ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 20:55
ސޯޝަލް މީޑިއާގެ ސަބަބުން ޅަ ސިކުނޑިތަކަށް، ޚާއްޞަކޮށްގެން ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ ނަފްސާނީ ޞިއްޙަތަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އަދި މާ ގިނަ ހޯދުންތަކެއް ހޯދިފައެއް ނެތް
ސޯޝަލް މީޑިއާގެ ސަބަބުން ޅަ ސިކުނޑިތަކަށް، ޚާއްޞަކޮށްގެން ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ ނަފްސާނީ ޞިއްޙަތަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އަދި މާ ގިނަ ހޯދުންތަކެއް ހޯދިފައެއް ނެތް
ޕިންޓްރެސްޓް
ސޯޝަލް މީޑިއާ މަނާ ކުރުން
"ސޯޝަލް މީޑިއާ މަނާ ކުރުމަކީ ޅަފުރައިގެ ކުދިންގެ ނަފްސާނީ ޞިއްޙަތަށް ދެވޭ އަނިޔާއެއް"
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ލިބިފައިވާ ބައެއް ސިފަތަކަކީ، އެކަމުގެ ސަބަބުން އިންތިހާ ގެއްލުންތަކާ ކުރިމަތި ކުރުވާ ސިފަތަކެކެވެ.

ކޮންމެ ކަމެއްގައިވެސް ހައްދު ފަހަނަ އަޅާ ދެވޭ ހިސާބުން ހީވެސް ނުކުރާ ފަދަ އެތައް ގެއްލުމަކާ ކުރިމަތި ކުރުވައެވެ. އޭގެ މާނައަކީ، އެ ކަމަކީ ގޯސް ކަމަކަށް ވުމެއް ނޫނެވެ. ކިތަންމެ ފައިދާއެއް ލިބެނި ރަނގަޅު އެއްޗެއްގެ ބޭނުން، ނަހަމަ ގޮތުގައި ހިފިދާނެތާއެވެ. ކިތަންމެ ރަނގަޅު ކަމެއް ކުރުމުގައިވެސް ހައްދު ފަހަނަ އަޅާ ގޮސް، ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިދާނެތާއެވެ. ދައްކަން މި އުޅެނީ އެފަދަ ކަމެއްގެ ވާހަކައެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި، މިއީ ދެ މިޔަލީ ކަނޑިއެއް ފަދަ އެއްޗެކެވެ. ދައްކަން މި އުޅެނީ ސޯޝަލް މީޑިއާގެ ވާހަކައެވެ. ވަކިން ޚާއްޞަކޮށް، ސޯޝަލް މީޑިއާގެ ސަބަބުން އަދުގެ ފުރާވަރު ކުދިންނާއި ޒުވާން ޖީލުތަކުގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ފޯރާ އަސަރުތަކުގެ ވާހަކައެވެ.

ހާލަތާއި ވަގުތާއި މާހައުލަށް ބަލާއިރު، ސޯޝަލް މީޑިއާގެ ކުޑައިގެ ދަށަށް ނުވަދެ އުޅެވެނީ މަދު ބަޔަކަށެވެ. ނަމަވެސް، މުޅިންހެން އިވެމުން ދަނީ ސޯޝަލް މީޑިއާގެ ސަބަބުން އެތައް ގެއްލުމެއް ލިބޭ ވާހަކައެވެ. އެތައް ޢާއިލާތަކެއް ރޫޅި، އެކުވެރިން ހަތުރުންނަށް ވާ ވާހަކައެވެ. މަސްރަހު ހޫނުވެގެން ގޮސް، ޤައުމުތަކުގެ ވެރިކަންވެސް ފުރޮޅާލާފައި އެބަހުއްޓެވެ. މިހާ ބާރުގަދަ ހަތިޔާރަކަށް ސޯޝަލް މީޑިއާ ވެފައި ވާ އިރު، ސޯޝަލް މީޑިއާގެ ސަބަބުން އަހަރެމެންގެ ޅަ ސިކުނޑިތަކަށް، ޚާއްޞަކޮށްގެން ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ ނަފްސާނީ ޞިއްޙަތަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އަދި މާ ގިނަ ހޯދުންތަކެއް ހޯދިފައެއް ނެތެވެ.

އަދުގެ ފުރާވަރު ކުދިންނާއި ޒުވާން ޖީލުތަކުގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ފޯރާ އަސަރުތަކާ ބެހޭ މާ ބޮޑު ދިރާސާތަކެއް ހެދިފައި ނެތެއް ކަމަކު، ސޯޝަލް މީޑިއާގެ "ވަކިތަކުން" ފުރާވަރު ކުދިންނާއި ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ބައެއް ޤައުމުތަކުން މިހާރުވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކޮށް، އިތުރު ފިޔަވަޅުތައް ތަޢާރަފުކޮށް، އެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ސޯޝަލް މީޑިއާ ފަތަޙަ ކޮށްފައިވާ ޔޫޓިއުބް، ޓިކްޓޮކް އަދ އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކަށް ވަނީ، ވަކި ޢުމުރެއްގެ ބަޔަކަށް ނޫނީ އެ ޕްލެޓްފޯމްތައް ބޭނުން ނުކުރެވޭ ގޮތް ހަދަން މަޖުބޫރުވެފައެވެ. ޕްލެޓްފޯމްގެ ބައެއް ޚިދުމަތްތަކަކީ ހުރިހާ ޢުމުރެއްގެ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ހުރި ޚިދުމަތްތަކެއް ނޫންކަން ބަޔާން ކުރަނިވި އިންޒާރުތައްވެސް ދޭން ލާޒިމެވެ.

ކަން އެހެން އޮތެއް ކަމަކު، ދިރާސާވެރިންގެ އަދުގެ ރަޢުޔު މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެމެރިކާގެ ނޭޝަނަލް އެކަޑަމީޒް އޮފް ސައެންސަސް، އިންޖިނޭރިންގް އެންޑް މެޑިސިންގެ ބަހުސްގެ ރާގުވެސް ދަނީ ބަދަލު ވަމުންނެވެ. ސޯޝަލް މީޑިއާގެ "ވަބާ"އިން ޤައުމުގެ މުސްތަޤުބަލު ސަލާމަތް ކުރުމުގެ ނަމުގައި ތަންފީޒު ކުރަން އުޅޭ ހަރުކަށި ފިޔަވަޅުތަކާއި، ކުރިމަތި ކުރަން ރާވަމުން ގެންދާ ހުރަސްތަކުގެ ސަބަބުން ފުރާވަރު ޢުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ފޯރުން އެކަށީގެންވާ ކަމަށް ބުނާ އަޑު މިހާރު ދަނީ ގަދަވަމުންނެވެ. ކަމެއްގެ ގޯސް ވާހަކަ ދައްކަން ހަދައިގެން، އެ ކަމެއްގައި ހުރި ފައިދާތަކުގެ މަތިން މުޅިން ހަނދާން ނައްތާލެވުނު ފަދައިންނެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ލިބިފައިވާ ބައެއް ސިފަތަކަކީ، އެކަމުގެ ސަބަބުން އިންތިހާ ގެއްލުންތަކާ ކުރިމަތި ކުރުވާ ސިފަތަކެކެވެ. އެގޮތުން ވަކި އެލްގަރިދަމްތަކަށް ބަރޯސާވެގެން، އެ މީހަކު ގަޔާވާނެ ކަމަށް ބެލެވޭހާ މަންޒަރުތަކެއް ސްކްރީނާ ހިސާބަށް ގެނެސްދެނީ ޖާދޫގެ ސާލެއްގައި ކަމީ، ސޯޝަލް މީޑިއާގެ މަސްތުގައި އެންމެ ގިނަ ބަޔަކު ޖައްސުވާ އެއް ކަމެވެ. މި ޒަމާނަކީ އިންޓަރނެޓްގެ ޚިދުމަތުން މުޅި ދުނިޔެ ގުޅާލެވިފައި އޮތް ޒަމާނަކަށް ވާ އިރު، ތާ އަބަދުމެހެން މި އޮންނަނީ ކޮންމެވެސް ނޯޓިފިކޭޝަންއެއް އައިސްފައެވެ. މަގުމަތީގައި ދުއްވަމުން ދާ އިރެއް، މިސްކިތުގައި ހަށަމަށް އަތް ނަގައިގެން ހުއްޓެއް ކަމަކު ނޯޓިފިކޭޝަންގެ ރަނގަބީލު ކަނޑައިގެން ނުދެއެވެ. އޮޅުވާލައިގެން މީހުން މަގުފުރައްދާ، ޝަޚްސު ވަންހަނާކޮށްގެން ހަނގާ ކުރުން ފަދަ އެތައް ޖަރީމާއެއްގެ ކިއްލާއަކަށް ސޯޝަލް މީޑިއާވެއްޖެއެވެ.

މި ބުނެވުނީ އަދު ކަން އޮތް ގޮތުގެ ވާހަކައެވެ. ވިސްނާލެވިފައި ނެތުން އެކަށީގެންވާ ކަމެއްގެ ވާހަކަވެސް ހިއްސާކޮށްލާނަމެވެ. ސޯޝަލް މީޑިއާއަކީ އަހަރެމެންގެ ތެރެއިން ބައެއް ފަރުދުންނަށް އަދުގެ މުޖުތަމަޢު ތެރެއިން އެހީއެއް ލިބޭ ހަމަ އެކަނި މަސްދަރަށް ވެފައި އޮތް ވާހަކައެވެ. މުޖުތަމަޢުގެ އާންމު ޤަބޫލު ކުރުންތަކާއި މިންގަނޑުތަކަށް ނުފެދޭ ފަރުދުންނަށް މިއަދު ސަލާމަތާއި ރައްކާތެރި ކަން، އަދި އެއްބައެއްވަންތަ ކަމުގެ އިޙްސާސް ގެނެސްދޭ ހަމަ އެކަނި މައިޒާނަކީވެސް ސޯޝަލް މީޑިއާއަށް އޮތީ ވެފައެވެ. ހަޔާތުގެ ސަފްޙާތަކުން ކުރިމަތިކުރުވި އެތައް މަޖުބޫރީއަކާ އެކު، އުފަން ފަސްގަނޑާ އެތައް މޭލެއް ދުރުގައި އަހަރުތައް ގުނަން މަޖުބޫރުވެ، އެތަނެއްގެ އަހުލުވެރިންގެ ޢަޤީދާއާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ނުބައްދަލު މުޖުތަމަޢެއްގައި ޅަފުރާގެ ދުވަސްތައް ހޭދަ ކުރަން ޖެހިފައި ތިބީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ. އެފަދަ އެތައް ބަޔަކަށްވެސް، ސޯޝަލް މީޑިއާއަކީ އަމިއްލަވަންތަ ކަމުގެ އިޙްސާސް ގެނެސްދޭ ހަމަ އެކަނި މައިދާނަށް އޮތީ ވެފައެވެ.

އަހަރެމެންގެ ދިރިއުޅުމުގެ އާދަކާދަ ބައްޓަންވެފައި އޮތް ގޮތުން ގިނަ ޢާއިލާތަކަކީ، އެކަކު އަނެކަކަށް ކުރިމަތިވާ އެންމެ ޒާތީ އަދި ޙައްސާސް ވާހަކަތައް ހިއްސާކޮށް އުޅޭ ބަޔަކަށްވެސް އޮންނަނީ ނުވެފައެވެ. ކުރެވޭ އިޙްސާސެއްގެ ވާހަކަ، މައިންބަފައިން ގާތު ބުނާ ހިސާބުން، ނުވަތަ ކަމެއްގެ ޙަޤީޤަތް ހޯދުމަށް ސުވާލު ކޮށްލެވޭ ގޮތަކުންވެސް އަދަބު ލިބިގަންނަން ޖެހޭ ކުދިން އަހަރެމެންގެ ތެރޭގައި އަދިވެސް މަދެއް ނޫނެވެ. އެފަދަ އެތައް ކުދިންނަކަށް، ސޯޝަލް މީޑިއާއަކީ ނަފްސަށް ހަމަޖެހުމެއް ހޯދައިދޭ މުހިންމު މަސްދަރެއްކަން، ދާއިރާގެ ތަޖުރިބާކާރުން މިހާރު ދަނީ ބުނަމުންނެވެ. އެހެންކަމުން، ވަކި ޢުމުރެއް ފަހަނައަޅާ ދިއުމުން ނޫނީ ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ފުރުޞަތު، އަހަރެމެންގެ ތެރޭގައި ތިބި ޅަފުރައިގެ ކުދިންނަށް ނުދީ ހިފެހެއްޓުމަކީ 100 އިންސައްތަ ރަނގަޅު ނިންމުމެކޭ ބުނެވިދާނެ ހެއްޔެވެ؟

މީގެ ހަތަރުފަސް އަހަރު ކުރިން އަހަރެމެން އެންމެން މާޔޫސް ކުރުވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން، ކޮވިޑްގެ ބަލިމަޑުކަމާ އެއްވަރަށް، ނުވަތަ އެއަށްވުރެވެސް ސީރިއަސް ދަރަޖައެއްގައި ފެތުރިގެން ދިޔަ ނަފްސާނީ ބަލިމަޑުކަމުގެ ވޭނުން އަރައިނުގަނެވި ތިބި އެތައް ބަޔަކު އެބަ އުޅެއެވެ. ކޮވިޑް-19އާ ހެދި ނަފްސާނީ ބަލިމަޑުކަމެއް އުފެދުނީއެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރީއްސުރެވެސް ނަފްސާނީ ބަލީގެ ވޭން އުފުލަމުން ދިޔަ އެތައް ބަޔަކަށް، އެވާހަކަތައް ހިއްސާ ކުރާނެ ފުރުޞަތު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ލިބުނީއެވެ. އަނެކާގެ ފާޑުކިއުންތަކާއި ފުރައްސާރައާ ކުރިމަތިލާން ނުޖެހި، ސިކުނޑި ތެރޭގައި ދައުރުވަމުންދާ ނުތަނަވަސް ޚިޔާލުތަކާއި، ހިތާމަތަކާއި، ނުރައްކާ ޚިޔާލުތަކުގެ ވާހަކަ ބަންޑުންކޮށްލާނެ ފުރުޞަތު ލިބުނެވެ.

މިފަދަ އެތައް ވާހަކައެއް ފެންމަތިވާން ފެށި ހިސާބުން އަނެއްކާވެސް ގޯސްވީ ޔޫޓިއުބްއާއި، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކެވެ. އެ ޕްލެޓްފޯމްތައް ބޭނުން ކުރުމުގައި ފުރާވަރުގެ ކުދިންނާއި ޒުވާނުން ހައްދު ފަހަނަ އަޅާ ދިޔައީ ކަމަށް ގޮތް ނިންމާ ސިއްކަ ޖެހިފަދައިންނެވެ. ނަމަވެސް، މިއަދު އެ ރަޢުޔު މިއޮތީ ބަދަލުވާން ފަށާފައެވެ. އެމެރިކާގެ ނޭޝަނަލް އެކަޑަމީޒް ކޮމިޓީއިން ބުރަވާ ގޮތުގައި ޒުވާނުންގެ ނަފްސާނީ ޞިއްޙަތާއި ސޯޝަލް މީޑިއާ ދެމެދު އޮތީ ވަރަށްވެސް ހައްސާސް ގުޅުމެކެވެ. އެކަމުގައި ގެއްލުންތަކެއް ހުރި ފަދައިން، ފައިދާތަކެއްވެސް އޮތް ގުޅުމެކެވެ. އެ ކޮމިޓީއިން ވަނީ ސޯޝަލް މީޑިއާގެ ސަބަބުން ޅަފުރައިގެ ކުދިންގެ ދުޅަހެޔޮ ކަމަށް އަންނާނެ ބަދަލުތަކާ ގުޅޭ ދިރާސާތަކަށް ކުރުމަށް ކުރާ ހޭދަތައް އިތުރު ކުރުމަށް، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތާއި އެފަދަ ގުރޫޕުތަކަށް ގޮވާލާފައެވެ. މިއީ އަހަރެމެންގެ މި ރާއްޖޭގައިވެސް ކުރަންވެއްޖެ ކަމެއް ކަމުގައި ޤަބޫލު ކުރަމެވެ.

ކަމެއްގެ ގޯސް ވާހަކައިގެ ތެރޭގައި ޣަރަޤުވެގެން ދަނީތޯ ވިސްނާލަން އެބަ ޖެހެއެވެ. ސޯޝަލް މީޑިއާގެ ސަބަބުން އެތައް ގެއްލުމެއް ލިބޭ ވާހަކަދައްކާ ފަދައިން، ކިތައް ފުރާނަ ސަލާމަތްވެފައި އެބަހުރިތޯވެސް ބަލަމާ ހިނގާށެވެ. ކިތައް ޢާއިލާގެ ގުޅުން ދެމެހެއްޓިފައި އެބަ އޮތް ހެއްޔެވެ؟ ކިތައް ކައިވެނި ރުޖޫޢަވެފައި އެބަ އޮތްބާއެވެ! ހަނގާގެ ޝިކާރައިން ކިތައް ކުދިން ސަލާމަތްވެ، އަނިޔާވެރިން އިންސާފަށް ހުށަހެޅިފައި އެބަހުރިބާއެވެ؟ ސޯޝަލް މީޑިއާ މަނާ ކުރުމަކީ ޅަފުރައިގެ ކުދިންގެ ނަފްސާނީ ޞިއްޙަތަށް ދެވޭ އަނިޔާއެއް ނޫން ބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް