލިފައި ވުން އުޒުރަކަށް ހަދައިގެން ޚުދުމުޚުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ވަޒީރުންގެ މަޖިލީހުން ދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ނަމުގައި އަސްކަރީ ބާރުވެރިކަން ގަދަ ކުރަމުންނެވެ.

ހިޒްބުﷲއިން ޙަމަލާތައް ބައްޓަން ކުރަމުން ދަނީ ފިސާރި ރަނގަޅަށް ހިސާބުޖަހައިގެން ކަމަށްވެއެވެ. އިޒްރޭލާ ވީ ފަޅިން، ވަރުގަދަ ހަނގުރާމައެއް ނުފަށާނެ ވަރު ބަލައިގެންނެވެ. ނަމަވެސް، ހިޒްބުއްލާގެ އަތުގައިވެސް ބާރު އޮތް ކަން ސާބިތުކޮށްދިނުމަށް، ވަކި އުސޫލެއްގެ ދަށުން ޙަމަލާތައް ދެމުން ދެއެވެ. އެ ޖަމާޢަތުގެ ގުދަންތަކުގައި ހުރި އައު ހަތިޔާރުތައް ދައްކާލައެވެ. ވަރުގަދަ އިންޒާރެއްގެ ސިގުނަލްތަކެއްގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާގެ އެންމެ ބޮޑު ހަތުރުގެ ގޮތުގައި އޮތް އީރާނުގެ ފުރިހަމަ ތާޢީދު ލިބިފައި އޮތް ހިޒްބުﷲއިން އެންމެ ފަހުން ބޭނުން ކުރި ފަލަޤް 2 މަރުކާގެ ރޮކެޓްތަކަކީވެސް އީރާނުގެ އުފެއްދުމެކެވެ. އެއީ ފަލަޤް 1 އަށް ވުރެ ދުރަށް ދަތުރު ކުރާ، އެއަށް ވުރެ ސައިޒުގެ ގޮތުންވެސް ބޮޑު ރޮކެޓްތަކެކެވެ.

ހިޒްބުﷲއިން ވަނީ އިޒްރޭލުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ކޮށްފައި އޮންނަ އަސްކަރީ ބޭސްތަކާއި، ހަތިޔާރު ގުދަންތަކާއި ކަނޑާއި ވައިގެ ބަނދަރުތައް ހިމެނޭ ސަރަޙައްދުގައިވެސް ހުއްޓުމެއް ނެތި ގިނަ އިރުތަކެއް ވަންދެން ޙަމަލާ ދީފައެވެ. ނަޞްރުﷲ ސިފަ ކުރި ގޮތުގައި އެއީ ހިޒްބުﷲގެ ޢަދުވުންނާ ދެކޮޅަށް ބޭނުންކުރި ހަނގުރާމަމަތީ، ނަފުސާނީ ހަތިޔާރެކެވެ. ހިޒްބުﷲގެ އެ ޙަމަލާތައްވެސް އިޒްރޭލުން ހެދީ އަސްކަރީ ބާރުވެރިކަން ގަދަ ކުރުމަށް އޮތް އުޒުރަކަށެވެ. ހިޒްބުﷲއާއި ލުބްނާނާ މެދު ކަން ކުރަމުން ދާ ގޮތަށް ބަދަލުތަކެއް ގެންނާނެ ކަމުގެ އިންޒާރު، ޔަހޫދީ އިޒްރޭލުގެ ޚާރިޖީ ވަޒީރު، އިސްރާއީލް ކަޓްޒް ވަނީ ދީފައެވެ. ހިޒްބުﷲ ނައްތާލާނެ ކަމަށާ، ލުބްނާނަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އޭނާ އިންޒާރު ކުރިއެވެ.

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ އެޖަންޓް ޕްރޮފެސަރ އަދި ސީނިއާ ފެލޯއެއް ކަމަށްވާ ފިރާޒް މަޤްޞަދު ލަފާކުރާ ގޮތުގައި، އިޒްރޭލުގެ ޙަމަލާތައް ވަކި ކޮންޓްރޯލެއްގެ ތެރޭގައި ހިފަހައްޓާލެވިދާނެ ވަރުގެ ޤާބިލުކަމެއް، ހިޒްބުއްލާއަށް ލިބިގެންނެއް ނުވެއެވެ. އެ ގޮތުން، ނަތަންޔާހޫއާ ދެކޮޅަށް މީގެ ކުރިން އަޑު އުފުލި މީހުންވެސް، ހިޒްބުﷲ އާ ދެކޮޅަށް ޙަމަލާތައް ވަރުގަދަ ކުރުމަށް ގޮވާލަމުންދާ ދިއުމަކީ ނުވަތަ ދޭސީ ސިޔާސީ ވައްޓަފާޅި ބަދަލުވަމުން އަންނަ ކަން، ފިރާޒް ވަނީ ފާހަގަ ކޮށްފައެވެ.

