ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 15:20
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލް
ކޮންސަލްޓެންސީ ދިނުން
ރައީސް މުއިއްޒުގެ ސަރުކާރަށް ދިޔަ އަދި މިހާރު ތިބި ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓުންގެ އަގު 10 މިލިއަންގައި
 
ކޮންސަލްޓެންސީ ދިން މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ސަރުކާރުގެ އިސް މަގާމުތަކުގައި
 
އެންމެ ބޮޑު އަގެއްގެ ގޮތުގައި މަހަކު 45،000 ރުފިޔާ ވެސް ދީފައިވޭ
 
ހުރިހާ ކޮންޓްރެކްޓެއްގެ އަގު 10,078,500.00 ރުފިޔާއަށް އަރާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދިޔަ އަދި މިހާރު މާލެ ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓުންގެ އަގު 10 މިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެއެވެ.

އަދަދު ނޫހުން އެދިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ތަފްސީލެއް ނުހިމަނާ ސިޓީކައުންސިލުން ދީފައިވާ މައުލޫތުތަކުގައިވާ ގޮތުން، ހުރިހާ ކޮންޓްރެކްޓެއްގެ އަގު 10,078,500.00 ރުފިޔާ (ދިހަ މިލިއަން ހަތް ލައްކަ އައްޑިހަ ހަ ހާސް ރުފިޔާ) އަށް އަރައެވެ.

އެންމެ ކުޑަ އަގެއްގެ ގޮތުގައި ކޮންސަލްޓަންސީ ދިން ފަރާތްތަކަށް ވެސް މަހެއްގެ މައްޗަށް 18,000 ރުފިޔާ ސިޓީ ކައުންސިލުން ހޭދަކުރެއެވެ. އަދި އެންމެ ބޮޑު އަގެއްގެ ގޮތުގައި މަހަކު 45،000 ރުފިޔާއަށްވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ މިހާރުވެސް ސިވިލް ސަރވިސް މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކެވެ. ނަމަވެސް ވަކި ބަޔަކަށް މަންފާހޯދުމަށް ކޮންސަލްޓެންސީގެ ނަމުގައި ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ވަނީ ދީފައެވެ.

ބައެއް ފަރާތްތަކަށް މިލިއަނުން ވެސް ފައިސާ ދީފައިވެއެވެ. ކޮންސަލްޓެންސީގެ ގޮތުގައި ފައިސާ ދީފައިވާ މީހުންގެ ތެރޭގައި މިހާރުގެ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރާއި، މިނިސްޓާ އޮފް ދިވެހި ލޭންގުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖުގެ މަގާމުގައި ހުންނެވި އާދަމް ނަސީރު އިބްރާހިމް އަދި މިނިސްޓަރެއްގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުނިވެސް ހިމެނެއެވެ.

ސިޓީ ކައުންސިލުން އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުންތައް ލިޔުމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏަށް 561,000 ރުފިޔާ (ފަސް ލައްކަ ފަސްދޮޅަސް އެއް ހާސް ރުފިޔާ) މަހެއްގެ މަައްޗަށް 25،000 ރުފިޔާގެ ރޭޓުން ދީފައިވެއެވެ.

އާބަން ކޮންސަލްޓަންޓުންގެ މަގާމުގައި ހުންނެވި ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރަށް 30،000 ރުފިޔާގެ ރޭޓުން 360،000 (ތިން ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އަދި ޕީޕީއެމްގެ ޑެޕިއުޓީ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި މަރިޔަމް ޖުހައިނާ ސޯދިގަށް 35،000 ރުފިޔާގެ ރޭޓުން 840,000 ރުފިޔާ (އަށް ލައްކަ ސާޅީސް ހާސް ރުފިޔާ) ދީފައިވެއެވެ.

އައިސީޓީ ކޮންސަލްޓަންސީއަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މިހާރު ހުންނެވި ހުސައިން ޒީނީ އަށް 37،500 ރުފިޔާގެ ރޭޓުން 937,500 ރުފިޔާ (ނުވަ ލައްކަ ތިރީސް ހަތް ހާސް ފަސްސަތޭކަ ރުފިޔާ) ދީފައިވެއެވެ.

ބިމާބެހޭ ކަންކަމުގައި ކޮންސަލްޓަންސީ ދީފައިވާތީ އަބްދުالله އަބްދުލް ހަކީމަށް މަހެއްގެ މައްޗަށް 45،000 ރުފިޔާގެ ރޭޓުން 1،080،000 (އެއް މިލިއަން އައްޑިހަ ހާސް ރުފިޔާ) ވަނީ ދީފައެވެ.

މެނޭޖުމަންޓް ކޮންސަލްޓަންސީގެ ގޮތުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މިސަރުކާރުން މިހާރު އައްޔަންކުރައްވާފައިވާ ހަސަން ޒަރީރަށް 2 އަހަރު ދުވަހުގެ މަސައްކަތަށް މަހެއްގެ މައްޗަށް 35،000 ރުފިޔާގެ ރޭޓުން  1,260,000 ރުފިޔާ (އެއް މިލިއަން ދެ ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ވަނީ ދީފައެވެ.

ފައިނޭންޝިއަލް ކޮންސަލްޓަންސީގެ ގޮތުގައި މުހައްމަދު ޝާހިދަށް 2 އަހަރު ދުވަހުގެ މުއްދަތަށް މަހެއްގެ މައްޗަށް 30،000 ރުފިޔާގެ ރޭޓުން 1,080,000 ރުފިޔާ (އެއް ލައްކަ އައްޑިހަ ހާސް ރުފިޔާ) ވަނީ ދޫކޮށްފައެވެ.

ސިޓީ ކައުންސިލުގެ ފޮޓޯ ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ފޮޓޯގްރާފަރަކަށް މިހާރު އައްޔަންކޮށްފައިވާ އެލީޒް އަލީ މުހައްމަދަށް 1 އަހަރު ދުވަހަށް މަހެއްގެ މައްޗަށް 25،000 ރުފިޔާގެ ރޭޓުން 300،000 (ތިންލައްކަ ރުފިޔާ) ވަނީ ދޫކޮށްފައެވެ.

ރިޕޯޓު ތައްޔާރު ކުރުމާއި އެކި ލިޔުންތައް ލިޔުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް މަހެއްގެ މައްޗަށް 18،000 ރުފިޔާގެ ރޭޓުން ޖީ ސެވެން ހޯލްޑިންސް އަށް ވަނީ 648،000 (ހަލައްކަ ސާޅިސް އަށްހާސް ރުފިޔާ) ވަނީ ހަމަޖައްސާފައެވެ.

މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް މަސައްކަތް ރާވައި ހިންގައިދިނުމަށް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މީޑިއާކޮންސަލްޓަކަށް ހުންނެވި އަހްމަދު ފަޒާލް ހުސައިން އަށް މަހެއްގެ މައްޗަށް 35،000 ރުފިޔާގެ ރޭޓުން 420،000 (ހަތަރުލައްކަ ވިހިހާސް ރުފިޔާ) ވަނީ ދީފައެވެ.

އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންސީ އަށް އާމިނަތު ނާސިހާއަށް 3 އަހަރު ދުވަހަށް 19،500 ރުފިޔާގެ ރޭޓުން 702,000 ރުފިޔާ (ހަތް ލައްކަ ދެ ހާސް ރުފިޔާ) ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ރޯޑް ޕްރޮޖެކްޓު ކޮންސަލްޓަންސީގެ ގޮތުގައި އަހްމަދު މަމްދޫހަށް 3 އަހަރު ދުވަހަށް މަހެއްގެ މައްޗަށް 37500 ރުފިޔާގެ ރޭޓުން 1,350,000 ރުފިޔާ (އެއް މިލިއަން ތިން ލައްކަ ފަންސާސް ހާސް ރުފިޔާ) ވަނީ ހަމަޖައްސާފައެވެ. އަދި ސިވިލް އިންޖިނިއަރިން ކޮންސަލްޓަންސީގެ ދާއިރާއިން މި ސަރުކާރުގެ މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ މުހައްމަދު ދިލްޝާން އަބްދުﷲ އަށް ވަނީ 1 އަހަރު ދުވަހަށް މަހެއްގެ މައްޗަށް 45،000 ރުފިޔާގެ ރޭޓުން 540،000 ރުފިޔާ (ފަސް ލައްކަ ސާޅީސް ހާސް ރުފިޔާ) ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް