އަހަރެމެން އެންމެންނަކީވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އެކަނިވެރިކަން އިޙްސާސް ކުރަން ޖެހޭ ބައެކެވެ. ދިރިއުޅުމަށް އަންނަ ބަދަލެއްގެ ސަބަބުން، ދިރިއުޅެމުން ދާ ރަށް ބަދަލު ކުރަން ޖެހިގެން، ނޫނީ އަމިއްލަ ޙަޔާތެއް ފަށައިގެން ދަރިފުޅު އޭނާގެ އަމިއްލަ ދިރިއުޅުމެއް ފަށާ ހިސާބުން، ނޫނީ ޙަޔާތުގެ ބައިވެރިޔާއާ އަބަދުގެ އަބަދަށް ވަކިވާން ޖެހޭ ހިސާބުންވެސް މި އެކަނިވެރިކަމުގެ އިޙްސާސް، އަހަރެމެންގެ މައްޗަށް ގަދަވެގަނެއެވެ.
ކަން މިހެން އޮތް އިރު، އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ކުރެވޭ އެކަނިވެރިކަމުގެ އިޙްސާސްއަކީ ހިނދުކޮޅެއްގެ ކަމަކަށް ނުވެއެވެ. އެކަނިވެރި ކަމަކީ ދާއިމީ ބައްޔެއް ފަދައިން ހަށިގަނޑާ ގުޅިފައި އޮތް ކަމަކަށް އޮންނަނީ ވެފައެވެ. އެއީ ދިރިއުޅުމުގެ ބައެކޭ ބުނާ ހިސާބަށް ކަންކަން ގޯސްވެގެން ދާ ކަމަށް، ޔުނިވަރސިޓީ އޮފް ކެލިފޯޏިއާގެ ސައިކޭޓްރީ އެސޯސިއޭޓް ޕްރޮފެސަރ، ޑރ އެލެން ލީ ފާހަގަ ކުރެއްވިއެވެ. ދާއިމީ ގޮތެއްގައި އެކަނިވެރިކަން އިޙްސާސް ކުރާ މީހުންގެ ދިރިއުޅުމުގެ އާދަތައްވެސް ބައްޓަންވެގެން އަންނަނީ، އެ އިޙްސާސްގެ މައްޗަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ގޮތަކަށް އިންސާނެއްގެ ދިރިއުޅުމުގައި މޫލައި، ފެތުރިގެން އެކަނިވެރިކަމުގެ އިޙްސާސްއަކީ އަހަރެމެންގެ ޞިއްޙައްތަށް ގެއްލުން ދެނިވި ކަމެކެވެ. އަހަރެމެންގެ ސިކުނޑިއަށްވެސް ބަދަލުތަކެއް ގެނުވާ ކަމެކެވެ. އަދި ނިއުރޯޑިޖެނެރޭޓިވް ބަލިތަކުގެ ނުރައްކާ އިތުރުވާ ކަމެކެވެ. ނިއުރޯޑިޖެނެރޭޓިވް ބަލިތައް ޖެހުމުން، ނާރުތަކުގެ މަރުކަޒީ ނިޒާމުގެ ސެލްތައް މަސައްކަތް ކުރުން ހުއްޓުވާލައެވެ. ނުވަތަ މަރާލައެވެ. ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ބަލި ބޮޑުވެއެވެ. ދެވޭނެ ފަރުވާއެއްވެސް ނޯވެއެވެ.
އެކަނިވެރިކަން، ސިކުނޑި ބަދަލު ކޮށްލަނީ ކިހިނެއް؟
އިތުރު ބަޔަކާއެކު ނުވަތަ މުޖުތަމަޢެއްގެ ތެރޭގައި ދިރިއުޅުމަކީ އިންސާނީ ޠަބީއްޔަތެވެ. އެއީ ސަލާމަތާއި ރައްކާތެރިކަމުގެ ބޭ އިޚްތިޔާރީ އައްޑަނައެކޭވެސް ބުނެވިދާނެއެވެ. އެކަކު ގިނިކަންޏާ ޖަންގައްޔެއްގައި ދިރިއުޅުމަށް ވުރު، ބައެއްގެ ތެރޭގައި، ރަށު ތެރޭގައި ދިރިއުޅުމަކީ އެމީހެއްގެ ދިރިއުޅުން އެތައް ގޮތަކަށް ބަދަލު ކޮށްލާނެ ކަމެއް ކަން އަހަރެމެންގެ ޟަމީރު ޤަބޫލު ކުރެއެވެ. ދާއިރާގެ ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި، އެކަނިވެރިކަމުގެ އިޙްސާސްއަކީ، ބައިވެރިއެއްގެ އެހީ ހޯދުމަށް އެދި އަހަރެމެންގެ ހަށިގަނޑުން ފޮނުވާލާ އިންޒާރުގެ ސިގުނަލަކަށް ވުން ގާތެވެ.
ދާއިމީ އެކަނިވެރިކަމުގެ އިޙްސާސްއަކީ މި ގޮތަށް އުފެދޭ ސިގުނަލް މެދުނުކެނޑި އިންޒާރު ދެމުން ގޮސް، ދިރިއުޅުން ދަތިވާ ވަރަށް ވަކި ހިއްޕާލުމުން މެދުވެރިވާ ހާލަތެކެވެ. ކަންކަމާއި ބިރުގަނެ ހާސްވުން އޭގެ އެންމެ އިންތިހާއަށް ގޮސް، އެންޒައިޓީއޭ ކިޔާ ނަފްސާނީ ބަލީގެ ޝިކާރައަކަށް މީހާ ހަދާ ފަދައިންނެވެ.
ޔުނިވަރސިޓީ އޮފް ވިސްކޯންސިންގެ އިންސްޓިޓިއުޓް އޮފް އޭޖިންގްގައި ޕޯސްޓްޑޮކްޓޯރަލް ރިސަރޗް ފުރިހަމަ ކުރައްވަމުން ގެންދަވާ އޭނާ ފިންލީ ފާހަގަ ކުރެއްވި ގޮތުގައި، ހިނދުކޮޅުތަކަށް އަންނަ އެކަނިވެރިކަމުގެ އިޙްސާސްއަކީ، އިޖުތިމާޢީ ގުޅުންތައް ބަދަހި ކުރުމަށް ހިތްވަރު ދޭ އިޙްސާސްއެކެވެ. ނަމަވެސް ދާއިމީ އެކަނިވެރިކަމުގެ އިޙްސާސްއަކީ އޭގެ ދިމާ އިދިކޮޅެވެ. ވަކިން ހާއްސަކޮށް، މުޖުތަމަޢުން ދޭ އިންޒާރުގެ ސިގުނަލްތަކާއި، އެކަހެރިކަމާއި ބާކީވުން އިޙްސާށް ކުރެވޭ މީހުންނަށް، މިފަދަ ހާލަތެއްގައި، އިތުރު ބަޔަކާ ގުޅުން ބަދަހިކޮށްގެން އުޅުމަކީ ވަރަށް ބިރުވެރި އަދި އުނދަގޫ ކަމަކަށްވެދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އެކަނިވެރި މީހުންނަކީ "ގަޔާނުވުން" ނުވަތަ "ޤަބޫލު ނުވުން" ފަދަ އިޖުތިމާއީ ނޭދެވޭ ބަސްތަކާއި ނޭދެވޭ ޖަޒުބާތުތައް ބަލައިގަނެވޭ ވަރަށް ވުރެ ނާޒުކު ހާލެއްގައި ތިބި ބައެކެވެ. މޫނުމަތިން، ނޭދެވޭ ޖަޒުބާތުތައް ފެންނަ މީހުންގެ ސަބަބުންވެސް ކުރުވަނީ ހަމަ އެފަދަ އަސަރުތަކެކެވެ. މީގެ އިތުރުން، ހިތްގައިމު އިޖުތިމާއީ ވެއްޓެއްގައި ކަމުގައި ވިއަސް، ނުދަން މީހުންނަށް ފުރަގަސް ދެވި، ފައިދާއެއް އޮތް ކަމަކުންވެސް ބޭ އިޚްތިޔާރުގައި އިސްތިސްނާ ވެވޭ ގޮތްވެއެވެ. ދިގުދެމިގެންދާ އެކަނިވެރިކަން ގުޅިފައި ވަނީ އިޖުތިމާއި ވިލުންވެރިކަމާއި، އަމިއްލަ ނަފުސަށް ހޭލުންތެރިވެފައިވުމާއި، ޖަޒުބާތުތައް ދެނެގަތުމަށް ސިކުނޑީގައި ހާއްސަ ކުރެވިފައިވާ މަރުހަލާތަކާއެވެ.
މިފަދަ ޒާތީ އިޙްސާސްއެއްގެ ސަބަބުން، ސިކުނޑި ބައްޓަންވާ ގޮތާއި، ސިކުނޑީގެ މަސައްކަތައް މިހާ ބޮޑު އަސަރެއް ކުރަނީ ކީއްވެ ހެއްޔެވެ؟ ސައެންސްވެރިންގެ އަތުގައި ކަށަވަރު ޖަވާބެއް ނެތެވެ. ނަމަވެސް، އެކަނިވެރިކަމުގެ އިޙްސާސުން އުފައްދާ ނުތަނަވަސް ކަމުގެ ޖަޒުބާތުގެ ސަބަބުން، އެމީހެއްގެ ދިފާޢީ ނިޒާމު ހަރަކާތްތެރި ކުރުވަން ފަށާ، ހަށިގަނޑުގެ ތެރެއަށް ބޭރުކޮށްލާ ބައެއް ކަހަލަ ކެމިކަލްތައް އިތުރުވާ ކަމަށް ސައެންސްވެރިން ޤަބޫލު ކުރެއެވެ. ދިގު މުއްދަތަކަށް މިކަންކަން އިޙްސާސް ކުރަންވެއްޖެނަމަ، ސިކުނޑީގެ ޞިއްޙައްތަށް ގެއްލުން ވުމުގެ ފުރުޞަތު އޮވެއެވެ. ނިއުރޯންތަކަށް ގެއްލުން ލިބި، އެކަތި އަނެއްކައްޗާ ގުޅޭ ގުޅުމަށްވެސް ގެއްލުން ދެއެވެ.
އެކަނިވެރިކަމުން ދިގުމުއްދަތުގެ ސިކުނޑީގެ ސިއްހަތަށް އަސަރުކުރަނީ ކިހިނެއް؟
އެކަނިވެރިކަމާއި އަލްޒައިމާ ބައްޔާއި އެހެނިހެން ބާވަތްތަކުގެ ޑިމެންޝިއާ އާއި ގުޅުން ހުރިކަން ސައިންސްވެރިންގެ ހޯދުންތަކުން ދައްކާތާވެސް އަހަރުތަކެއް ވެއްޖެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އެކަނިވެރިވުމަކީ ޕާކިންސަންގެ ބައްޔާއި ވެސް ގުޅުން ހުރި ކަމެކެވެ.
ގްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ ގެރިއޭޓްރިކް ސައިކޭޓްރީ ޑިވިޜަންގެ ޑިރރެކްޓަރ، ޑރ ނޭންސީ ޑޮނޮވަން ފާހަގަ ކުރައްވާ ގޮތުގައި، އެކަނިވެރިކަމުގެ ކުޑަ ނަމަވެސް އިޙްސާސްއެއް ކުރެވުމަކީ، ޑިމެންޝިއާގެ ނުރައްކާ އިތުރު ކުރުވާ ކަމެކެވެ. އެކަނިވެރިކަން ގިންތިކުރާ ޓެސްޓުތަކަށް ބަލާއިރު އެކަނިވެރިކަމުގެ އިޙްސާސް އިތުރުވާ މީހުންގެ ހަށިގަނޑުގައި، އަލްޒައިމާޒް ބަލީގެ އެންމެ ސިފަވަންތަ 2 ޕްރޮޓީންސް ކަމަށް ވާ އެމްލޮއިޑްއާއި ޓޯގެ މިންވަރު އިތުރު ވާ ކަން ވަނީ ދެނެގަނެވިފައެވެ. އެއީ ސިކުނޑީގެ ޤާބިލިއްޔަތުކަން ދަށަށް ދާން ފެށުމުގެވެސް ކުރިން ލިބޭ އިންޒާރެކެވެ.
ސައިންސްވެރިން ދެކޭ ގޮތުގައި އެކަނިވެރިކަމުގެ ސަބަބުން ކުރިމަތިވާ ސްޓްރެސްއާއި އެނޫންވެސް ތަކުލީފުތަކަކީ، އުމުރުން ދުވަސްވީ މީހުންގެ ނިއުރޯޑިޖެނެރޭޓިވް ބަލިތައް ފެށުމަށް ނުވަތަ އަވަސްވުމަށް މެދުވެރިވާ ސަބަބުތަކެކެވެ. އެކަނިވެރިކަމުގެ ސަބަބުން ކާޑިއޯ ވެސްކިއުލަރ ސިސްޓަމަށް ގެއްލުން ލިބި، ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ހިތުގެ ހިނގުން އަވަސް ވުން ފަދަ މައްސަލަތަކާ ކުރިމަތި ކުރުވައެވެ. އަދި ސިކުނޑިއަށް ގެއްލުން ހުރި އަސަރުތަކެއް ފޯރާ ކަމަށްވެސް ޑރ ޑޮނަވަން ވަނީ ފާހަގަ ކުރައްވާފައެވެ.
ޚުލާސާ ގޮތެއްގައި ބުނާނަނަމަ، އެއީ ހަމަ އެކަނި ޖަޒުބާތެއް ނޫނެވެ. އެކަނިވެރިކަން އިޙްސާސް ކުރާ މީހެއްގެ ނަފްސާނީ އަދި ޖިސްމާނީ ޞިއްޙަތުގެ އިތުރުން، ސިކުނޑީގެ ޤާބިލިއްޔަތު ކަމަށްވެސް ނޭދެވޭ އަސަރުތައް ކުރުވައެވެ. މި އިޙްސާސް އެންމެ ގާތް ވަނީ ޑިޕްރެޝަން ނުވަތަ އިންތިހާ މާޔޫސް ކަމުގެ ބައްޔާއެވެ. މިއީވެސް ޑިމެންޝިއާގެ ނުރައްކާ އިތުރުވުމަށް މެދުވެރިވާ ހާލަތެކެވެ. ޑިމެންޝިއާ ނުވަތަ 'އަކުސަ' އަކީ، އާންމު ދިރިއުޅުމުގައި ދަތިވާ މިންވަރަށް ވިސްނުމާއި ހަނދާންކުރުމާއި ކަންކަން ނިންމުމުގެ ބާރު ބަލިކަށިވުމުގެ ހާލަތު މެދުވެރި ކުރުވާ ކަމެކެވެ. މި ހާލަތު މެދުވެރިވަނީ މީހާގެ އިހުސާސްތަކަށާއި އަމަލުތަކަށް ނޭދެވޭ އަސަރު ކުރާ މިންވަރަށް ސިކުނޑިއަށް ހީނަރުކަން އައިސްގެންނެވެ. އެކަނިވެރިކަން އިޙްސާސް ކުރާ މީހުންނަކީ، ނިސްބަތުން ބަލާ އިރު، ޖިސްމާނީ ހަރަކާތްތެރިކަންވެސް މަދު ބައެއް ކަމުގައި އޮންނަނީ ވެފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން ފަދަ ކަންކަމަށް އާދަވެފައިވާ ބައެއް ކަމުގައިވެސް ވާ ފަހަރު އާދެއެވެ.
އެކަނިވެރިކަމާއި ސިކުނޑީގެ ހީނަރުކަމާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް މިހާތަނަށް އެކުލަވާލި ގިނަ ދިރާސާތައް ބިނާ ކޮށްފައި ވަނީ މެދު އުމުރާއި، ދޮށީ އުމުރުގެ މީހުންގެ ޙާލަތަށް ރިޢާޔަތް ކޮށްގެން ކަމުން، ޅަ އުމުރުގައި ކުރެވޭ އެކަނިވެރިކަމުގެ އިޙްސާސްއެއްގެ ސަބަބުން، ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތަކަށް އޮތް ނުރައްކާގެ މިންވަރު ކަށަވަރުކޮށް ބުނާކަށް ތަޖުރިބާކާރުންނަކަށްވެސް ނޭނގެއެވެ. ނަމަވެސް ވަގުތީ ގޮތެއްގައި ކުރެވޭ އެކަނިވެރިކަމުގެ އިޙްސާސްއެއްގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ބާރު، މެދު އުމުރުގެ މީހުންނަށް އޮންނަ ކަމަށް، ބޮސްޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ، ޕްރޮފެސަރ އޮފް ސައިކޭޓްރީ އެންޑް އެކްސްޕެރިމެންޓަލް ފާމަކޯލޮޖީ އެންޑް ތެރަޕިއުޓިކްސް، ޑރ ވޭންޑީ ޗޫ ވަނީ ވިދާޅުވެފައެވެ.
ދިގުދެމިގެންދާ އެކަނިވެރިކަމާ ދެކޮޅަށް ކުރެވޭނެ ކަމެއް އެބަ އޮތްތަ؟
ދާއިމީ ގޮތެއްގައި އެކަނިވެރިކަމުގެ އިޙްސާސް ތަޖުރިބާ ކުރަން ޖެހިފައި ވާ މީހުންނަށް އާންމު ގޮތެއްގައި އަޑު އަހަން ޖެހިފައި އޮންނަ ލަފައެއް އޮވެއެވެ. އެއީ އައު ރައްޓެހިން ހޯދަން ދެވޭ ލަފާއެވެ. އެއީ ޝަޢުޤުވެރިވާ ދާއިރާއަކުން އަމަލީ މައިދާނަށް ނުކުމެގެން، ނުވަތަ މީހުން އުޅޭ ތަންތަނަށް އަމިއްލައަށް ގޮސްގެން ކަމުގައި ވީ ނަމަވބެސްއެވެ.
ނަމަވެސް، މިއީ އެންމެ ރަނގަޅު ގޮތް ތޯ ވިސްނާލަން ޖެހެއެވެ. ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވާ ގޮތުގައި، މިފަދަ ކަމެއް ކާމިޔާބު ވާނީ، އެ ތަނެއްގައި ތިބި މީހުންނަކީ އެއްކަހަލަ ޝަޚްސެއް ހިއްސާ ކުރާ ބަޔަކަށް ވާނަމައެވެ. މިސާލަކަށް، ހަވީރު ފިންޏަށް ފަތަން ދާ ގުރޫޕުގައި ތިބީ ހުސް ހަކުރު ބަލީގެ ޕޭޝަންޓުން ކަމުގައި ވާނަމައެވެ. ނުވަތަ ރޭގަނޑުގެ ކޮފީއަށް ދާ ގުރޫޕަކީ، ހުވަފަތް ވެފައި ތިބި މީހުން ކަމުގައި ވާނަމައެވެ.
ދެން އޮތީ ކޮގްނިޓިވް ބިހޭވިއަރ ތެރަޕީގެ ފަރުވާއެވެ. މިއީ ނަތީޖާއަށް ބަލާއިރު ފައިދާ ބޮޑު ގޮތެކެވެ. އެހެނީ، އެ މީހެއްގެ އެކަނިވެރިކަމުގެ އަސްލު މައްސަލަ ދެނެގަނެވި، ސީދާ އެކަމަށް ރިޢާޔަތް ކުރުމުގެ ފުރުޞަތު، ތެރަޕީގެ ޒަރިއްޔާއިން ލިބިދޭތީއެވެ. އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމުގެ ވޭން އުފުލަން މަޖުބޫރު ކުރުވުމަކާ ނުލައެވެ.
ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް، މިއީ ކުރުމަށް ވުރެ، އަނގައިން ބުނެލަން ފަސޭހަ "ހައްލު" ތަކެކެވެ.