ހިޒްބުﷲގެ ފިކުރު އޮތީ ވަކި ކޮންޓްރޯލެއްގެ ތެރޭގައި ޙަމަލާ ބަދަލުކުރުންތައް ހިފަހައްޓާލަން ކަމަށް ވާ އިރު، އިޒްރޭލުން މިނެކިރަނީ ތަފާތު ކައްޓާއަކުންނެވެ. ލުބްނާނަށް އަރައިގަތުމުގެ އަގަކީ ކޮބައިކަން ބަލަނީ މާޒީގެ ތަޖުރިބާތަކުންނެވެ. އަދި ޣައްޒާގައި ހަނގުރާމަ ކުރިއަށް ދަނިކޮށް، ދެވަނަ ހަނގުރާމައެއް ފެށުމުގެ ނަތީޖާ ނުކުމެދާނެ ގޮތަކާ މެދުވެސް އިޒްރޭލުން ވިސްނުން އެކަށީގެންވެއެވެ.

ޤަބޫލު ކުރެވޭ އެއް ކަމަކީ އިޒްރޭލުންވެސް އަދި ހިޒްބުﷲ އިންވެސް އިސްވެ ހަނގުރާމައެއް ނުފަށާނެ ކަމެވެ. އަސްކަރީ ބާރުވެރިކަން އޭގެ އެންމެ އިންތިހާއަށް ލިބިފައިވާ 2 ބައެއްގެ މެދުގައި ހަނގުރާމައެއް ފަށައިފިނަމަ ދެން ލިބޭ ގެއްލުމަކީ ފިސާރި ވަރުގަދަ ގެއްލުމަކަށް ވާނެއެވެ. އެވަރުން އަދި ނިމުނީ ކަމުގައި ބެލެވޭ ކަށް ނެތެވެ. ހިޒްބުއްލާގެ ފަހަތުގައި އޮތް އީރާނާއި، އިޒްރޭލުގެ ފަހަތުގައި އޮތް އެމެރިކާއިންވެސް ކުރިމަތިލުމަކަށް ދިއުން ގާތެވެ.

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު އެންމެ ފަހުން ސީދާ ގޮތެއްގައި ހަނގުރާމަ ކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ. އެއީ 2006 ވަނަ އަހަރުގެ ޖުލައި މަހެވެ. ބޯޑު ހުރަސްކޮށް ހިންގި ރެއިޑެއްގައި އިޒްރޭލު އަސްކަރިއްޔާގެ 2 މީހަކު ހިޒްބުއްލާއިން އަތުލައިގަތެވެ. އަސީރުން ބަދަލު ކުރެވިދާނެ ކަމުގެ އުންމީދުގައެވެ. އިޒްރޭލުން ދިނީ އަސްކަރީ ރައްދެކެވެ. ނަތީޖާއަކަށް ވީ 34 ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައެކެވެ. އެއީ "ޖުލައި ވޯރ" ގެ ނަން ދީފައި ވާ ހަނގުރާމައެވެ.

އަސްކަރީ ބާރާއެކު ދެފަރާތުން ކުރެ އެއް ފަރާތަކަށްވެސް ކުރި ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް ލުބްނާނުން 1100 މީހުން އަދި އިޒްރޭލުން 165  މީހަކު، އެ ހަނގުރާމައިގައި މަރުވިއެވެ.

ކަން އެހެން އޮތް ނަމަވެސް، ޖުލައި ވޯރ އަކީ ހިޒްބުﷲ އަށް ލިބުނު ނަޞްރެއް ކަމަށް، ނަޞްރުﷲ ވަނީ އެތައް ފަހަރެއްގެ މަތީން ސިފަ ކޮށްފައެވެ. އިޒްރޭލުގެ ވަރުގަދަ ފައުޖުތަކާ ދެކޮޅަށް އެ ޖަމާޢަތަށް ދެމި އޮވެވުނީތީއެވެ.

މެދުއިރުމަތީގައި، ދަޢުލަތީ ބާރުތަކުން ބޭރުން، އިޒްރޭލާ ދެކޮޅަށް ނުކުމެވޭނެ ވަރުގެ ޤާބިލިއްޔަތުކަން ލިބިފައި އޮތް ހަމަ އެކަނި ބަޔަކީ ހިޒްބުއްލާ ކަމީ، މުޙައްލިލުންގެ މެދުގައި މަޤުބޫލު ފިކުރެކެވެ.

ވިދިގެން އައި އަހަރުތަކުގައި ހިޒްބުﷲ އިންވެސް ވަނީ އަސްކަރީ ބާރުވެރިކަން މެކުހަށް ޖަހާފައެވެ. އިޒްރޭލާއި އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ހިޒްބުﷲގެ މިލްކިއްޔާތުގައި ހުރި މިސައިލާއި ރޮކެޓްތަކުގެ ޢަދަދު އުޅެނީ 150000 އަށް ވުރެ މަތީގައެވެ. ހަނގުރާމައިގެ ސީދާ މައިދާނުގެ އަމަލީ ތަޖުރިބާތައްވެސް ހިޒްބުﷲގެ ހަނގުރާމަވެރިންނަށް ލިބިފައި ވާ ކަމަށް ބުނެއެވެ. އެއީ ސޫރިޔާގައި ކުރި ހަނގުރާމައިގެ ތެރޭގައެވެ. އެ ހަނގުރާމައިގެ ތެރޭގައި ހިޒްބުﷲއިން ހަރަކާތްތެރިވީ އީރާނާއެކުގައެވެ. ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެއްބާރުލުން ދިން ފަޅީގައެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ނަޞްރުﷲ ހާމަ ކުރި ގޮތުގައި ހިޒްބުﷲގައި ތިބި ހަނގުރާމަވެރިންގެ ޢަދަދު ލައްކައަކަށް އަރައެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ 2022 ވަނަ އަހަރުގެ އަންދާޒާތަކަށް ބަލާއިރު ހިޒްބުﷲ ހަނގުރާމަވެރިންގެ ޢަދަދަކީ 45000 އެވެ. އެއީ ފުލްޓައިމް 20000 ހަނގުރާމަވެރިންނާއި 25000 ރިޒަރވުންނެވެ.

ދުނިޔެ މައްޗަށް އެމެރިކާއިން ކުރަހައިދެމުން ދަނީ ޑިޕްލޮމެޓިކް ތަސްވީރެކެވެ. މަސްރަހު ގޯސްވިޔަ ނުދިނުމަށްޓަކައި ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލު ހޯދުމަށް ބައިޑަންގެ ސަރުކާރުން ލުބްނާނާއި، އިޒްރޭލާއެކު މަސައްކަތް ކުރާ ކަމަށް ބައިޑަންގެ އިސް އެޑްވައިޒަރެއް ކަމަށްވާ އޭމޯސް ހޯޝްޓީން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުރިއަށް ގެންދިއުމާއި ލުބްނާނުގައި އިޒްރޭލުން ހިންގާ ހަރަކާތްތަކުގެ ސަބަބުން، ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލެއް ހޯދަން ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް މުޙައްލިލުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޫދާންއަށް އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާބޯތަކެތި ލޫޓުވުމުގެ މައްސަލަ ގޯހުން ގޯހަށް!

ސޫދާންއަށް އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާބޯތަކެތި ލޫޓުވުމުގެ މައްސަލަ ގޯހުން ގޯހަށް!

31 މެއި 2023
ދުނިޔެ ތަހައްމަލްކުރަމުންދާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާ ގޯހުން ގޯހަށް!

ދުނިޔެ ތަހައްމަލްކުރަމުންދާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާ ގޯހުން ގޯހަށް!

06 މެއި 2023
މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލި ޢިރާޤު ހަނގުރާމައިގެ ޖަރީމާއަށް އެމެރިކާ ޒިންމާވާންޖެހޭ!

މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލި ޢިރާޤު ހަނގުރާމައިގެ ޖަރީމާއަށް އެމެރިކާ ޒިންމާވާންޖެހޭ!

22 މާރިޗު 2023
ލަންކާގެ އިންސާނީ ކާރިޘާ ގޯހުން ގޯހަށް: ސްކޫލަށް ނުފޮނުވާ ވަޒީފާއަށް ފޮނުވާ ކުދިންގެ ޢަދަދު މައްޗަށް!

ލަންކާގެ އިންސާނީ ކާރިޘާ ގޯހުން ގޯހަށް: ސްކޫލަށް ނުފޮނުވާ ވަޒީފާއަށް ފޮނުވާ ކުދިންގެ ޢަދަދު މައްޗަށް!

27 ޑިސެމްބަރު 2022
ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

01 އެޕްރީލު 2022

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު