ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 22:40
ސުލައިމާނީ- އިރާނުގައި ދެވަނަ އަށް އެންމެ ނުފޫޒުގަދަ ބޭފުޅާ
ސުލައިމާނީ- އިރާނުގައި ދެވަނަ އަށް އެންމެ ނުފޫޒުގަދަ ބޭފުޅާ
ޓްވިޓަރ
ސުލައިމާނީ އަވަހާރަކޮށްލުން
ސުލައިމާނީ: އިރާންގެ މަޝްހޫރު ހަނގުރާމަވެރިޔާ، މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މޭސްތިރި
ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ހުކުރު ދުވަހު އެމެރިކާއިން ދިން ހަމަލާއެއްގައި
ސުލައިމާނީ އަވަހާރަކޮށްލުމުން އިރާނުގައި އަންނަނީ ތިން ދުވަސް ވަންދެން ގައުމީ ހިތާމަފާޅުކުރަމުން
އިރާގާއި ސީރިޔާގައި އައިސިސްގެ ބާރު ކަނޑުވާލުމުގައި ސުލައިމާނީގެ ދައުރު ބޮޑު

އިރާނުގެ އެތައް ހާސް ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯއްދަވާ، އިރާނުގައި ދެވަނަ އަށް އެންމެ ބާރުގަދަ އަދި އެމެރިކާ އާއި އިސްރާއީލް އިތުރުން ސައުދީ އަރަބިއްޔާއިން ފާއިތުވިގެންދިޔަ ވިއްސަކަށް އަހަރު މެދުކެނޑުމެއް ނެތި އެމީހަކަށް ފާރަލަމުންދިޔަ އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ މިވަނީ އެންމެ ފަހުން އަވަހާރަކޮށްލާފަ އެވެ. ހުކުރު ދުވަހު އެމެރިކާއިން ދިން ހަމަލާތަކުގައި ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ ބަޣްދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ކާރުކޮޅެއްގައި ނިކުންނަވަނިކޮށް ދިން ހަމަލާތަކެއްގަ އެވެ.

ސުލައިމާނީ އަވަހާރަކޮށްލުމަކީ އެމެރިކާއަށް މިފަހަކަށް އައިސް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީއެވެ. ވަކިން ޚާއްސަކޮށް ވެރިކަމުން އަޒުލުކުރުމަށް އެމެރިކާގެ ހައުސް އިން ފާސްކޮށްފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިއީ ވަރަށްވެސް ބޮޑު ކާމިޔާބީއެކެވެ. ސުލައިމާނީ އަވަހާރަކޮށްލުމަށް ދިން ހަމަލާ ދިފާއު ކުރައްވަމުން ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ސުލައިމާނީ އަކީ ކުށެއްނުކުރާ އެތައް ހާސް ބަޔަކު މަރާފައިވާ ގާތިލެއްކަމަށެވެ. ސުލައިމާނީ އަވަހާރަކޮށްލެވުމަކީ ޕެންޓަގަންއިން ސިފަކުރާގޮތުގައި އިރާނުން އެމެރިކާއަށް ހަމަލާދިނުމަށް ކުރިޔަށްރާވާފައިވާ ހުރިހާ ޕްލޭނެއް ފެއިލްކޮށްލެވިގެން ދިޔަކަމެކެވެ.

ނަމަވެސް އިރާނަށް މިއީ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ. އިރާނަށް ގެއްލިގެން އެދިޔައީ އެމީހުންގެ ގައުމީ ބަތަލޮކެވެ .އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނައީ ވަނީ ތިން ދުވަސް ގައުމީ ހިތާމައިގެ ދުވަސްތަކުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމަވާފައެވެ. ސުލައިމާނީ އަވަހާރަކޮށްލި ޚަބަރަކީ އިރާނާއި އިރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ވަކިން ޚާއްސަކޮށް ޝީޢީންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝޮކެކެވެ. އެމީހުންނަށް ގެއްލިގެން އެދިޔައީ އަގުހުރި ޖަވާހިރެކެވެ.

ސުލައިމާނީ އަކީ އިރާނުން ބޭރުގައި ހިންގާ ހަނގުރާމަވެރި އޮޕަރޭޝަންތައް ވަކިން ޚާއްސަކޮށް އިރާގުގެ ޝީޢީ ޖަމާއަތްތަކުންނާއި ސީރިޔާގައި އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ކުރިޔަށްގެންދާ ހަމަލާތަކުގެ މޭސްތިރިޔާ އެވެ. މެދުއިރުމަތީގައި އިރާނުގެ ސިޔާސަތުތައް ތަންފީޒުކުރެވެމުން ގޮސްފައިވަނީ ސުލައިމާނީގެ ބެއްލެވުމުގެ ދަށުންނެވެ. މެދުއިރުމަތީގައި އައިސިސް ބަލިކުރުމުގައި ސުލައިމާނީ އަދާކުރައްވާފައިވާ ދައުރުގެ ސަބަބުން ސުލައިމާނީ އަކީ މެދުއިރުމަތީގެ އެހެން ގައުމުތަކާއި އިރާނު މީހުންގެ މެދުގައި ގައުމީ ބަތޮލެވެ. މުޅި ދިރިއުޅުއްވުން ހަނގުރާމަ އާއި އިރާނު ދިފާޢުކުރެއްވުމުގައި ހޭދަކުރެއްވި ސުލައިމާނީ އަކީ އިރާނުގެ ސަލާމަތީ ބާރުތަކުގައި ހަރަކާތްތެރިވާ ސިފައިންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމެރިކާއަށް ދެކޮޅަށް ސުލައިމާނީ ގެންގުޅުއްވި ސިޔާސަތުތަކާއި ސުލައިމާނީ ކަންކަން ކުރައްވާއިރު ގެންގުޅުއްވާ އުސޫލުތައް އެއީ އެތައް ބަޔެއްގެ ހިތްތަކުން ސުލައިމާނީ ޖާގަ ހޯދުމުގެ އަސްލެވެ.

ސުލައިމާނީ ޓޭންކަރެއް ކައިރިން ހިންގަވާފައި ވަޑައިގަންނަވަނީ- އައިސިސް އާ ދެކޮޅަށް 2015 ވަނަ އަހަރު ދިން ހަމަލާތަކުގައި އިސްކޮށް އުޅުއްވި

" ބޭނުންފުޅުވާ ކަމެއް ހާސިލްކުރައްވާ "

ސުލައިމާނީ އުފަންވެ ވަޑައިގެންނެވީ 1957 ވަނަ އަހަރުގެ މަރޗްމަހުގެ 11 ވަނަ ދުވަހު އެވެ. މަޑުމައިތިރި މިޒާޖެއްގެ ސުލައިމާނީ އަކީ ދަނޑުވެރި ފަގީރު އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އުމުރުފުޅުން 13 އަހަރުގައި ސުލައިމާނީ ކަރްމަން އަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ. އެތަނުގައި ކޮންސްޓްރަކްޝަން ވަޒީފާ އަދާކުރައްވަމުން ބައްޕަ ނަންގަވާފައިވާ ލޯން އަދާކުރުމުގައި އެހީތެރިކަން ދެއްވަމުން ގެންދެވި އެވެ. އަދި އެދުވަސްވަރު ހަނގުރާމައިގެ އުކުޅުތައް ދަސްކުރައްވާ ލިބޭ ހުސްވަގުތުތަކުގައި ހާމަނާއީ ދެއްވާ ދީނީ ތަގުރީރުތައް އަޑު އައްސަވަމުން ގެންދެވި އެވެ.

އިރާނުގައި އޭރު އޮތް ރަސްކަން ނިމުމަކަށް ގެނެސް އާޔަތުﷲގެ ސިޔާސަތުގެ ދަށުން އިސްލާމިކް ރިޕަބްލިކް ސަރުކާރެއް އެގައުމުގައި އުފެދިގެންދިޔަ އެވެ. އެއާއެކު އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑު 1979 ގައި އުފެދިގެންދިޔަ އެވެ. އަދި ސުލައިމާނީ އަމިއްލަފުޅަށް އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑް އާއި ގުޅިވަޑައިގަތެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ސުލައިމާނީ ހަނގުރާމައިގެ ތަމްރީނުތައް ހެއްދެވީ ހަ ހަފްތާގެ މުއްދަތަށެވެ. އެއަށްފަހު 1980 ން 1988 ށް ކުރި އިރާނު އިރާގު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ސުލައިމާނީ ގިނަ ބަޔަކަށް ފުރަތަމަ ފަހަރަށް ފާހަގަވެގެން ގޮސްފައިވަނީ މިހަނގުރާމައިގެ ތެރޭގަ އެވެ. އިރާގު ބޯޑަރުގައި އިރާނުގެ ފައުޖުތައް ގެންގުޅުއްވި ހިކުމަތްތެރި ގޮތުން ގައުމީ ބަތަލެއްގެ ދަރަޖަ ސުލައިމާނީ އަށް ލިބިގެންދިޔަ އެވެ.

ހިޔަނި ކޮމާންޑަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ސުލައިމާނީ 1998 ވަނަ އަހަރު ގުދުސް ފޯސްގެ އިސްވެރިޔާކަމުގެ މަގާމަށް ވަޑައިގެންނެވި އެވެ. ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ސުލައިމާނީ ހުންނަވާ ލުބްނާންގެ ހިޒްބުﷲ ޖަމާޢަތާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދް އަދި އިރާގުގައި ހަރަކާތްތެރިވާ ޝީޢީ ޖަމާޢަތްތަކާއި ގާތްގުޅުމެއް ބަދަހި ކުރެއްވި އެވެ. އިސްވެރިޔާގެ މަގާމުގައި ހުންނެވިއިރު ކުރީކޮޅު ސުލައިމާނީ އެހާބޮޑަށް އާންމުންގެ ތެރެއިންނާއި ހަނގުރާމަތަކުން ފެނިގެންގޮސްފަ އެއް ނުވެއެވެ. ނަމަވެސް މިފަހަކުން ސުލައިމާނީގެ ފޮޓޯތައް ސޯޝަލް މީޑިޔާ އާއި ޚަބަރުތަކުގައި ޝާޢިއުކު ރެވިގެންދާއިރު އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއީ އާ ބައްދަލުކުރައްވާ މަންޒަރުތަކަށްވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންގޮސްފަ އެވެ.

ސުލައިމާނީ އަކީ އިރާނާއި އިރާގުގެ އިތުރުން ސީރިއާގައިވެސް ބާރުގަދަ ބޭފުޅެކެވެ. އިރާގުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވަނީ ސުލައިމާނީ އަކީ އެންމެން ދައްކާ ވާހަކަވެސް ވަރަށް ރަނގަޅަށް އަޑުއައްސަވާ ބޭފުޅެކެވެ. ސުލައިމާނީ ބޭނުންވާ ކަމެއް އެހާބޮޑަށް ފާޅުކުރައްވަމުން ނޫޅުއްވާނެ އެވެ. ނަމަވެސް ސުލައިމާނީ ބޭނުންފުޅުވާ ކަމެއް ހާސިލްކުރައްވާނެ ކަމަށް އިރާގުގެ އޮފިޝަލް ވިދާޅުވި އެވެ.

އިރާގުގެ ކުރީގެ އޮފިޝަލަކު ރޮއިޓާސް އަށް ސުލައިމާނީ އާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ ސުލައިމާނީއަކީ އޮފީހުގެ ގޮނޑީގައި އިންނަވާ ޒާތުގެ ބޭފުޅެއް ނޫނެވެ. އަމިއްލަ ފުޅަށް ލަޝްކަރުތަކުގެ ކަންކަން ބައްލަވާ ހަނގުރާމަތައް ކުރިޔަށްގެންދާ ގޮތް ބައްލަވައެވެ. ސުލައިމާނީ ހަމައެކަނި ރިޕޯޓްކުރައްވާނީ އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ހާމަނާއީ އަށެވެ. ހަނގުރާމައަށް ބޭނުންވާ ކޮންމެ އެއްޗެއް އެއީ ފައިސާ ކަމަށްވިޔަސް ހަތިޔާރު ކަމަށްވިޔަސް އެޔެއް ސުލައިމާނީއަށް ލިބިވަޑައިގަންނަވާނެ އެވެ.

ސުލައިމާނީ- ޝީޢީ ލީޑަރުންނާއި ހާމަނާއީ އާއެކު މިފަހުން ވަނީ ފެންނަން ފަށާފައި

"ސުލައިމާނީ އިރާގު އަދި ސީރިޔާގައި"

އިރާގުގައި 2007 ވަނަ އަހަރު ސުންނީންނާއި ޝީޢީންގެ ދެމެދު ހިނގައިދިޔަ ހަނގުރާމަތަކުގައި ޝީޢީންގެ ހަނގުރާމަވެރިންނަށް ހަނގުރާމައިގެ ހަތިޔާރު ފޯރުކޮށްދިނީ ގުދުސް ފޯސްއިން ކަަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. އެކަމުގެ ސަބަބުން އެމެރިކާގެ އެތައް ސިފައިންނެއް މަރުވެގެންދިޔަ އެވެ. ނަމަވެސް އިރާނުން އެކަން ދޮގުކުރެއެވެ. އިރާގުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސުލައިމާނީ އަކީ އިސްރޯލެއް އަދާކޮށްފައިވާ މީހެކެވެ. ވިކިލީކްސް އިން ޝާޢިއުކޮށްފައިވާ ޑޮކިޔުމެންޓްތަކުން އެނގޭގޮތުގައި އެދުވަސްވަރު އެމެރިކާގެ ފައުޖުތަކުގެ އެންމެ މަތީވެރިޔާ އިރާގުގެ އޮފިޝަލުން މެދުވެރިކޮށް ސުލައިމާނީ އަށް މެސެޖް ފޮނުވާފައިވެ އެވެ.

މީގެއިތުރުން އިރާގުގެ ސަރުކާރު 2005 ވަނަ އަހަރު ގާއިމުކުރުމުގައިވެސް ސުލައިމާނީ ވަނީ އިސްދައުރެއް އަދާކޮށްފަ އެވެ. ސުލައިމާނީ އަކީ އިރާގުގެ ސިޔާސީ މަޝްރަހުގައިވެސް ނުފޫޒުގަދަ ބޭފުޅެކެވެ.

އައިސިސްގެ ބާރު އިރާގުގައި ކަނޑުވާލުމަށް ކުރިޔަށްގެންގެންދިޔަ ހަނގުރާމަތަކުގައި އިރާނުން އެހީތެރިވެގެން އިރާގުގައި ހިންގާ ޝީޢީ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ ހަޝްދް އަލް ޝާބީ ހިނގަމުންދިޔައީ ސުލައިމާނީގެ އިރުޝާދުގެ މަތިންނެވެ.

ސުލައިމާނީ އަކީ ސީރިޔާގައި ވެސް ނުފޫޒުގަދަ ބޭފުޅެކެވެ. 2015 ވަނަ އަހަރު ސުލައިމާނީ ރަޝިޔާގެ މޮސްކާއަށް ވަޑައިގެންނެވި ވަޑައިގެންނެވުމަކީ ސީރިއާއަށް ރަޝިޔާއިން ހަމަލާދީ ސީރިޔާގެ ހަނގުރާމަ އެހެން ގޮތަކަށް އަނބުރާލުމަށް އެޅިގެން ދިޔަ ފުރަތަމަ ފިޔަވަޅެވެ. އެއާއެކު އިރާނާއި ރަޝިޔާގެ ގުޅުމަށް އާ ނަމެއް ލިބި ސީރިއާގެ ރައީސް ބައްޝާރަލް އަސަދަށް ވާގިވެރިވާނެ އާ ފަރާތެއް ލިބިގެންދިޔަ އެވެ. ސީރިޔާގައި އައިސިސްގެ ބާރު ކަނޑުވާލުމަށް ދެމުންގެންދިޔަ ހަމަލާތަކަކީ ސުލައިމާނީގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންގޮސްފައިވާ ހަމަލާތަކެކެވެ.

ސުލައިމާނީ- މެދުއިރުމަތީގައި ނުފޫޒު ގަދަ ބޭފުޅެއް

"އެތައް ފަހަރަކު އަވަހާރަކޮށްލަން މަސައްކަތް ކުރި"

ސުލައިމާނީގެ ނުރައްކާތެރި އަދި ޖެހުލުންކުޑަ ނިންމެވުންތަކާއި ރޭވުންތަކުން އެތައް ފަހަރަކު އެމެރިކާއިން ވަނީ ސުލައިމާނީ އަވަހާރަކޮށްލަން ރާވާފަ އެވެ. އެގޮތުން ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށް ސުލައިމާނީ އެހީތެރިކަން ދެއްވުމާއި ސީރިޔާގައި ހިނގަމުންދާ މުޒާހަރާތައް ރޫޅާލާ ނާކާމިޔާބުކޮށްލުމާއި ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަވަހާރަކޮށްލުމަށް ރޭވުމުގައި ސުލައިމާނީ ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ.

ސުލައިމާނީގެ ނުފޫޒުގަދަކަމުގެ ސަބަބުން މެދުއިރުމަތީގައި އިސްރާއީލާއި ސައުދީ އަރަބިއްޔާއަށް އެމީހުން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަނީ އެތައް ފަހަރަކު ހުރަސްތައް ކުރިމަތިވެފަ އެވެ. އެހެންކަމުން ސުލައިމާނީ އަވަހާރަކޮށްލުމަށް އެތައް ފަހަރަކު އެމެރިކާ އާއި އިސްރޭލް އަދި ސައުދީ އަރަބިއްޔާއިން ވަނީ މަސައްކަތްކޮށްފަ އެވެ.

2018 ވަނަ އަހަރު ސޯޝަލް މީޑިޔާގައި އާންމުވެގެންދިޔަ ވީޑިއޯ ކްލިޕެއްގައި ސުލައިމާނީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން ހަނގުރާމަ ފަށާނީ ޓްރަމްޕް ކަމަށާއި ނަމަވެސް ހަނގުރާމަ ނިންމާނީ އިރާނުންކަމަށް ސުލައިމާނީ ވަނީ އެވީޑިއޯގައި ވިދާޅުވެފަ އެވެ.

ސުލައިމާނީ އަވަހާރަވެއްޖެކަމުގެ އަޑުތައް އެތައް ފަހަރަކު ވަނީ ފެތުރިފަ އެވެ. އެގޮތުން 2006 ވަނަ އަހަރު އިރާނުގެ އަސްކަރިއްޔާގެ އޮފިޝަލުންތަކެއް ދަތުރުކުރެއްވި އެއަރކްރާފްޓެއް ވެއްޓުމާއި ގުޅިގެން އެހާދިސާގައި ސުލައިމާނީ އަވަހާރަވި ކަމުގެ އަޑުތައް ފެތުރެނުވެ. މީގެއިތުރުން 2012 ވަނަ އަހަރު އަސަދްގެ އެންމެ ގާތް މީހުންނަށް އަމާޒުކޮށް ސީރިއާއަށް ބޮން އެޅިއިރު އެހަމަލާތަކުގައި ސުލައިމާނީވެސް އަވަހާރަވި ކަމަށް އެފަހަރުވެސް އަޑުތައް ފެތުރުނެވެ.

މީގެއިތުރުން 2015 ވަނަ އަހަރު އަސަދަށް ވަފާތެރި ފައުޖުތަކުން ހަނގުރާމަ ކުރަމުންދަނިކޮށް ސުލައިމާނީ އަވަހާރަކޮށްލިކަމަށް ނުވަތަ ވަރަށް ބޮޑަށް ޒަޚަމްކޮށްލި ކަމުގެ އަޑުތައްވެސް ފެތުރިގެންދިޔަ އެވެ.

2017 ވަނަ އަހަރު ސުލައިމާނީ އަވަހާރަކޮށްލެވޭނެ ގޮތްތަކަކީ ކޮބައިކަން ސައުދީ އަރަބިއްޔާގެ ޖާސޫސީ އޮފިޝަލުން ބެލިކަމަށް ނިއުޔޯކް ޓައިމްސް އިން 2018 ވަނަ އަހަރު ރިޕޯޓްކޮށްފައިވެ އެވެ. އެކަން ސައުދީގެ ސްޕޯކްސްމަން ދޮގުކުރިއިރު އިސްރާޢީލްގެ އަސްކަރިއްޔާގެ އޮފިސަރުންތަކެއް ވަނީ އާންމުތަނެއްގައި ސުލައިމާނީއަށް އަމާޒުކޮށް ހަމަލާދޭނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

- ކޮމެންޓް